އެޓޯލް ޗެލެންޖުން ވިދާލި ޒުވާން ކުޅުންތެރިން

ނިމިދިޔަ އެޓޯލް ފުޓްބޯލް ޗެލެންޖުގައި ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ނިމިދިޔަ އެޓޯލް ފުޓްބޯލް ޗެލެންޖުގައި ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖަކީ އަތޮޅު ފުޓްބޯޅައިގައި ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މީގެ 5 އަހަރު ކުރިން ފެށި މި މުބާރާތުން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ވަނީ އުފެދިފަ އެވެ. ހާއްސަކޮށް މިމުބާރާތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު ފެންނަންމުންދާ މުބާރާތެއްކަން ފާހަގަކުރެވެ އެވެ. އަތޮޅުގެ ރަށްރަށުގައި ތިބޭ ޒުވާން ކުދިންގެ ހުނަރު މި އަހަރުގެ މުބާރާތުންވެސް ވަނީ ފެނިފަ އެވެ. އެ ކުޅުންތެރިންގެ އުމުރާ އަޅާބަލާއިރު މިފަދަ މުބާރާތެއްގައި އެ ކުދިންގެ ހުނަރު މާބޮޑަށްވެސް ރަގަޅެވެ. މިއީ މިފަހަރުގެ މުބާރާތުގައި ފާހަގަ ކޮށްލެވުނު ޒުވާން ބައެއް ކުޅުންތެރިންގެ ވާހަކަ އެވެ.


މުޙައްމަދު ރީހާން (20އ) – ފެހެންދޫ

މިިދިޔަ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗެއްގައި ރީހާން ބޯޅަ ކުރިޔަށް ފޮނުވާލަނީ | އީޓީީ ފޮޓޯ:ރާއިފް ޔޫސުފް
މިިދިޔަ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗެއްގައި ރީހާން ބޯޅަ ކުރިޔަށް ފޮނުވާލަނީ | އީޓީީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގައި ތަޢުލީމު ހާސިލް ކުރިއިރުވެސް ރީހާން އަކީ ފުޓްބޯޅައަށް ނުހަނު ޝައުގުވެރިކަން ހުރި ކުއްޖެކެވެ. ތަޢުލީމު ހާސިލް ކުރުމަށް އޭދަފުށީގައި ރީހާން ހޭދަކުރި 6 އަހަރަކީ މިހާރު އޭނާ ދައްކާ މޮޅު ކުޅުމުގައި ބޮޑު ދައުރެއް އަދާކުރި ދުވަސްވަރެކެވެ. ސްކޫލުން އިންތިޒާމު ކުރާ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތްތަކުގައި އޭނާއަކީ ގަވައިދުން ފެނުނު ކުޅުންތެރިއެކެވެ. އެ މުބާރާތްތަކުގައި ރީހާންއަށް ލިބުނު ތަޖުރިބާއާއިއެކު އޭނާ މިހާރުދަނީ ފެހެންދޫ ޓީމުގައިވެސް މުހިއްމު ކުޅުންތެރިއެއްކަން ސާބިތުކޮށްދެމުންނެވެ. މިދިޔަ ދެއަހަރުވެސް ރީހާން ފާހަގަކުރެވުނީ ފެހެންދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އާއްމުކޮށް އެޓޭކިންގ މިޑްފީލްޑަށް ކުޅުނަސް ރީހާން އަކީ ޓީމު ބޭނުންވާ ކޮންމެ ވަގުތެއްގައި ތަފާތު މަގާމްތަކަށް ކުޅެވޭ ފެންވަރުގެ ކުޅުންތެރިކެވެ.

އުމުރުން 18 އަހަރުން ފެށިގެން އެޓޯލް ޗެލެންޖުގައި ވަރުބަލިކަމެއް ނެތި ރީހާން ދަނީ އޭނާގެ ހުނަރު ދައްކަމުންނެވެ. ރީހާންގެ ކުޅުމަށް ގިނަ ބަޔަކު ތަޢުރީފު ކުރާއިރު އަތޮޅުގެ ބޮޑެތި ރަށްރަށުންވެސް ރީހާންއަށް މިހާރުވެސް ކަޅިއަޅައެވެ. މިވަގުތު ފެހެންދޫ ކައުންސިލްގައި މަސައްކަތް ކުރިޔަސް ރަގަޅު ފުރުސަތެއް ލިބިއްޖެނަމަ ރީހާން ގަލޮޅު ދަނޑުން ފެނުމަކީ ދުރުކަމެއް ނޫނެވެ. ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް އުއްމީދާއިއެކު މިދިޔަ އަހަރު އެއްވަނަ ޑިވިޝަން ޓީމަކާއިއެކު ޕްރެކްޓިސްގައި ބައިވެރިވިނަމަވެސް އަމިއްލަ ބައެއް ސަބަބުތަކާހުރެ އަނބުރާ ރަށް ދާންޖެހުމަކީ ފުޓްބޯޅައިގައި ރީހާންއަށް ލިބުނު މާޔޫސްކަމެކެވެ. ނަމަވެސް ރީހާން ބުނާގޮތުގައި މިހާރުވެސް ރަގަޅު ފުރުސަތެއް ލިބިއްޖެނަމަ ބޭނުންހިފަން ހުރީ ތައްޔާރަށެވެ.

