ނާފިއު – ޒުވާން ޅެންވެރިއެއް، ލިޔުންތެރިއެއް

އަހްމަދު ނާފއިު

ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމަށް ލޯބިކުރައްވާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ހިޔަލީގުލްޝަން އަޙުމަދު ނާފިއު  (ނާއްޕެ) އަކީ އެރަށު ހިޔަލީގުލްޝަން މުޙައްމަދު ޖަލީލާއި މިއަތޮޅު ތުޅާދޫ ހިޔަލީގޭ އައިމިނަތު ޢަބްދުއްރަޙުމާނާ ކައިވެނި ކުރައްވައިގެން ލިބި ލެއްވި 08 މެންބަރުންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ.  

ތައުލީމީ ދާއިރާއަށް ބަލާލާއިރު، ނާފިއު ފަށާ ތަޢުލީމާއި މެދުމަދަރުސީ ތަޢުލީމު ޙާޞިލް ކުރީ ބ. އަތޮޅު މަދަރުސާއިންނާއި އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. 2000 ވަނަ އަހަރު ޖީސީއީ އޯލެވެލް ނިންމުމަށްފަހު އައިޓީ ދާއިރާއިންނާއ ގްރެފިކްސް ދާއިރާއިން އަދި އޮފީސް މެނޭޖްމަންޓް ދާއިރާއިން ސަރޓިފިކެޓް ލެވެލްގެ ކޯސްތަކެއް ސައިރިކްސް ކޮލެޖުން ފުރިހަމަ ކުރިއެވެ.  

އުނގެނުމާއި އުނގަންނައި ދިނުމަށް ލޯބިކުރައްވާ އަޙުމަދު ނާފިއުއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަވާ ދިވެހި ބަހުގެ ޑިޕްލޮމާ ކޯހާއި ބެޗްލާސް އޮފް އާޓްސް އިން ދިވެހި ލެންގުއޭޖް ކޯސް ފުރިހަމަކޮށް ގްރެޖުއޭޓް ވެފައިވާ ދަރިވަރެކެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް އާއި ޕޮލިސް އެކެޑަމީން ހިންގާ ބޭސިކް ޓްރޭނިންގ ކޯހުން ފެށިގެން އެ އިންސްޓިޓިއުޓުން ހިންގާ ޑިގްރީ ކޯސްތަކާއި އެހެނިހެން ކޯސްތަކާއި ޓްރޭނިންގ ޕްރޮގުރާމްތަކުގައި ދިވެހިބަހާއި ތާރީޚާއި ޘަޤާފަތް ވަކި މާއްދާތަކެއްގެ ގޮތުގައި ކިޔަވައި ދެއްވަމުން އަންނަ ކުޅަދާނަ މުދައްރިބެކެވެ.

ކުޑައިރުއްސުރެ އަޙުމަދު ނާފިއު އަދަބީ ކަންކަމަށް ނުހަނު ޝަޢުގު ހުރެއެވެ. ނާފިއު ބުނިގޮތުގައި މި ޝަޢުޤުވެރިކަން އުފެދުނީ އޭނާގެ މަންމަ ފަރާތު ކާފަ ބ. ތުޅާދޫ އަލްމަރުޙޫމް ޢަބްދުއްރަޙުމާނު މޫސާ މަޝްހޫރު ނަމުންނަމަ ފަރިހި އަބްދުއްރަހުމާނުގެ ފަރާތުންނެވެ. ފަރިހި އަބްދުއްރަހުމާނަކީ މުޅި ބ. އަތޮޅަށްވެސް މަޝްހޫރު ފަރާތެކެވެ. ގޭގެއަށް ޑަބިޔާ ޖަހަން ކާފަ ދާއިރު އަޙުމަދު ނާފިއުވެސް ގެންދެއެވެ. އަދި ނާފިއުއަށްވެސް ރައިވަރު ކިޔަން ދަސްކޮށްދެއެވެ. ނާފިއުގެ މަސައްކަތަކަށް އޮންނަނީ ކާފަ ކިޔައިދޭ ރައިވަރުތައް ފޮތެއްގައި ލިޔެ ހިތުދަސްކުރުމެވެ.

