އެ ދުވެލި މަޑުކުރެވުނު ނަމަ…

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.       

ދުވަހަކީ ހޮނިހިރު ދުވަހެވެ. މެންދުރުގެ ކެއުމަށް ތަށިމަތި ތައްޔާރު ކުރުމުގެ މަސައްކަތުގައި ފަރީޝާ ހޭބޯ ނާރައި އުޅެއެވެ. ފަޔާޒު ވަރަށް ބަޑުހައިވެފައި ހުރެ ފަރީޝާ އަށް ގޮވާލިއެވެ. އަދިވެސް ކާން ނުހެދެނީ ހެއްޔެވެ. ” ނޫނެކެވެ. ކާން ތައްޔާރުވެއްޖެއެވެ.” ދެކުދިން ގޮވައިގެން ކާ މޭޒުދޮށަށް އައުމަށް ފަރީޝާ ފަޔާޒު އަށް އިޝާރާތް ކުރިިއެވެ. ފަޔާޒު ދެކުދިން ގޮވައިގެން އައިސް ކާން ފެށިއެވެ. އަދި ކައިނިމިގެން ފުން ނޭވާއެއް ލުމަށްފަހު ވަރުބަލިވެފައިވާ ރާގަކަށް ދަރިފުޅު ރީޝާ އާއި ދިމާލަށް ބަލާލަމުން ބުންޏެވެ.

 ދަރިފުޅާ ރީޟާ، ރަނގަޅަށް ބަނޑުބޮޑު ވަންދެއް ކާތި. ބައްޕަ އަންނާނަން ބޭރަށް ޖެހިލާފަ. މިހެން ބުނުމުން ފަރީޝާ ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ.

ފަރީޟާ: ކޮންމެ ދުވަހަކު މެންދުރު ކެއުމާއެކު ފަޔާ ކޮންތާކަށްތައް ތިދަނީ. ކީއްވާނި އެންމެ ފަހަރަކުވެސް ރީޟާ އާއި އިނާޒް ގޮވައިގެން ތި ދާތާކަށް ދިޔައިއްޔާ!

މިހެން ބުނުމާއެކު ކުޑަކުޑަ ރީޝާ ” ބައްޕާ ކޮންތާކަށް ތިދަނީ . ކޮއްކި ގޮވައިގެން ދާށޭ ބުނުމުން އިނާޒް ރީޝާ އާއި އެއްބައިވެލަމުން ” ބައްޕާ ދޮންބެވެސް ދާނަން ބައްޕަ އާއެކު ކާރު ދުއްވާލަން” ބުންޏެވެ. އަދި ރީޝާވެސް އިނާޒް އާއި އެއްބައިވެލަމުން އާނ! ދޮންބޭ އޭރުން ވަރަށް މަޖާވާނެކަމަށް ބުންޏެވެ. އެކަމަކު ފަޔާޒް އެކުދިންގެ ވާހަކަޔަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަން ފަޔާޒްގެ މޫނުމަތިން އިނާޒް އަށް ދޭހަވި ކަހަލައެވެ. ” އާނ! ކޮއްކޯ އެކަމު ބައްޕަ ގެންދިޔައިއްޔާމު ނޫން ދެވޭނީ” މިހެން އިނާޒް ބުނުމާއެކު ފަޔާޒް ދޮގެއް ހަދާފައި، ބައްޕަ މިދަނީ ރައްޓެއްސަކާ ބައްދަލުކޮށްލާށޭ، ހަވީރުން ދަރިފުޅުމެން ބަލާ އަންނާނެކަމަށް ބުންޏެވެ. އަދި ރީތިކޮށް ތައްޔާރުވެގެން ތިބޭށޭ ބުންޏެވެ. މިހެން ބުނުމުން ފަރީޝާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

ފަރީޟާ: ތިގޮތަށް ކޮންމެ ދުވަހަކުވެސް ކުދިންނަށް ދޯކާދީފަ ތިދަނީ. އެއްދުވަހުވެސް ނިކަން އަހަރެމެން ގޮވައިގެން ތި ދާތާކަށް ދޭބަލަ.