 


 

ޙުސައިން ޝާމް (20އ) – ގޮއިދޫ

ހުސައިން ޝާމް
ހުސައިން ޝާމް

މިއީ ގޮއިދޫގެ ފުޓްބޯޅަ އާއިލާއަކަށް އުފަން ހުނަރުވެރި ކުޅުންތެރިއެކެވެ. ޝާމްގެ ޢާއިލާގެ ގިނަ މެމްބަރުންނަކީ ގޮއިދޫ ޓީމުގެ ކުޅުންތެރިންނެވެ. ނަމަވެސް މިފަހަރު ވިދާލީ ޝާމް އެވެ. މިއީ ގޮއިދޫ ޓީމާއި އެކު ޝާމް އެޓޯލް ޗެލެންޖުގައި ބައިވެރިވި ތިންވަނަ ފަހަރެވެ. ވަރުގަދަ ސްކޮޑެއް އޮތުމުން މިފަހަރު ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބުމުން ޝާމްގެ މައްސަލައެއް ނެތެވެ. ޝާމް އަކީ މިފަހަރު މުބާރާތުގައި ބެންޗުން އަރައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާއެވެ. ފުރަތަމަ މެޗުގައި ލިބުނު ކުޑަ ވަގުތުކޮޅުގައި އޭނާ ވަނީ ކުޑަރިކިލު ކޮޅަށް ގޯލް ޖަހާފައެވެ. ދެވަނަ މެޗުގައި ގޯލް ޖަހަން މަޖިއްޓޭއަށް އެހީތެރިވިއެވެ. މިފަހަރުގެ މުބާރާތުގައި ޓީމުން ޝާމްއަށް ދިން އިތުބާރަކީ އޭނާގެ ފެންވަރު ސާބިތުކޮށްދެވުނު އެންމެ މުހިއްމު ސަބަބުކަމަށް އޭނާ ޤަބޫލުކުރެ އެވެ.

އަބަދުވެސް ފުޓްބޯޅައަށް ލޯބި ކުރާ ޝާމް މިހާރު މަސައްކަތް ކުރަނީ އަމިއްލަ ފުށި ރިސޯޓުގައެވެ. ރިސޯޓު ވަޒީފާގައި އުޅުނަސް ފުޓްބޯޅަ ކުޅުމުގައި ޝާމް ހުރީ ދެވުނު އެންމެ އުހަކަށް ދާށެވެ. ސްކޫލް ދައުރުންވެސް ވިދާލި ޝާމް އަކީ އަންނަ އަހަރު ގޮއިދޫ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާނެ ކުޅުންތެރިއެއްކަމަށް އެ ޓީމުން ބުނެއެވެ. އޭނާގެ ދުވެލި ބާރު ކުޅުމާއި، ކޮށްޓުމާއި ނެއްޓުމުގެ ހުނަރުގެ ސަބަބުން ޝާމްއަކީ މިހާރުވެސް އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެޓޯލް ޗެލެންޖުގެ އިތުރުން އެހެން ހަރުފަތަކަށް ދާންޖެހުނަސް ޝާމް ހުރީ ތައްޔާރަށެވެ.


 

އިބްރާހީމް ޒަޔާން (18އ) – ފެހެންދޫ

މިދިޔަ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި ރީހާން ގޯލް ކުރިމަތިން ބޯޅަ ކުރިޔަށް ފޮނުވާލަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިދިޔަ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި ރީހާން ގޯލް ކުރިމަތިން ބޯޅަ ކުރިޔަށް ފޮނުވާލަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގައި ތަޢުލީމު ހާސިލް ކުރިއިރު ފުޓްބޯޅައިގައި އެންމެ ފުރަތަމަ ޒަޔާންއަށް ލިބުނު ތަޖުރިބާއަކީ އިންޓަހައުސް ފުޓްބޯޅަ މުބާރާތެވެ. އެއަށްފަހު ޒަޔާންގެ ހުނަރުވެރިކަން ލޯމަތިން ކައްސާލާފައިވަނިކޮށް ފެހެންދޫ ޓީމުގެ ގޯލްގައި މިއަހަރު ދެއްކި މޮޅު ކުޅުމާއިއެކު ޒަޔާންގެ ވާހަކަ ދައްކަން މަޖުބޫރުވި އެވެ. އެޓޯލް ޗެލެންޖުގައި ޒަޔާންގެ ފުރަތަމަ ބައިވެރިވުމަކީ 2013 ވަނަ އަހަރެވެ. އެފަހަރު ފެހެންދޫ ޓީމުގެ ބަދަލު ކީޕަރެއްގެ ގޮތުގައި އޭނާ ހުރިއިރު އޭރު އުމުރުން އެންމެ 15 އަހަރެވެ. އޭގެ ތިން އަހަރު ފަހުން މިފަހަރު ޒަޔާން ފެނުނީ މުބާރާތުގައި އެންމެ ތަފާތުދެއްކި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

