ހަނދުގައި ގިނަ މިންވަރަކަށް ފެން އެބަހުރިކަން، އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ ކަމަށް ސައިންސްވެރިން ވިދާޅުވެއްޖެއެވެ. އަދި މި ފޮޓޯތަކުން ހަނދުގެ ފަސްގަނޑާ ބެހޭ އިތުރު މައުލޫމާތުތައް ވެސް ލިބިފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
މީގެ އިތުރުން ހަނދުގެ އެތެރެ ހުންނާނެ ގޮތް ލަފާ ކުރަން ވެސް ފަސޭހަ ވެއްޖެ ކަމަށް ވެއެވެ.
މީގެ ކުރިން ބެލެވިފައިވަނީ ހަނދަކީ ވަރަށް ހަނަފަސް ތަނެއްގެ ގޮތުގައެވެ. އަދި ދަމާބާރު ނުވަތަ ގްރެވިޓީ ދަށް ކަމުން ފެން އޭގެ ޒާތުގައި ދެމި ނުހުންނަ ކަމަށެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން 2009 ގައި ވަނީ ހަނދުގެ ދެކުނު ބިތަށް އުޅަނދެއް ފޮނުވައިފައެވެ. އެ ފަހަރު ގަނޑު ފެން ހުރިކަން ވަނީ ކަށަވަރު ވެފައެވެ. އަދި މިއީ އެތައް ބިލިއަން އަހަރެއް ވެފައިވާ ފެން ކަމަށް ވެސް ނާސާއިން ބުނެފައިވެއެވެ.
ހަނދުގައި ހުރި ފެނުގެ ހަގީގަތް އަދިވެސް ނުހޯދެއެވެ. ބްރައުން ޔުނިވާސިޓީގެ ޝުއައި ލީ ވިދާޅުވީ ހަނދުގައި ހުރި ފެނަކީ ދުނިޔެއިން ފޯރި ފެން ތޯ ނުވަތަ ދުންތަރިން ފައިބާފައިވާ ފެންކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.