ސައިކަލް އެކްސިޑެންޓް ވުމުން ދެމީހުންވެސް ކުރީ ޒުވާބް

(މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިހާދިޝާގައި ބޭނުންކޮށްފައިވާ ނަންތަކާއި އެޑްރެސްތަކަކީ އަސްލެއް ނޫނެވެ.)

އަޒީމް (އަސްލުނަމެއް ނޫން) އާއި ނަސީހް (އަސްލުނަމެއް ނޫން) އަކީ ވަރަށް ކުޑައިރުއްސުރެން ފެށިގެންވެސް ވަރަށް ގާތް ރަށްޓެހި ދެރަހުމަތްތެރިންނެވެ. ސްކޫލްދަޢުރު ނިމުމަށްފަހު އިތުރަށް ކިޔެވުމުގެ މަޤުސަދުގައި މިދެކުދިން އިންޑިޔާއަށްގޮސް 1 އަހަރު ދުވަހުގެ ކޯހެއް ފުރިހަމަކުރުމަށްފަހު އެނބުރި މާލެއައެވެ. އަދި ކިޔެވިދާއިރާއިން ދެމީހުންނަށްވެސް މާލެއިން ރަނގަޅު ވަޒީފާއެއް ލިބުނެވެ. ހަރުދަނާ ވަޒީފާއެއް ލިބުނު ނަމަވެސް މިދެކުދިންގެ މިޒާޖަކީ ސަކަ މިޒާޖެއްކަމުން ރޭގަނޑުގެ ގިނަ ވަގުތު ތަކުގައި ރައްޓެހިންނާއެކު ކޮފީއަށްގޮސް ހެދުމަކީ މިދެކުދިންގެ އާދައެކެވެ. އަދި ހަފްތާ ބަންދު ދުވަސްތަކުގައިި ހުޅުމާލެއަށްގޮސް ބާރު ސްޕީޑްގައި ސައިކަލް ދުއްވުމާއި މަގުމަތިންދާ އަންހެން ކުދިންނާއި ފޮށެ ހެދުމަކީ މިދެކުދިންގެ އާދަޔަކަށް ވަނީ ވެފައެވެ. އަދި މީގެ އިތުރުން އަޒީމްގެ ފޯނު ނަމްބަރު އަންހެން ކުދިންނަށް ދީ ހެދުމަކީވެސް އޭނަގެ އާދަޔަކަށް ވަނީ ވެފައެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަޒީމްގެ ފޯނަށް އަންހެން ކުއްޖަކު ގުޅިއެވެ. އަދި ވެސްޓްޕާރކް ކައިރިއަށް ވަރަށް އަވަހަށް އައުމަށް އެދުނެވެ. އެފޯނުކުރި ކުއްޖަކީ އަޒީމް ނުދަންނަ ކުއްޖެއްކަމުން އަޒީމް މިކަން ނަސީހް އަކަށްވެސް ނާންގައެވެ. އެއީ ކޮން ކުއްޖެއްތޯ ބެލުމަށް އަވަސް އަވަހަށް ތައްޔާރުވެލައިގެން ނިކުމެ ވެސްޓްޕާރކް ކައިރިއަށް ދިއުމަށްޓަކައި ސައިކަލްގައި ވަރަށް ބާރަށް ނިކުތެވެ. އަދި މަޖީދީމަގު ޒުވާނުންގެމަރުކަޒާއި ދިމާލުން ބޮޑުތަކުރުފާނުމަގަށް ނިކުތުމަށް ވަރަށް ބާރަށް (އޯވަރ ސްޕީޑްގައި) ދުއްވާލިއެވެ. ހިނގާ މީހަކަށް އަދި ދުއްވާ އެއްޗަކަށްވެސް ބެލުމެއް ނެތިއެވެ. އެހެންނަމަވެސް ކަންތައްވީ މުޅިން ތަފާތު ގޮތަކަށެވެ. އަޒީމް ބާރު ސްޕީޑްގައި ދުއްވަމުންދިޔަ ސައިކަލް ބޮޑުތަކުރުފާނުމަގުން މަޖީދީމަގަށް އެޅި ސައިކަލެއްގައި ޖެހުނެވެ. އަދި އެވަގުތު އަޒީމްއަށް ސައިކަލް ކޮންޓްރޯލް ނުކުރެވިގެންގޮސް ރާވެރިޔާރެސްޓޯރެންޓް ކައިރީގައި ޕާރކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އަނެއްކާވެސް އިތުރު އެކްސިޑެންޓެއް ހިނގައިފިއެވެ. ނަމަވެސް ލިބިފައިވާ އަނިޔާއަކަށް ނުބަލައެވެ. ސައިކަލް އެކްސިޑެންޓްވި އަނެއް ކުއްޖާއާއި އަޒީމް ފެށީ ޒުވާބުކުރާށެވެ. ދެމީހުން ދެމީހުންނާއި ޒުވާބްކުރަމުން ގެންދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތަނަށް މީހުން ޖަމާވެ ކުޅިބަލާމީހުން ގިނަ ވެއްޖެއެވެ.

