އެންމެ އުފާވީ މިސް ދެއްވި ކޮމެންޓުން: މުސްތަފާ

މުސްޠަފާ. އޭނާގެ މަސައްކަތަކަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައި. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

އޭނާގެ ވާހަކަ މީގެ ދެތިންދުވަސް ކުރިން “މިހާރު” ނޫހުން ފެނުމުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އުމުރުން އެގާރަ އަހަރުގެ ކުއްޖަކު މިފަހަކަށް އައިސް ރާއްޖޭގައި އިމާމްވެ ތަރާވީޙް ނަމާދުކުރި ވާހަކަ ދިވެހިން އަހާފައެއްނުވެއެވެ. އެ ޚަބަރާއެކު އޭދަފުށީގެ ރައްޔިތުންގެ މެދުގައިވެސް ތަފާތު ބަހުސްތައް ކުރެވެންފެށިއެވެ. އެއް ބަޔަކު އުފާވެރިކަމާއެކު ތަޢުރީފުގެ ބަސްތައް ސޯޝަލް މީޑިޔާގައި އޮއްސަމުންދިޔައިރު އަނެއް ބަޔަކު އެކަމާ ދޭތެރޭ ދެކެމުން އައީ ޝައްކުގެ ނަޒަރަކުންނެވެ. ކުޑަކުއްޖަކަށް އިމާމްވެ ތަރާވީޙު ނަމާދު ކުރެވިދާނެތޯ ބައެއްމީހުން ސުވާލު އުފެއްދިއެވެ. އެކަމަކު މުލަ ރޯދަ ވިލޭރޭ އޭދަފުށި ހުކުރު މިސްކިތުގައި ކުރި ތަރާވީޙު ނަމާދުގައި އިމާމަކަށް ހުރެ އެ ކުޑަކުއްޖާ ދެއްކި ކުޅަދާނަކަމާއެކު މުޅި އޭދަފުށި އޭނާއަށްޓަކައި ފަޚުރުވެރިވެލި އެވެ.

މިއީ އޭދަފުށީގެ ބައްޕައަކާއި އިންޑިޔާގެ މަންމައަކަށް ލިބިފައިހުރި 11 އަހަރުގެ މުސްތަފާ މުހައްމަދުގެ ވާހަކަ އަޅުގަނޑު ފަށަން ބޭނުންވި ގޮތެވެ. ފުރަތަމަ ރޭ ތަރާވީހް ނަމާދުކޮށް ނިމުމާއެކު މުސްތަފާއަށް ލިބުނީ އާދަޔާ ހިލާފް އުފާވެރިކަމެކެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު އޭނާއާ ސަލާންކޮށް ތައުރީފްކޮށް ހަދާނެކަމަކަށް މީގެ ކުރިއަކުން އޭނާ ހިއެއް ނުކުރެއެވެ. މިސްކިތުގެ ޖަމާއަތަށް ގޮސްތިބި ކުދި ބޮޑު އަންހެން ފިރިހެން އެންމެން ކަހަލަގޮތަކަށް އޭނާއާ ސަލާންކޮށް މަރުހަބާ ކިއެވެ. އެ އެންމެންގެ ތެރެއިންވެސް އެކަކު އޭނާ ފާހަގަކުރިއެވެ. އެއީ ތައުލީމީ މަރުކަޒުގައި އޭނާ ކިޔެވިއިރު އޭނާގެ އެއް މުދައްރިސް ޒަމްއަތު އަހުމަދެވެ.

މުސްޠަފާ މަންމަ އަދި ބައްޕައާއެކު އިއްޔެ އީޓީއަށް އިންޓަވިއުދެނީ: އީޓީ ފޮޓޯ/ރާއިފް ޔޫސުފް

“މިސް ބުނި ތީ ބޮޑު ރަންގަނޑެކޭ” މީހަކު ބުނި އެންމެ އުފާވި ވާހަކައަކީ ކޮބައިތޯ އަހާލުމުން މުސްތަފާ ބުންޏެވެ.

މުސްތަފާއަކީ ހަމަ ހަގީގަތުގައިވެސް ރަންގަނޑެކެވެ. އޭނާގެ މަސައްކަތަށް ތައުރީފް ކޮށްފައިވަނީ ހަމައެކަނި އޭދަފުށީގެ ރައްޔިތުންނެއް ނޫނެވެ. މުސްތަފާ ތަރާވީހު ނަމާދު ކުރަމުންދިޔަ މަންޒަރު އީޓީން ލައިވްކޮށް ގެނެސްދިން ވީޑިޔޯ ބެލި އެތައް ހާސް ބަޔެއްގެ ހިތް އޭނާ ފަތަހަކުރިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ހުންނެވި އައްޝައިހް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކް ޕޭޖްގައި އެ ވީޑިއޯ ޝެއާ ކުރައްވަމުން ވިދާޅުވެފައިވަނީ މުސްތަފާއާ ބައްދަލުކޮށްލައްވަން ވަރަށް ބޭނުންފުޅުވާ ކަމަށާއި، އެހާ ކުޑަ ކުއްޖަކު ހިފްޒުކޮށް ރާއްޖޭގައި އިމާމްވެ ނަމާދުކުރުމަކީ މުޅި ރާއްޖެއަށްވެސް ލިބޭ ޝަރަފެއް ކަމަށެވެ.

