އޭދަފުށި ކަޕް ފައިނަލް މެޗުގެ ޓިކެޓް ވިކި ހުސްވެއްޖެ

އޭދަފުށި ކަޕްގެ މެޗެއއްގައި ސަޕޯޓަރުންތަކެއް ސިޑިބަރީގައި: ފޮޓޯ-އިމޭޖަސް އެމްވީ

އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ފައިނަލަށް މެޗަށް ވިއްކަން ކަނޑައެޅި ޓިކެޓް ވިކި ހުސްވެއްޖެ އެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި ރޮސްޓްރަމް އާއިއެކު ސިޑިބަރި ތަރައްގީކުރީ ސިޑިބަރީގައި 1000 އެއްހާ މީހުންގެ ޖާގަ އޮތް ނަމަވެސް، ވީއައިޕީއަށާއި ދައުވަތުދޭ ފަރާތަތްތަކަށް ޓިކެޓް ބްލޮކް ކުރުމުގެ ސަބަބުން އަދަދު މަދުވީ އެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ސިޑިބަރި ތަރައްގީކުރީ 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި ގާތްގަނޑަކަށް 900 އަށް ވުރެ ގިނަ މީހުންނަށް ވަދެވޭ ވަރުގެ ސިޑިބަރި އަކާ އެކުއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތަކަށް 10 ރުފިޔާއަށް ޓިކެޓް ވިއްކިއިރު، ސެމީ ފައިނަލް މެޗުތަކަށް ޓިކެޓް ވިއްކީ 25 ރުފިޔާއަށެވެ. އަދި ފައިނަލް މެޗުގެ ޓިކެޓް ވިއްކީ 30 ރުފިޔާ އަށެވެ.

ފޮޓޯ: އިމޭޖަސް އެމްވީ/ އޭދަފުށީ ކައުންސިލް

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް އަލީ ޝަފީގު ވިދާޅުވީ މާދަމާ ހަވީރު ކުޅޭ ފައިނަލް މެޗަށް ސިޑިބަރިން ވިއްކަން ހަމަޖެހިފައިވާ 908 ޓިކެޓް ވިއްކަން ފެށިތާ  ދެ ގަޑިއިރު ތެރޭ ވިކި ހުސްވެފައިވާ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ޓިކެޓް ވިއްކައިގެން މެޗުތައް ކުޅެވޭގޮތަށް ހަމަޖެއްސީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން މާލީގޮތުން ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމާއި، ކުޅިބެލުންތެރިން އަހުލުވެރިކޮށް މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށެވެ.

ފޮޓޯ: އިމޭޖަސް އެމްވީ/ އޭދަފުށީ ކައުންސިލް

ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ކޮންމެ ޓީމަކަށް ވިއްކާ ޓިކެޓްގެ 50 އިންސައްތަ ލިބޭނީ އެ ޓީމަކަށެވެ. ބާކީ ފައިސާ ލިބޭނީ ކައުންސިލަށެވެ. އެކަމަކު އެހެން ފަރާތަކުން އިންތިޒާމުކުރާ މުބާރާތްތަކުގެ ބާކީ ފައިސާގެ ތެރެއިން ކައުންސިލަށް ލިބޭނީ 25 އިންސައްތަ އެވެ. އަނެއް 25 އިންސައްތަ ލިބޭނީ އެ މުބާރާތް އިންތިޒާމުކުރާ ފަރާތަށެވެ.

ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މިމަހުގެ 5 ވަނަ ދުވަހު ފެށި މި މުބާރާތުގައި ހަ ޓީމަކުން ބައިވެރިވި އެވެ.

މި މުބާރާތުގެ ފައިނަލުގައި އިރުމަތީ އެފްސީ އާއި  ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ވެލާ ސިޓީ އެވެ.  ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 15:45 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.