
ބ. އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް “އޭދަފުށި ފުޓްސަލް ކަޕް 2025” މިރޭ ފަށާނެ އެވެ.
މި ފަހަރުގެ މުބާރާތުގައި އޭދަފުށީގެ 12 ޓީމަކުން ވާދަ ކުރެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް، ކޭބަލް ބްރަދާސް، އޯލް ވުލްވްސް، ކައްކާނި ސްޕޯޓްސް ކްލަބް، ކްލަބް ކޮމްބިނޭޝަން، އެފްސީ ދުންތަރި، ނަލަ ބްރަދާސް، ކްލަބް ފޯކަސް، މުރިނގު އެފްސީ، އެއިޓީ ފޯ އެފްސީ، ވެލާ ސްޕޯޓްސް ކްލަބް އަދި އެފްސީ ސަޑަންލީ އެވެ.
މި މުބާރާތުގެ މެޗުތައް ކުޅެވޭނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އާއި ދެ ވަނަ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ. ބާކީ އޮތް ދެ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް ތިންވަނަ އަށް ދާ ޓީމްތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމަށެވެ.
މިރޭ މުބާރާތް ފަށާނީ ޗެމްޕިއަން އަފްރޯ ސްޕޯޓްސް އާއި ކައްކާނި ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ. މި މެޗު ފަށާނީ މިރޭ 21:30 ގަ އެވެ. މި ގްރޫޕުގެ އޯލް ވޮލްވްސް ނުކުންނާނީ ކޭބަލް ބްރަދާސް އާއި ދެކޮޅަށެވެ. އެ މެޗު ފަށާނީ 22:30 ގަ އެވެ. މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކަލްބާއި އާއި އެފްސީ ދުންތަރި އެވެ. މި މެޗު ފަށާނީ 23:30 ގަ އެވެ.
މި މުބާރާތުގެ ފައިނަލް ކުޅޭނީ އޭޕްރިލް 5 ގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް އޭދަފުށި ކައުންސިލް ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބުން ލައިވްކޮށް ދައްކާނެ އެވެ.
މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅޭނެ އެވެ. އޭގެ ތެރޭގައި އަލީ ހާފިޒް (ހާއްޕެ) އާއި އަހުމަދު އައިހަމް (އައިހު) އާއި ސާދު އާއި، މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ގެ ތަށި ހޯދި ކާށިދޫ ޓީމުގައި މުހިންމު ދައުރެއް އަދާކުރި އަބްދުﷲ ސުޒޭރު އާއި މިހާރު ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުންގަދަ ޒުވާން ތަރި ތިމަރަފުށީގެ އަހުމަދު އަފްލާޒްގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ މުހައްމަދު އިމްރާން (އިއްމި) އަދި ތިމަރަފުށި ޓީމުގެ މުހައްމަދު ތޯހިރު ހިމެނެއެވެ.
މިއީ އޭދަފުށީ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. މިއަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދޭނެ އެވެ.