ދިރާގު: ގައުމީ ހިދުމަތުގައި ކާމިޔާބު 30 އަހަރު

މިއަދަކީ ރާއްޖޭގެ މުވާސަލާތީ ސިނާއަތްއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ބައިވެރިޔާ، ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ޤައުމީ ހިދުމަތުގައި ފަހުރުވެރި 30 އަހަރު ފުރުނު ދުވަހެވެ.

ކުންފުނީގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދިރާގުގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ކުލަގަދަ ގޮތެއްގައި ބާއްވާފައިއެވެ.
މީގެ އިތުރުން މި އުފާވެރި ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ ވަރަށް ހާއްސަ ޕްރޮމޯޝަން ތަކާއި ހަދިޔާތައް ދޭން ނިންމާފައިއެވެ.

އެގޮތުން 30 ވަނަ އަހަރީ ދުވަހުގެ މުނާސަބު ބޮޑެތި ހަދިޔާތަކުގެ ތެރޭގައި ދިރާގުން ވަނީ ނަސީބުވެރި 30 ފަރާތަކަށް ބޭނުން 30 މަންޒިލަކަށް ހުރިހާ ހަރަދެއް ހިމެނޭ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިއެވެ. ގުރުވަތު ލުމަކުން ހޮވާލެވޭ މި އަގު ހުރި އިނާމު ހޯދުމަށް ދިރާގު ހުރިހާ ކަސްޓަމަރުންނަށްވެސް ބައިވެރި ވެވޭނެއެވެ. އެހެންކަމުން މި ގުރުވަތު ލުމުގައި ބައިވެރި ވުމަށް ކަސްޓަމަރުން އެއްވެސް ކަމެއް ކުރައްވާކަށް ޖެހިވަޑައިނުގަންނަވާނެއެވެ.

މީގެ އިތުރުން، މި ދުވަހުގެ މުނާސަބަތުގައި، ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ފެށުނު އޮކްޓޯބަރ މަހު %30 އިތުރު ޑޭޓާ ހަދިޔާ ކުރަން ވަނީ ހަމަ ޖައްސައިފި އެވެ.

އަދި ހަމަ އެއާއެކު ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް 1 ޖީބީ ޑޭޓާ މުޅިން ހިލޭ ދިމުނަށްވެސް ވަނީ ނިންމާފައިއެވެ. މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއި އެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ހޯއްދެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެއްވުމަށް އެސްއެމްއެސް ފޮނުއްވާނީ “ADD D1GB” ޖައްސަވާފައި 343 އަށެވެ. މި ޑޭޓާ ޕެކް އޮކްޓޯބަރ 1 2018 އަދި އޮކްޓޯބަރ 3 2018 އަށް އެކްޓިވޭޓް ކުރެއްވޭނެއެވެ. އަދި އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެއްވޭނެއެވެ.

މީގެއިތުރުން އަހަރީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައިވެސް ވަނީ ޕްރޮމޯޝަނެއް ފަށާފައިއެވެ. އެގޮތުން، ދިރާގު ފޭސްބުކް، ޓްވިޓާ އަދި އިންސްޓާގްރާމްގައި ދިރާގުގެ އަހަރީ ދުވަހުގެ ޕްރޮމޯ ޕޯސްޓަށް، ފޭސްބުކްގައި ނަމަ “ހާރޓް ރިއެކްޓް” ، ޓުވިޓަރ ގައި “ފެވަރިޓް” އަދި އިންސްޓަގްރާމްގައި ނަމަ “ލައިކް” އެއް ދެއްވުމުން ނަސީބުވެރި 30 ފަރާތަކަށް ގޫގްލް މިނި ހޯމް އެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައިވެއެވެ.

ދިރާގުން ބުނާ ގޮތުގައި އަހަރީ ދުވަހުގެ މި ހަދިޔާ ތަކާއި ޕްރޮމޯޝަން ތަކަކީ، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދޭ ހަދިޔާތައް ކަމަށާއި އަދި މިއީ ދިރާގާއެކު ކަސްޓަމަރުން ތިބުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ހަދިޔާ ކަމަށެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ދިވާޅުވީ “ދިރާގުގެ މި 30 އަހަރުގެ ދިގު ހިދުމަތުގައި، ކަސްޓަމަރުންނާއި ޕާރޓްނަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރަށް ފަށް ފަށުން ޝުކުރު ދަންނަވަން. ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ އަޅުގަނޑުމެން ނުހަނު އުފަލާއި އެކު ކުރަމުން އަންނަ ގައުމީ މަސައްކަތެއް. ދިރާގުގެ މި 30 އަހަރުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަޅުގަނޑުމެންގެ ހީވާގި އަދި މަސައްކަތްތެރި މުވައްޒަފުން ކަން ކަށަވަރު. އެހެން ކަމުން މި ފުރުސަތުގައި ދިރާގަށް މަސައްކަތްކޮށްދެއްވި އަދި މަސައްކަތްކުރައްވަމުންގެންދާ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް އިހުލާސްތެރިކަމާއި އެކު ޝުކުރުދަންނަވަން. ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށދިނުމުގައި އަބަދުވެސް ދެމިއޮތުން”

30 އަހަރުގެ ދިގު ތަޖުރިބާ އަކާއެކު ދިރާގު ވަނީ ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތުގެ ސިނާއަތުގެ އެންމެ ކުރީ ސަފުގައިއެވެ. އަދި ދިރާގުގެ 30 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިއިއެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ. އެގޮތުން ދިރާގުން ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް 1253 ކިލޯމީޓަރ ގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އަކުން ގުޅައިދީފައިއެވެ.

މިއީ މި ގޮތަށް ރާއްޖޭގައި ފުރަތަމަ އެޅި ކޭބަލްވެސް މެއެވެ. މި ކޭބަލްގެ ސަބަބުން ހައި ސްޕީޑް މުވާސަލާތުގެ އެތައް ކަމެއް މުޅި ރާއްޖެ އަށް މަގުފަހިވެ ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް ހަލުވިކަމެއް ގެނެސްދިނެވެ. ރާއްޖޭގެ އެންމެ ބޮޑު 4ޖީ އަދި ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ގާއިމު ކޮށްފައިވަނީ ވެސް ދިރާގުންނެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު ކޮށައިދިނީ ދިރާގުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޒަމާނަށް އަންނަމުން އައި ބަދަލާއި އެކު ކުންފުނިން ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތްތައްވެސް ދިޔައީ ޒަމާނާއި އެއްގޮތަށް ފަރުމާވެވިގެންނެވެ. އެގޮތުން ދިރާގުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ އަށް ބަލައިލި ނަމަވެސް މި ކަން ވަރަށް ސާފުކޮށް ހާމަވެގެން ދެއެވެ. އެގޮތުން ދިރާގު ޓީވީ، ދިރާގު ޕޭ އަދި މަމެން ފަދަ ހިދުމަތްތައް ހިމެނެއެވެ.

“ޓޭކް އޮން ޓުމޯރޯ” ނުވަތަ “މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު” މި ޝިޔާރާއި، އޮރެންޖު ކުލައިގެ އައު ބްރޭންޑިންގ އާއި އެކު ދިރާގު މިހާރު ފެނިގެން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ތައްޔާރަށް އޮތް ޒަމާނީ ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޔެއްގޮތަށެވެ. އައު ބްރޭންޑިންގ އާއެކު ދިރާގުގެ މަޤްސަދަކަށް ވެގެން ދިޔައީ ކަސްޓަމަރުން ބާރުވެރިކޮށް މި ޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.