ފަޔާޒު: އަދި ނެތެއްނު ނުދެވިފައެއް. ހަވީރުން އަންނާނަން ތިން މައިން ބަލާ.

ރީތިކޮށް ތައްޔާރުވެގެން ތިބެއްޗޭ އިނގޭ…

މިހެން ބުނެފައި ފާއިޒު ގެއިން ނިކުމެގެންގޮސް ކާރަށް އެރިއެވެ. އަދި ސްޓާޓް ކޮށްލިއެވެ. ނަމަވެސް ކާރެއް ސްޓާޓެއް ނުވިއެވެ. މިގޮތައް ދެތިން ފަހަރަކު މަސައްކަތްކޮށްލުމުން ސްޓާޓްވެއްޖެއެވެ.  ފަޔާޒު ހިތާހިތުން ކިޔާލިއެވެ. ”މިއަދު ހާދަ ވަރުބައްޔެވެ. ފަރީޝާ މިއަދު އަނެއްކާ އަހަރެންނަށް ކާންމިދިނީ ކޯއްޗެއް ބާވައެވެ….. މިގޮތަށް.. ކުށްހީ ކުރާކަށް ނުވާނެތާއެވެ. އެއީ އަހަރެންގެ އަންހެނުން ވިއްޔާއެވެ. އެވާނީ މިއަދު މާ ހޫނު ގަދަ ކަމުން ހީވިގޮތެއްކަމަށެވެ. ދުއްވާލަން ދާންވީއެވެ. އޭރުން މަޑުމަޑުން ފިނިވެދާނެ. ” މިހެން ހިތާ ކާރު ދުއްވާފައިގޮސް މަރަދޫ ކައިރިން ލިންކުރޯޑަށް ނިކުތެވެ.  އަދި ކާރުގައި ބާރަށް ލަވަ ޖެހުމަށްފަހު ލިންކުރޯޑުން އުތުރުން ދެކުނަށް ކާރު ދުއްވަމުން ދިޔައެވެ. ވެފައިހުރި ވަރުބަލިކަމުން ފަޔާޒުގެ ހިތާހިތުން ކިޔާލެވުނެވެ. ” ހާދަ ނިންޖެއް އެބައާދެއެވެ. ވާނީވެސް އެހެން ވިއްޔާ އެވެ. މީ އެންމެ  އަވިބާރުވެސް ގަޑި ވިއްޔާއެވެ. ފަހަރުގައި މިހެން އިންދާ ނިދިދާނެއެވެ. ތަންކޮޅެއް ބާރަށް ކާރު ދުއްވާލަންވީއެވެ. 60  ވަރަކަށް ކިލޯ މީޓަރުގަ ދުއްވާލަނިކޮށް ނިދިފިލައި ދާނެއެވެ. މިހެން ހިތާ ކާރު ވަރަށް ބާރަށް ދުއްވަމުން ގެންދިޔައެވެ.  

ފަޔާޒު އެހާބާރަށް ކާރު އެދުއްވަނީ ފިނިކޮށްލުމުގެ ނިޔަތުގައެވެ. އަދި ނިދިފިލުވާލުމަށްޓަކައެވެ. އަނބުރާ ގެއަށްގޮސް ހަވީރު ވުމުން އެކުޑަކުޑަ އާއިލާ ގޮވައިގެން ފިނިބުރެއް ޖަހާލުމުގެ ނިޔަތުގައެވެ. މިއީ ފަޔާޒުގެ ނިޔަތެވެ. ނަމަވެސް ކަން ވާނީ ކިހިނެއްކަމެއް ނޭގެއެވެ.

ކާރު ވަރަށް ބާރު ސްޕީޑްގައި ދުއްވާފައިދެއެވެ. ކުއްލިއަކަށް ސައިކަލްގައި ފަހަތުން ވަރަށް ބާރަށް ދުއްވާފައިދިޔަ ދެމީހަކާއި ދިމާވެގެން ކާރުގެ ބިއްލޫރި ގަނޑު ތިރިކޮށްލައި ކުޑަކޮށް ސްޕީޑް މަޑުކޮށްލުމަށްފަހު ފަޔާޒު އެމީހުންނާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. އަދި އެމީހުންވެސް ފަޔާޒުއާއި ވާހަކަ ދައްކަމުން ގެންދިޔައެވެ.

