އެންމެ ބޭނުންވި ދުވަހު ރައްޔިތުންގެ އެހީތެރިކަން ލިބުނު، މިހާރު ބޭނުންވަނީ ރަށަށް ޚިދުމަތް ކުރަން

Zaid FB imad

އެއީ 2015 ވަނަ އަހަރެވެ. އުމުރުން އެންމެ 22 އަހަރުގެ އޭދަފުއްޓަށް އުފަން ޒައިދު ޢަލީ އޭރު ދިޔައީ ބ. އޭދަފުށީގައި ހުރި ވިލާ ކޮލެޖު ކެމްޕަހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމް އަދާކުރަމުންނެވެ. އޭދަފުށީގައި މަތީ ތަޢުލީމުގެ ކުރި ފަޅައި އެކަން ދަމަހައްޓަށް ކުރި ބުރަ މަސައްކަތުގައި ޒައިދަކީ އެތަނުގެ ޒިންމާ ފުރިހަމައަށް ނަގަމުން ދިޔަ މުވައްޒަފެކެވެ. ނަމަވެސް ޒައިދުގެ ދިރިއުޅުމަށް ކުއްލިއަކަށް އައި ބަދަލަކީ އޭނާގެ ކުރިމަގަށް ފުސްކަމެއް ގެނުވި ބަދަލެވެ.

ނޭނގުމެއްގެ ތެރެއިން ޒައިދު ޕޮސިޓިވްވީ ކެންސަރަށެވެ. އިންޑިޔާގެ އާރުސީސީ ހޮސްޕިޓަލުގައި ޒައިދު ފަރުވާ ކުރަންޖެހުނީ ކެންސަރުގެ ބާވަތެއް ކަމަށްވާ ހޮޖްކިންސް ލިމްފޯމިއާއަށެވެ. ދިރިއުޅުމަށް ކުރި އުނދަގޫ ހަނގުރާމައަށްފަހު މިއަދު ޒައިދުގެ އުއްމީދު އާވެއްޖެއެވެ. ﷲގެ އިރާދަފުޅާއެކު ކެންސަރަށް ފަރުވާ ހޯދުމަށްފަހުވެސް އޭނާ ވަނީ ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް ހިންގުމުގައި ހީވާގި ކަމާއެކު އެއް އަހަރު ހޭދަކޮށްފައެވެ. ދިރިއުޅުމުގައި ކުރިމަތިވި ބޮޑު ގޮންޖެހުން ކަޑައްތުކޮށް ޒައިދު މިހާރު ބޭނުންވަނީ ރަށަށް ހިދުމަތް ކުރުމަށެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ޒައިދު ހާލުގަ ޖެހުނު ދުވަހު އޭނާއަށް އެހީތެރިވެދިނީ އޭދަފުށީގެ ލޮބުވެތި ރައްޔިތުންނެވެ. ޒައިދުގެ ޢާއިލާއާއި ގާތް ރައްޓެހިން ކަރުނަ އެޅި ދަނޑިވަޅުގައި، ރަށުން ލިބުނު އެހީތެރިކަމަކީ އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ކަމެއް ނޫނެވެ.

zaid

ރަށު ކައުންސިލަށް ކުރިމަތިލީ ރައްޔިތުންނަށް އޭގެ ބަދަލު ދޭން

ރަށު ކައުންސިލަށް ކުރިމަތިލުމުގެ ހިތްވަރު ޒައިދުއަށް ލިބުނީވެސް އޭނާ ލޯބިވާ ރަށުގެ ރައްޔިތުންގެ ފަރާތުންނެވެ. ބަލި އެނދުގައި އޮތް ދުވަހު އޭނާއަށްޓަކައި ޤުރުބާންވި ރައްޔިތުން ދިރިއުޅޭ ރަށަށް ޚިދުމަތް ކޮށްދިނުމަކީ ޒައިދުގެ ހުވަފެނެކެވެ. ހުރިހާ އެންމެންގެ ނަން ވަކިން ފާހަގަކުރަން އުނދަގޫވިޔަސް އޭދަފުށީ ކްލަބް ދަ ބިގިނާސްއާއި ޑައުން ޓައުން ގްރޫޕުގެ ނަން ފާހަގަ ނުކޮށް އޭނާއަށް ކުރިއަށްދެވޭކަށް ނެތެވެ. އެ ޖަމިއްޔާތަކުން ޒައިދަށް ވެދިން އެހީތެރިކަމަކީ ޒައިދުގެ ފަރުވާއަށް ކޮށުނު މަގެކެވެ.

ޒައިދުގެ ކެންޕެއިން ޕޯސްޓަރެއް
ޒައިދުގެ ކެންޕެއިން ޕޯސްޓަރެއް

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއް ގޮތުގައި އޭދަފުށީ ކައުންސިލަށް ޒައިދު ނުކުތުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށު ރައްޔިތުންނަށް އޭނާއަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ އޭނާއަށް ލިބުނު އުފަލުގެ ކަރުނައިން ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭށެވެ. ރަށަށް ޚިދުމަތް ކުރުމުގެ ފޮނި އުއްމީދުގައި ހުރި ޒައިދުގެ އުއްމީދުތައް ގުޅިފައިވަނީ އޭނާ އެންމެ ލޯބިވާ ފަސްގަނޑާއެވެ. ރައްޔިތުންގެ ފުރިހަމަ އިތުބާރު ޒައިދަށް ލިބޭނެ ކަމުގެ ޝައްކެއް އޭނާ ނުކުރެއެވެ.

