
މިއަދު ހަވީރު އޭދަފުށީގައި އޮނަން އޭދަފުށި ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އޭދަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި ނައިބު ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނީ މިއަދު ހަވީރު 3:00 ގައެވެ. މިއީ ނައިބު ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެމަނިކުފާނު އޭދަފުއްޓަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ނައިބު ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު އެގަޑިއަށް ފާލަމާ ހަމައަށް ވަޑައިގަތުމަށް ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މި މަހުގެ 5 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް އާއި އިރުމަތި އެފްސީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައެވެ.
ފައިނަލް މެޗަށް އޭދަފުށީ ސްޓޭޑިއަމްގެ ސިޑިބަރިން ވިއްކުމަށް ހަމަޖެހިފައިވާ 908 ޓިކެޓް އިއްޔެ ވިއްކަން ފެށިތާ ދެ ގަޑިއިރު ތެރޭގައި ވަނީ ވިކި ހުސްވެފައެވެ.

