ނޮވެމްބަރު 3 ގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުޑަކުއްޖެއްގެ ވާހަކަ

ޙުސައިން ނަދުވީ

ލިޔުނީ: އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2013 ވަނަ އަހަރު ލިބިވަޑައިގެންނެވި ގ.ކުދިވިނަގެއަށް އުފަން ޙުސައިން ނަދުވީ އަކީ، ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކާއި ގުޅިގެން ސްރީލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެއަށް ޢުދުވާނީ ޙަމަލާ ދިން އިރު ޙުސައިން ނަދުވީގެ އުމުރަކީ 13 އަހަރެވެ. އެދުވަހު ގިނިކަންޏާ މާލެ ތެރެއަށް ނުކުމެ ވަޑައިގެން ޒަޚަމްވެފައިވާ ސިފައިންނަށާއި ބައެއް ޢާއްމުންނަށް އެހީތެރިވެދިނެވެ. ޒަޚަމްވެފައިތިބި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުޑަކުއްޖެގެ ގޮތުގައި ހުރެ، ލޭ ހަދިޔާކުރިއެވެ. އެދުވަހުގެ ހަނދާންތައް އޭނާ ވަރަށް އަސަރާއިއެކު އަޅުގަނޑާއި ހިއްޞާކުރެއްވިއެވެ.

”އެއީ 1988 ނޮވެމްބަރު 3 ވީ ދުވަހުގެ ފަތިހުގެ ވަގުތު. ފަތިސްނަމާދަށްފަހު ބައިސްކަލުގައި ބުރެއްޖަހާލުމަށް އަޅުގަނޑު މާލެތެރެއަށް ނިކުތިން. އަދި ބަނޑުހައިވެގެން ސައިބޯންވެގެން ބީޗް ކެފޭ (ކުރީގެ ސްޓޭޓް ބޭންކް އޮފް އިންޑިޔާ ކައިރި) އަށް ވަނިން. ކެފޭއަށް ވަތްއިރު އެހިސާބުގައި ތަމަޅަ ޓައިގަރު މީހުން އުޅޭތަންފެނޭ. ނަމަވެސް އޭރު އެއީ ތަމަޅަ ޓައިގަރުން ކަމެއް އަޅުގަނޑަކަށް ނޭގެ. އޭރު ހިތަށް އެރީ އެއީ ސިފައިން ކަމަށް. އެމީހުން ނޮވެމްބަރު އެގާރައަށް ފަރިތަކުރަނީކަމަށް. ނަމަވެސް ގާތްގަނޑަކަށް 6 ޖަހާކަންހާއިރު އެހޮޓަލުގައި އަޅުގަނޑު ސައިބޯން އިންދާ ދެމީހަކު އެހޮޓަލަށް ވަދެ ރޮއެގަތްފައި މީހުން މަރަނީއޭ ބަޔަކު އަރައިފިއޭ ބުނެފި. އެމީހުންގެ ވާހަކައިން އެއީ މާލޭ އުތުރުފަރާތު ބަނދަރުގައި އަޅާފައިއޮތް ދޯންޏަކުން ފައިބައިގެން އައި ކޮންމެވެސް ރަށެއްގެ ދެމީހުން. ދެން ބީޗް ކެފޭގެ ތެރޭގަ އިން މީހަކު ބުނެފި، ހުރިހާކުދިން ތެރޭން ހިތްވަރު ހުރި ކުއްޖެއް ވެއްޖެއްޔާމު ވަޅިތަކާއެއްޗެހި ހިފައިގެން އެމީހުންނާ ހަމަލާދޭން ދާން ހިނގާށޭ. ދެން އެ ހޮޓާތެރޭ ސައިބޯންތިބި ދިހަ ވަރަކަށް މީހުން ވަޅިއާއި އެއްޗެހި ހިފައިގެން ހޮޓަލުން ބޭރަށް ނިކުތީ. އެންމެ ކުރީ ސަފުގައި ހުރީ އަޅުގަނޑު.