ވިސްނުން ހުރިހާ ދިމާލަކަށް، ރަށަށް ލިބޭ ކޮންމެ ކުރިއެރުމަކަށް ޒައިދު އަތް އުފުލާނެ

ކިތަންމެ ޒުވާނަސް ޒައިދަކީ އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ތަރައްގީގެ ދުރު ވިސްނުން ގެންގުޅޭ ކެންޑިޑޭޓެކެވެ. ޒުވާން އުމުރުގައި ހިންގުމުގެ ތަޖުރިބާވެސް ލިބިފައިވާ ޒައިދު ބޭނުންވަނީ ކައުންސިލަށް ނިކުމެ ރަށުގެ ތަރައްޤީ މެކުހަށް ޖެހުމަށެވެ. ޒައިދުގެ ވިސްނުމަކީ ހަމައެކި އުމްރާނީ ތަރައްޤީއެއް ނޫނެވެ. އިޖުތިމާއީ ގޮތުން ފުދުންތެރި މުޖުތަމައެއް ޤާއިމު ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ. ޒައިދުގެ ދުރުވިސްނުން ތަންފީޛު ކުރަން އޭނާ ބޭނުންވަނީ، އެ ފުރުސަތު ލިބިއްޖެނަމަ އޭނާއާއެކު ކައުންސިލަށް އިންތިހާބުވާ މެމްބަރުންގެ ޚިޔާލާއި މަޝްވަރާއާއިވެސް އެކުއެވެ.

އަމިއްލަ ގޮތުން ވާދަކުރިޔަސް މަސައްކަތް ކުރާނީ ގުޅިގެން

ޒައިދުއަށް ކެމްޕޭން ކުރުމުގެ ގޮތުން ޒުވާނުން މިދިޔަ ހުކުރުދުވަހު ބޭއްވި ސައިކަލް ބުރުގެ ތެރެއިން
ޒައިދުއަށް ކެމްޕޭން ކުރުމުގެ ގޮތުން ޒުވާނުން މިދިޔަ ހުކުރުދުވަހު ބޭއްވި ސައިކަލް ބުރުގެ ތެރެއިން

އޭދަފުށީ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރުމަކީ ޒައިދަށް ރިސްކެއް ނޫނެވެ. ކޮންމެ ކުލައެއްގައި ނިކުތަސް ރައްޔިތުންނާއި ގުޅިގެން އުޅުމާއި، ޒިންމާދާރު ކަމާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާވާނެކަމަށް ޒައިދު ޤަބޫލުކުރެއެވެ. އެހެންކަމުން ކައުންސިލުގެ ގޮނޑިއެއް ޒައިދަށް ލިބިއްޖެނަމަ ޕާޓީގެ ކުލަ އެއްކިބާކުރާނީ ރަށަށްޓަކައެވެ. ކޮންމެ ކުލައެއްގެ ތަރައްގީ ގެންނަށް ޖެހުނަސް ޒައިދު ހުރީ ތައްޔާރަށެވެ. އޭގެ އެއް ހެއްކަކީ ތަފާތު ފިކުރުގެ މީހުންނާއެކު މަސައްކަތް ކުރުމުގެ ޤާބިލްކަން މިހާރުވެސް ޒައިދުގެ ކިބައިގައި ހުރުމެވެ. ޒައިދަކީ އޭދަފުށީގައި ދާދި ފަހުން އުފެދުނު ވެސްޓް ވިންގްސް ޖަމިއްޔާގެ ވައިސް ޗެއަރޕާސަންގެ މަޤާގް ފުރަމުންދާ ފަރާތްވެސް މެއެވެ. ޖަމިއްޔާއަކަށް ވުމުގެ ކުރިން ހުސް ސޮނގުންގެ ނަމުގައި އޭދަފުށީގައި ހަރަކާތްތެރިވި މި ގްރޫޕުން ރާވާ ހިންގި ހުރިހާ ކަމެއްގައިވެސް ޒައިދު ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ޒައިދު ޤަބޫލުކުރާގޮތުގައި ބޭނުންވަނީ ކެރުމާއި ހިތްވަރެވެ. ބުރަ މަސައްކަތެވެ. ރައްޔިތުންގެ އަޑު އެހުމެވެ. ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިނުމެވެ. އެ ޗެލެންޖަށް ޒައިދު ހުރީ ތައްޔާރަށެވެ. ރައްޔިތުންގެ ލޯބި އޭނާއަށް މިހާރުވެސް ލިބިއްޖެއެވެ. ދެން އޭނާ ބޭނުންވަނީ ރައްޔިތުނަށް އޭނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޒައިދާއެކު އެ އުއްމީދު ހާސިލް ކުރުމަށް އޭދަފުށީ ކައުންސިލަށް 5 ވަނަ ނަންބަރު ކެންޑިޑޭޓް ޒައިދު ޢަލީ އަށް ވޯޓު ދެއްވާށެވެ.

އެޑިޓަރުގެ ނޯޓް: މިއީ ވިޔަފާރި އުސޫލުން ސާއިއުކޮށްދީފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ޒައިދުގެ އުއްމީދުތަކުގައި ކުލަޖެއްސުމަށްޓަކައި ޒައިދަށް ކާމިޔާބު ލިބުމަށް އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.