ތަރުބަވީ އެހީ: ބުނާގޮތަށް ކުދިން ކަންކަން ނުކުރަނީ ކީއްވެ؟

ކުދިންގާތު ކަމެއް ކުރުމަށް ބުނާނަމަ އެކަމެއް އެކުދިން ކުރަންވީގޮތް ވަރަށް ސާފުކޮށް ކިޔައިދޭންވާނެ އެވެ. މިސާލަކަށް ތިމާބޭނުންވަނީ ތިމާގެ ދަރިފުޅު ކުޅެނިންމުމަށްފަހު ޓީވީ ބަލަން އީށީނުމުގެ ކުރިން އޭނާލައްވާ ކުއްޖާގެންގުޅުނު ކުޅޭ ތަކެތި ތަރުތީބުކޮށް ބަހައްޓަން ކަމަށްވާނަމަ ތިމާ ބޭނުންވާގޮތް އޭނާގާތު ވަރަށް ތަފްސީލުކޮށް ކިޔައިދޭށެވެ. އެކަން ކުރުވަން ބޭނުންވަނީ ޕްރީސްކޫލް އުމުރުގެ ކުއްޖެއްލައްވާ ކަމަށްވާނަމަ އެކަމުގެ މުހިންމުކަން އަދި މާބޮޑުވާނެއެވެ. ކުޅެންގެންގުޅުނު ތަކެތި ތަރުތީބުކޮށްލުމޭ ބުނުމުން އެބުނީ ކީކޭކަން ތިމާއަށް ވަރަށް ރަނގަޅަން އެނގޭނެއެވެ. އެއީ ތިމާއަށް އެބުނި އެއްޗަކުން ދޭހަވާމާނަ ރަނގަޅަށް އެނގޭތީއެވެ. އަދި ތަރުތީބުކޮށްލީމާ އެތަނެއް އޮންނާނެ ގޮތް ތިމާގެ ހިތައް ތަސައްވުރު ކުރެވޭނެތީއެވެ. އެކަމަކު ކުޑަކުއްޖަކަށް ހާއްސަކޮށް 5 އަހަރު ނުވަތަ 6 އަހަރުގެ ތުއްތު ކުއްޖާއަށް ރީތިކޮށް ތަނެއް ބޭއްވީމާ އޮންނާނެ ގޮތް ސިކުނޑިއަށް ނަގައި ނުގަނެވިދާނެއެވެ. ހާއްސަކޮށް ކުރިން އެކަން އޭނާއަށް ސިފަކޮށްދެވިފައި ނުވާނަމައެވެ. އެހެންކަމުން ކުޅެންގެންގުޅުނު ތަކެތި ރީތިކޮށް ތަރުތީބުކޮށްލީމާ އޮންނާނީ ކޮންގޮތަކަށް ކުއްޖާ ކަންތައްތައް ކުރީމާކަން އަމިއްލައަށް ދެނެގަނެވޭނެ ފަދަ ސާފުއިބާރާތުން ކުއްޖާގާތު ބުނެފިނަމަ އޭނާއަށްވެސް އެކަން ކުރަން ދަސްވާނެއެވެ. ހަމައެކަނި ކުޅޭ އެއްޗެތި ރިތިކޮށް ތަރުތީބުކޮށްލަން ކުއްޖާގާތު ބުނުމުގެ ބަދަލުގައި މިފަދަ އިބާރާތްތަކުން ކުއްޖާގާތު އެވާހަކަ ބުނެވިދާނެއެވެ.

“ދަރިފުޅާ! ކުޅެންގެންގުޅުނު ހުރިހާއެއްޗެއް ތަޅުންގަނޑުމަތިން ނަގާފަ ކުޑަދޮރު ކައިރީގައި އެހެރަ ފޮއްޓަށް އަޅާލާ އިނގޭ. ދެން ދަރިފުޅު ތިގެންގުޅޭ އައިނާއި ތޮފި ޓީވީ ކައިރީގައި އެހެރަ ކަބަޑަށްލާފަ އައިސް ޓީވީ ބަލަން މިތާ ގޮނޑީގައި މަޑުމަޑުން ބަސްއަހއިގެން އިށީނދޭ އިގޭ ” މިގޮތަށް ތަފްސީލްކޮށް ކުއްޖާއަށް ކަންކުރަންވީގޮތް ބުނެދެވިފަވާނަމަ ތިމާގެ ދަރިފުޅު ލައްވާ ތިމާ ކުރުވަން ބޭނުންވާ ކަންތައްތައް ފާސޭހައިން އޭނާއަށް ނަގައިގަނެވި އެކަން ފުރިހަމައަށް ކޮން ނިންމާނެއެވެ. އަދި އޭނާއަށް ޓީވީ ބެލުމުގެ ފުރުސަތު އޮތީ އޭނާގެ މަންމަ ނުވަތަ ބައްޕަ އެބުނާ ކަންތައްތައް ފުރިހަމަކޮށްގެން ކަން އޭނާއަށް ވިސްނޭނެއެވެ. އެކަމަކު ކުރީގެ އާރިކަލްއެއްގައި ދަންނަވާފައިވާނެފަދައިން ދެއަހަރު ނުވަތަ ތިން އަހަރުކުދިންގާތު މިގޮތަށް އަމަލުކޮށް ނަތީޖާއެއް ނުކުތުން ދުރެވެ. އެ އުމުރުގެ ކުދިންނާ ވާހަކަދައްކާއިރު ބޭނުންކުރަންވާނީ ވަރަށް ކުރު އިބާރާތްތަކެވެ.

