އަހަރެންނަށް އެނބުރި އާދެވޭނެތަ؟

ގިނަ ފަހަރަށް މިފަދަ ހާދިސާތައް މެދުވެރިވަނީ މައިން ބަފައިންގެ އިހްމާލުން ދަރިންނަށް ދޭންވާ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުންނެވެ. މިވާހަކަ ތިޔަ ކިޔުންތެރިންނާއި ހިއްސާމިކޮށްލަނީ މުޖުތަމަޢުގައި ހިނގާ މިފަދަ ވިޔާނުދާ އަމަލުތަކުން ޢިބްރަތެއް ހާޞިލްކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި މުޖުތަމައުގައި ހިނގާ މިފަދަ ވަބާތަކުން އަޅުގަނޑުމެންގެ ޅަ ދަރިން ސަލާމަތްކުރުމުގެ ހެޔޮ ނިޔަތުގައެވެ.

އަހަރެންނަކީ ނޫރާ (އަސްލުނަމެއް ނޫން) އެވެ. ޢުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކީމެވެ. އަހަރެން މިކިޔައިދެނީ އަހަރެންގެ މާޒީއެވެ. އޭރު އަހަރެންގެ ޢުމުރުން އެންމެ 8 އަހަރެވެ. ބައްޕައާއި މަންމަ އަކީވެސް މާލޭގެ ގެދޮރު ވެރިންނެވެ. ނަމަވެސް ޖެހުނު މައްސަލަ ގަނޑެއްގައި ބައްޕައާއި މަންމަ އަރާރުންވެ ބައްޕަ، މަންމަ ވަރިކުރިއެވެ.  މަންމަ ވަރިކުރުމަށްފަހު ބައްޕަ، ބައްޕަގެ ގެއަށް ބަދަލުވިއެވެ. އަހަރެން އުޅެނީ މަންމަގެ ގާތުގައެވެ. މަންމައަކީ ކައުންސެލިންގ ދޭ މީހެކެވެ. ގޭގައި އުޅެނީ މަންމައާއި އަހަރެން އެކަންޏެވެ. މިކިޔައިދެނީ އަހަރެންގެ ހަޤީޤީގަތެވެ. މިއީ ހަޤީޤީ ވާހަކައެކެވެ.