ނާފިއު ބުނި ގޮތުގައި އެއިރު އޭނާގެ އުމުރުންވާނީ ގާތްގަނޑަކަށް 09 އަހަރެވެ. ކާފަގެ ފުށުން އަދަބީ ކަންކަމަށް އުފެދުނު ޝަޢުގާއެކު ސުކޫލުގެ އަދަބީ މުބާރާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބުނެވެ. މިގޮތުން ސްކޫލުގައި ބާއްވާ ރައިވަރު ކިއުމާއި ބައިތުބާޒީ މުބާރާތް ފަދަ މުބާރާތްތަކުގައި ނާފިއު ވާދަކޮށް ރަން ވަނަތައް ޙާޞިލްކޮށްފައިވެއެވެ.

ނާފިއު ބުނިގޮތުގައި އޭރު މި ކާމިޔާބީތަކުގެ ސަބަބުން އަދަބީ ދާއިރާއަށް ވަނުމަށް ހިތްވަރު ލިބުނެވެ. އެގޮތުން، މަޒުމޫނު ލިޔުމާއި ޅެންހެދުމުގެ މަސައްކަތުގެ ތެރެއަށް ވަނެވެ. މި ހިސާބުން އަޙުމަދު ނާފިއުއަށް އިތުރު ހިތްވަރެއް ލިބުނީ 1999 ވަނަ އަހަރު ބ. އަތޮޅު މީޑިއާ ސެންޓަރުން އަޙުމަދު ނާފިއުގެ ޕްރޮފައިލްއެއް ގެނެސްދިން ހިސާބުންނެވެ.

“އެއީ އަޅުގަނޑު ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ދުވަސްވަރު، މިހާ ހިސާބުން އަޒުމަކަށްވީ ސްކޫލު ދައުރު ނިމުމަށްފަހު ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުންމަތީ ސާބިތުވެ ހުރުމަށް،  ނަމަވެސް އާއިލާގެ މާލީ ތަނަވަސްކަން ނެތުމާއެކު ވަޒީފާއަކަށް ދާން މަޖުބޫރުވީ. މި މަޖުބޫރީ ޙާލަތުގެ ސަބަބުން އުންމީދު ގެއްލުނު،”

ނާފިއު ފުރަތަމަ ވަޒީފާއަށް ވަނީ 2000 ވަނަ އަހަރު އޭރުގެ ނެޝަނަލް ސެކިއުރީޓީ ސާރވިސް އަށެވެ. މަސައްކަތްކުރަން ޖެހުނީ ފުލުހުންގެ ތެރޭގައެވެ. ފުލުހުންގެ ތެރޭގައިވެސް ލިޔުންތެރިކަމުގެ ދާއިރާ އޮންނާތީ ނާފިއު މަސައްކަތް ކުރީ އެ ދާއިރާއާ ގުޅުމަށެވެ. ޕޮލިސް ތެރޭގައި ކަންކަން އިންތިޒާމް ވެފައިވާ ގޮތުން އެއީ ފަސޭހަކަމަކަށް ނާފިއުއަކަށް ނުވިއެވެ. އެހެނަސް ނާފިއުގެ އަޒުމަށާއި ހިތްވަރަށް ބަދަލެއް ނުގެނެސް ކުރެވުނު މަސައްކަތުން 05 އަހަރަށްފަހު ޕޮލިސް މީޑިއާއާއި ގުޅުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ.

