
ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް އާއިޝަތު ޝަހާ ޝަމްއޫން އާއި މުހައްމަދު މަނޫން ފާއިޒު ހޮވައިފި އެވެ.
ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރި މެހެމާން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި ޝަހާވަނީ ހަ މާއްދާއިން އޭ ސްޓާ، ހޯދައިގެން ގައުމީ ގަދަ ދިހަކުން ތިންވަނަ ހޯދައިފަ އެވެ. މަތީ ސާނަވީ އިން އެއްވަނަ ހޯދި މަނޫނު ވަނީ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ގައުމީ ގަދަ ދިހަކުން އެއް ވަނަ އަދި ރައީސްގެ ހާއްސަ ސްކޯލާޝިޕްވެސް ހޯދައިފަ އެވެ. އޭނާ ވަނީ 2023 ވަނަ އަހަރު ސާވަނީ ބައިން އެ ސްކޫލުގެ އެންމެމޮޅު ދަރިވަރުގެ މަގާމުވެސް ހޯދައިފަ އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ހުރިހައި ގޮތަކުން ވެސް ވަރަށް ޚާއްޞަ މަރުކަޒެއް ކަމަށެވެ.
“ހަމައެފަދައިން އޭދަފުށްޓަކީ ވެސް ވަރަށް ޚާއްޞަ ރަށެއް. ތަޢުލީމީ މަރުކަޒު ބިނާކުރެއްވުމުގެ ކުރިން ވެސް އޭދަފުށްޓަކީ ތަޢުލީމަށް ވަރަށް ބޮޑެތި ޤުރުބާންތަކެއް ވަމުންދިޔަ ތަޢުލީމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ރައްޔިތަކު ދިރިއުޅުނު ރަށެއް،”
މީގެ އިތުރުން ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ފެށުނީންސުރެ އަބަދުވެސް ރަނގަޅު ނަތީޖާ ހޯދަމުން އަންނަ އަދި އެ ނަތީޖާ އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުން އަންނަ މަރުކަޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު 11 ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި 9 ދަރިވަރުން ހިމެނިފައި ވެ އެވެ.
ރޭގެ ހަފުލާގައި ވަނީ މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުން ފާހަގަކުރެވޭ ކާމިޔާބީތައް ހޯދި 60 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފަ އެވެ.