އަޅުގަނޑުމެން ތިބީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި ދިމާގައި. އޭރު ތަމަޅަ ޓައިގަރުން ރައީސް އޮފީހާއި ދިމާލުން އިރަށް އަންނަތަން ފެނޭ. އޭރު އަޅުގަނޑުމެން ތިބީ އެމީހުންނާއި ކުރިމަތި ލައިގެން. އޭރުވެސް އަޅުގަނޑުމެން ހިއެއް ނުކުރަން އެ ޓައިގަރުންގެ އެންމެންގެ އަތުގަ ބަޑި ހުންނާނެ ކަމަކަށް. އެހެންވެ އެމީހުން އަތުލައި ގަންނަން އަޅުގަނޑުމެން ދިޔައީ. ނަމަވެސް އެމީހުން އަޅުގަނޑުމެން ކައިރިއަށް އައިސް ދާށޭ ބުނި. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ދުރަށް ނުދިއުމުން އެމީހުން މައްޗަށް ބަޑި ޖެހި. ބަޑިޖެހީމަ އަޅުގަނޑުގެ ފަހަތުގަ ތިބި އެންމެން ބުނި. މިވަރަކުން މިކަމެއް ނުވާނެޔޭ. އެމީހުން އަތުގަ އެހުރީ ބަޑިއޭ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެމީހުންނާއި ޒުވާބު ކުރި. ޒުވާބު ކުރިއެއްކަމަކު އަޅުގަނޑުމެން ކިޔާއެއްޗެއް އެމީހުންނަކަށް ނޭގޭ. އެއީ ރަށްރަށުގެ ދޯނިތަކުގައި ތިބި މީހުންގެ ތެރެއިން ބައެއް. ނަމަވެސް އެމީހުން ފުރަތަމަ ފަހަރު މައްޗަށް ބަޑިޖެހީމަ ވެސް އަޅައެއް ނުލަން. ދެވަނަ ފަހަރު މައްޗަށް ބަޑި ޖެހުމުން އަޅުގަނޑުގެ ފަހަތުގަ ތިބި އެންމެން ދުވެފިލި.

އެހެން ނަމަވެސް އަޅުގަނޑާއި މުސްކުޅި ފުރައިގެ ބޭބެއެއް އެތަނުން ނުދާން ތިބިން. އެ ބޭބެ އަޅުގަނޑުގެ ކައިރީ ބުނި. ކޮއްކޯ ތިކަމެއް ނުވާނެޔޭ. އަދި ކޮއްކޮ ތިއީ ކުޑަ ކުއްޖެކޭ ބުނެ އެބޭބެ އަޅުގަނޑުގެ އަތުގައި ހިފައި މިތަނުންދާން ހިނގާށޭ ކިޔާ ގެންދަން އުޅުނު. އެއީ މުންޑު އަދެގެން ހުރި ވަރަށް މުސްކުޅި ބޭބެއެއް. ނަމަވެސް އޭނަ ދާން ބުނީމަ އަޅުގަނޑު އެއްފަރާތަކަށްޖެހި އަނެއްކާވެސް ހޮޓަލަށް ވަނިން.

