ހަގީގީ ހާދިސާ: އުމުރު ހަމަނުވަނީސް ސައިކަލް ދުއްވި ކުއްޖާ

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

އޯލެވެލް އިމްތިހާން ނިމުމާއެކު ނިހާން ގަސްތުކުރީ އަހަރެއްހާ ދުވަހު ރަށުގައި މަޑުކޮށްލުމަށްފަހު ވަޒީފާއަކަށް މާލެ ދިއުމަށެވެ. އެއީ އެނާގެ ޢުމުރުން އަދި 18 އަހަރު ނުފުރޭތީއެވެ. ރަށުގައި އުޅޭ އުޅުމުގައި ނިހާންވެސް އޭނާގެ ރަށްޓެހިންނާއިއެކު މަޖާ ކުރުމުގައި ވަގުތުތައް ހޭދަކުރަމުންގެންދެއެވެ. އެގޮތުން ރަށްޓެހިންނާއިއެކު ރޭގަނޑުގެ ގަޑިތަކުގައި ސައިކަލް ބުރުޖަހަން ދިއުމަކީ ނިހާންގެ އާދަޔަކަށް ވެއްޖެއެވެ. ރަށުގައި އުޅޭ ތަފާތު މިޒާޖުގެ ކުދިންނާއި ގުޅި އެކުދިންގެ ސައިކަލްގައި ނިހާން ބުރުޖަހަން ދިއުމަކީ އޭނާ މިހާރު އެންމެ ބޮޑު އިސްކަމެއްދޭ އެއްކަންތަކެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. ނިހާންގެ އުޅުމަކަށް ބަދަލެއްނާދެއެވެ. މިހެން އުޅުމުގެ ތެރޭގައި އެހެން ކުދިންނެކޭ އެއްފަދައިން ނިހާންވެސް ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިއްޖެއެވެ. ނަމަކީ ސަޒޫ އެވެ. ސަޒޫ އަކީވެސް ނިހާން ފަދައިން ރަށްޓެހިންނާއެކު މަޖާކޮށް ސަކަރާތް ޖަހާ އުޅޭ ހިތްވާ ކުއްޖެކެވެ. އެގޮތުން ނިހާން އޭނާގެ ރަށްޓެހިންނާއެކު އުޅޭ އުޅުމުގައި ސަޒޫވެސް ނިހާން އާއި އެކު ސައިކަލްގައި ބުރުޖަހަން ދެއެވެ. ހާއްސަކޮށް ރޭގަނޑު ގަޑީގައެވެ. ގިނަ ފަހަރަށް ސަޒޫވެސް ބޭރަށް ދަނީ އޭނާގެ މައިންބަފައިންނަށް އޮޅުވާލައިގެން ޓިއުޝަނަށޭ ކިޔާފައެވެ. ސަޒޫ އަކީ އައްޑޫ ސިޓީގެ ސްކޫލެއްގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.

ނިހާންވެސް ސަޒޫ ގުޅާ ކޮންމެ ފަހަރަކު ކޮންމެވެސް ރަށްޓެއްސެއްގެ އަތުން ސައިކަލް އަތުލައިގެން ސަޒޫ ގޮވައިގެން ފިނިބުރު ޖަހަން ދަނީ އަމަށަކު ވަރަކަށް ނޫނެވެ. ނިހާން އަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމެއް ނިހާންގެ ހިތުން ޤަބޫލެއް ނުކުރެއެވެ. ސައިކަލް ދުއްވާލެއް އެހާމެ ބާރެވެ. މަގުމަތީގައި ހެދިފައިވާ ޤަވާއިދުތަކަކަށް ނުބަލައެވެ. އަދި ނިހާން އެ ސައިކަލް ދުއްވަމުންދަނީ ޤަވާއިދާ ޚިލާފަށް ކަން ހުދު ނިހާން އަށްވެސް އެނގެއެވެ. ބައެއް ފަހަރު ފުލުހުންވެސް ނިހާން ހުއްޓުވައި ނިހާން އަށް ނަސޭހަތްތެރިވެފައިވެއެވެ. ނަމަވެސް އެ ނަސޭހަތަކީ ނިހާން އަށް އެއްވެސް އެއްޗަކަށް ނުވެއެވެ. މައިން ބަފައިންނަށްވެސް ނިހާން އެ އުޅެމުންދާގޮތް މިހާރު ވަނީ އެނގިފައެވެ. ނަމަވެސް އެމީހުންވެސް މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުދެއެވެ. ނިހާން ހުންނަލެއް ބިޔަކަމުން އެއްވެސް މީހަކަށް އޭނާގެ ޢުމުރު އެނގުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ.