މިހާދިސާގައި އަޒީމްގެ ކަކުލަށްވަނީ ވަރަށް ބޮޑަށް އަނިޔާލިބި މަށައިގެންގޮސްފައެވެ. އަދި ސައިކަލްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިހާދިސާއާއި ގުޅިގެން ހާދިސާ ހިނގައިގެން އުޅޭތަނަށް ފުލުހުން ގޮސް މައުލޫމަތު ނެގުމަށްފަހު ފުލުހުން ވަނީ މިއެކްސިޑެންޓްގައި އަޒީމްއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށްޓަކައި އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސް ފައެވެ. އަދި އަޒީމްއަށް ފަރުވާދިނުމަށްފަހު އަޒީމް އާއި އެކްސިޑެންޓްވި އަނެއް ސައިކަލް ދުއްވި މީހާ ޓްރެފިކް ޕޮލިހަށް ހާޟިރު ކުރެވުނެވެ.

ފުލުހުން ބެލިބެލުމުން މިހާދިސާ ހިނގާފައިވަނީ އަޒީމް ދުއްވި ސައިކަލް ކޮންޓްރޯލް ނުކުރެވިގެންގޮސް އެކްސިޑެންޓް ހިނގި ސަރަހައްދާއި 79 ފޫޓް ދުރަށް ސައިކަލް ކަހަލައިގެން ދިއުމުންނެވެ. އަދި ސައިކަލް ކަހާލައިގެންގޮސް 49 ފޫޓަށް ސްކިޑް މާރކް އެޅިފައިހުއްޓެވެ. މިދެސައިކަލް ދުއްވި ދެމީހުންނަކީވެސް އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ކާރޑް އޮތް މީހުން ނަމަވެސް ފުލުހުން މިދެސައިކަލް ބަލައި ޗެކްކުރި ކުރުމުން އަޒީމް ދުއްވި ސައިކަލްގެ އަހަރީ ފީ ވަނީ ހަމަވެފައިއެވެ. އަދި އެސައިކަލްގެ ރަޖިސްޓްރޭޝަން މައްސަލަ އުޅޭކަމުގެ ތުހުމަތު ކުރެވުނެވެ. މިމައްސަލަތަކާއިގުޅިގެން މިސައިކަލް ޕޮލިސް ޓޯޔާޑަށް ގެންދެވުނެވެ. އަދި މީގެއިތުރުން އަޒީމްގެ ސައިކަލް ދުއްވާފައިވަނީ ނުރައްކާތެރިކޮށްކަމަށް ފުލުހުންގެ ތަހްޤީޤަށް އެނގުމާއި ގުޅިގެން އަޒީމްގެ ލައިސަންސް ވަނީ ހަމަސް ދުވަހަށް ހިފެހެއްޓި ޖޫރިމަނާކޮށްފައެވެ.