ބީޗް ކެފޭތެރޭގައި އިނދެފައި އެބޭބެގެބަސް ގަބޫލުނުކޮށް އަނެއްކާވެސް ބޭރަށް ނިކުތިން. އަދި ކެފޭއިން ނިކުމެގެން އަޅުގަނޑު ގިނިކަންޏާ ބައިސްކަލުގައި ދަނިކޮށް ފޮރިން މިނިސްޓްރީ ކައިރިން ތަމަޅައިންގެ ބަޔަކު އަޅުގަނޑު ހިފެހެއްޓި. އަދި އެމީހުންގެ އިޝާރާތުން ތަމަޅަބަހުން ތިހެން ނުދެވޭނެކަމަށް ބުނި. މިހެން ބުނެ އެމީހުން އަޅުގަނޑު އަތުން ބައިސްކަލް އަތުލާ ވައްޓާލުމަށްފަހު އަތުގެ އިޝާރާތުން އަޅުގަނޑު އެތަނުން ދިއުމަށް އެންގި. ދެން އަޅުގަނޑު ހިނގާފައި ގޮސް ބަނޑޮސް މާލެ އޮފީސް ގޯޅިތެރެއަށް ވަދެ ފިލާ ހުރީ. އެއީ އެބައިސްކަލު ނުލާ ނުދާންވެގެން. އަދި އެމީހުން ދިއުމުން ބައިސްކަލް ހިފައިގެން އެތަނުން ދާންވެގެން. އެއީ އޭރު އަޅުގަނޑު ވަރަށް ލޯބިން ގެންގުޅުނު ކުރީގެ ރޭޝް ބައިސްކަލެއް. ދެން އެމީހުން އެތަނުން ދިއުމުން، އަދި ދިޔަކަން ޔަޤީންވުމުން އަޅުގަނޑު އެތަނަށްގޮސް ބައިސްކަލް ނަގައިގެން ބޮޑުތަކުރުފާނުމަގުން ލާފަ އަޅުގަނޑު ދިޔައީ އަޅުގަނޑު އުޅޭގެ ގ.ކުދިގަސްފިނޮޅު (މިހާރު ގ.ކުދިވިނަ) ގެއަށް. ގެއަށްއައިސް މަންމައަށް އެވާހަކަ ކިޔައެއް ނުދެން. އެއީ އެވާހަކަ މަންމަ ކައިރީ ބުނެފިނަމަ ދެން އަޅުގަނޑު ގެއިން ބޭރަށް ދިޔަނުދީފާނެތީ. އަޅުގަނޑު ގެއަށް އައުމުން މަންމަ ބުނި. ބޭރު ބަޔަކު މާލެ އަރައިގެން އެބައުޅެއޭ ބޭރަށް ނުދާށޭ. މިހެން މަންމަ ބުނުމުންވެސް މަންމަގެ ކައިރީ އާދޭސްކޮށްގެން އަޅުގަނޑު ގެއިން ނިކުމެގެން ދިޔައީ. ދެން އަޅުގަނޑު ހިނގާފަ ދިޔައީ ބާ އިންޖީނުގެ (އޭރުގެ އިންޖީނުގެ) ކައިރިއަށް. މާލެއިން ކަރަންޓް ކަނޑާލާ ވާހަކަ ބުނީމަ. ދިޔައިރު ލުތުފީ ކަރަންޓް ކަނޑާލަން އިންޖީނުގެއަށް ވަންނަތަން ފެނުނު. ލުތުފީ އިންޖީނުގެއަށް ވަނީ ތަމަޅަ ޓައިގަރުންނާއެކު. (އަޅުގަނޑަށް އެއީ ދިވެއްސެއްކަން އެނގުނީ އޭނަ ދިވެހި ބަހުން ވާހަކަ ދައްކާ އަޑުއިވުމުން. އަދި އެއީ ލުތުފީކަން އެނގުނީ އެ މައްސަލައިގައި ޝަރީއަތަށް ލުތުފީ ހާޞިރު ކުރީމަ).