އުމުރުން 18 އަހަރުގައި އޭނާ ވަނީ އެޓޯލް ޗެލެންޖުގައި ފެހެންދޫ ފައިނަލަށް ގެންގޮސް ދިނުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ސެމީ ފައިނަލުގައި އޭދަފުށީ ޓީމުގައި ތިބި ގައުމީ ފެންވަރުގެ ކުޅުންތެރިން ޖެހި ބޯޅަތައް ހުއްޓުވުމުގައި އެދުވަހު ޒަޔާން ދެއްކި ކުޅުމަށް ތައުރީފު އޮހުނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމް ހޯދުމުން އޭނާގެ ހުނަރުވެރިކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ޒަޔާންގެ މޮޅު ކުޅުމަކީ ފެހެންދޫގެ ފުޓްބޯޅައަށްވެސް ލިބުނު އާ އުއްމީދެކެވެ. މި މުބާރާތުން ޒަޔާންއަށް ލިބުނު ހިތްވަރާއެކު އޭނާގެ މިހާރުގެ ޓާގެޓަކީ ރާއްޖޭގައި ފާހަގަކޮށްލެވޭފަދަ މޮޅު ކީޕަރަކަށް ވުމެވެ. މިވަގުތު އަމިއްލަ މަސައްކަތުގައި ރަށުގައި އުޅުނަސް އެންމެ އަވަހަށް ޒަޔާން ދެން ފެންނާނެ ކަމަށް ބެލެވެނީ އެއްވަނަ ޑިވިޝަންގެ ޔޫތް ޓީމަކުންކަމަށް މަޢުލޫމާތުލިބެ އެވެ.

 


ނިޝާމް މުޙައްމަދު ރަޝީދު (17އ) – އޭދަފުށި

މިދިޔަ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗެއްގައި ނިޝާމް (ޕޮގްބާ) ދަނޑުމަތީގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިދިޔަ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗެއްގައި ނިޝާމް (ޕޮގްބާ) ދަނޑުމަތީގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ދަނޑުމަތީގައި ނިޝާމްގެ ނަމަކީ ޕޮގްބާ އެވެ. ޕޮގްބާގެ ކުޅުމަށް ގަޔާވާ ނިޝާމް އަކީ ފުޓްބޯޅަ ކުޅުންތެރިން އެންމެ ގިނައިން އުފައްދާ ރަށުގެ އުއްމީދީ ކުޅުންތެރިއެކެވެ. މެދުތެރެއިން ހަމަޖެހިގެން ކުޅޭ ނިޝާމް މިއަހަރު ފެނުނީ ތަޖުރިބާކާރު ކުޅުންތެރިންނާއި އެކު އޭދަފުށީ ޓީމުގެ މެދުތެރެ ބެލެހެއްޓިތަނެވެ. ސްކޮޑުގައި އެއްފެންވަރެއްގެ ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް ނިޝާމްއަށް އޭދަފުށީ ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ލިބުނީ ހަގީގަތުގައިވެސް އެ ހުނަރު އޭނާގެ ކިބައިގައި ހުރުމުންނެވެ. އޭނާ ވަނީ އޭދަފުށީގައި އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތް އެމް.އޭ ޔުނައިޓެޑުން ކާމިޔާބު ކުރިއިރުވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މުބާރާތުގައި ނިޝާމްގެ ފަރާތުން ފެނުނު ކުޅުމުގެ ސަބަބުން ކޯޗުން ނިޝާމްއަށް ކުރާ އިތުބާރު ބޮޑުވި އެވެ.

މިއީ އެޓޯލް ޗެލެންޖުގައި ނިޝާމްގެ ދެވަނަ ފެނިލުމެވެ. މިދިޔަ އަހަރު މި މުބާރާތަށް އޭދަފުށިން ނެރުނު ޒުވާން ޓީމުގައިވެސް އޭނާއަކީ މުހިއްމު ކުޅުންތެރިއެކެވެ. 2014 ވަނަ އަހަރު ކިޔެވުން ނިންމުމަށްފަހު މިހާރު ގިނަ ވަގުތު ނިޝާމް ހުސްކުރަނީ ފުޓްބޯޅަ ކުޅުމަށެވެ. ރާއްޖޭގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމުގެ ސްކޮޑުގައިވެސް ޒުވާން ނިޝާމް ވަނީ ހިމެނިފަ އެވެ. އެންމެ ކުޑައިރުންސުރެ ފުޓްބޯޅަ ކުޅެންފެށި ނިޝާމް ވަނީ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ އުމުރުފުރާގައިވެސް ކުޅެފަ އެވެ. އެއްވަނަ ޑިވިޝަންގެ ޔޫތް ޓީމުތަކަށް ކުޅުމުގެ ފުރުސަތު މިހާރުވެސް ނިޝާމްއަށް ލިބިފައިވާއިރު އުމުރުން އެންމެ 17 އަހަރުގައި އޭނާއަކީ އޭދަފުށީގައި ޑިމާންޑު ބޮޑު ކުޅުންތެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.