
ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް ހިންގާ އިސްވެރިންނަށް އަމާޒުކޮށްގެން ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.
ސަރުކާރުގެ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓުގައި ބުނެފައިވަނީ، ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ގުޅިގެން “މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ހޮސްޕިޓަލްސް އެގްޒެކެޓިވްސް” ގެ ނަމުގައި މި ތަމްރީނު ޕްރޮގްރާމް ހިންގަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ މެނޭޖަރުންނާއި ޒިންމާދާރުވެރިންނަށް ކަމަށެވެ.
އެފަދަ ތަންތަން ހިންގުމަށް ތިބޭ މެނޭޖަރުންނަކީ ސިޔާސީގޮތުން އައްޔަންކޮށްފައިވާ ފަރާތްތަކެވެ. މި ފަރާތްތަކުގެ ދަށުން ހިންގުމުގެ އިސްވެރިންގެ ގޮތުގައި ތިބޭ ޒިންމާދާރުވެރިންނަކީ ސިވިލް ސާވެންޓުންނެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮންލައިންކޮށް ކުރިއަށްގެންދާ މި ތަމްރީނުގައި 150 ބައިވެރިން ބައިވެރިވާ ކަމަށް ވެއެވެ. މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެނީ މެނޭޖީރިއަލް ޕްރޮފިޝެންސީ، ހެލްތު ކެއަރ އޮޕަރޭޝަން ހަރުދަނާކުރުން، ފައިނޭންޝަލް މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާތަކުންނެވެ.
ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މި ތަމްރީނު ފުރިހަމަކުރާ ބައިވެރިންނަށް ލިބޭ މައުލޫމާތުތަކަށް ބިނާކޮށް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރޭވުންތެރިކަމާއެކު މަސައްކަތްކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤާބިލު މުވައްޒަފުންތަކެއް އުފެދިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވެފައިވަނީ، އެ ދާއިރާގައި މަސައްކަތްކުރަންޖެހޭނީ ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކަށްވެސް ދަނީ ވަރަށް މުހިންމު މީހެއްކަމަށް ދެކިގެން ކަމަށެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއެކު އަހަރަކު އެއްފަހަރު މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ވެއެވެ.