ދުވަސްތައް މާޒީވަމުން ދެއެވެ. އަހަރެންގެ އުމުރުން 12 އަހަރު ވެއްޖެއެވެ. ބައްޕަވެސް އެހެން މީހަކާއި އިނދެގެން ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. ބައްޕައާއި ބައްދަލުވަނީވެސް ވަރަށް މަދު ފަހަރެއްގައެވެ. އަދި މަންމަ މިހާރު އުޅެނީ އެހެން މީހަކާއި ރައްޓެހިވެގެން ނެވެ. މަންމައަކީ އޮފީހަށްދާން ނޫނީ މާގިނައިން ބޭރަށް ގޮސް އުޅޭ މީހެއް ނޫންކަމުން އެމީހާ މަންމައާއި ބައްދަލުކޮށް ހަދަނީ މިގޭގައެވެ. އަހަރެންގެ ކުރިމަތީގައެވެ.  އެއީ ނިޒާރު (އަސްލު ނަމެއް ނޫން) ކިޔާ ބައްޕަގެ ޢުމުރުގެ ފިރިހެނެކެވެ. ބަލާބެލުމަށް ވަރަށް ހިތްހެޔޮ މީހެކެވެ. ނަމަވެސް ހިތާމައަކީ މަންމަ ފަދަ ހެޔޮވިސްނޭ ކައުންސެލިންގ ދޭ މީހަކަށް އެމީހާގެ ހިތް ނިޔަތް އެހާ ބޮޑަށް ސާފުވެފައި ނެތުމެވެ. އަދި މަންމައަށް އެމީހަކު ދެކެ އިންތިހާއަށް ލޯބިވެވުމެވެ. މަންމަ މިމީހާއާއި ރައްޓެހިވެގެން އުޅޭއިރު މިމީހާ މުޅިންހެން އުޅެމުންދަނީ އަހަރެމެންގެ ގޭގައެވެ. ތަފާތު ވައްތަރުގެ ޗޮކްލެޓާއި ލުއި ކާނާވެސް އަހަރެންނަށް ގެނެސްދެއެވެ. އަދި މަންމަ އާއިއެކު ޒަވާޖީ ހަޔާތެއް ފަށަންކަމަށްބުނެ މިމީހާ މަންމައާއި އެކު ލޯބީގެ ގުޅުން ހިންގަމުންދެއެވެ. އަދި ފަހަކަށްއައިސް މިމީހާ ނިދަނީވެސް މަންމަގެ ކައިރީގައެވެ. މަންމައާއި އަހަރެންނާއި ދެމީހުން ނިދަނީ އެއްކޮޓަރީގައި ކަމުން މަންމަ ނިދުމުން މިމީހާ އަހަރެންނަށް ބިރު ދައްކައި އަހަރެންނާއި ބެހި ހަދައެވެ. އަދި މަންމައާއި އެކު  ކޮޓަރިތެރޭގައި އެކުރާ ހުރިހާ ކަމެއްވެސް އަހަރެންނަށް ފެނެއެވެ. ނިދާކަމަށް ހަދައިގެން ކެތް ކޮށްލައިގެން އަހަރެން އޮންނަނީއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. މިމީހާގެ ނިޔަތަކީ މަންމަ ނިދުމުން އަހަރެންނާއި ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގުމެވެ. މިކަން މަންމައަށް އަހަރެން ސިއްރު ކުރީ މަންމަގެ ދިރިއުޅުން ހަލާކުވެދާނެތީއެވެ. ނަމަވެސް އެއްދުވަހަކު އަހަރެން ސްކޫލުން ގެއަށް އައިސް ގޭގައި އެކަނި ރޯން އިންދައި މަންމަ އޮފީހުން އައެވެ. އަދި ރޮނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. މަންމަގެ ގައިގައި ބާރަށް ބައްދައިގަނެވުނެވެ. އަދި މަންމަ ރައްޓެހިވެގެން އުޅޭ މީހާ އަހަރެންނާއި ބެހެނީ ކަމަށް ވަރަށް ހިތްވަރު ކޮށްފައި ބުނީމެވެ. އެމީހާ އަހަރެންނަށް ކޮށްފައިވާ ކަންތައްތައް ލިޔުމަކުން ހާމަކުރުމަކީ އަހަރެންނަށް އެހާ ފަސޭހަކެމެއް ނޫނެވެ. ނަމަވެސް އަހަރެން މަންމައަށް އެއްވެސް ކަމެއް ސިއްރު ނުކޮށް މިހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. މިވާހަކަތައް އަޑުއަހާފައި މަންމަ ވަރަށް ރުޅި އައެވެ. އަދި އެމީހާ އާއި ގުޅައި ދެން ދުވަހަކުވެސް މިގެއަށް އައިސްގެން ނުވާނެކަމަށާއި، ތިކަހަލަ ވިޔާނުދާ މީހުންނާއެކު ގުޅިގެން ނޫޅެވޭނެކަމަށް ބުނެ އެމީހާގެ ކައިރިން މަންމަ ސަލާމަތް ވިއެވެ.