އަޅުގަނޑު އިންޖީނުގެއަށް ވަންނަން ދިޔަ ނަމަވެސް އަލްމަރުހޫމް ބޮޑު އިބުރާހިމް ފުޅު (އޭރުގެ ގަލޮޅު އަވަށު ބޮޑުމީހަ) އަށް އަޅުގަނޑު ފެނުމުން ބުނި. ކޮއްކޯ އޭ އިންޖީނުގެއަށް ނުވަދެ ޤައުމު ސަލާމަތްކުރެވޭތޯ މިސްކިތަށް އަރަން ހިނގާށޭ. ތަމަޅަ ޓައިގަރުންގެ ބަޔަކު މާލެ އަރައިފިއޭ. ދެން އަޅުގަނޑު ކުރީގެ ޞަލާހުއްދީން މިސްކިތަށް (ބާ އިންޖީނުގެ ކައިރީ ކުރިން ހުރި) އިބްރާހިމް ފުޅުބެއާއި އެކު ނަމާދަށް އެރީ. މިސްކިތަށް އަރާ ދުޢާކުރުމަށްފަހު އިބްރާހިމް ފުޅުބެއާއި އެއްކޮށް ޤުރުޢާންކިޔަވަން އިނދެފައި އޭނަޔަށް ސިއްރުން މިސްކިތުން އަޅުގަނޑު ނިކުތިން. މިސްކިތުން ނިކުމެގެން އަޅުގަނޑު ދިޔައީ މާލެތެރޭގެ ޚަބަރު ދަބަރު ބަލަން ރަށުތެރެއަށް. މިގޮތުން އެކަނިމާއެކަނި މާލެގެ އެކި ހިސާބުތަކަށް ދިޔައިން. ބައެއް މީހުންނަށް އަޅުގަނޑު ފެނުމުން ދަރިފުޅާއޭ ތިހެން ނުދާށޭ، ނުނިކުންނާށޭ ގޮވި. އޭރު މަގުމަތިން ފެނޭ ބައެއް ދިވެހިންނަށް އަނިޔާލިބިފައިވާތަންވެސް. ބައެއް މީހުން ބިރުން އުޅޭ ތަންވެސް ފެނުނު. ނަމަވެސް އަޅުގަނޑު ބިރެއް ނުގަނޭ. އަޅުގަނޑު ހިނގަމުން ހިނގަމުންގޮސް މުލިއާގެއާއި ހިސާބުން މެދު ޒިޔާރަތް މަގުންލާފަ ދަނިކޮށް ލުތުފީ އާއި 4 ތަމަޅަ ޓައިގަރުންނަށް އަޅުގަނޑު ފެނުނު. އެމީހުން ތިބީ ހުދުކުލައިގެ ވޭނެއްގެ ތެރޭގަ. އެމީހުންނަށް އަޅުގަނޑު ފެނުމުން ވަގުތުން ހުއްޓުވި. ލުތުފީ އާއިއެކު އެ ވޭނުތެރޭގައި ސޯޓާއި ޓީޝާޓެލައި އޭކޭ ފޯޓީ ސެވަންގެ ބަޑިތަކެއް (އެބަޑިތަކުގެ ކޮޅުގައި ރަތްކުލައިގެ ރިބަންފަށެއް އަޅާފައިހުރި) ހިފައިގެން ފައިވާނަށް ނާރާ ތިބިބަޔަކު ވޭނުން ފޭބި. އަދި ލުތުފީ ވޭނުން ފައިބައިގެން އަޅުގަނޑުގެ ކައިރިއަށް އައިސް ކޮއްކޯ ތިހެން ނުދެވެނެޔޭބުނި. އަދި ގޮސްގެން ނުވާނެޔޭ ބަޑިޖަހާނެޔޭ ބުނި. އޭރު އެސަރަހައްދުގައި ތިން ދިވެއްސަކު އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި އޮތްތަންފެނޭ. އެވަގުތު ލުތުފީއާއި ދިމާލަށް ބުނިން. ހެވޭ ބަޑި ޖެއްސަސް އަޅުގަނޑު މިދަނީ އެތާ އެތިބަ މީހުންނަށް އެހީވާށޭ. ކަލޭ އަހަރެންގެ ގަޔަށް