އިންތިޒާރުގައި …….

ލިޔުނީ : މަރްޔަމް ޙުސައިން / ހދ.ކުޅުދުއްފުށި

އޮއްސެމުންދިޔަ އިރާއެކު އުޑުމައްޗައް ރީތި ކުލަތައް އަރަމުން ދިޔަ އެވެ. ވިލާތަކުގެ ކުލަތައް ބަދަލުވަމުން ދިޔަ އެވެ. މަޑުމަޑުން ކުލަތައްފިލައި، ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުންދިޔަ އެވެ. ނާމާންކަމާއި ބިރުވެރިކަން ފެތުރެމުންދިޔަ އެވެ.ތަނަކީ އުމުރުންދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެވެ. ދިހަ ފަންގިފިލާގެ  އެއިމާރާތުން ފެންނަނީ ފަޅުކަމެވެ.ކޮޓަރިތަކުން ފެންނަނީ ފަނޑުއަލިކަމެކެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ހަމައެހެންމެ މީހަކު އުޅޭކަމުގެ ލިސާނެއްވެސް ނުފެނެއެވެ. ވަގުތުގެ ގޮތުން އެންމެންވެސް ތިބީ އެމީހެއްގެ ކޮޓަރީގައެވެ. ދެވަނަ ފަންގިފިލާގައި ހުރި ފަސްކޮޓަރިން އެންމެ އުތުރަށްހުރި ކޮޓަރީގައި އަންހެނަކު އިނެވެ. އެއީ ފަރީދާއެވެ. ފަރީދާ އިނީ ޤުރްއާން ކިޔަވާށެވެ. ހަތިމް ބާއްވާފައި އޮތީ އޭނާގެ އުނގުމަތީގައެވެ. އިރުއިރުކޮޅާ ހަތިމްގައިވާ އެއްޗެއް ފަހުމްނުވެގެން ތަންކޮޅެއް ބޮޑަށް ހަތީމާ ލޯކައިރިކޮށްލައެވެ.

ފަރީދާއަކީ އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާމީހެކެވެ. ތިން ކުދިންލިބި ހުވަފަތްވެފައިވާ އަންހެނެކެވެ. ފަރީދާ މުސްކުޅިވި ދުވަހު އޭނާގެ ދަރިން އޭނާ ނުބަލަންވެގެން މަރުކަޒާ ހަވާލުކުރީއެވެ. އެކުދިންނަށް އެކުދިންގެ މަންމަ ބުރައަކަށް ވީއެވެ. ކަމެއް ނުކުރެވޭ ވަރު ވުމުން ގެނެސް ނުދަންނަ ބައެއްގެ އަތް މައްޗަށްދޫކޮށްލީއެވެ. މަންމަ ބަލަން ގޭގަ މަޑުކުރުމުން އެކުދިންގެ ވަޒީފާ ގެއްލިދާނެތީއެވެ. މަންމައަށް ކައްކާ ކާންދިނުމަކީ އުނދަގޫކަމަކަށް ވެގެންނެވެ. ފަރީދާ ނޫނަސް އެމަރުކަޒުގައި ފަރީދާކަހަލަ ކިތަންމެ މައިންނެއް އެބަތިއްބެވެ. ދަރިން ނުބަލާންވެގެން ގެނެސްތިބި ކިތަންމެ ބަފައިންނެތް އެމަރުކަޒުގެ ހިޔާވެހިކަމުގެ ދަށުގައި އެބައުޅެއެވެ. ދެރަކަމަކީ އަހަރު ދެއަހަރު ވާއިރު ބައެއްމީހުންގެ ދަރިން އެމީހުން ދެކިލުމަށްނާންނާތީއެވެ. ދަރިންގެ އިންތިޒާރުގައި ތިއްބާބައެއް ބަފައިން މިދުނިޔެ ދޫކޮށްހިނގައްޖެއެވެ. ބައެއް މައިން ބުއްދިފިލާ ޙާއްސަ ފަރުވާދޭންވަނީ ޖެހިފައެވެ.

ޙަތިމް ލައްޕާލުމަށްފަހު ފަރީދާ ނެގީ އެނދުމަތީ ބާއްވާފައި އޮތް ފޮޓޯއަލްބަމެވެ. ހުޅުވާލުމާއި އެކު ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅާގަތީ އޭނާގެ ތިންދަރިން އެކުގައި ނަގާފައިވާ ތަސްވީރެވެ. އެތަސްވީރު ފެނި ފަރީދާގެ ދެލޮލަށް ޖަމާވީ ކަރުނައެވެ. އެކުދިންގެ ހަނދާންނުކުރާ އެންމެ ދުވަހެއްވެސް ފަރީދާގެ ހަޔާތުން މާޒީވެ ނުދެއެވެ. ކޮންމެ ދުވަހެއްގެވެސް އިރުއޮއްސެނީ އެއިން ކުއްޖަކު ފެންނާނެ ކަމަށް އުއްމީދުކޮށްގެން ހުއްޓައެވެ. އެހެނަސް މިހާރު ފަރީދާގެ ކުދިން އޭނާ މަތިން ހަނދާންހުރިހެންނެއް ހިޔެއްނުވެއެވެ. އެހެންނަމަ އެއިން ކުއްޖަކު އެކުދިން ބަނޑުއަޅާ ވިހޭ މައިމީހާ ދެކެން އަންނާނެއެވެ. އެކުދިންގެ ހިތުގައި ރަހުމެއް ހުރިނަމަ އެމަންމަ ގެނެސް ނުދަންނަ ބައެއްގެ އަތްމައްޗަށް އެއްލާލާކަށް ނުކެރޭނެއެވެ.

