ބ. ގޮއިދޫ އަންހެނުންނަކީ ހަމަ ފިސާރި އަންހެނުންތެކެކެވެ. މިފަހަކަށް އައިސް ކޮންމެ ކަމެއްގައިވެސް އެމީހުން މިވަނީ ފިރިހެނުންނަށް ގޮން ޖަހައިފަ އެވެ. އެގޮތުން މިދިޔަ އަހަރު ފަހުކޮޅު ދޯނި ފަހަރުގައި މަހަށް ނުކުމެ އެވެ.
މި ފަހަރު ރަށުގައި ހިންގާ ސޯލާ ޕްރޮޖެކްޓުގެ ދަށުން ކޭބަލް ވަޅުލުމުގެ މަސައްކަތާ ރަށުގެ އަންހެނުން ހަވާލުވިތާ، ދޮޅު ގަޑިއިރުގެ ތެރޭގައި އެ މީހުން މަސައްކަތް ނިންމައި އެންމެން މި ވަނީ ހައިރާން ކޮށްލާފަ އެވެ.

ސްކޫލަށް ފައިސާ ހޯދުމަށް ސްކޫލުގެ ހުރިހާ އަންހެން ބެލެނިވެރިން ނިކުމެ، އެ މީހުން ވަނީ އެންމެ ދޮޅު ގަޑިއިރުގެ ތެރޭގައި 2،500 ފޫޓަށް ކޯރު ކޮނެ ކޭބަލް ވަޅުލާފަ އެވެ.

މި މަސައްކަތުން އެ މީހުން ވަނީ 72،000 ރުފިޔާ ސްކޫލަށް ހޯދައިދީފަ އެވެ.

ކޭބަލް ވަޅުލުމަށް ކޯރު ކޮނުމަށް އަންހެނުން ނުކުތީ އުދައްޔާއި ފަކީރާ ފަދަ އާލާތްތައް ހިފައިގެންނެވެ. ބައެއް އަންހެނުން، ބަދިގޭގައި ގެންގުޅޭ ތެލި ތައްޓާއި އުނދުޅި ފަދަ ތަކެތި ވެސް މަސައްކަތުގައި ބޭނުން ކުރި އެވެ.


އަންހެންވެރިން މަސައްކަތް ނިންމާލީ ރަށުގެ ޒުވާނުންނާއި ފިރިހެނުން ދެމުން ދިޔަ ހިއްވަރާ އެކުގައި ވަރަށް ފޯރީގަ އެވެ.
