ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށް ފްރީ ޑައިވް އާއި ޝިޔާމް ވޯލްޑް ތާރީހުގެ ތެރެއަށް

ސިޔާމް ވޯލްޑުގައި ބޭއްވި ސްނޯކަލް ވޯލްޑް 300 އިވެންޓު ފުރިހަމަކުރުމާއެކު ސިޔާމް ވޯލްޑާއި ފްރީ ޑައިވް މޯލްޑިވްސް ގެ އިސްވެރިން– ފޮޓޯ/ސިޑިބަރި

އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނާއެކު ރިސޯޓެއްގައި ފީނައިގެން ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ފުރަތަމަ ތަނަކަށް ރާއްޖޭގެ ސިޔާމް ވޯލްޑް ވެއްޖެއެވެ.

އެ ރިސޯޓަށް މި ޝަރަފް  ލިބުނީ “ސްނޯކަލް ވޯލްޑް 300” ގެ ނަމުގައި މިއަދު ހެނދުނު ބޭއްވި އިވެންޓާއެކު އެވެ.

މި ރެކޯޑުގެ ޓާގެޓަކީ ޖުމްލަ 250 އަށްވުރެ ގިނަ މީހުން ބައިވެރިކުރުން ކަމަށްވީ ނަމަވެސް، އާންމުންގެ ބޮޑު ތަރުހީބަކާއެކު ޖުމްލަ 307 ބައިވެރިންނާއެކު މި ރެކޯޑު ވަނީ ކާމިޔާބުކޮށްފައެވެ. މި އިވެންޓު ބާއްވާފައިވަނީ ފްރީ ޑައިވް މޯލްޑިވްސްއާ ގުޅިގެންނެވެ.

ސިޔާމް ވޯލްޑުގައި ބޭއްވި ސްނޯކަލް ވޯލްޑް 300 އިވެންޓު — ފޮޓޯ/ސިޑިބަރި

މި ތާރީޚީ އިވެންޓުގައި ރާއްޖޭގެ 13 ރަށަކުން މީހުން ބައިވެރިވިއެވެ. އެގޮތުން ނ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ހއ. އަދި ހދ. އަތޮޅު ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ މި ރެކޯޑުގައި ބައިވެރިވެފައެވެ. ބ. އަތޮޅުން މި ރެކޯޑްގައި ބައިވެރިވީ އޭދަފުއްޓާއި ދަރަވަންދޫ އާއި މާޅޮސް އަދި ކެންދު އެވެ.

އިވެންޓު ނިމުމާއެކު ސިޔާމް ވޯލްޑްގެ މެނޭޖަރު އައުސަމް ވަސީމް (އައުސީ) ވަނީ ވޯލްޑް ރެކޯޑް ސެޓްފިކެޓާ ހަވާލުވެލައްވާފައެވެ.

އިވެންޓު އިންތިޒާމުކުރި ފްރީ ޑައިވް މޯލްޑިވްސްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި ފަހުދު ފާއިޒް ވިދާޅުވީ، މި އިވެންޓު ކާމިޔާބުކަމާއެކު ނިންމާލެވުނީ ސިޔާމް ވޯލްޑުން ދިން ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ނިންމާލި ކާމިޔާބު މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާމް ވޯލްޑުގައި ބޭއްވި ސްނޯކަލް ވޯލްޑް 300 އިވެންޓު — ފޮޓޯ/ސިޑިބަރި

ފަހުދު އިތުރަށް ވިދާޅުވީ، ސިޔާމް ވޯލްޑަކީ އަބަދުވެސް ރިސްކު ނަގައިގެން ތަފާތު ދައްކަން މަސައްކަތްކުރާ މެނޭޖްމަންޓެއް އޮތް ތަނެއްކަން ފާހަގަކުރެވޭ ކަމަށާއި، މި އިވެންޓު ބާއްވަން ފަސޭހަވީވެސް ސިޔާމް ވޯލްޑާއި ފްރީ ޑައިވް މޯލްޑިވްސްގެ ވިސްނުން އެއްގޮތްވުމުން ކަމަށެވެ.

މި ރެކޯޑު ގާއިމުކުރުމަށްފަހު، އިވެންޓުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަނީ ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ މެޑަލްވެސް ދީފައެވެ. މިއީ ރާއްޖޭގައި ބޭއްވި އިވެންޓަކުން ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއެކު ސިޔާމް ވޯލްޑް ވަނީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ނަން އަނެއްކާވެސް ވިދާލާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.