ކުދިން ދިރިއުޅޭ މާހައުލުން ފެންނަ ކަންތައްތަކަކީ ރަނގަޅު ކަންތައްތަކެއް ކަމަށް ހަދާށެވެ

ކުޑަކުދިން ޓީވީ ބަލަނީ

މިއީ ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރާ އޭދަފުށީ ޓައިމްސް ގުޅިގެން ގެނެސްދޭ ހާއްސަ މައުލޫމާތުތަކުގެ 6 ވަނަ ބޮޅެވެ:

މި ސިލްސިލާގެ ދަށުން މީގެ ކުރިން ގެނެސްދެވުނު އާރޓިކަލްއެއްގައި ވެސް ދެންނެވިފައިވާނެ ފަދައިން ކުދިން ދަސްކުރާނީ އެ ކުދިންގެ މާހައުލުން ފެންނަ ކަންތައްތަކެވެ. ކުދިން ގިނަ ވަގުތު ހޭދަ ކުރަނީ މައިންބަފައިންނާ އެކުގައި ކަމަށްވާ ނަމަ އެ ކުދިން ދަސްކުރާނީ އެ މީހުންގެ ފަރާތުން ފެންނަ ކަންތައްތަކެވެ. ގެއިން ބޭރުގައި ނަމަ އެންމެ ގިނަ އިރު އެ އުޅޭ ތަނަކުން ފެންނަ ކަންތައްތަކެވެ.

ކުދިން ތައުލީމު ހާސިލް ކުރުމަށްޓަކައި ސްކޫލަށް ފޮނުވަން އެބަ ޖެހެ އެވެ. އެހެން މީހުންނާ އެކު އުޅުމާއި ތަފާތު ކަންތައްތައް ދަސްކުރުމަށް ބޭރަށް ދިޔުމުގެ ފުރުސަތު ވެސް ދޭން ޖެހެ އެވެ. މި ފަދަ ބޭނުންތަކުގައި ގެއިން ބޭރުގައި ކުދިން އުޅޭ ވަގުތުތަކުގައި ކުދިންނަށް ފެންނަ ކަންތައްތަކާ މެދު ތިމާގެ އަމިއްލަ ބާރެއް ފޯރުވުމުގެ މާ ބޮޑު ފުރުސަތެއް ނެތް ނަމަވެސް ގޭތެރޭގެ މާހައުލުން ކުއްޖާ އަށް ފެންނަ ކަންތައްތަކަކީ ރަނގަޅު ކަންތައްތައް ކަމަށް ހެދުމަށް މަސައްކަތް ކުރާށެވެ.

މި ގޮތުން ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ މައިންބަފައިންގެ ފަރާތުން ކުދިންނަށް ނަމޫނާ ދެއްކުމެވެ. ތިމާގެ ދަރިންނަކީ ދީނަށް ލޯބި ކުރާ ހުލްގް ހެޔޮ ބަޔަކު ކަމަށް ވާން ބޭނުން ނަމަ އެންމެ ފުރަތަމަ ތިމާ އަކީ ދީނަށް ލޯބި ކުރާ ހުލްޤް ހެޔޮ މީހަކަށް ވާން ޖެހެ އެވެ. އެ ކަން ތިމާގެ އަމަލުތަކުން ކުއްޖާ އަށް ދައްކައިދޭން އެބަ ޖެހެ އެވެ.

އީ.އެސް.ޕީ.އެން އިން ދައްކަމުން އަންނަ އިނގިރޭސި ޕްރިމިއަރ ލީގުގެ ފުޓްބޯޅަ މެޗެއް ބަލަން އިނދެ ބައްޕަ އޭނާގެ ދަރިފުޅު ގާތު “ދަރިފުޅާއޭ ނަމާދަށް ދާށޭ، އެ ގޮވީ ބަންގިއޭ” ބުނެ ދަރިފުޅު ފޮނުވާލާ އިރު ކުއްޖާގެ ހިތުގައި ވެސް ހަމަ ސުވާލެއް އުފެދުން އެކަށީގެންވޭ ދެއްތޯ އެވެ؟ އަދި ކުއްޖާ ނަމާދުކޮށް ނިމިގެން އެނބުރި ގެ އަށް އަންނަ އިރު ވެސް ބައްޕަ ހަމަ އެ އިން ގޮތަށް މެޗަށް ގެއްލިފައި އިނުމުން މި ސުވާލު ކުއްޖާގެ ހިތު ތެރޭގައި ތަކުރާރު ވުމަށް ގިނަ ފަހަރަށް މަޖްބޫރު ކުރުވަ އެވެ.