އޭގެ ދުވަސް ކޮޅެއް ފަހެވެ. މަންމަ އަނެއްކާވެސް އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅުނެވެ. މިފަހަރު އެއީ ސިރާޖް (އަސްލުނަމެއް ނޫން) މީހެކެވެ. މިމީހާވެސް ކަންތައް ކުރަމުން އައީ ކުރިން މަންމަ ރައްޓެހިވެގެން އުޅުނު ނިޒާރު ކަންތައް ކުރަމުން އައިގޮތަށެވެ. ސިރާޖުވެސް މަންމައާއި ލޯބީގެ ގުޅުން ހިންގަމުން ދިޔައީ އަހަރެންގެ ކުރިމަތީގައެވެ. ނުވިތާކަށް މަންމަ ގޭގައި ނޫޅޭ ގަޑިތަކުގައި އަހަރެންނާއެކުވެސް ގަދަކަމުން ގުޅުން ހިންގައެވެ. މަންމައަށް މިކަން އެނގުމުން ސިރާޖުއާއި މަންމަ ގުޅުން ކަނޑާލިއެވެ.  ނަމަވެސް މަންމަ ރައްޓެހިވާ ކޮންމެ މީހަކާއެކު ގޭތެރޭގައި ލޯބީގެ ގޮތުން މަންމަ ގުޅުން ހިންގާތަން ބަލާކަށް އަހަރެންނަކަށް ކުޅަދާނައެއް ނުވިއެވެ. މިގޮތުގައި ދުވަސްތައް ގުނަމުންގޮސް އަހަރެންގެ އުމުރުން 17 އަހަރު ފުރިއްޖެއެވެ. މަންމަ އެކި ފަހަރު އެކި މީހުންނާއި ރައްޓެހިވެގެން ގޭތެރޭގައި ކުރަމުންދާ ކަންތައްތަކާއި މެދު ފުންކޮށް ވިސްނާލެވުނެވެ. އަދި މިކަމާއި ވިސްނާ ވަރަކަށް ދުވަހެއް ދުވަހަކަށް އަހަރެން ދިޔައީ މަންމަ މަތިން ފޫހިވަމުންނެވެ. ގޭގައި އުޅޭހިތެއް ނުވެއެވެ. މަންމައަށްވެސް އަހަރެންނަށް އަންނަމުންދާ ބަދަލުތައް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.  އެހެންކަމުން އަހަރެން ގަސްތުކުރީ ދުވަސް ކޮޅަކަށް ވިލިމާލެއަށް ބަދަލުވާށެވެ. މިވާހަކަ މަންމަ ގާތު ބުނުމުން މަންމަ އަހަރެން ވިލިމާލެއަށް ދިއުމަކަށް ދެކޮޅެއް ނަހަދައެވެ. އެއީ ވިލިމާލޭގައި މަންމަގެ ރައްޓެހިން ތިބުމާއެކު އެއިން މީހެއްގެ ކައިރީ އަހަރެން ހުންނަ ވާހަކަ ބުނުމުންނެވެ. ނަމަވެސް ކަންވީ އެހެނަކުން ނޫނެވެ. އަހަރެން ވިލިމާލެއަށް ބަދަލުވި ދުވަހު އަހަރެން ނީޝާ (އަސްލުނަމެއް ނޫން) ގުޅީމެވެ. އަދި މަންމައަށް މިކަން ނާންގައި ނީޝާ އާއިއެކު އޭނަ ހިފައިގެން އުޅޭ ކޮޓަރިއަށް އަހަރެން ބަދަލުވީމެވެ. ނީޝާ އަކީ އަހަރެންގެ ކުޑައިރުގެ ވަރަށް ގައި ރައްޓެއްސެކެވެ. އަދި ކުލާސް މޭޓެކެވެ. ނަމަވެސް ނީޝާ އަކީ މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެކެވެ. ނަމަވެސް އަހަރެންގެ މަންމަ އަހަރެންގެ ހާލު ބަލައިލަން އެއް ފަހަރުވެސް ނުުގުޅައެވެ. އަދި ހޯދާކަށްވެސް ނޫޅެއެވެ. އުޅެނީ ކޮންތާކުތޯ ވެސް ބަލައެއް ނުލައެވެ. މަންމަ އަހަރެން ދެކެ ލޯބިވާނަމަ އަހަރެން އުޅޭ ނޫޅޭގޮތްވެސް ބަލާނެތާއެވެ. އަހަރެން މިކަމާ މާބޮޑަށް ވިސްނަން ފެށުމުން ނީޝާ އަހަރެންނަށް ހިތްވަރު ދީހަދައެވެ. އަދި ނީޝާ އަބަދުވެސް އެހީ ވާނެކަމަށް ބުނެ މަޖާކޮށްލައި ނީޝާ އުޅޭގޮތަށް އުޅުމަށް ހިތްވަރު ދެމުން ދިޔައެވެ.  އޭނާއަކީ ޒުވާން އެތައް ފިރިހެން ކުދިންނާއެކު ޖިންސީގުޅުން ހިންގައިގެން ފައިސާ ހޯދާ އަންހެނެކެވެ. އަހަރެން ނީޝާ އާއި އެކު އުޅެން ފެށުމުން ނީޝާ ކުރާ ހުރިހާ ކަމަކާއި އަހަރެންނަށް ގަޔާވެވުނެވެ. އަދި އެއީ ފޫހިފިލާކަމެއް ކަމަށް ހީކޮށް ނީޝާގެ ބަހަށް ހެއްލި އަހަރެންވެސް ނީޝާ އުޅޭގޮތަށް ހަށިވިިއްކައިގެން ފައިސާ ހޯދަން ފެށީމެވެ. އަދި ލިބޭ ފައިސާއިން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިވެސް ކުރަން ފެށީމެވެ. މިކަން ކުރަން ފެށުމުން އަހަރެންނަށް ގިނަ ފައިސާތަކެއް ލިބުނެވެ. ގިނަ ރައްޓެހިންނާއެކު ގިނަވަގުތު ބޭރުގައި އުޅެން ފެށުމުން ހީވީ މުޅި ދުނިޔެ އަހަރެންނަށް ހިތަކަށް ލިބުނު ހެންނެވެ.  