ޝަރީފް: ފަޔާޒު.. ހާދަބާރަކަށް ތިދަނީ. އަހަރެންވެސް ތިކާރު އެހާބަރަށް ދުއްވާފަ ދާތީ، ތީ ފަޔާޒު ކާރުކަން އެގިގެން ކަމެއް ގޯސްވީކަމަށް ހީކޮށް މި ގާތްކޮށްލީ. އެކަނިތަ!

ޝަރީފް މިހެން ބުނުމުން ފަޔާޒު ވަރަށް ރަކިވެލާފައި ބުންޏެވެ. މިއަދަނީ މާބޮޑަށް ހޫނުވާތީ ފިނިކޮށްލަން ހަންކެނޑެ ސަރަހައްދަށް ދާން ވެގެން ނެވެ. ކުދިވެރިންވީ ގޭގައެވެ. މިހެން ބުނެ ޝަރީފް އާއިދިމަލަށް ކޮންތާކަށްތޯ ޝަރީފް ތިދަނީ ފަޔާޒް އެހިއެވެ. ޖަވާބުގަިއ ޝަރީފް ބުންޏެވެ.

ޝަރީފް: އަހަރެން މިދަނީ ފަހީމާ ގޮވައިގެން ހިތަދޫ ހޮސްޕިޓަލަށް ދާންވެގެން. ފަހީމާ މާބޮޑަށް ބަނޑަށް ތަދުވާތީ. …. ދޯ ފަހީމާ…

ޝަރީފް މިހެން ބުނުމުން ޝަރީފް އާއި އެއްބައިވެލުމުގެގޮތުން ބަލި ފާޑަކަށް ފަހީމާ ބުންޏެވެ. ފަޔާޒުގެ ދަރިންނާ އަންހެނުންގެ ހާލު ކިހިނެއް ހެއްޔެވެ. ޖަވާބުގައި ”ކުދިންކޮޅުގެ ހާލު ރަނގަޅެވެ. ފަހީމާވެސް މިހާރު ގޭދޮށަށް އަރާނުލާ ވިއްޔާއެވެ.” ފަޔާޒު ބުންޏެވެ. ފަޔާޒް މިހެން ބުނުމުން ޝަރީފް ދަނީއޭ ކިޔާ ހިތަދޫ ހޮސްޕިޓަލާއި ދިމާލަށް މިސްރާބް ޖެހިއެވެ. ފަޔާޒުވެސް ޝަރީފް އަނބުރާ ދިއުމުން އަނެއްކާވެސް ކާރު ވަރަށް ބާރަށް ދުއްވަމުން ދިޔައެވެ. އޭރު އެހިސާބު ގަނޑުން ކޮންމެވެސް ވަރަކަށް ދުއްވާ އެއްޗެތީގެ އަޑު އިވެއެވެ.  ކާރު ވަރަށް ބާރަށް ދުއްވަމުންގޮސް ހަންކެޑެ ސަރަހައްދަށް ވަދެއްޖެއެވެ. އޭރު ފަޔާޒުއަކަށް ރަނގަޅަށް ލޯވެސް ހުޅުވާނުލެވެއެވެ. ފާޑަކަށް ވަރުބަލިވެ ނިދިއައިސް ދެލޯ މެރޭގޮތް ވެއްޖެއެވެ.

