އެންމެ ހެޔޮ އެއް މަސައްކަތުގައި 10 އަހަރު

ރޯދަ ވީއްލުން އިންތިޒާމުކުރުމުގައި އަބްދުﷲ މިސްކިތުގައި. ފޮޓޯ/ތޯރިގް

ބައެއް ހިދުމަތްތެރިންގެ މަސައްކަތަކީ އެހާ ގިނަ ބަޔަކަށް އެގޭ މަސައްކަތްތަކެއް ނޫނެވެ. އެކަމަކު އެއީ ފަހަރެއްގައިވެސް އެމީހުންގެ މަސައްކަތުގެ އަގެއް ނެތިގެނެއްނޫނެވެ. މުހިއްމުކަން ކުޑަވެގެންނެއްވެސް ނޫނެވެ. ބައެއް މަސައްކަތްތަކަކީ ވަކި ބަޔަކަށް އަމާޒުވެގެން ކުރާ ކަންކަމަށްވާތީ ބައެއް ފަހަރު އެކަންކަން ގިނަ ބަޔަކަށް ނޭގި އޮންނަނީ އެވެ. މިރަށު އަރާއިރު ޢަބްދުﷲ ޖަމީލް (އަބުއްޅޮ) އަކީ އެފަދަ މަސައްކަތެއް ކުރަމުންއަންނަ ހިދުމަތްތެރިއެކެވެ. އެއީ މިސްކިތަށް އަންނަ ފަރާތްތަކަށް ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

އޭދަފުށި މަލްޓިޕާޕަސް ބިލްޑިން ގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޢަބްދުﷲ ޖަމީލްގެ އެ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެކެވެ. އާއްމުކޮށް އެބާވަތުގެ މަސައްކަތްކޮށް އުޅޭތަން ފެންނަނީ ވިޔަފާރިވެރިންނެވެ. ނުވަތަ މުއްސަނދިންނެވެ. އެކަކު އާދައިގެ ވަޒީފާއެއްގައި އުޅެމުން އެފަދަ މަސައްކަތެއް މެދުނުކެނޑި ދިހަވަރަކަށް އަހަރު ކުރުމުން އޭނާ މާބޮޑަށްވެސް ހާއްސަވީ އެވެ.

މީގެ ދިހަވަރަކަށް އަހަރުކުރިން މިރަށު މަސްޖިދު ޔޫސުފްގައި ރޯދަވީއްލުމުގެ އިންތިޒާމް ޢަބްދުﷲ ހަމަޖައްސައި ދޭންފެށީ އެއީ ދަރުމައާއި ސަވާބު އިތުރުވެގެންވާ މަސައްކަތެއްކަން އޭނާ އަށް އިހްސާސްކ ުރެވުމުންނެވެ. އޭރު އޭނާ އަދާކުރަމުން އައީ ބ. އަތޮޅު އޮފީހުގެ ވޮޗަރެއްގެ ވަޒީފާއެވެ. އެ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސްކުރުމާއެކު ސިވިލް ސާވިސްގައި ޢަބްދުﷲ އަދާކުރަމުންއައި ދާއިމީ ވަޒީފާ އެ ހިސާބުން ގެއްލުނެވެ. އެއާއެކު ކުރިން ލިބެމުންއައި އާމްދަނީއަށް ހީނަރުކަމެއް އައެވެ. އެކަމަކު އެންމެ ފުރަތަމަ ދުވަހުވެސް ޢަބްދުﷲގެ ހިތުގައި ކަނޑައެޅި އަޒުމަކަށް ބަދަލެއް ނުގެނެ އެވެ. ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގައި އޭނާ ސާބިތުކަމާއެކު ދެމިހުއްޓެވެ.

ވޭތުވެދިޔަ ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި މަޣްރިބް ނަމާދުގެ ޖަމާއަތަށް މިސްކިތަށް އަންނަ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަހަރު އަދި ވަކިން އެއަދަދު އިތުރުކަން ޢަބްދުﷲ ފާހަގަކުރިއެވެ. ގިނަ ބަޔަކަށް ހިދުމަތްދެވުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. އެކަމަކު އެއަށްވުރެވެސް ބޮޑު ހިތްހަމަޖެހުމެއް އޭނާގެ އެބައޮތެވެ. އެއީ ކޮންމެ ދުވަހަކު ހިދުމަތްދޭން އޭނާއަށް ހުރެވުމެވެ. ޢަބްދުﷲ ގެ މަސައްކަތް ފެށިފަހުން ދިހަ ވަރަކަށް ރޯދަމަސް ފާއިތުވެގެންދިޔައިރު އޭނާ އެތަނުގައި ހާޒިރުވެނެތް އެންމެ ދުވަހެއްވެސް އަދި ނުދެއެވެ. އެއީވެސް އާދައިގެ ކަމެއްނޫނެވެ.