އެއްރެޔެއްގެ ގާތްގަނޑަކަށް 23:00 ހާއިރެވެ. ނިހާން ފެންވަރައި ރީތިވެލައިގެން އޭނާގެ ލޯބިވެރިޔާ ސަޒޫ ކައިރިއަށް ދިއުމުގެ ފޮނި އުންމީދާއެކު ގެއިން ނިކުތެވެ. އަދި ސަޒޫ އުޅެމުންދަނީ ސ.މަރަދޫގައި ކަމަށްވުމުން ނިހާން ގެއިން ނިކުމެގެން ސައިކަލަށް އަރާ ދުއްވާލިއެވެ. އަދި ވަރަށްބާރަށް އެއްވެސް ބެލުމެއްނެތި އޯވަސްޕީޑްގައި ޤަވާއިދާ ޚިލާފަށް ދުއްވަމުން ދިޔައެވެ. ނަމަވެސް މިދުއްވުމަށް މަޑުޖެހުމެއް އަތުވެއްޖެއެވެ. ކުއްލިއަކަށް ސައިކަލް މަގެއްގެ ހަތަރު އަނގޮޅި ކަންމަތިން ނިކުތްވަގުތެވެ. ކުރިމަތިން ކަޅު ބުޅަލެއް ހުރަސް ކޮށްލިއެވެ. ނިހާން ދިޔައީ ސިއްސައިގެންނެވެ. އަދި ސައިކަލް ދުއްވާފައިދިޔަލެއް ބާރުކަމުން ކޮންޓްރޯލުންނެއްޓި ގެއެއްގެ ފާރަށް އަރައިފިއެވެ. އަދި ދުއްވިލެއް ބާރުކަމުން ސައިކަލްގޮސް ފާރުގައި ޖެހުނު ވަގުތު ނިހާން ވިއްސައިގެން ދިޔައެވެ. އެއަޑަށް ކައިރި ހިސާބުގަނޑުގެ މީހުން އެތަނަށް ޖަމާވާން ފެށިއެވެ. އަދި ފުލުހުންވެސް އެތަނަށް އައިސް ނިހާން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި ލިބިފައިވާ ގެއްލުންތައް ނޯޓްކޮށް، ހިތަދޫ ހޮސްޕިޓަލުން ނިހާން އަށް ފަރުވާދޭން ފެށިއެވެ.

މިހާދިސާގައި ނިހާންގެ ބޮލާއި ނޭފަތް ވަނީ ފަޅައިގެންގޮސްފައެވެ. އަދި އޭނާގެ ކަނާތް ބިންދައިގެންގޮސް ދަތްދޮޅިވެސް ވަނީ ނައްޓައިގެން ގޮސްފައެވެ. އެހެންކަމުން ނިހާންގެ ހާލު ސީރިއަސްކަމުން އޭނާ މާލެ ގެނެސް އައި.ޖީއެމް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ. މީގެއިތުރުން މިހާދިސާގައި ނިހާން ދުއްވި ސައިކަލްވެސް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.

ފުލުހުން ބެލިބެލުމުން ނިހާން އަކީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމަށާއި، އޭނާ އަކީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އެއްގޮތަކަށްވެސް ނެތް މީހެކެވެ. އަދި އޭނާ ސައިކަލް ދުއްވާފައިވަނީވެސް ޤަވާއިދާ ހިލާފަށް އޯވަރ ސްޕީޑްގައި ކަންވެސް ފުލުހުން ފާހަގަކުރިއެވެ. މިހާދިސާއާއި ގުޅިގެން ނުރައްކާތެރިކޮށް ސައިކަލް ދުއްވި މައްސަލާގައި ނިހާން ދުއްވި ސައިކަލު 15 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސައިކަލުގެ ވެރިފަރާތް -/3000 ރ (ތިންހާސް ރުފިޔާ) އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ނިހާން އަކީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމުން އަދި އޭނާ އަކީ މިފަދަ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ މީހަކަށް ވުމުން ލައިސަންސް އެއްގޮތަކަށްވެސް ނެތި ދުއްވި މައްސަލާގައި -/1000 ރ(އެއްހާސް ރުފިއާ) އިން ނިހާން ވަނީ ޖޫރިމަނާ ކޮށްފައެވެ. މިއީ ހިތާމަހުރިކަމެކެވެ.