މިގޮތުގައި ދުވަސްތައް ވޭތުވަމުންދެއެވެ. އަހަރެންގެ މަންމަ އަހަރެން ހޯދާކަށް ނޫޅެއެވެ. އަހަރެން ނެތުމުން މަންމައަށް މަންމަ އެކުރާ ކަންތައް ކުރުމަށް ފަސޭހަ ވާނެތީ ކަންނޭގެއެވެ. ނުވިތާކަށް ބައްޕަވެސް އަހަރެން ހޯދާކަށް ނުޅެއެވެ. އަހަރެން މަގުމައްޗަށް ނިކުންނަން ޖެހުނީވެސް މަންމަގެ ސަބަބުންނެވެ. އަހަރެންނަށް މިއަދު އެކޮތަރު ކޮށްޓެއްްފަދަ ގެއަށްވުރެ މާލޭގެ މަގުމަތިވެސް މާ ރަނގަޅުކަމަށް ހީކުރެވުނެވެ. ގޭގައި އުޅުނު އިރު ގަދަކަމުން ގުޅުން ހިންގުމުގެ ސަބަބުން މިއަދު މިވަނީ އެކަމަށް ހޭނިފައެވެ. ދެވި ހިފާފައެވެ. ޖެހޭ ކޮންމެ ފިރިހެނެއްވެސް މިއަދު އަހަރެންނަށް ކަމުދާން ފެށިއެވެ. ދޮނެއް ކަޅެއް ވަކި އުމުރެއް ނެތެވެ. މިއީ ގޭތެރެއިން އަހަރެންނަށް އުގެނި ދަސްވި ފިލާވަޅުތަކެވެ. މިހާރު އަހަރެންނަށް 80 އަށްވުރެ ގިނަ ފިރިހެނުންނާއެކު އެކި ފަހަރު މަތިން ވާނީ ގުޅުން ހިންގިފައެވެ. މިއީ އަހަރެންނަށް ލިބުނު ނަސީބެކޭ ބައެއް ފަހަރު ހިތަށް އަރައެވެ.

މިގޮތުން އެއްދުވަހަކު އަހަރެންނާއި ނީޝާ އާއި ދެމީހުން ކޮޓަރީގައި ތިއްބައި މަންމަ އަހަރެންނަށް ގުޅިއެވެ. އަދި މަންމަ ވަރަށް ރުޅިއައިސް ހުރެ އަހަރެން މިހާރު އުޅެމުންމިދާ ގޮތުގެ ވާހަކަ ދެއްކިއެވެ. ވަގުތުން ގެއަށް އަންނަން އަހަރެންނަށް އިންޒާރު ދިނެވެ. ނަމަވެސް މަންމަގެ އެބަހަށް އަހަރެންނެތް ގުޑައެއް ނުލަމެވެ. މަންމަ ދައްކާ ވާހަކަތަކަކީ މިއަދު އަހަރެންނަށް ބޭކާރު ވާހަކަ ތަކަކަށް ވިއެވެ. މަންމައަކީ ކައުންސެލިންގ ދޭ މީހަކަށްވެފައި  މަންމަ އެދިން ކައުންސެލިންގ ސަބަބުން މިއަދު އަހަރެން މިވަނީ މަގުފުރެދިފައެވެ. އަހަރެންނެތް ދެނެއް ގެއަކަށް ނުދާނަމެވެ. މިހެން ބުނުމުން މަންމަ ރުޅި އައިސްގެން ފޯނު ކަނޑާލިއެވެ.