ކުދިންގާތުގައި ކަމެއްކުރަން ބުނުމުން ބައެއް ފަހަރަށް ބެލެނިވެރިޔާ ބޭނުންވާގޮތަށް ކޮންމެފަހަރަކު ނުކުރަނީ އެކަން އެގޮތައް ކުރަން ބޭނުންނުވާތީ ކަމުގައި ނުވެދާނެއެވެ. އަދި އެހެން އެވި ކުއްޖާއަށް ކުރަންވީ ކޮން ކަމެއްކަން ރަގަޅަށް އެގިފައި ނެތީމަކަމަށްވެސް ވެދާނެއެވެ. އެކަމަކު ބައެއް ފަހަރު ބެލެނިވެރިންނަށް ކުއްޖާއެކަމެއް ނުކުރުމުން ރުޅިއައިސް ކުއްޖާއަށް އެއްޗެހިގޮވޭ ފަހަރުވެސް އެބައާދެއެވެ. މިގޮތުން މިފަދަ އިބާރާތްތަކުން ކުއްޖާއާ ބައެއްފަހަރު މުހާތަބް ކުރާތަން އާދެއެވެ. ” ކިތައްފަހަރު މަރިޔަމްގާތު ބުނެފިން މިހާރު ކުޅެނިންމާފަ މިތަން ރީތިކޮށް ބާއްވާށޭ. މަރިޔަމް ހުންނަނީ ކަންފަތެއް ނޫންތަ؟ ” ތެދެކެވެ. ބެލެނިވެރިޔާ ކުއްޖާގާތު އެތައް ފަހަރަކު އެކަން ކުރަން ބުނެފައި އޮވެދާނެއެވެ. އެކަމަކު ކުއްޖާގާތު އެކަން ކުރާނެގޮތް ތަފްސީލްކޮށް ކިޔައި ނުދެވި އޮތްނަމަ ދެކަންފަތް ހުއްޓަސް ބެލެނިވެރިޔާ ބޭނުންވާގޮތަށް އެކަމެއް ކުރަން ކުއްޖާއަށް ނޭގިދާނެއެވެ.

ކަންތައްތައް ކުރުމުގައި ކުދިންގެ އެއްބާރުލުން ހޯދުމަށްޓަކައި ކުދިންނާ މުޚާތަބު ކުރެވޭ ގޮތް ވަރަށް މުޙިންމެވެ. އެދެވޭ ގޮތަކަށް ކުދިންނާ މުޙާތަބު ކުރެވޭނަމަ އެދެވޭ ނަތީޖާ ފެންނާނެއެވެ. ރުޅި އަތުވެއްޖެނަމަ ތިމާގެ ދަރިފުޅު ދެރަވެދާނެއެވެ. ރުޅިއަންނަކަން އިހްސާސް ކުރެވިއްޖެނަމަ ކުއްޖާއާ ވާހަކަ ދެއްކުމުގެ ކުރިން ހަމަޖެހިލުމަށް ވަގުތުކޮޅެއް ނަގާށެވެ. ފުންކޮށް ނޭވާލުން ނުވަތަ ކުޑަވަގުތުކޮޅަކަށް ދުރަށްޖެހިލުން ރަގަޅުވާނެއެވެ. ޢަމަލު ކުރުމުގެ ކުރިން އޭގެ ނަތީޖާއާމެދު ވިސްނުން ވަރަށް މުހިއްމެވެ..

ކުއްޖާއާ ވާހަކަ ދައްކާއިރު ގާތްވެލުމަށްފަހު އޭނާއާ އެއްވަރަށް ތިރިވެލާ އަދި ހަތަރުކަޅި ހަމަކޮށްލުމަށްފަހު އޭނާގެ ނަން ބޭނުންކޮށްގެން ވާހަކަދެއްކުން ވަރަށް މުހިއްމެވެ.މިސާލު: “ޝީޒާ! މިހާރު އެހެރަ މާމަ ގެއަށްދާ ަޑި ޖެހުނީ ކުޅޭ އެއްޗިހިތައް ވަށިގަނޑަށް އަޅަންވީނުދޯ؟ ” މިގޮތަށް ކުއްޖާ ލައްވައި ކަމެއް ކުރުވާނަމަ ކުރަން ހަވާލުކުރި މަސައްކަތް ކުރޭތޯ ބަލަން އިރުކޮޅަކު ކައިރީގައި މަޑުކޮށްލާށެވެ. އަދި ބުނެފައިވާ ގޮތަށް ކަންތައް ކުރަން ފެށުމުން ތައުރީފްކޮށް ހިތްވަރުދޭށެވެ. މިސާލަކަށް: “ހާދަ ރަގަޅޭ. ކުޅޭ އެއްޗިހިތައް ވަށިގަނޑަށް އަޅާ ނިމެނީދޯ.” މިފަދަ އިބާރާތްތަކުން ކުއްޖާއާއި މުހާތަބް ކުރެވިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.