ކުއްލިއަކަށް ވަރަށް ބާރަށް އަޑެއް އިވުނެވެ. އެއީ ގަސްތަކެއް މުގުރެމުން ދާ އަޑެކެވެ. އަދި އެއްޗެއް ވަރަށް ބާރަށް ވެއްޓޭ އަޑުވެސް އިވިއްޖެއެވެ. އޭރު ފަޔާޒުގެ ކާރު އޮތީ ހަންކެނޑެ ސަރަހައްދުގައި ޖަހާފައިހުރި ފެންސު ފޫއަޅުވާލައި ވަލުތެރެއަށް ވަދެފައެވެ. ފަޔާޒުވެސް އޮތީ ކާރު ތެރެއަށް ގުޅައަކަށް ޖެހިފައެވެ. ފަޔާޒުގެ ދެލޯ ބޮޑުވެއްޖެއެވެ. ނިދި ފިލައިފިއެވެ. އެހެނަސް ހޭވެރިކަން ވީއިރު މިވަނީ ވާނެގޮތްވެ ނިމިފައެވެ. ފަޔާޒު ކުއްލިއަކަށް ހަޅޭ ލަވައިގަތެވެ. ” މަގޭކާރޭ މަގޭކާރޭ، މީހެކޭ ސަލަމަތްކުރޭ، މިހެން ފަޔާޒު އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ. އޭރު ފަޔާޒުވަނީ ފެންކަޅިވެ ހަދާނެގޮތް ހުސްވެފައެވެ. ކާރުގެ ދުވަސް ގޮސްފިއެވެ. އެއޮތް ލޯބިން ގެންގުޅުނު ޖަވާހިރެއްފަދަ ކާރެވެ. މިއަޑަށް އެހިސާބު ގަނޑުގައި ސައިކަލްގައި އުޅުނު ނިހާން ކިޔާ މީހަކަށް މިކާރު އެކްސިޑެންޓް ވެފައި އޮއްވާ ފެނުނެވެ. އަދި ނިހާން ވަރަށް އަވަހަށް އެދިމާލަށް ގޮސް ފުލުހުންނަށް ގުޅިއެވެ. އަދި ފުލުހުންނަށް ގުޅާ ހަންކެނޑެ ސަރަހައްދުގައި ޖަހާފައިހުރި ފެންސުގައި ޖެހި ކާރެއް އެކްސިޑެންޓް ވެގެން އުޅޭކަމުގެ މަޢުލޫމަތު ދިނެވެ.  ނިހާން ފުލުހުންނަށް މަޢުލޫމަތު ދިނުމަށްފަހު އެކްސިޑެންޓް ހިނގައިގެން އުޅޭ ސަރަހައްދަށް ދިޔައެވެ. އޭރު އޭރު އެކްސިޑެންޓްވެފައިވާ ކާރުގެ ތެރެއިން މީހަކު ހަޅޭއްލަވާ އަޑު އިވެއެވެެ. ނިހާން އަވަހަށް އެކާރުގެ ކައިރިއަށްގޮސް އޭނާ ސަލާމަތްކުރިއެވެ. އަދި ހިތް އަވަސްވެފައިވާ ރާގަކަށް ފަޔާޒް އާއި ދިމާލަށް ބުންޏެވެ. 

ނިހާން: އަސްތާ! ފަޔާޒު ކަލޭތަ؟.. ކިހިނެއްތިހެދީ!

ނިހާން މިހެން ބުނުމުން ފަޔާޒް ވީގޮތް ނިހާން އަށް ކިޔައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް މާގިނަ ވާހަކަ ތަކެއް ނުދެއްކެނީސް ފުލުހުން އެތަނަށް އައިސް ފިއެވެ. އަދި ފުލުހުން ފަޔާޒް އާއި ސުވާލު ކުރަމުން ގެންދިޔައެވެ.

ޕޮލިސް: ކޮންނަމެއްތަ ކިޔަނީ.