“މިއީ ވަރަށް އުފާވެރި މަންޒަރެއް،” އިތުރަށް އެ ޕޯސްޓުގައި ޝަހީމް ވިދާޅުވެފައިވެ އެވެ.

މިކަހަލަ ކޮންމެ ބޮޑު ކާމިޔާބެއް ގިނަ ފަހަރަށް އުފަންވަނީ ދަތިތަކާއި، ހަނދާނުންފޮހެލަން އުދަގޫ އެތައް ވާހަކައަކަށް ފަހުއެވެ، މުސްތަފާއަށްވެސް ޖެހުނީ ހަމަ އެ ދަތުރެވެ. ހިތުދަސްކުރަން ފެށިތާ ކުރީކޮޅު ބައެއް މީހުންގެ ދެރަ ބަސްތައްވެސް މުސްތަފާއަށް އަމާޒުވިއެވެ. އެކަމަކު އެކަން އޭނާއަށްވީ ލިބުނު ހިތްވަރަކަށެވެ. ގުރުއާން ހިތުދަސްކޮށް އޭދަފުށީގައި އިމާމްވެ ތަރާވީހް ނަމާދުކުރަން ސާބިތު އަޒުމެއް މުސްތަފާގެ ހިތުގައި ކަނޑައެޅީ އެ ހިސާބުންނެވެ. އެއާއެކު އޭނާ ބޭނުންވީ އިންޑިޔާއަށް ބަދަލުވާށެވެ. އަމާޒަށް ވީހާވެސް އަވަހަކަށް ވާސިލްވުމަށަވެ. އެކަމަކު ދެންވެސް ކުރިމަތިވީ އުނދަގޫ ކޮޅިގަނޑަކާއެވެ. އިންޑިޔާގެ ވިސާ ހަމަނުޖެހިގެން އެތައް ތަކްލީފެއް މުސްތަފާގެ ބައްޕައަށް އުފުލަންޖެހުނެވެ، އިންޑިޔާގައި މުސްތަފާ މިހާރު ކިޔަވަމުންދާ މަދަރުސާއިން ފުރުސަތުނުދޭން އެތައް ބަހަނާއެއް އޭރު ކުރިމަތިކުރިއެވެ. އެކަމަކު މިއަދު މަންޒަރު މުޅިން ތަފާތެވެ. މުސްތަފާއަކީ މިއަދު އެ މަދަރުސާ އެންމެ ފަހުރުވެރިވާ އެއް ދަރިވަރެވެ.

މުސަޠަފާ މަންމަ އަދި ބައްޕައާއެކު: އީޓީފޮޓޯ: ރާއިފް ޔޫސުފް

ގިނަ ފަހަރަށް ކުދިންނަށް ގުރުއާން ހިތުދަސްކޮށްދިނުމަކީ ކުއްޖާގެ މައިންބަފައިން ކަނޑައަޅާ އަޒުމެކެވެ. އެކަމަކު މުސްތަފާ ތަފާތެވެ. ގުރުއާން ހިތުދަސްކުރަން އަޒުމް ކަނޑައެޅީ އޭނާ އަމިއްލައަށެވެ. ހިތުދަސްކުރަން ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ވާހަކަ ބުނީވެސް މުސްތަފާއެވެ. އެންމެ ފުރަތަމަ އެވާހަކަ ބުނިކަމަށްވަނީ އޭނާގެ ކުރީގެ އެއް ގުރުއާން މުދައްރިސް އައްޝައިޚް ޢަބްދުލް މަޖީދު މުހައްމަދު (މަޖީދުބޭ) ގާތުއެވެ.

“މަޖީދުބޭ ކައިރީ އޭނަ ބުނީ އޭނަ ބޭނުންވަނީޔޯ ގުރުއާން ހިތުދަސްކުރަން އިންޑިޔާއަށް ދާން، ގާރީއަކަށް ވާން. ދެން މަޖީދުބޭ ބުނީ މާޖިދާއޭ، އޭނަގެ ހިތުގަ އެ ހިޔާލު އޮތިއްޔާ އޭނަ ގޮވައިގެން ދާށޭ. ދެން ރަންޖައްތަ (މުސްތަފާއަށް ގުރުއާން ކިޔަވައިދިން އެހެން ފަރާތެއް) ވެސް ބުނި އޭނަ ވަރަށް ރަނގަޅޭ އޭނައަށް ރަގަޅަށް ކިޔަވައިދޭށޭ،” އިންޑިޔާއަށް މުސްތަފާ ގެންދަން ނިންމި ސަބަބު ފަރިތަކަމާއެކު ދިވެހިބަހުން ކިޔައިދެމުން މުސްތަފާގެ މަންމަ ބުންޏެވެ.

