ދިރާގުން ކުރިއަށް ގެންދިޔަ “ރީޗާޖު އެންޑް ވިން” ޕްރޮމޯޝަންގެ 300،000ރ. ގެ ބޮޑު އިނާމު މަސްވެރިއަކަށް ލިބިއްޖެ އެވެ.
ދިރާގު އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޮޑު އިނާމު ލިބުނު ކ. ދިއްފުށީ، އަބްދުލް ހަކީމް އަބްދުއްރަހީމް އިނާމު ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީ އިސްމާއިލް ރަޝީދެވެ.
އެ ކުންފުނިން މިއަހަރުގެ ސެޕްޓެމްބަރު 22 އިން ނޮވެމްބަރު 22 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ބޮޑު އިނާމުގެ އިތުރުން ކޮންމެ ހަފުތާއަކު ގެލެކްސީ އެސް ތްރީ ފޯނެއް ވެސް ދިނެވެ. އެގޮތުން މި ޕްރޮމޯޝަން މުއްދަތުގައި 13 ފޯނެއް އިނާމުގެ ގޮތުގައި ދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
ރީޗާޖު އެންޑް ވިން ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބުނު ދިއްފުށީ މަސްވެރިޔާ ހަކީމް ހަވީރު އޮންނައިނަށް ބުނެފައިވަނީ އިނާމު ލިބުނީ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވާ ކަމަށެވެ.
“އަޅުގަނޑުގެ އާއިލާ އަށް މި ފައިސާ ހަރަދުކުރާނީ. އަޅުގަނޑު މަސްވެރިކަން ކުރާތާ 18 އަހަރު ވެއްޖެ. އަދި ބޮޑު އާއިލާއެއް ގޮވައިގެން ކިރިޔާ މި އުޅެވެނީ. ލިބޭ ރުފިޔާ ކޮޅުން ކިރިޔާ މި ފަރު ޖެހެނީ. އެހެންކަމުން މި ލިބިގެން ދިޔައީ ވަރަށް ބޮޑު ނިއުމަތެއްގެ ގޮތުގައި ދެކެނީ. މި ކަމަށްޓަކައި ދިރާގަށް ވެސް ޝުކުރުއަދާކުރަން،” ހަތަރު ކުދިންގެ ބައްޕަ ހަވީރަށް ބުންޏެވެ.
އޭނާ ބުނީ ޕްރޮމޯޝަންގެ ދުވަސްވަރު ގިނަ އަދަދަކަށް ރީލޯޑް ކުރި ކަމަށެވެ. އަދި މަސްވެރިކަން ކުރަމުން އައީ ވެސް “ދިރާގާ ގުޅިގެން” ކަމަށް، ހިނިތުންވެ ހުރެ ހަކީމް ހަވީރަށް ބުންޏެވެ.