ފަޔާޒު: އަޅުގަނޑަށް……… އަޅުގަނޑަށް ކިޔަނީ މުހައްމަދު ފަޔާޒު. ސ.މަރަދޫ/ ހިތިވާދީ

ޕޮލިސް: ކޮބައިތޯ ލައިސަންސް

ފުލުހުން މިހެން އެހުމުން ފަޔާޒް ޖީބުން ނަގާ ލައިސަންސް ކާޑު ފުލުހުންގެ އަތަށް ދިނެވެ. އަދި ފުލުހުން ފަޔާޒްގެ ހުރިހާ މަޢުލޫމަތެއް ނެގުމަށްފަހު އެކްސިޑެންޓްފައި އޮތް ކާރު ބަލައި ޗެކްކޮށްލިއެވެ. އަދި ކާރަށް ލިބިފައިވާ ގެންލުންތައް ނޯޓްކުރަން ފެށިއެވެ. ފުލުހުން ބެލިބެލުމުން ކާރު ދުއްވާފައިވަނީ އޯވަ ސްޕީޑްގައިކަމާއި، ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ހެންކެޑެ މަގުގެ ކަނާތްފަރާތުގައި ޖަހާފައި ހުރި ފެންސްގައި ކާރު ޖެހިފައިވަނީ ކާރުކޮންޓްރޯލުން ނައްޓައިގެން ގޮސްގެންކަމަށް މި ސީން އިން ފުލުހުންނަށް ދޭހަވިއެވެ. އަދި ކާރު އެކްސިޑެންޓް ވުމުގެ ސަބަބުން ފެންސުން 44 ފޫޓް ހާތަން ހަލާކުވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފަޔާޒު ވަރަށް ދެރަވެފައި ހުރެ ފުލުހުންގެ ކިބައިން މަޢާފަށް އެދުނެވެ. އަދި މިއެކްސިޑެންޓް ހިނގަން ދިމާވިގޮތް ފުލުހުންނަށް ކިޔައިދިނެވެ. ފުލުހުންވެސް ފަޔާޒްއަށް ލިބިފައިވާ ގެއްލުންތައް ނޯޓް ކުރިއެވެ. އެހެން ނަމަވެސް ބޭރުފުށުން ފަޔާޒްއަށް އަނިޔާވެފައި ނުވާކަން ފަޔާޒްވެސް ބުންޏެވެ. މިއީ ފަޔާޒްގެ ނަސީބެވެ. ދެވަނަ ފަހަރަށް ދިރިހުންނަށް ބޭނުންވި ކަހަލައެވެ.

ފުލުހުން ފަޔާޒް އާއި ސުވާލު ކުރުމަށްފަހު  އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދު ކޯޑްން ކުރުމަށްފަހު ފަޔާޒްގެ ކާރު ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނެވެ.  އަދި ފުލުހުންގެ ވެހިކަލްގައި ފަޔާޒު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންދެވިއްޖެއެވެ.  އެއަށްފަހު ފުލުހުން މިމައްސަލައިގެ ތަހްޤީޤް ފެށި އެވެ.  ފަޔާޒް މިކަން ހިނގާދިޔަގޮތް ފުލުހުންގެ ތަހްޤީޤަށް ކިޔައިދެމުން ގެންދިޔައެވެ.

ފަޔާޒު: ވީގޮތަކީ އަޅުގަނޑު ގެއިން މެންދުރު ކައިގެން ހޫނު ވާވަރުން ފިނިކޮށްލަންވެގެން ހަންކެޑެ ސަރަހައްދަށް ދިއުމަށް ކާރުގަ ނިކުތީ. ނަމަވެސް އެވަގުތު ވެފައިހުރި ވަރުބައްޔެއްގެ ސަބަބުން ، އަދި އައިސްފައިހުރި ނިދީގެ ސަބަބުން ނިދި ފިލުވާލުމަށް ހިތާ ވަރަށް ބާރަށް ކާރު ދުއްވާފަ އެސަރަހައްދަށް ދާން ދިޔައީ. …. ނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫން…..

 ފަޔާޒު ވާހަކަ ކުރިއަށް ގެންދަންފެށިއެވެ. އަދި ވަރަށް ތަފްސީލުކޮށް ފުލުހުންނަށް އެވާހަކަ ތައް ކިޔައިދެމުންދިޔައެވެ.

