ޖެޓީ ސަރަހައްދާއި ފަޅުތެރޭގެ ހާލަތު

އޭދަފުށި ބަނދަރުމަތި މަތިން ނަގާފައިވާ ފޮޓޯއެއް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އޭދަފުށި ބަނދަރުމަތި މަތިން ނަގާފައިވާ ފޮޓޯއެއް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މީހުން ދިރިއުޅޭ ރަށްރަށުގެ ބަނދަރު ސަރަހައްދަކީ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ސަރަހައްދަކަށް ވާއިރު، އެތަނަކަށް ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކެއް ހަމަޖެހިފައި ހުންނާނެކަމަށް ގަބޫލު ކުރެވެއެވެ. އޮޑިދޯނިފަހަރު އެޅުމަށާއި މުދާ ބޭލުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައި އޮންނާނެކަމަށް ވެސް ގަބޫލުކުރެވެއެވެ. މަސްވެރިންނާއި ދަތުރުވެރިންނަށް ވެސް ކޮންމެވެސް ކަހަލަ އުސޫލުތަކެއް ހަމަޖެހިފައި އޮންނަން ޖެހޭނެކަމަށް ގަބޫލުކުރަންޖެހެއެވެ.

ފެންނަމުންދާ މަންޒަރުން މި ދެންނެވި އުސޫލުތައް ހަމަޖެހިފައި އޮންނަކަމަށް ގަބޫލު ކުރަން ވަރަށް ދައްޗެވެ. އެމީހަކަށް ފެނުނު ތަނަކުން ހިހޫ ތަނުން ކައިއުޅޭ އުސޫލުން ކޮންމެ ކަމެއްވެސް ކުރަންވީއެވެ. ހަމައެއް ލަމައެއްނެތި ކޮންމެ ސަރަހައްދަކަށްވެސް މަސްވެރިން މަސްބާލަންވީއެވެ. މާލެދަތުރުކުރާ އުޅަނދުތަކާއި، އެނޫންވެސް ބިޔަ އުޅަނދުތައް ޖެޓީގެ ކޮންމެ ސަރަހައްދެއްގައިވެސް އަޅަފައި ބާއްވަންވީއެވެ. އެމީހަކު ބޭނުން ގޮތަކަށެވެ. ހުރަހަށް ވިޔަސް ދިގަށްވިޔަސް މައްސަލައެއް ނެތެވެ. ޖެޓީއާ ކައިރިކުރާ އެހެން އުޅަނދުތަކަށް ކިތަންމެ އުނދަގުލެއް ވިޔަސް އެކަމާ އަޅާލާނެ ބަލަދުވެރި ފަރާތެއް ނެތް ކަހަލައެވެ.

އެހެން ނަމަވެސް މިކަންކަމާ ޒިންމާވާ ފަރާތަކީ އެރަށެއްގެ ރަށު ކައުންސިލެވެ. ކައުންސިލުގެ މެންބަރުންނާ ޒިންމާދާރުވެރިން، މިއަދު އެތިއްބަވަނީ އެބޭފުޅުންގެ ވާޖިބު އަދާ ކުރެއްވުމުގައިތޯ އެތައް ރައްޔިތުންނެއް މިއަދު ސުވާލު އުފައްދާނެ އެވެ. މިދެންނެވި ކަންކަން މިހެން ހުއްޓަސް، އަދި އެގޮތަށް އެކަން ކުރިއަސް މިހާތަނަށް “ފިޔަވަޅެއް” އަޅާފައި ނުވާތީ އެވެ. އެންމެ ކުޑަމިނުން ނަސޭހަތްތެރިވެވި، ޖުރިމަނާ ކުރަންޖެހޭ ހާލަތްތަކުގައި އެފަދަ ކަމެއްވެސް ކޮށްފައިވާ ކަމަކަށް ނުބެލެވެ އެވެ. އެކަން އެގޮތަށް ކުރާނަމަ، ދަތުރުވެރިންނާއި މަސްވެރިން އަމަލުކުރާނެ ރަނގަޅުގޮތް އެބައިމީހުންނަށް ވިސްނި، އެގޮތަށް އަމަލުކުރީހެވެ.

ފަޅުތެރެއަށް ނަޒަރު ހިންގާލާއިރު ފެންނަނީ 1990ގެ އަހަރުތަކުގެ ކުރީކޮޅު ފުންކުރެވިގެންދިޔަ ފަޅުގައި މާކަނާ ހިނގާ މަންޒަރެވެ. ދިހަބާރަ ފޫޓަށް ފުންކުރި ފަޅުގެ ބައެއް ހިސާބުތަކުން ތިލަވެފައިވާ މަންޒަރެވެ. މުދާ އުފުލާ ބޯޓް ފަހަރު ފަޅުގައި ބީހޭ މަންޒަރެވެ. މިކަންކަންވެސް ހައްލުކުރަން މިއޮތީ ރަށު ކައުންސިލެވެ. އެކަމަކު މިކަންކަމާ އަޅާލާ މަންޒަރެއް ނުފެނެއެވެ. ރަށުގައި ފެރީ ޓާމިނަލެއް ނެތެވެ. ދަތުރުވެރިން ފާޚާނާ ކޮށްލެވޭނެ އިންތިޒާމެއްވެސް ގާއިމުކުރެވިފައެއް ނެތެވެ. އެކަމަކު ދުނިޔެ ތަރައްގީވަމުން މިދާ 21 ވަނަ ގަރުނުގައިވެސް އަޅުގަނޑުމެން ހަމަ އަޅާނުލައި ތިބެންވީތޯއެވެ؟ މިއީ ރަށު ކައުންސިލުގެ ޒިންމާއަކަށް ނުވޭތޯއެވެ؟

އެޑިޓަރުގެ ނޯޓް

މި ކޮލަމަކީ، އޭދަފުށީގެ ހާލަތާމެދު ޢާންމުން ދެކޭގޮތް ހާމަކުރުމުގެ ގޮތުން، އީޓީ މެދުވެރިކޮށް، ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ލިޔަންފެށި ކޮލަމެކެވެ. މި ކޮލަމުގައި ބަލާލެވިފައިވާނީ، ބައެއް ކަންކަމުގައި އޭދަފުށީގެ ޙާލަތު އޮތްގޮތާއި، އެކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.