ސަމާލުވޭ! ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ

އޮޅުވާލައިގެން ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހިއްސާކުރަން އެދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ކަސްޓަމަރުންނަށް ގުޅަމުންދާނީ ސަމާލުވުމަށް އެ ބޭންކުން އެދިއްޖެ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު ހޯދަން މޮބައިލް ނަންބަރަކުން ނުގުޅާނެ ކަމަށެވެ. އެހެންކަމުން ބޭންކުގެ ނަމުގައި އެފަދަ މައުލޫމާތެއް ހޯދަން އެދުނަސް ހިއްސާނުކުރަން އެ ބޭންކުން އެދެ އެވެ.

“ކަސްޓަމަރުންގެ އިތުރުބާރު ހޯދުމުގެ ގޮތުން މިފަދަ ފަރާތްތަކުން ކާޑުގެ ފުރަތަމަ 6 އަކުރު ބުނެދީފާނެ. ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ޑެބިޓް ކާޑެއްގެ ވެސް ފުރަތަމަ 6 އަކުރު އެއްގޮތް ވާނެ. ޑެބިޓް ނުވަތަ ކުރެޑިޓް ކާޑް ނަންބަރު ހިއްސާ ނުކުރާތި! ކާޑުގެ ނުފުށުގައި ހިމެނޭ 3 އަކުރުގެ ސީވީސީ ކޯޑް ހިއްސާ ނުކުރާތި!،” ބީއެމްއެލް އިން ބުންޏެވެ.

އަދި ބީއެމްއެލް ނުވަތަ ބީއެމްއެލް އާ ގުޅުންހުރި ނަމްބަރެއް ކަމަށް އެ މެސެޖް ލިބޭ ފަރާތަށް ފެންނަ ގޮތަށް މެސެޖް ކުރެވޭ ތަފާތު އެޕްލިކޭޝަންތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ބޭނުންކުރަމުންދާތީ އެކަމަށްވެސް ކަސްޓަމަރުން ސަމާލުވުމަށް ބީއެމްއެލްއިން އެދެއެވެ.

“އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން މިފަދަ ކޯލް އަދި މެސެޖުތަކަށް ޖަވާބު ނުދެއްވުމެވެ.” ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ މައުލޫމާތު ހޯދަނީ ބޭންކުން ކަމަށް ހީވިކަމުގައި ވިޔަސް ކާޑުގެ އެއްވެސް މައުލޫމާތެއް ނުދިނުމަށް ދަންނަވާކަމަށާއި ބީއެމްއެލްއިން އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މައުލޫމާތު ނުހޯދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.