މުސްތަފާއަކީ އެންމެ ކުޑައިރުއްސުރެވެސް ގުރުއާނަށް ވަރަށް ލޯބިކުރަމުންއައި ކުއްޖެކެވެ. ހަމައެކަނި ގުރުއާނުގެ ފިލިގަނޑަށް އެކަންޏެއް ނޫނެވެ. ގުރުއާންގެ ތަރަޖަމާކިޔުކީ އޭނާގެ ޝައުގަކަށް އޭރުވެސް ވިއެވެ.

“އެންމެ ފުރަތަމަ އޭނަ ބައްޕަޔާއެކު މިސްކިތަށް ގޮސްއުޅޭއިރުވެސް އަބަދު އުޅޭނީ ފޮތްނަގައިގެން ކިޔަވަން. ދެން އޭނަ އަބަދު ބޭނުންވާނީ މިކަންތައްތައް ކިޔަވަން. އެކަނި އިންނައިރުވެސް ތަރުޖަމާފޮތް ވަރަށް ބަލާނެ.” މުސްތަފާގެ އެންމެ ކުޑައިރުގެ ހަނދާންތައް އާކޮށްދެމުން އޭނާގެ މަންމަ މާޖިދާ ބުންޏެވެ.

އެ ވާހަކައާ ބައިވެރިވުމުގެ ގޮތުން މުސްތަފާގެ ބައްޕަ މުހައްމަދު ބުނީ އަދި މާ ޝައުގުވެރިކުރުވި ވާހަކައެކެވެ.
“އެއްދުވަހު މިސްކިތުގަ އިނދެފަ މަބުނީ އަޅެ މުސްތަފާއޭ، މިފޮތުން (ގުރުއާނުގެ ދިވެހި ތަރުޖަމާ) ކުއްވިރަތު ސޫރަތް ކިޔަވާލަބަލާށޭ. ދެން މުސްތަފާ ބުނީ އާއެކޭ. ދެން ބަލާލާފަބުނީ މިއީ ވަރަށް ބިރުބޮޑު ސޫރަތެކޭ، އަޅުގަނޑަކަށް ނުކެރޭނެޔޭ ކިޔާކަށް،” މުސްތަފާއާއެކު މީގެ ހައެއްކަ އަހަރުކުރިން މުހައްމަދު ކުރި ތަޖުރިބާ އީޓީއާ ހިއްސާކުރަމުން ކިޔައިދިނެވެ.

މުސްޠަފާއަށް ލިބިފައި ހުރި ބައެއް ސެޓްފިކެޓްތައް: އީޓީ ފޮޓޯ/ރާއިފް ޔޫސުފް

ގުރުއާން ކިޔެވުމުގެ އިތުރުން ދީނީ ދަރުސް ދިނުމަކީވެސް މުސްތަފާ ވަރަށް ކުރަން ބޭނުންވާ ކަމެކެވެ. މިހާރު އޭނާ ހަމައެކަނި ދަރުސް އަޑު އަހަނީއެއްވެސް ނޫނެވެ. މުޅި ދަރުސްތައް އެއްކޮށް ހިތުދަސްވެސް ކުރަނީއެވެ.

މަލިޔާޅަމް ބަހުން އޮތަސް އޭނާއަކަށް މައްސަލައަކަށް ނުވެއެވެ. ހިތުދަސްކުރުމަކީ އޭނާއަށް އެހާވެސް ފަސޭހަ ކަމެކެވެ. އެހާ އަވަހަށް ގުރުއާން އެއްކޮށް ހިތުދަސްކުރެވުމުގެ އެއް ސިއްރަކީ އެއީ ކަމުގައި ގަބޫލުކުރެވެއެވެ

“އެއްގަޑިއިރު ދެގަޑިއިރު ތެރޭގައި ތިން ސަފްހާ ދަސްކުރަން” ގުރުއާން ހިތުދަސްކުރަމުންއައި ސްޕީޑް އަންގައިދިނުމުގެ ގޮތުން މުސްތަފާ ބުންޏެވެ.

މުސްތަފާގެ އެ ހުނަރާއި، މިހާރު ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު އޭނާއަކީ މުސްތަގްބަލުގައި ވަރުގަދަ ސަހުޝިއްޔަތަކަށް ވެދާނެ ކުއްޖެއްކަމަށް ގިނަ ބަޔަކު މިހާރުވެސް ގަބޫލުކުރެއެވެ. އީޓީ ގެ ފަރާތުން އަބަދުވެސް މުސްތަފާއަށް ކާމިޔާބަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.