ބަޑިޖެހިޔަސް މަރެއް ނުވާނެޔޭ. ﷲ ފުރާނަ ގެންދަވަން ހުރިއްޔާ ގެންދަވާނެޔޭ. އޭރު އަޅުގަނޑު ހުންނަނީ ވަރަށް ހިކިހިކޮށް ކުޑަކޮށް. ދެން ނުދާށޭ ބުނީމަވެސް އަޅުގަނޑު ދާން އުޅުނިން. އަޅުގަނޑު ދާން އުޅެން ފެށުމުން ލުތުފީ ބުނި، އެއްވެސް ސިފައިން މީހަކަށް އެހީ ނުވައްޗޭ. މިހެން ބުނުމުން އަޅުގަނޑު ބުނިން އެއީވެސް އިންސާނުންނޭ އެހީވާނަމެ. މިހެން ބުނުމުން ލުތުފީ ބުނެފި ކަލޭގެ ސަލާމަތް ކަލޭ ހޯދާށޭ. ލުތުފީ މިހެން ބުނުމުންވެސް އަޅުގަނޑު އެމީހުންނަށް އެހީވާން ދާން ހިނގައިގަތުމުން އަނެއްކާވެސް ތަންކޮޅެއް ދުރުން އައި ތަމަޅަ ޓައިގަރުންގެ 2 މީހަކު އަޅުގަނޑު ހުއްޓުވި. އަދި ހަމަލާދޭން މަސައްކަތް ކުރަން އުޅުމުން ލުތުފީ ގެ އިޝާރާތުން އަޅުގަނޑު ބަހައްޓާފަ ދާށޭ އެމީހުންނަށް އެންގުމުން އަޅުގަނޑުގެ މޭގައި އަޅާ އެއްފަރާތަށް ކޮށްޕާލާފައި އެމީހުން ދިޔައީ. ލުތުފީ އެމީހުން ގޮވައިގެން ދިޔައީ ސަލްޓަންޕާކާއި ދިމާލަށް. އެމީހުން އެހާފަސޭހައިން އަޅުގަނޑު ބަހައްޓާފަ އެދިޔައީ އެދުވަހު އަޅުގަނޑަކީ ކުޑަކުއްޖަކަށްވެފައި ހުރިލެއް ނިކަމެތިކަމުންކަމަށްވެސް ވެދާނެ. އެއީ ﷲ ގެ އިރާދަފުޅުން އެދުވަހު އަޅުގަނޑު ސަލާމަތް ކުރެއްވީކަމަށް އަޅުގަނޑު އެދުވަހު ދެކުނިން. އަދި އެކަމާއި ﷲ ގެ ކިބަފުޅަށް ޝުކުރުކުރިން.

ލުތުފީއާއި އޭނާގެ ތަމަޅަ ޓައިގަރުން އެތަނުން ދިއުމުން ގ.ޕާނިސްގޭ ހިސާބުގަނޑަށް ޒަޚަމްވެގެން ވެއްޓިފައި ތިބި މީހުންނަށް އަޅުގަނޑު އެހީތެރިވާން ފެށިން. އެވަގުތު އެތަނަށް ޔޫސުފް ރަފީޢު (ފިލްމު ކުޅޭ ޔޫސޭ) އާއި އިތުރު ދިވެހިންތަކެއް އައި. ޔޫސޭމެން އައުމުން ޔޫސޭ މެންނާއިއެކު އެވަގުތުން ފެށިގެން ޕާނިސްގެ ކައިރީގައި ޒަޚަމްވެފައި ތިބި މީހުން ގާޑިޔަލެއްގައި ސެންޓަރަލް ހޮސްޕިޓަލަށް ގެންދިޔައިން. ދެން ޔޫސޭ އާއި އެކުގައި އައި އެހެން ދިވެހިންނާއި ގުޅިގެން ފަތްޖެހި އެދުތަކުގައާއި ދަމާ ގާޑިޔާތަކުގައި މަގުމަތީގައި ޒަހަމްވެފައި ތިބި މީހުންނަށް ފަރުވާދޭން މާލޭ ސެންޓްރަލް ހޮސްޕިޓަލް (މިހާރުގެ އޭޑީކޭ ހުރިތަން) ގެންދިއުމުގައި އަޅުގަނޑު ހަރަކާތްތެރިވާން ފެށިން.