”ދެން ވީގޮތަކީ ހަންކެޑެ ކޯޒުވޭ ހަމައިން އަޅުގަނޑަށް ނިދުނީ. ކުއްލިއަކަށް ހޭވެރިކަންވީ ކާރު ވަރަށް ބާރަށް އެއްޗެއްގައި ޖެހުނުއަޑަށް. އަދި ހޭވެރިވެގެން ރަނގަޅަށް ބަލާލިއިރު ހަންކެޑެ ކޯޒުވޭގައި ޖަހާފައިހުރި ފެންސުގައި ކާރުޖެހިއްޖެ. އަދި އަޅުގަނޑަށް ކާރު ކޮންޓްރޯލް ނުކުރެވިގެން ފެންސްގައި ޖެހި ފެންސް ހަލާކުވެ، ވަލުތެރެއަށް ގާތްގަނޑަކަށް 88 ފޫޓް އެތެރެއަށް ކާރު ވަދެފަ ވާހެން ހީވަނީ. އަދި އަޅުގަނޑަށް ކާރުތެރެއިން ނުނިކުމެވިގެން ހަޅޭއްލަވާއަޑަށް ނިހާން އައިސް އަޅުގަނޑު ނެގި. ނަމަވެސް އަޅުގަނޑަކަށް އަނިޔާއެއް ނުވެ.”

ފަޔާޒްގެ މިވާހަކަތައް ފުލުހުންނަށް ކިޔައިދިން ނަމަވެސް މިއެކްސިޑެންޓްގެ ސަބަބުން ބައެއްގެ މުދަލަށް ގެންލުން ލިބިފައިވާތީ، މިކަމަށް ގޮތެއް ނިންމަން އެބަޖެހޭކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް ފަޔާޒް މިކަމަކަށް އިންކާރެއް ނުކުރެއެވެ. ފެންސް ހަލާކްވީ، ފަޔާޒްގެ ސަބަބުން ކަން ފަޔާޒް ޤަބޫލުކުރެއެވެ. އަދި ފަޔާޒްގެ ފަރާތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ފަޔާޒް އަމިއްލައަށް ދޭން ފަޔާޒް އެއްބަސް ވިއެވެ. އަދި ފުލުހުންވެސް ކަން އޮތްގޮތް ވަރަށް ތަފްސީލުކޮށް ފަޔާޒްއަށް ކިޔައިދެމުން ގެންދިޔައެވެ.

ޕޮލިސް: ފުދޭވަރަކަށް ބޮޑު ހަރަދެއް ފެންސް ހެދުމަށް ހިނގާނެކަމަށް ލަފާ ކުރެވޭ… އޭގެ ވެރިފަރާތާއި ގުޅާފައި ގޮތެއް ނިންމާނަން. އެހެންނަމަވެސް ފަޔާޒު ވަނީ އޯވަ ސްޕީޑްގައި ޤަވާއިދާ ޚިލާފަށް ކާރު ދުއްވާފައިކަން ތަހްޤީޤަށް އެނގޭ. އެހެންކަމުން މިކަމުން އޭގެ އެކްސިޑެންޓްގެ ކުޑަ ބޮޑު މިނަށްބަލާ ޖޫރިމަނާ އަކާއެކު މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފަޔާޒުގެ ލައިސަންސް ހިފެހެއްޓޭނެ.

ފުލުހުން މިހެން ބުނުމުން މައްސަލައެއްނެތްކަމަށް ފަޔާޒް ބުންޏެވެ. ނަމަވެސް ފަޔާޒްގެ ލައިސަންސް ކާރޑް ފަޔާޒުގެ އަތަށް އަނބުރާ ދެވޭނީ ފެންސް ހެދުމަށް ޚަރަދުވާ ފައިސާ އޭގެ ވެރިފަރާތާއި ހަވާލުކޮށް އެކަން ނިމުމަށްފަހުކަން ފުލުހުން ފަޔާޒް އަށް ހަަދާންކޮށްދިނެވެ. އަދި މިފަދަ ކަމެއް ތަކުރާރުވެއްޖެނަމަ ލައިސަންސް ކާރޑް ދެވަނަ ފަހަރަށްވެސް ހިފެހެއްޓުމަށްފަހު ކާރޑުން އިތުރު ޕޮއިންޓްވެސް އުނިކުރެވޭނެކަމަށާއި، ޖޫނިމަނާވެސް ކުރިއަށްވުރެ ބޮޑުވާނެކަން ފަޔާޒް އަށް ހަނދާންކޮށް ދިނެވެ. ފަޔާޒް ވެސް މިކަމަށް އެއްބަސްވިއެވެ. އެހެންކަމުން ފުލުހުން ފަޔާޒްގެ ބަޔާން ފުރިހަމަކުރުމަށްފަހު މައްސަލަ ވަކިގޮތަކަށް ނިމެންދެން ލައިސަންސް ކާރޑާއި ކާރު، ފުލުހުންގެ ބެލުމުގެދަށުގައި ބެހެއްޓުނެވެ. އަދި މިވަގުތު ފަޔާޒް ގެއަށް ދިޔަޔަސް އެންމެ ރަނގަޅުކަމަށާއި، ނަމަވެސް ވަކި އެއްޗެއް އަންގަންދެން ފޯނުން ގުޅޭގޮތަށް ހުރުމަށް ފުލުހުން ވިދާޅުވިއެވެ.