އެކުވެރިންނެވެ. އަހަރެން އުޅެމުންދާ ގޮތުގެ ވާހަކަތައް މަންމައަށް ކިޔައިދިނީ މަންމަގެ ގާތް ރައްޓެއްސެކެވެ. އަދި މިކަމާ މަންމަ ލަދުގަތީ މަންމައަކީ ކައުންސެލިންގ ދޭމީހަކަށްވެފައި މަންމަގެ ދަރި މިހާލަތަށް ދިއައީ މަންމަގެ ސަބަބުންކަން މަންމައަށް އިހްސާސް ކުރެވިގެންނެވެ. އަހަރެން މިގޮތަށް މާލެތެރެއަށް ގިނަވެގެން އުޅޭނެކަމަކަށް އަސްލު މަންމަ ހިތަކަށްވެސް ނާރާނެއެވެ. ނަމަވެސް މިއަދު އަހަރެން މިވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައެވެ. ސިނގިރޭޓް ބުއިމަކީ އަހަރެންގެ ދިރިއުޅުމުގެ ކާނާއަކަށް ވެފައެވެ.

އޭގެ އެއްދުވަސް ފަހެވެ. ބައްޕަ އަހަރެންނަށް ގުޅިއެއެވެ. އަދި ބައްޕަ ކައިރިއަށް ހުޅުމާލެއަށް ބަދަލުވުމަށް ބުންޏެވެ. އަހަރެންނަކީ ކުޑައިރުއްސުރެވެސް ބައްޕަ ދެކެ ބިރުގަންނަ މީހަކަށް ވުމުން ބައްޕަގެ އެދުމަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އަދި މަންމަ މިވާހަކަތައް ބައްޕަ ކައިރީ ދައްކައިގެން ބައްޕަ އަހަރެން ގެންދާނެކަން ކުރިންވެސް ވަނީ އެނގިފައެވެ. ބައްޕަ އަހަރެންނާއި ވާހަކަ ދެއްކި ގޮތުން ބައްޕަ އަހަރެން އުޅެމުންދާ މިގޮތާއިމެދު ވަރަށް ރުޅިއައިސްފައި ހުރިކަން އެނގުނެވެ. އަދި އަހަރެން އުޅޭތަން ބުނުމުން ބައްޕަ އަހަރެން ބަލާއައެވެ. އަދި ހުޅުމާލޭގައި ބައްޕަ އުޅޭ ގެއަށް އަހަރެން ގެންދިޔައެވެ.  ގެއަށް ގެންދިއުމަށްފަހު ބައްޕަ އަހަރެންނަށް ވަރަށް ނަސޭހަތް ދިނެވެ. އަދި މިގޮތަށް އުޅުމުން ބަދުނާމުވެ މީހާ ދެދުނިޔޭން ގެއްލި ނިމިދާނެމަށްވެސް ބުނެ ބައްޕަ ނަސޭހަތް ލައިދިނެވެ. ބައްޕަ ވަރަށް އަސަރާއި އާދޭހާއި އެކު އެދިން ނަސޭހަތް އަޑުއަހައި އަހަރެންނަށް ރޮވުނެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ވިޔާނުދާ ގޮތަކަށް ނޫޅޭނެކަމަށް ބައްޕަގެ ކައިރީ އަހަރެން ވަޢުދުވީމެވެ.  އަދި ރަނގަޅު މަގު އިހުތިޔާރު ކުރީމެވެ. އެހެންކަމުން ބައްޕަ ގަސްތުކުރީ އަހަރެން ކޮލެޖަކަށް ފޮނުވައިގެން އިތުރަށް ކިޔަވައި ދިނުމަށެވެ. އެކުގައި އުޅުނު ރަައްޓެހިންނާއި އެއްގޮތަކަށްވެސް ގުޅުން ނުބޭއްވުމަށްވެސް ބައްޕަ ނަސޭހަތްތެރިވިއެވެ.

