
ބ. އޭދަފުށިން 36 އަހަރަށް ފަހު ދޫކުރާ 183 ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގައި، ގޯތީގެ ލިޔުން ހަވާލުކޮށްފި އެވެ.
އޭދަފުށީ ހިއްކި ބިމުގެ އިރުމަތީ ސަރަހައްދުން ދޫކުރި 183 ގޯއްޗަށް އެދި 525 މީހުން ކުރިމަތިލިއެވެ. ގޯއްޗަށް އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން އަދި ޕޮއިންޓް އެއްވަރުވެފައިވާ ނަމަ ލިސްޓްގައިވާ ތަރުތީބުންނެވެ. އެ މީހުންނާ ވަނީ ގޯތި ލިބުނު ކަމުގެ ލިޔުން ވެސް ރޭ ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ، ކޮންމެ އާއިލާއަކަށްވެސް ދިރިއުޅުމަށް އެންމެ މުހިއްމީ ބޯހިޔާވަހިކަން ކަމަށާއި އަމިއްލަ ގޯއްޗެއް ލިބުމުން، ބޮޑުވެފައިވާ ބޯ ހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
“މިއަދު ގުރުއަތުލުމުގެ ތެރެއިން ލިބޭ ގޯތި ތަކަކީ އެތަކެއް ބައެއްގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމެއް. އަދި އިޖުތިމާއި އެތައް މައްސަލަތަކަށް ހައްލުލިބި، އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް،” ފާތިހު ވިދާޅުވި އެވެ.
ގުރު ނެގުމަށްފަހު ގޯތި ލިބުނު މީހުންނަށް ދީފައިވާ ލިޔުމުގައި ވާގޮތުގައި ކައުންސިލުން އިމުގެ ކަންމުޑި އަންނަމަހުގެ 14 ވަނަ ދުވަހުންފެށިގެން އަޅައިދޭން ފަށާނެއެވެ.
އާބާދީގައި 3500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އޭދަފުށީން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރު އެވެ.
އޭދަފުށިން ގޯތި ދޫކުރަން ނިންމާފައިވަނީ ރަށުގެ ބިން އިތުރުކުރުމަށް 2015 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަމުގައި ހިއްކި 26 ހެކްޓަރުގެ ބިމުންނެވެ. އެ ބިމުން ގޯތި ދޫކުރުމަށް 2019 އަދި 2020 ވަނަ އަހަރު ހުޅުވާލި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ގޯތި ދޫކުރުން ކެންސަލްކުރީ އެވެ.