ފަޔާޒް ޕޮލިސް ސްޓޭޝަނުން ނިކުމެގެން ރައްޓެއްސެއްކަމަށްވާ މުރުޝިދަށް ގުޅިއެވެ.  އަދި އޭނާ އައުމުން އޭނާ އާއި އެކު ސައިކަލްގައި ގެއަށް ދިޔައެވެ.

ފަޔާޒުއަށް ގެއަށް ދެވުނު އިރު ގަޑިން އިރުއޮއްސި 7 ޖަހައިފިއެވެ. ގެއަށް ހަމަ ވަނުމާއެކު ގެއަށް އައިލެއް ލަސްކަމުން ފަރީޝާ އެހިއެވެ.

 ފަރީޟާ: ތީދޯ ކުދިން ގޮވައިގެން ކާރު ދުއްވަންދާން ބުނި މީހާ. އަދި ކިރިޔާ އައިސް ތި ގެއަށް ވަދެވުނީ.

ފަރީޝާ މިހެން ބުނުމުން ކުދިވެރިންވެސް ފަޔާޒު އާއި ސުވާލުކުރަން ފެށިއެވެ. އަނެއްކާ އަނެއް ތަހްޤީޤެެވެ.

 ރީޟާ، އިނާޒް: ބައްޕަ އައީތަ؟ ހާދަ ލަހަކުން.

 ރީޟާ: މިހާރު ކޮއްކި ތިއްތިވެގެން ހުންނަތާ ކިހާއިރެއް؟

 އިނާޒް: މަންމާ މިހާރު މާލަސްވެއްޖެ ދޯ؟ ދޮންބެ ދެން ނުދާނަން.

ރީޝާ އާއި އިނާޒް ކިޔާއެއްޗަކަށް ފަޔާޒް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފަޔާޒު ހަމަ ގެއަށް ވަތްގޮތައް އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިއަށްވަދެ އެދުގައި އޮށޯ ވެއްޖެއެވެ. ފަޔާޒް ވާހަކަ ނުދެއްކުމުން ފަޔާޒްގެ މޫނުމަތިން ކަމެއް ގޯސްވެގެން އުޅޭހެން ފަރީޝާ އަށް ހީވިއެވެ. އަދި އަހާލިއެވެ. މިއަދު އަނެއްކާ ކަމެއް ގޯސްވީހެއްޔެވެ. ހާދަ ހާސްވެފަ ހުރިހެން ހީވެއެވެ. އެހާ ލަސްވީ ކީއްވެގެން ހެއްޔެވެ.  ފަޔާޒް ނައިސްގެން އެކުދިން އުޅޭތާ މިހަރު ކިހާ އިރެއް ހެއްޔެވެ. ފަރީޝާ މިހެން ބުނުމާއެކު ފަޔާޒް ވަރަށް ދެރަވެފައި ކާރު އެކްސިޑެންޓް ވީކަމަށް ބުންޏެވެ. ފަރީޝާ ވަރަށް ހައިރާންވިއެވެ. އަދި އަހާލެވުނެވެ. އަނެއްކާ ފަޔާޒްގެ އަތެއް ތަނެއް ހަލާކުވި ހެއްޔެވެ. ފަޔާޒް ފަރީޝާ އަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. އަދި ކަން ހިނގާދިޔަގޮތް ކިޔައިދިނެވެ.