މާލެއާއި އަތޮޅުތެރޭގައި ހިނގާ މިފަދަ ޓްރެފިކް އެކުސިޑެންޓް މައްސަލަތަކަށް ބަލާއިރު ގިނަ ފަހަރަށް އެކްސިޑެންޓް ހިނގަން ދިމާވާ ސަބަބުތަކުގެތެރޭގައި ޤަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވުމާއި، ޓްރެފިކް ލައިޓްގެ ޤަވާއިދާ ޚިލާފުވުމާއި، ވަންވޭއާ އިދިކޮޅަށް ދުއްވުން ފަދަ ކަންކަމުންކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް މީގެ އިތުރުންވެސް ޤަވާއިދާ ޚިލާފަށް އޯވަރޓޭކް ކުރުމާއި، އިމާރާތްކުރުމުގެ މަސައްކަތްކުރާއިރު ދުއްވާ އެއްޗިއްސަށް އުނދަގޫވާ ގޮތަށް އެއްޗެހި ބެހެއްޓުން ހިމެނެއެވެ. އަދި  ޕާރކްކުރުމަށް ކަނޑައަޅާފައިވާ ތަންތަން ނޫން ތަންތަނުގައި ޕާރކްކުރުމާއި، ފޯނުން ވާހަކަ ދައްކަމުން ދުއްވުމާއި، 18 އަހަރު ނުފުރޭ ކުދިން ލައިސަންސް ނެތި ސައިކަލް ދުއްވުމާއި، ސައިކަލް ދުއްވަމުންބަރުގޮނު އެޅުމާއި، އެކި ފާޑުގެ އަޑުއަޑު ހުންނަ ބަރުގޮނު އަޅަމުން ދުއްވުން ފަދަ ކަންކަމުންވެސް މިފަދަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވެއެވެ.

އަދި މީގެ އިތުރުންވެސް މިފަދަ އެކްސިޑެންޓް ތަށް ހިނގުމަށް މެދުވެރިވާ އެހެން މައްސަލަތައްވެސް އެބަހުއްޓެވެ. އޭގެތެރޭގައި ޓްރެފިކް ލައިޓްގެ ޤަވާއިދާ ޚިލާފަށް އާންމުކޮށް ފާހަގަކުރެވޭ މައްސަލަތައްވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ބަލާއިރު ޓްރެފިކް ލައިޓް ރަތްވެފަ ހުއްޓާ ދުއްވުމާއި، ނުވަތަ ޓްރެފިކް ލައިޓުގައި ޔޫޓާރން ނެގުމާއި ނުވަތަ ހިނގާމީހާގެ ނިޝާން ފެހި ނުވަނީސް މަގުހުރަސްކުރުން ފަދަ މައްސަލަތައް ހިމެނެއެވެ.

ފުލުހުންގެ ރެކޯރޑްތަކަށް ބަލާއިރު މިހާތަނަށް މާލޭގަ އާއި އަތޮޅުތެރޭގައި ހިނގާފައިވާ ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ މަގުމަތީގެ ޤަވާއިދުތަކަށް ތަބާ ނުވުމުގެ ސަބަބުންކަން ވަރަށް ހިތާމަޔާއެކު ފާހަގަކޮށްލަން ޖެހެއެވެ.  ބައެއްފަހަރަށް ހިނގާ މީހުންނަށް ސަމާލުކަން ނުދީ ދުއްވާ އެއްޗެހި ދުއްވުުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް ދަތިތަކާ ދިމާވެއެވެ. ސައިކަލް ނުވަތަ ކާރު ދުއްވާލެއް ބާރުކަމުން މަގުމަތީގައި ހިނގާ މީހުންނަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭތަން އާދެއެވެ.

މިއީ މިއަދު އަޅުގަނޑުމެން ވިސްނަންވެއްޖެކަމެކެވެ. މިކަންކަންކަން ހުއްޓުވަން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެހި ފަރުދެއްގެވެސް ފަރުދީ ޒިންމާއަކަށް ހަދަމާތޯއެވެ. މިކަންކުރާ ކޮންމެ މީހަކު ފުލުސް އޮފީހަށް ނުވަތަ ކަމާބެހޭ ފަރާތްތަކާ ޙަވާލުކުރިނަމަވެސް މިކަންކަމަށް މިއަދު ޙައްލެއް އައުން އޮތީ ހަމަ އަޅުގަނޑުމެން ރައްޔިތުންގެ އަތްމަތީގައެވެ. މިފަދަ ކަންކަން ޙައްލުކުރެވޭނީ މިއަދު އަޅުގަނޑުމެން އެންމެން އެއްބާރުލައި އެއްއަޒުމެއްގައި ތިބެގެން ކަން ޔަޤީނެވެ.

އަޅުގަނޑުމެންގެ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވާ ބައެއް ފަރާތްތަކުގެ ޢަމަލުތައް މިގޮތަށް ހުރުމުން މިއަދު މިވަނީ ޓްރެފިކް ލައިޓްތައް ފަޤީރުވެ ބޭނުންނުހިފޭ އެއްޗަކަށްވެފައެވެ. ކޮންމެ މީހަކަށްވެސް އޭގެ މުހިންމުކަން ފެންނަނީ ނުރައްކާތެރިކަމެއް ނުވަތަ ހާދިސާއެއް ދިމާވުމުންނެވެ. އޭގެ ބަދަލުގައި މިއަދު ޓްރެފިކް ލައިޓްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި ތިމާ އާއި އަނެކާގެ ފުރާނަ ސަލާމަތް ކުރުމަށް ދުވެލި މަޑުކުރަމާތޯއެވެ. (ނިމުނީ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.