މަސްތުވާތަކެތިން ދުރުހެލިވޭ! މީ ނުރައްކާތެރި ވަބާއެއް!

މަސްތުވާތަކެތި ބޭނުންކުރުމާއި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަކީ މިއަދު ރާއްޖެއަށް ފެންމަތިވެފައިވާ ވަރަށް ބޮޑު ބިރުވެރިކަމެކެވެ.  މަދު ބައެއްގެ ސަބަބުން ގިނަ ޒުވާނުންތަކެއް ހަލާކުވެ، ވިއްސި ވިހާލިވެގެންދާކަމީ މިއަދު އަޅުގަނޑުމެން ދިވެހިން ހިތާމަކުރަންޖެހޭކަމެކެވެ. ދިވެހިންގެ ފާއިތުވި ދިގު މާޒީއަށް ނަޒަރު ހިންގާލާއިރު، ޒަމާނުއްސުރެ ދިވެހިން އުޅެމުންއައިސްފައި ވަނީ ވަރަށްވެސް ހިތްހަމަޖެހޭ، އެއްވެސް ބިރުވެރިކަމެއްނެތް އަމާން މާހައުލެއްގައެވެ. އެއް ގެއެއްގައި ކައްކާ އެއްޗެއް، ޖެހިގެން ހުރިގެއަށް ގެންގޮސްދިނުމާއި، އަވަށްޓެރިއަކަށް ކަމެއް ދިމާވެއްޖެނަމަ އެއަވަށްޓެރިޔާއަށް އެހީތެރިވެދިނުމަކީ ރާއްޖޭގެ އާދަކާދައާއި ސަޤާފަތާ ގުޅިފައިވާ ކަމެކެވެ. އަދި ދިވެހިން ދައްކުވައިދީފައިވަނީ އެއްބައިވަންތަކަމުގެ ލާމަސީލު މިސާލެކެވެ.

ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ދިވެހިރާއްޖެ މުޅި ދުނިޔެއަށް ތަޢާރަފްވުމާއެކު ރާއްޖެއަށް ރަނގަޅު ކުރިއެރުންތަކެއް އައެވެ. އެހެންނަމަވެސް މިއައި ރަނގަޅު ކަންތައްތަކާއެކު އައި ނުރަނގަޅު ކަންތައްތަކެއްގެ ސަބަބުން މަދު އަހަރުތަކެއްތެރޭގައި މިކުޑަ ދިވެހިރާއްޖެ ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޢާއްމު ވެފައެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ގޭންގުތައް އުފެދުމާއި، މާރާމާރީ ހިންގުމާއި، މަގު ފޭރުމާއި، ކުދި ބޮޑެތި ވައްކަންތައް ކުރުމާއި، ގަދަކަމުން ޖިންސީގުޅުން ހިންގުމާއި، ޒިނޭކުރުން މިކުޑަ ދިވެހިރާއްޖޭގައި ޢާއްމުވެފައިވާއިރު، މިއިން ކޮންމެކަމެއް ކުރުމުގެ ފަހަތުގައި ވަނީ ވަސްތުވާތަކެތީގެ ވަބާކަން މުޅި ދިވެހި މުޖުތަމަޢު މިއަދު ޤަބޫލުކުރެއެވެ.

ކަންމިހެން ހުރިނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަދަދު މިވަނީ އިންތިހާދަރަޖައަށްގޮސްފައެވެ. މިފަދަ ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރުމަށް މެދުވެރިވާ ސަބަބެއްކަމަށްވެފައިވަނީ އެކުގައިއުޅޭ ރައްޓެހިންގެ ސަބަބުންނާއި، މައިންބަފައިން ދަރިންނަށް އަޅާލަން ޖެހޭވަރަށް އަޅާނުލުމުގެ ސަބަބުން ކަމަށް ގިނަބަޔަކު ދެކޭއިރު، އެކުގައި އުޅޭ ރައްޓެހިންނަކީ އެފަދަ ކަމެއްކުރާ ބައެއްނަމަ ވަރަށް އަވަހަށް ކުއްޖާ އެމަގަށް ލަންބުވާލައެވެ. އެގޮތުން، ވަރަށް ގިނަ ފަހަރު މައިންބަފައިންނަށް އަޅާލާންވާވަރަށް އަޅާނުލުމުގެ ސަބަބުން އެކުދިންނަށް މަޤުއޮޅިދެއެވެ.

މިގޮތަށް މަގުމަތީގައި އުޅޭ ވިޔާނުދާކުދިންނާއި ގުޅި، މަސްތުވާތަކެތީގެވަބާގައި ޖެހުމުން ދެން މަސްތުވާތަކެތި ހޯދުމަށްޓަކައި ރައްޓެހިން އެކުއްޖާ ލައްވާ އެކިގޮތް ގޮތުން ފައިސާ ހޯދަމުންދާއިރު، މިކުދިން ލައްވާ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައިގެންނާއި އެނޫންވެސް ގޮތްގޮތުން ފައިސާ ހޯދަމުން ދާކަމީ މިއަދު އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާންވީ މައްސަލައެކެވެ.  

