
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ސްކޫލް ކެޕްޓަނަކަށް އައިޝަތު ޝަހާ ސަމްއޫން ހޮވައިފި އެވެ.
އެ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ ޝަހާ އާ އެކު އެ މަގާމަށް އިތުރު ދަރިވަރަކު ވާދަކުރިއެވެ. އެ ދަރިވަރާ ވާދަކޮށް ކެޕްޓަންކަމުގެ ފަޚުރުވެރި ޝޭޝް އަޅަން ލިބުން ޝަހާ ދިނީ ހަވާލުކުރެވޭ ކޮންމެ ކަމެއްވެސް ކުރުމަށް އިހްލާސްތެރިކަމާއެކު ކެރިގެން، ފަސްނުޖެހި ކުރިމަތިލާނެ ކަމުގެ ޔަގީންކަމެވެ.
ޝަހާ ވަނީ އެ ސްކޫލުގައި ގްރޭޑް 10 ގައި ކިޔެވި އަހަރު ވެސް ސްކޫލުގެ ކެޕްޓަންކަން ކޮށްފަ އެވެ.
ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ މަރުޔަމް ނައުހާ އާއި އަހްމަދު ނަހުޔާ ނަޝީދެވެ. އެކްޓިވިޓީ ކެޕްޓަނަކަށް މުހައްމަދު ރާއިދު އަމުޖަދު ހޮވުނުއިރު ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަނަކަށް ހޮވުނީ އީނާލް އަބްދުލް މަޖީދު އާއި ރާދިން އަބްދުއްރަހްމާން މުހައްމަދެވެ.

މީގެ އިތުރުން ހައުސް ކެޕްޓަނުންނާއި ޑެޕއިޓީ ކެޕްޓަނުން އަދި ޔުނިފޯމް ހަރަކާތަކުގެ ލީޑަރުންނާއި ޑެޕިއޓީ ލީޑަރުން ހޮވާފައިވެ އެވެ އަދި ކްލަބް ތަކުގެ ރައީސުންނާއި ޑެޕިއުޓީ ކަމަށްވެސް ކުދިން ހޮވާފައިވެ އެވެ.

މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުން އޮތީ އެ ސްކޫލުގެ ހޯލުގައި މިއަދު ހެނދުނު ބޭއްވި އެސެމްބްލީގަ އެވެ. އެ ރަސްމިއްޔާތު ޗަރަފުވެރިކޮށްދެއްވީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝާހިދާ އަބްދުލްޤަފޫރު އެވެ.