ރޯދަ ވީއްލުން އިންތިޒާމުކުރުމުގައި އަބްދުﷲ މިސްކިތުގައި. ފޮޓޯ/ތޯރިގް

މިސްކިތަށްދާ މީހުން ރޯދަވީއްލުމަށްޓަކައ އާންމުގޮތެއްގައި އަބްދުﷲ ގެންދަނީ ކަދުރާއި، ފަންޏެވެ. ކަދުރުން ހުންނަނީ އޮށް ނަގާފައެވެ.

“ގާތްގަނޑަކަށް ކިލޯއެއްގެ ކަދުރު މިހާރު ދޭ ދުވާލަކަށް” ޢަބްދުﷲ ބުންޏެވެ.

ފަނި ގެންދާއިރު ޖެހިޖެހިގެން ދެ ދުވަހު އެއް ވައްތަރެއް ނުގެންގޮސްވޭތޯ އޭނާ ބަލައެވެ. ބޮޑަށް އިސްކަންދެނީ ދަޅުގައި ބަންދުކޮށްފައިވާ މޭވާގެ ބަދަލުގައި ތާޒާ މޭވާގެ ބާވަތްތަކުގައި ފަނި ގިރުމަށެވެ. ވީވެސް ރަހަ މީރުކުރުމަށެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕްގެ ރަންމެޑަލް ހޯދި ގައުމީޓީމުގެ އިތުބާރު ޑިފެންޑަރު މުޙައްމަދު ޖަމީލް (ޖަންބޭ) ގެ އެއްބަނޑު އެއްބަފާ ބޭބެ ޢަބްދުﷲ އަށްް ފާހަގަކުރެވުނު އެއް ކަމެއްގެ ވާހަކަ ޢަބްދުﷲ ބުނެލިއެވެ.

“އެންމެ ހިނގަނީ ރޯސް ސިރަޕް”

އެއީ ހަމަ ތެދެކެވެ. ގިނަ ދިވެހިންނަށް ރޯސް ސިރަޕަކީ މީރު ބުއިމެކެވެ.

ކޮންމެ ރޯދަމަހެއް އައުމާއެކު ޢަބްދުﷲ އެންމެ އިސްކަމެއްދޭ އެއްކަމަކީ މިއެވެ. ފަނި ގިރަން ބޭނުންވާ ތަކެތި މާކުރިން ހޯދާ ގެއަށް ޖަމާކުރެ އެވެ. މޭވާ ނުލިބިގެން މަސައްކަތަށް ހީނަރުކަމެއް އަޔަކަނެދެއެވެ.

“ހައެއްކަ ދުވަސްކުރިން އަބަދުވެސް އެދުވަހަކަށް ފަނިގިރަން ބޭނުންވާ ތަކެތި ހޯދާފަ ބަހައްޓަނީ” މަސައްކަތް ކުރިއަށް ރާވާ ގޮތް ކިޔައިދެމުން ޢަބްދުﷲ ބުންޏެވެ. ކަދުރުގެ ބާވަތްތައް ހޯދާއިރުވެސް ވީހާވެސް މީރު ކަދުރެއް ހޯދޭތޯ އޭނާ ބަލައެވެ. ރޯދަވީއްލަން ދިނުމަކީ ނަމަކަށް ކުރާ މަސައްކަތަކަށް ނުހެދުމަށެވެ.

ރޯދަވީއްލުމަށް ބޭނުންވާ ތަކެތި މިސްކިތް ދޮށަށް ގެންދިޔުމާއި، އެތަކެތި އެތަނުގައި އިންތިޒާމްކުރުމުގައި ޢަބްދުﷲ އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ ޅިޔަނު މިރަށު އިރުމަތީގޭ އިސްމާޢިލް ޢަލީ ގެ ފަރާތުންނެވެ. މީގެ އިތުރުން މިރަށު ފެންފިޔާޒްގޭ ނާފިއު ގެ ނަންވެސް އޭނާ ފާހަގަކުރި އެވެ.

ރޯދަވީއްލަން މީހަކަށް އެއްޗެއް ދިނުމަކީ ވަރަށް މަތިވެރި ދަރުމައާ ސަވާބު ހުރި ކަމެކެވެ. ޢަބްދުﷲ ޖަމީލްގެ މި އަގުހުރި މަސައްކަތް ހުއްޓާނުލައި މިހާތަނަށްވެސް ކުރިއަށް ގެންދިޔައީ އެ ސަބަބަށްޓަކައެވެ. މިއަދުވެސް އޭނާ ހުރީ އެންމެ ފުރަތަމަ ދުވަހުވެސް ހުރި އަޒުމުގައެވެ.

“މިކަން ހުއްޓާލާކަށް ގަސްދެއް ނުކުރަން” ޢަބްދުﷲ ބުންޏެވެ.

އީޓީގެ ފަރާތުން ޢަބްދުﷲ ގެ މަސައްކަތަށް އައްސަރިބަހާ ސާބަސް ރައްދުކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.