އެދުވަހުގެ މެންދުރެއް ހާއިރު، އޭރު އަޅުގަނޑު ހުންނާނީ ސެންޓްރަލް ހޮސްޕިޓަލް ތެރޭގަ. އަދި އެ ދުވަހު ހޮސްޕިޓަލުގައި އޮތް މީހަކަށް ލޭ ބޭނުންވެގެން ލޭ ނުލިބިގެން، އެ ހޮސްޕިޓަލުން ވަރަށް އަވަހަށް ލޭ ބޭނުންވާކަމަށް އަޅުގަނޑު ކައިރީ ބުނުމުން، ބޭރުތެރެއިން ލޭ ދޭނެ މީހަކު ވޭތޯ އަޅުގަނޑު ބޭރަށް ނިކުތިން. ނަމަވެސް ބޭރު ތެރެއިންވެސް އެއްވެސް މީހެއްގެ އަތުން ލޭ ލިބޭގޮތެއް ނުވި. އަނެއްކާވެސް އަޅުގަނޑު އައީ ހޮސްޕިޓަލަށް. އަދި ހޮސްޕިޓަލަށް އައުމުން އެތާނގެ މުވައްޒަފަކު އެހި. ލޭ ދޭނެ މީހަކު ނުލިބުނުހޭ. އަޅުގަނޑު ބުނިން ނުލިބުނޭ. ހޮސްޕިޓަލުގެ މުވައްޒަފަކު ބުނި، ބޭނުންވެގެން އުޅެނީ އޯ ޕޮޒިޓިވް ލެއޭ. މިގޮތުން ލޭ ލިބޭނެ އެއްވެސް ގޮތެއް ނުވުމުން ހޮސްޕިޓަލުން ވާހަކަ ދެއްކި އެތާނގެ މުވައްޒަފަކު އަޅުގަނޑުގެ ގާތު ބުނި. ކޮއްކޮއަށް ލޭ ދެވިދާނެހޭ. ޓެސްޓްކޮށްލަން ވީ ނޫންހޭ. މިހެން ބުނުމުން އަޅުގަނޑު ބުނިން ވަގުތުން ނަގާށޭ. އޭރު އަޅުގަނޑުގެ ގައިގައި 55 ކިލޯ ހުރި. ޓެސްޓް ހެދުމުން އެނގުނީ އަޅުގަނޑުގެ ގައިގައި ހުންނަނީ އޯ ޕޮޒިޓިވް ލޭކަން. ދެން އަޅުގަނޑު ވަގުތުން ލޭ ދިނިން. ނަމަވެސް އަޅުގަނޑުގެ ގައިން ލޭ ނަގަން ޑޮކްޓަރުވެސް ޖެހިލުންވި. އެއީ އޭރު އަޅުގަނޑަކީ ކުޑަކުއްޖަކަށްވެފައި ހުރިލެއް ހިކިކަމުން. ލޭ ދިނުމަށްފަހު އަޅުގަނޑު އައީ ގެއަށް.”

މިއީ ޙުސައިން ނަދުވީގެ އެދުވަހުގެ ހަނދާންތަކެވެ. 1988 ނޮވެމްބަރ 3 ވަނަ ދުވަސް އެއީ ނަދުވީގެ ހަޔާތުގައި އެންމެ ފުރަތަމަ އޭނާ އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާކުރެއްވި ދުވަހެވެ. ނަދުވީ މެދުކެނޑުމެއްނެތި ލޭ ހަދިޔާ ކުރައްވަމުން ގެންދަވާތާ މިހާރު 25 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.