މައިން ބަފައިން ނުވަތަ ބެލެނިވެރިން ދަރިންނަށް އަޅާލަން ޖެހޭ މިންވަރަށް އަޅާނުލުމުގެ ސަބަބުން ދަރިން މަސްތުވާތަކެތީގެ ވަބާގައި ޖެހެނީ މިއަދު މަދެއްކޮށެެއް ނޫނެވެ. މައިން ބަފައިން އަޅާނުލާ ބޮޑެތިވާ ކުދިން އެކުދިން މަގުމަށްޗަށް ނިކުމެ މަގުމަތީގައި އުޅޭ ބޮޑެތި ގްރޫޕް ތަކާއިގުޅި މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާއިރު، މިފަދަ ކުދިން މަސްތުވާތަކެތީގެ ކުޑަ އެތިކޮޅަކަށް  އެކިވަރުގެ ވައްްކަމާއި މާރާމާރީގައި ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ. މާރާމާރީ އާއި ވައްކަން ވެސް ފެށިގެން އަންނަނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށް ގިނަބަޔަކު ދެކެއެވެ.

ފުލުހުންްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 2008 ން ފެށިގެން 2013  ވަނަ އަހަރުގެ ނިޔަލަށް 29 މީހަކު މިދުނިޔެ ދޫކޮށްފައިވާއިރު، އޭގެތެރޭގައި ގިނައީ ކުށެއްނެތް މަޢުސޫމް ކުދިންކަމީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ސަބަބަކީ ގިނަ ފަހަރަށް މިފަދަ ގްރޫޕް މާރާމާރީތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭއިރު ގިނަ ފަހަރަށް މިފަދަ ފަރާތްތަކަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށްވުމެވެ.

އެެހެންނަމަވެސް އިސްވެދެންނެވުނު ގޮންޖެހުންތަކާއެކުވެސް މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ރެއާދުވާލު ކެނޑިނޭޅި ގެންދަނީ ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ހޯދާ އެފަދަ ފަރާތްތަކާމެދު ގެންދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ވޭތުވެދިޔަ 2013 ވަނަ އަހަރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް،  މޯލްޑިވްސް ޕޮލިސް ސަރވިސް އިން  2014 ވަނަ އަހަރު އެންމެ ބޮޑު އިސްކަމެއްދީގެން ހާޟިލްކުރަން ބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑތަކުގެތެރޭގައި މަސްތުވާތަކެތީގެ ވަބާ މުޅި ރާއްޖެއިން  ހުއްޓުވުމަކަށް ގެނައުމަށް ކަމާގުޅޭ ދާއިރާތަކާއި ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކޮށް ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދާ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިހާރުވެސް ގެންދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އަދި މިފަދަ ފަރާތްތައް ހޯދުމަށް މާލެއާއި އަތޮޅުތަކުގައި ފުލުހުން ގެންދަނީ ތަފާތު އޮޕަރޭޝަންތައް ރާވާ ހިންގަމުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަފާސް ހިސާބުތަކަށް ބަލާއިރު 2008 ވަނަ އަހަރު މަސްތުވާތަކެތީގެ 2427 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، 2009 ވަނަ އަހަރު 2258 މައްސަލައަކާއި، 2010 ވަނަ އަހަރު 1618 މައްސަލައެއް އަދި 2011 ވަނަ އަހަރު 1824 މައްސަލައަކާއި 2012 އަހަރު 2534 މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު 2013 ވަނަ އަހަރު 3969 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާކަން ހިތާމައާއިއެކު ފާހަގަކޮށްލަންޖެހެެއވެ. 

މުޖުތަމައުގައި ހިނގާ މިފަދަ ކުށްތައް މަދުކުރުމަށް ޢާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދެއްވުން މިއަދު މިވަނީ ބޭނުންވެފައެވެ. ޢާއްމު ރައްޔިތުންގެ އެހީތެރިކަން އަބަދުވެސް ފުލުހުންނަށް ބޭނުންވާއިރު، އަޅުގަނޑުމެންގެ ޅަ ދަރިން މަސްތުވާތަކެތީގެ ވަބާއިން ދުރުހެލި ކުރުމަށްޓަކައި މުޖުތަމަޢު ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު މިވަނީ ކުރަން ޖެހިފައެވެ. މަސްތުވާތަކެތިން މި ޒުވާން ޖީލް ސަލާމަތްކުރުމަށްޓަކައި މައިން ބަފައިން ނުވަތަ ބެލެނިވެރިން އަދާކުރަންޖެހިފައިވާ ރޯލް ވަރަށްވެސް ބޮޑެވެ. މިގޮތުން ކުދިން ގެއަށް ގެންނަ ތަކެއްޗާއި، އަދި ގެންގުޅޭ ތަކެއްޗަކީ ކޮބައިކަންދެނެގަތުމާއި، އަދި ތިމާގެ އުފަން ދަރިފުޅާއިއެކު އުޅޭ ރައްޓެހިން ދެނެގަތުމާއި، އެކުދިން އުޅޭ އުޅުން ބަލާ ދެނެގަތުން މުހިއްމެވެ. އެހެންނޫންނަމަ މިފަދަ މަޢުސޫމް ކުދިން މަސްތުވާތަކެތީގެ ސަބަބުން  ބިކަހާލުގައި ޖެހި ދިއުމަކީ ދުރުކަމެއް ނޫނެވެ. މަސްތުވާތަކެތީގެ މިނުރައްކާތެރި ވަމާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރެވޭނީ މުޖުތަމަޢުގެ އެންމެހާ އަފުރާދުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.