އަންހެން ކަނބަލުންނަށް ހަމަ ސާބަސް

DSC_0724

ހުރިހާ ދާއިރާއަކަށް ނަޒަރު ހިންގާލާއިރުވެސް ފެންނަނީ އަންހެނުންގެ ދައުރު ވަރަށް ފުޅާކޮށެވެ. ބ އަތޮޅުގެ ތައުލީމީ އަދި ސިއްހީ ދާއިރާއަކީ ނިސްބަތުން ސަރުކާރު މުވައްޒަފުން އެންމެ ގިނައަދަދަކަށް މަސައްކަތް ކުރާ ދެ ދާއިރާ އެވެ. ހާއްސަކޮށް ޕްރޮފެޝަނަލް މަސައްކަތްތެރިންނެވެ. އެއީ ޓީޗަރުންނާއި ނަރުހުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ބ. އަތޮޅުގައި މަސައްކަތްކުރަ އަންހެން ނަރުހުންގެ ނިސްބަތް %98 އަށްވުރެ މަށްޗެވެ. ހަމައެގޮތަށް ތައުލީމީ ދާއިރާގެވެސް ބޮޑު ކޮންޓްރޯލެއް އޮތީ އަންހެނުންގެ އަތްމަތީގައެވެ. އެ އަދަދުވެސް ހަމަގައިމު %80 ވުރެ ދަށެއް ނުވާނެއެވެ.

ސިއްހީ ހިދުމަތް ދިނުމާއި އުނގަންނައި ދިނުމަކީ އެންމެ ބުރަ މަސައްކަތްކަމަށް ވާއިރު އެ މަސައްކަތުގައި އަވަދިނެތި މަސައްކަތް ކުރަމުން ގޭތެރެއާއި ދަރިންގެ ކަންތައްތައް ބަލަމުން ގެންދާކަމީ މިއަދު ވަރަށް އުފާކުރަންޖެހޭ ކަމެކެވެ. މިފަދަ މުނާސަބު ދުވަހެއްގައި އެމީހުންގެ ވަހަކަ ވަރަށް އަޑުހަރުކޮށް ދައްކަން އެބަޖެހެ އެވެ. އެކަމަށްޓަކައި މިއަތޮޅުގެ ސިއްހީ، ތައުލީމީ އަދި އެހެނިހެން ދާއިރާތަކުގައިވެސް މަސައްކަތް ކުރައްވާ ހީވާގި ކަނބަލުންނަށް ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންތަކެއް. -- ފައިލް ފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންތަކެއް. — ފައިލް ފޮޓޯ

ސަރުކާރުގެ އެހެން އޮފީސްތަކާއި ކުންފުނިތަކުގެ ވަޒީފާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ނިސްބަތަށް ބެލިއަސް ހަމަގިނައީ އަންހެނުންނެވެ. އާދައިގެ ވަޒީފާތަކުން ފެށިގެން އެންމެމަތީ ފަންތީގައިވެސް މަސައްކަތް ކުރައްވާ އަންހެން ކަނބަލުން މަދެއްނޫނެވެ. އަޅުގަނޑުމެން ދެކޭގޮތުގައި އެކަނބަލުންވެސް އެކުރައްވަނީ ހަމަ ވަރަށް ޒިންމާދާރު މަސައްކަތް ތަކެކެވެ. އެކަނބަލުންވެސް އާއިލީ ޒިންމާ އަދާކުރައްވަމުން އޮފީހުގެ މަސައްކަތްތަށް ކުރައްވަމުން ގެންދަވާއިރު ފިރިހެނުންނަށް ދުލެއް ނުކުރެއެވެ. ތެދުވެރިކަމާއި އިހްލާސްތެރި ކަމާއެކު އެކަނބަލުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރައްވަ އެވެ.

ޓޫރިޒަމްގެ ސިނާއަތަކީ ބ އަތޮޅަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށްވާއިރު އެ ދާއިރާގައި ސީދާގޮތުންނާއި ނުސީދާގޮތުންވެސް މިއަތޮޅުގެ އަންހެނުންގެ ހިއްސާވުން ވަރަށް ބޮޑެވެ. ރިސޯޓްތަކުގެ ޒިންމާދާރު ވަޒީފާ ތަކުގައި އަންހެން ކަނބަލުން ކުރައްވާ އެ ބުރަ މަސައްކަތް މިއަދު ފާހަގަކޮށް އެކަނބަލުންނަށް ހައްގު ޝުކުރު މިއަދު އަދާކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއްކަމުގައި ދެކެމެވެ. އަދި ރިސޯޓް ތަކުގައި މަސައްކަތް ކުރައްވާ ފިރިހެން ބޭފުޅުން އެބޭފުޅުންގެ މަސައްކަތުގައި އަވަދިނެތި އުޅެވެނީ އެބޭފުޅުންގެ އަނބިން އެދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކަމުގައި މެނުވީ ނުވަނެއެވެ. ވުމާއިއެކު މިފަދަ ދުވަހެއްގައި އެކަނބަލުންނަށްވެސް އެކުރައްވާ ބުރަމަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވަމެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އަންހެން މުވައްޒަފުންތަކެއް ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން
ބ. އަތޮޅު ހޮސްޕިޓަލުގެ އަންހެން މުވައްޒަފުންތަކެއް ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން

މިއަތޮޅުގެ އަންހެން ކަންބަލުންނަކީ ގެވެހި މަސައްކަތްތެރި ބައެއްކަން އަބަދުވެސް އެކަނބަލުން ކަށަވަރު ކޮށްދެއެވެ. ގޭގައި ތިބެގެން އާމްދަނީ ހޯދާ އަންހެން ކަނބަލުން މިއަތޮޅުގައި މަދެއް ނޫނެވެ. ފަންގި ވިނުމާއި ފެހުމާއި ހެދިކާހެދުން އަދި ކިއްލިއާއި ފޯއްޕަކެޓް ހަދައިގެން އަމްދަނީ ހޯދާ އަންހެން ކަނބަލުން ވަރަށް ގިނަ އެވެ. އެހެންކަމުން މިއަތޮޅުގެ އަންހެން ކަނބަލުންނަކީ ވަރަށް ފުދުންތެރި ކެރޭ ބައެއްގެ ގޮތުގައި އޮންނަނީ ފާހަގަ ކުރެވިފައެވެ. ވީމާ މިދެންނެވި އަންހެނުންނަކީ އަޅުގަނޑުމެން މިކިޔާ ފިސާރި އަންހެނުން ކަމުގައިވެސް ބުނެވިދާނެ އެވެ.

އަދިވެސް އެއްފަހަރު ދުނިޔޭގެ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ހުރިހާ އަންހެން ކަނބަލުންނަށް އަރިސްކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.