މުޖުތަމަޢުއާއި ގުޅުން ހުރި ތަފާތު އިބުރަތްތެރި މެސެޖްތައް ހިމެނޭ ގޮތަށް ލިޔުއްވުމަކީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހެރިޓޭޖް ސެންޓަރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަހުމަދު ނާފިއުގެ ހޮބީއެވެ. އެގޮތުން، 2006 ވަނަ އަހަރުން ފެށިގެން ޕޮލިހުން ނެރޭ މަޖައްލާ ޕޮލިސް ލައިފަށް ލިޔުއްވަމުން ގެންދަވާއިރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ނެރޭ އައްޑަނަ މަޖައްލާއަށާއި ފަންވަތް ވެބްސައިޓަށް 2009 ވަނަ އަހަރުންފެށިގެން ނާފިޢު ލިޔުއްވަމުން ގެންދަވައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން ފަތްތޫރަ މަޖައްލާއަށާއި، ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓަށާއި، އެޓޯލް ނިވްސް ވެބްސައިޓަށްވެސް ނާފިއު ގެންދަވަނީ ލިޔުއްވަމުންނެވެ. މި މަސައްކަތް ކުރައްވަމުން ކުށްމަދު ކުރެއްވުމަށް ޓީވީ އާއި ރޭޑިއޯ އަށް ސްކްރީން ޕްލޭ ލިޔުއްވުމާއި ރިޕޯރޓްތައް ލިޔުއްވައެވެ. މިގޮތުން ޓީވީއެމް އިން ގެނެސްދޭ ”ހިތުގެ އެންމެ ފުންމިނުން” ޕްރޮގުރާމާއި، ވީޓީވީ އިން ގެނެސްދޭ ”ކުށުގެ ހަ ފަރާތް” ޕްރޮގުރާމާއި، ޗެނަލް 13 އިން ގެނެސްދިން ”ފޮރުވިފައިވާ ހަޤީޤަތް” ޕްރޮގުރާމަކީވެސް ނާފިޢު ލިޔުއްވާ ހަޤީޤީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްރޮގުރާމްތަކެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދީފައިވާ” ފާއިތުވި ހަޤީޤަތް” ޕްރޮގުރާމާއި، އެބައުޅޭ މި ބައުޅޭ، ”ކުރުވާހަކަ” ޕްރޮގުރާމަށްވެސް ނާފިޢު ލިޔުއްވާފައިވެ އެވެ. އަދި މިހާރު އޭނާ ގެންދަނީ އީޓީއަށް ވެސް އިބްރަތްތެރި ހަގީގީ ވާހަކަ އާއި އަތޮޅުގެ ރަށްރަށުގެ ތާރީޚީ ލިޔުންތައް ލިޔުއްވަމުންނެވެ.

މީގެ އިތުރުން އިބްރަތްތެރި މެސެޖްތަކާއިއެކު ރީތި ޅެންތަކެއްވެސް އަޙުމަދު ނާފިއު ހައްދަވާފައިވެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސިފަ އުފާ 2012 ގެ ތީމް ޅެމާއި، ފުލުހުންގެ އައްޑިހަ އަހަރުގެ ތީމް ޅެމާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕޮލިސް ކްލަބުގެ ޅެމާއި، ހެލްތް މިނިސްޓްރީން 2012 ވަނަ އަހަރު ކުރިޔަށް ގެންދެވި ޓްރަސްޓް ފަންޑު ޕްރޮގްރާމްގެ ލަވަ ހިމެނެއެވެ. މީގެއިތުރުން ޕޮލިސް ޕޮޕް ބޭންޑަށާއި ސްކޫލު މަދަރުސާތަކުގެ މަދަހަ މުބާރާތްތަކަށްވެސް އަޙުމަދު ނާފިއު ޅެން ހައްދަވާދެއްވައެވެ.

ދުޅަހެޔޮ ސިއްހަތައްގައި ހުރުމަށް ދުވުމަށް އަޙުމަދު ނާފިއު ސަމާލުކަން ދެއެވެ. އަދި ބާއްވާ ބައެއް ދުވުމުގެ މުބާރާތްތަކުގައިވެސް ވާދަކޮށްފައި ވެއެވެ. އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 2007 ވަނަ އަހަރު ބޭއްވި ހާފް މެރަތަން ފުރިހަމަ ކުރެއްވުމަށްފަހު، 2008 ވަނަ އަހަރު ބޭއްވި 12 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި އޮފިޝަލްކަންވެސް ކޮށްފައިވެ އެވެ.  އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަން އިން 2009 ވަނަ އަހަރު ހިންގި ޓެކްނިކަލް އޮފިޝަލް ކޯސް ލެވެލް 1 ފުރިހަމަކޮށް ސަރޓިފިކެޓް ވެސް ވަނީ ހާސިލުކޮށްފަ އެވެ.

ނާފިއު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވާ އެމްޑީއެފްގެ ފަރާތުން ދެއްވާ ޝަރަފުގެ އައްޑަނަ 2013 ވަނަ އަހަރު އޭނާ އަށް ވަނީ ލިބިފަ އެވެ. އަދި ދިވެހި އަދައްބިއްޔާތަށް ޚިދުމަތްކުރައްވާ ފަރާތްތަކަށް ބ. އަތޮޅު ކައުންސިލުން ދޭ ރަންނާ އެވޯޑު 2016 ވަނަ އަހަރު އަޙުމަދު ނާފިއުއަށް ވަނީ ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.