
ބ. ދަރަވަންދޫ ކައުންސިލުން އެރަށުގައި އަގުބޮޑު ފުޓްސަލް މުބާރާތެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.
މިއީ ދަރަވަންދުއަށް ޒިޔާރަތްކުރާ މީހުން އިތުރުކުރުމުގެ ގޮތުން މިއަހަރަށް ކަނޑައެޅި ޝިއާރު، ”ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރު“ ގެ އަމާޒަށް ވާސިލްވުމަށް ބާއްވާ މުބާރާތެއް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
”ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ“ ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ދަރަވަންދޫގެ އިތުރުން މާޅޮސް، ދޮންފަން އަދި ކިހާދޫގެ ޓީމްތައް ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ 8 ޓީމެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 60,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާ ވަނީ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ، ރަނަރަޕް ޓީމަށް 15,000 ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.
”ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރު“ ގެ އަމާޒަށް ވާސިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ދަރަވަންދޫ ކައުންސިލުން ތިން މުބާރާތެއް ބާއްވަން ކަނޑައެޅިއެވެ.
އެއީ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތަކާއި, ވަކި އުމުރެއް ނެތް ފިރިހެން އަދި އަންހެން ޑިވިޝަންގެ މުބާރާތެވެ. ސޯޅަ އަހަރުން ދަށުގެ މުބާރާތް ނިމި އެންމެ ފަހުން ފެށީ ފިރިހެން ޑިވިޝަންގެ މުބާރާތާއި އަންހެން ޑިވިޝަންގެ މުބާރާތެވެ.