”ފަޔާޒް: ނޫން. ނުވެ. އެކަމަކު ކާރުވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފަ، މަރަމާތު ކުރުމަސްވެސް ލައްކަ ފައިސާ ހަރަދުކުރަންޖެހޭ. އަދި ކާރުގޮސް ޖެހިފައިވަނީ ހަންކެޑެ ކޯޒުވޭ ސަރަހައްދުގައި ޖަހާފައިހުރި ފެންސުގައި، ފެންސުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ. އަހަރެން ސަލަމަތްވީ ވީގޮތް ކިޔަދީ އަހަރެންގެ ކުށަށް އެއްބަސްވެ އަދި ފެންސު ހަދައިދިނުމަށް އެއްބަސް ވުމުން.”

ފަޔާޒް މިވާހަކަތައް ކިޔައިދިނުމުން ފަރީޝާ ވަރަށް ހައިރާން ވިއެވެ. އަދި ބުންޏެވެ.

” ފަރީޟާ: ޔާރައްބި. އަނެއްކާ ނިދާފައި އިނދެގެންތަ ދުއްވީ. ނުބަލާ ދުއްވަންޏާމުން ތިކަހަލަ ކަންތައްތައްވެސް ދިމާވާނެ، ޤަވާއިދާ އެއްގޮތައް ކާރު ދުއްވިނަމަ ތިޔަހެނެއް ނުވީސް. ނަސީބެއްނު މީހާ ސަލާމަތްވިކަން.”

ފަރީޝާ މިހެން ބުނުމުން ފަޔާޒް ފަރީޝާގެ ކިބައިން މަޢާފަށް އެދުނެވެ. އަދި ދުވަހަކުވެސް ފަޔާޒްގެ އަތުން މިކަހަލަ ކަމެއް ވިޔަ ނުދޭނެކަމަށް ވަޢުދު ވިއެވެ. އެހެންކަމުން ފަރީޝާ ފަޔާޒުއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އަދި ބުންޏެވެ. ވަރުބަލިވެ ނުވަތަ ނިދި އަންނަ ގޮތްވުމުން ކާރަށް ނާރައި ގަހެއްގެ ހިޔަލުގައި ނުވަތަ ގޭގެ ފަންކާ ދަށުގައި އޮށޯވެ ނިދާލެވުނު ނަމަވެސް މިފަދަ ކަމެއް ނުވީސް ކަން ކަށަވަރެވެ. ކާރުގެ ދެލޮލަކީ އޭގައި ދުއްވަން އިންނަ ޑްރައިވަރުގެ ދެލޮލެވެ. އެދެލޯ މެރިއްޖެނަމަ ދެން ވާނެގޮތް މިއަށްވުރެވެސް ބޮޑުވެދާނެއެވެ. ކިތަންމެ ފޫހިވިޔަސް އަދި ހިތްހަމަ ޖައްސާލުމަށްޓަކައި ސައިކަލަކަށް ނުވަތަ ކާރަކަށް އެރި ނަމަވެސް އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެތި ދުއްވުމުގެ ޤަވާއިދާ އެއްގޮތަށް ދުއްވުނު ނަމަ މިހެން މިކަމެއް ނުވީހެވެ.  މިވީގޮތުން އެއްލާރި ދޫކޮށްލަންވި ތާކަށް އެތައްހާސް ލާރިއެއް މިއަދު މިވަނީ އަހަރެމެންގެ އަތުން ބީވެފައެވެ. ކުރެވުނު ކުށެއްގެ ސަބަބުންނެވެ. މިއީ ނުވިސްނުމުގެ ނަތީޖާއެވެ. އެދުވެލި މަޑުކުރެވުނުނަމަ މިއަދު މިގޮތަށް ކަންތަކެއް ދިމައެއް ނުވީހެވެ.

-ނިމުނީ-

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.