މީގެ ފަސް އަހަރު ކުރިން ގެއްލުނު ނަސްރުﷲ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރަނީ

ބ. އޭދަފުށީ މުސްތަރީގޭ ނަސްރުﷲ

މީގެ ފަސް އަހަރުން ކުރިން ކަނޑުމަތީގައި ހިނގި އެކްސިޑެންޓުގައި ކަނޑަށްވެއްޓި ގެއްލުނު ބ. އޭދަފުށި، މުޝްތަރީގެ ނަސްރުﷲ ގެ މައްޗަށް މާދަމަ އޭދަފުށީ މިސްކިތްތަކުގައި ޣައިބަށް ކަށުނަމަދު ކުރަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން މިއަދު ނެރުނު ދެންނެވުމުގައި ވާ ގޮތުން، ރަށުގެ ތިން މިސްކިތުގައި ނަސްރުﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހުގަ އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި އާއިލާގެ ފަރާތުން ހުށަހަޅައިގެން ނަސްރުﷲ ގެ މަރު، މިދިޔަ އޭޕްރީލް މަހު ކޯޓުގައި ވަނީ ސާބިތުކޮށްފައެވެ. ނަސްރުﷲ ގެ ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވެސް މިހާރު އަންގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

ނަސްރުﷲ ގެއްލުނީ ޖެނުއަރީ 2، 2020 ވަނަ ދުވަހުގެރޭ ބ. އަނގަފަރު ކައިރީގައި ހިނގި ކަނޑުމަތީ އެކްސިޑެންޓްގަ އެވެ.   އެ އެކްސިޑެންޓު ހިނގީ ދަރަވަންދޫން މަހަށް ނުކުތް ކުޑަ ޑިންގީ އާއި މި އަތޮޅު އޭދަފުށިން ދަރަވަންދު އަށް ދަތުރުކުރި ލޯންޗެއް ޖެހިގެންނެވެ. ނަސްރުﷲ އޭނާގެ އަންހެނުންގެ ދެ ބޭބެއާ އެކު ޑިންގީ ގައި އެރޭ ނުކުތީ މަސްވެރިކަން ކުރާށެވެ.

އެކްސިޑެންޓުގައި ނަސްރުﷲ އަބްދުﷲ ގެއްލުނު ހާދިސާގައި އެ ލޯންޗުން ޖެހިފައިވާ ކަމަށް ބެލެވެނީ ޑިންގީގެ ފަހަތުން ކަނާތް ފަރާތު އަރިމަތީގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ނަސްރުﷲ ދަތުރުކުރި ޑިންގީ. ލޯންޗުން ޖެހިފައި ވަނީ ޑިންގީގެ ފަހަތު އަރިމަތީގައި.

އޭރު ނަސްރުﷲ އިނީ ޑިންގީގެ ފަހަތުގައި ކަމަށް އޭގައި ތިބި މީހުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެކްސިޑެންޓުގައި ނަސްރުﷲ ކަނޑަށް ވެއްޓުނު ފަހުން އެންމެ ފަހަރަކު ވެސް ނުފެންނަ ކަމަށް ޑިންގީގައި ތިބި މީހުން ބުނެ އެވެ

އެކްސިޑެންޓު ހިނގިތާ ގިނަ އިރުތަކެއް ނުވެ ޑިންގީ ވަނީ ދެ ފަޅިވެ އަޑިއަށް ގޮސްފަ އެވެ.

ނަސްރުﷲ ހޯދުމަށް ވައިގެ މަގުންނާއި ރޮބެޓް ބޭނުންކޮށްގެން ސިފައިންވަނީ ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ސަރަހައްދެއް ބަލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.