ނަމަވެސް އަހަރެން ކޮލެޖަށް ދާން ފެށުމުން މަދުން ނަމަވެސް ކުރީގެ ރައްޓެހިން އަހަރެން މަގުމަތިން ފެންނައިރަށް ހުއްޓުވައި ހައްލައިލަން މަސައްކަތް ކުރެއެވެ. ބައެއް ފަހަރު އެމީހުންގެ ބަހަށް ހެއްލޭގޮތް ވެއެވެ. އެހެން ނަމަވެސް ބައްޕަގެ ނަސޭހަތް އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައިވާލެއް ބޮޑުކަމުން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެމީހުންނާއި ދުރުވެވޭތޯ ބަލަމެވެ. އަދި ކުލާހުގައި އުޅޭ އުޅުމުގައިވެސް އެއްވެސް ކުއްޖަކަށް އަހަރެންގެ މާޒީ ކިޔައެއް ނުދެމެވެ. ސަބަބަކީ އަހަރެންގެ މާޒީ އެނގި ކުލާސް ކުދިން އަހަރެންނާއި ދުރުވެއްޖެނަމަ އަހަރެން ބާކީ ވެދާނެތީއެވެ.

އެކުވެރިންނެވެ. ކުއްލިއަކަށް މިގޮތަށް އުޅުން ބަދަލުކުރަން ޖެހުމުން އަހަރެންނަށް ވަރަށް އުނދަގޫވެއެވެ. ބައެއް ފަހަރު މަސްތުވެލާން ރައްޓެއްސަކާ ގުޅާލާ ހިތްވެސް ވެއެވެ. ނަމަވެސް އެ ފޯނު ނަންބަރުތައް ވަނީ ފޮހެލާފައެވެ. މިހާރު ގެންގުޅެނީ އާ ނަންބަރެކެވެ. ކުލާސް ނިންމާލާފަ ގެއަށް ދާ މަގުމަތީގައި ވަގަށް ނަމަވެސް ސިނގިރެޓެއް ހޯދައިގެން ބޯލެވެއެވެ. އެއީވެސް ވަރަށް މަދު ފަހަރެއްގައެވެ.  ބައްޕަ މެންނާއި ވަގަށެވެ. ސިއްރުންނެވެ. ނަމަވެސް މިއަދު މިއިން އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. އެކަންކަން ކިތަންމެ ކުރާ ހިތްވިޔަސް މިއަދު އަހަރެންގެ އަޒުމަކީ އެ މާޒީއާއި ދުރަށް ދިއުމެވެ. މަސްތުވާތަކެއްޗާއި ދުރުހެލިވެ، އަލުން އާ ސޮފުހާއެއް ފެށުމެވެ. ކިޔަވައިގެން މޮޅު މީހަަކަށްވެ ބާއްޖަވެރި ދިރިއުޅުމެއް އުޅޭނެ މަގެއް ހޯދުމެވެ. މިއަދު އަހަރެންނަށް ހެޔޮޮވިސްނުނީތީ ﷲއަށް ޝުކުރު ކުރަމެވެ. ބައްޕަ އާއި ދިމާ ނުވިނަމަ މިއަދުވެސް އަހަރެން އުޅެންޖެހުނީހީ މަސްތުވާ ތަކެތީގެ ޝިކާރައަކަށްވެ ޖަލުގެ ތޭރިތަކުގެ ދަށުގައެވެ. ވިޔާނުދާ ހަޑިމުޑުދާރު އަޅަކަށް ވެފައެވެ. ބައްޕައަށް މިއަދު އަހަރެން ފަށްފަށުން ޝުކުރުވެރި ވަމެވެ. ހެޔޮ ވިސްނުން ދިނީތީއެވެ.  ނަމަވެސް އަހަރެންގެ ހިތަށް އަބަދުވެސް އަރާ އެކައްޗެއް އެބައޮތެވެ. މިފަދަ އަންހެނަކު މުޖުތަމައުން ބަލައިގަންނާނެތަ! އަހަރެންނަށް އެނބުރި އާދެވޭނެތަ! މިސުވާލުގެ ޖަވާބު ތިޔަ ކިޔުންތެރިންނަށް ހުޅުވާލަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ފުރްޤާން

    މަށަކީ ވެސް އިރެއްގަ މަސްތުގެ ވަބާގަ ޖެހިގެން އުޅެވުނު މީ ހެެއް إن شاء الله މި އަދު މަށަކީ ސިނގިރޭޓު ވެސް ބޯ މީ ހެއް ނޫން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.