……………

މިފަދަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ ގިނަ ފަހަރަށް ބާރް ސްޕީޑްގައި ދުއްވުމާއި މަގަށް ދޭންވާ ސަމާލުކަން ނުދެވުމުން ކަން ފާހަގަކޮށްލަން ޖެހެއެވެ. ޚާއްސަކޮށް މި ހާދިސާއަށް ބަލާއިރު އަޒީމް މާ އަވަހަށް ތަނަކަށް ދާން ބޭނުންވި ނަމަވެސް ހެދިފައިވާ ގާނޫނާއި ޤަވާއިދާ އެއްގޮތަށް ސައިކަލް ދުއްވިނަމަ މިއެކްސިޑެންޓް  ވުމަށްވުރެ ނުވުން ގާތެވެ. އަދި މީގެއިތުރުން އަޒީމް ދުއްވި ސައިކަލަކީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ޤާނޫނާއި ޤަވާއިދާ ހިލާފަށް ހުރި ސައިކަލެއްކަން ފާހަގަކޮށްލެވެއެވެ. މިއީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން މިއަދު ސަމާލުވެ ލައްވަންވީކަމެކެވެ. ތިމާ ކިތަންމެ ފަރިތަ ނަމަވެސް ހެދޭ ކުޑަކުޑަ ގޯހަކުންވެސް އެފަރިތަކަން ހިނދުކޮޅެއްގެ ތެރޭގައި ގެއްލި ހިނގައިދާނެއެވެ. ހެދޭ އެންމެ މިސްޓޭކަކުންނެވެ. މިކަމުގެ ސަބަބުން އަޒީމްއަށް އެދިމާވި ކަހަލަ ގޯހެއް ހެދި ތިމާގެ ލައިސަންސުން ކާރޑުން ޕޮއިންޓް އުނިވުން ނޫންކަމެއް ނުވާނެއެވެ. އަދި ތިމާގެ އަތުން ފައިސާތަކެއް ބޭކާރުވުން ނޫންކަމެއް ނުވާނެއެވެ.

މިފަދަ އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެތެރޭގައި މަގުމަތީގައި ހެދިފައިވާ ގާނޫނާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ނެތި އެއުޅަނދެއް ނުދުއްވުން ހިމެނެއެެވެ. އަދި މީގެއިތުރުން ބާރު ސްޕީޑްގައި ސައިކަލާއި އަދި އެހެނިހެން އުޅަނދު ފަހަރުވެސް ނުދުއްވުމާއި، އުޅަނދުގެ ވެރިފަރާތުން އެއުޅަނދެއް މީހަކު އަތަށް ދޭއިރު އެމީހަކީ ލައިސަންސް އޮތް މީހެއްތޯ ބެލުމާއި، މަގުމައްޗަކީ ތިމާ ނޫން އެހެން މީހުންވެސް ބޭނުންކުރާ ތަނެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަައިގެން މަގުމައްޗަށް ސަމާލުވެ އިނދެގެން އެއުޅަނދެއް ދުއްވަނީނަމަ މިފަދަ އެކްސިޑެންޓްތައް ހިނގުން މަދުވާނެކަން ގައިމެވެ. އަދި މީގެއިތުރުން ތިމާ ދުއްވާ އުޅަނދަކީ އަހަރީފީ ދައްކާފައިވާ އުޅަނދެއް ތޯއާއި އަދި ޓްރާންސްޕޯރޓް ޤަވާއިދު ބުނާގޮތުން އެހެނިހެން ގޮތްގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައިވާ އުޅަނދެއްތޯ ބެލުން މުހިންމެވެ. އަދި މިކަންކަމަށް ސަމާލުވާން ޖެހެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ވިސްނަންވީ އެއްގަމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައި މަގުމަތީގައި ހެދިފައިވާ ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި ހެދިފައިވާ ޤާނޫނޫ ތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.