“ބައްޕަ ނަމާދަށް ނުދަނީ ކީއްވެ ބާ އެވެ؟” އޭގެ ޖަވާބެއް ކަމަށް ބައެއް ކުދިންނަށް ވިސްނެނީ ނަމާދު ކުރުމަކީ އެހާ މުހިންމު ކަމަކަށް ނުވާތީ ބައްޕަ ނުކުރަނީ ކަމަށެވެ. އެހާ ހިސާބުން ނަމާދުގެ މުހިންމު ކަމާ މެދު ކުއްޖާގެ ހިތުގައި ޝައްކު އުފެދެން ފަށަ އެވެ. ނަތީޖާއަކަށް ވެގެން ދަނީ ކުއްޖާ ނަމާދަށް ފަރުވާކުޑަ ކުރުމެވެ. ހަމައެކަނި ބައްޕަ ބުނީތީ ބައްޕަ ހިތްހަމަޖެއްސުމަށްޓަކައި ނުވަތަ ބައްޕަ ދެކެ ގަންނަ ބިރެއްގެ ސަބަބުން ކުރާ ކަމެއްގެ ގޮތުގައި ނަމާދު ވެގެން ދިޔުމެވެ. އޭގެ ބަދަލުގައި ދަރިފުޅާއެކު ބައްޕަ ވެސް ނަމާދަށް ދިޔުން އާދަކޮށްފި ނަމަ އޭގެ ސަބަބުން ކުދިންނަށް ހެޔޮ އަސަރު ނުކޮށެއް ނުދާނެ އެވެ.

ކުދިންނަކީ ބަސްއަހާ ބަޔަކަށް ހެދުމަށްޓަކައި މަންމަ އާއި ބައްޕަ އަކީ ވެސް ހަމަޖެހިގެން ދިރިއުޅޭ ދެމަފިރިންނަށް ވާން ޖެހެ އެވެ. ކުދިންގެ ކުރިމަތީގައި އެކަކު އަނެކަކަށް ޒުވާބުކޮށް ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ ނަމަ ކުދިންނަށް ވެސް އެ ކަންކަން ދަސްވާނެ އެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ހުތުރު ބަސްތައް ކިޔައި އަތް އިސްކޮށް ހަދާ ނަމަ ކުދިންނަށް ވިސްނޭނީ އެއީ ރުޅިއައުމުން އެންމެން ވެސް ކަންތައް ކުރަންވީ ގޮތް ކަމަށެވެ.

ޓީވީ އާއި އިންޓަރނެޓަކީ މި ފަހަކަށް އައިސް ކުދިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗަކަށް ވީ ހިނދު އެ ފަދަ ވަސީލަތްތަކުގެ ބޭނުން ކުއްޖާ ހިފަނީ ކިހިނެއް ތޯ މައިންބަފައިން ބަލަން އެބަ ޖެހެ އެވެ. ބައެއް މީހުން ބުނެ އުޅެ އެވެ: “މިވެނި މީހަކީ ހާދަހާ ރަނގަޅު މީހެކެވެ. އެކަމަކު އޭނާގެ ދަރިފުޅު ބަލާބަލާށެވެ. އޭނާގެ ދަރިއެކޭ ވެސް މީހަކު ނުބުނާނެ އެވެ.” އެކަމަކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކުއްޖާ އަށް ނުފޫޒް ފޯރަނީ ހަމައެކަނި މައިން ބަފައިންގެ ފަރާތުން ނޫން ކަމެވެ. ޓީވީ އާއި އިންޓަރނެޓް ފަދަ ވަސީލަތްތަކަކީ ކުދިންގެ ހިތް ދަމައިގަތުމުގެ ބާރު ލިބިފައިވާ 2 އެއްޗެވެ. އެ ކަމާ މެދު މައިންބަފައިން ސަމާލު ނުވެއްޖެ ނަމަ ކިތަންމެ ރަނގަޅު މަންމައަކާއި ބައްޕައަކަށް ލިބިފައި ހުރި ދަރިއަކު ވެސް ގޯސްވަމުން ދިޔުމަކީ ހަމަ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.