ފަރީދާގެ ތިބެނީ ދެފިރިހެން ކުދިންނާއި އަންހެންކުއްޖެކެވެ. އެއީ ނީނާ އާއި ނިޒާމް އަދި ނާޒިމްއެވެ.  ހުރިހާ ކުދިންވެސް އުޅެނީ ދިރިއުޅުމެއް ފަށައިގެންނެވެ. އެހުރިހާ ކުދިންވެސް އުޅެނީ އެއްފުރާޅެއްގެ ދަށުގައެވެ. އެއީ ފަރީދާއަށް މައިންބަފައިން ފަރާތުން ވާރުތަވެފައިވާ ބިމެކެވެ. ރަނގަޅުފެންވަރަކަށް ގެވަނީ ފަރީދާގެ ފިރިމީހާގެ ހަޔާތުގައި އިމާރާތްކޮށްފައެވެ. ތިންކުދިން ވަކިން އުޅުނަސް އުޅެން އުނދަގުލެއް ނުވާނެއެވެ. ފަރީދާ ބަލިވުމާއި ހަމައަށް އޭނާހުރީ އެކުދިންގެ ޙިދުމަތުގައެވެ. ގޭގައި ކައްކާ ގޭތެރެ ތާހިރުކޮށް ހެދީ އޭނާއެވެ. މާމަ ދަރިން ލިބުމުން އެކުދިންގެ ޒިންމާ ނެގީވެސް އޭނާއެވެ. އެކުދިން ބަލަމުން ދަރިންނާއި ދަރިންގެ އަނބިން ވަޒީފާއަށް ފޮނުވައިގެން ފަރީދާ ހޭދަކުރީ ބުރަދުވަސްތަކެކެވެ. އެނބުރި ވަޒީފާއިން އައިސް އޭނާ ނަމާދުކުރިތޯ ހުރީ ކައިގެންތޯ ބަލާލާނެ ދަރިއަކު ނުވިއެވެ. ލިބޭ ހުސްގަޑީގައި ދަރިން ފިނިބުރުޖަހަންދާއިރު އޭނާ އިންނަނީ އެކަނިވެފައި ގޭގައެވެ. ނޫނީ ޗުއްޓީ ނަގައިގެން ރާއްޖެއިން ބޭރަށް މަޖާކޮށްލަންދާ ދިއުންތަކުގައި ފަރީދާ ހުންނަން ޖެހޭނީ މާލޭގައެވެ. ގެބަލަހައްޓާށެވެ. ހުރިހާ އުފާތަކުން މަޙްރޫމްވެފައެވެ. އެހުރިހާ ކަމަކާއި ޝަކުވާނުކޮށް ހިނިތުންމޫނަކާއި އެކު ފަރީދާ ބެލީ އޭނާގެ ވާޖިބު އަދާކުރެވޭތޯއެވެ. މަންމައެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯއެވެ. ދަރިންނަށް އެއްވެސް ކަމެއްގައި ދައްޗެއް އުނދަގުލެއް ވާން އޭނާ ބޭނުމެއްނޫނެވެ. އެމަންމަ މުސްކުޅިވެ ދަރިންގެ އެހީ ބޭނުންވާނެ ދުވަހު އެއްވެސް ޝަކުވާއެއް ނެތި ހުރިހާ ބުރައެއް އުފުލައިދޭނެ ކަމުގެ ފޮނި އުއްމީދާއިވެސް އެކުގައެވެ.

 އާދައިގެ މަތިން ފަރީދާ އުޅުނީ ގޭތެރޭގެ މަސައްކަތުގައެވެ. ދޮވެފައި ހުރި އެއްޗެހި އަޅަންވެގެން ފަރީދާ އެރީ ގޮނޑިއަކަށެވެ. ރޯނުގައި އެއްޗެހި އަޅަން ހުއްޓާ އޭނާގެ ކަންފަތުގައި ޖެހުނީ ކުޑަމަންޖެ ރޯއަޑެވެ. ފަރީދާ އެއެއްޗެހި ހިއްކަން އަޅަން އައީ އެމަންޖެ ނިންދަވާފައެވެ. އެމަންޖެ ރޯލިގޮތުން ފަރީދާއަށް ލިބުނީ ނުބައި ސިގްނަލެކެވެ. ހީވަނީ އަނިޔާއެއް ވެގެން ރޮއިގަތް ހެންނެވެ. އެވަގުތު ފަރީދާ  ހަނދާންވީ އެމަންޖެ އޮންނާނީ ބޮޑު އެނދުގައި ކަމެވެ. މިހާރު ބަންޑުންޖަހާ ފުރޮޅި ހަދާތީ ބޮޑު އެނދުގައި ބާއްވާފައި ދުރަށްޖެހެވޭކަށް ނޯވެއެވެ. އަވަސް އަރުވާލާފައި ގެނައި ހަރަކާތުން ފަރީދާ ކަހާލާފައި ވެއްޓުނީއެވެ. ވީތަދުން އޭނާއަކަށް ނުތެދުވެވުނެވެ. އެހެނަސް ފިރުކިފައި ދެމެމުން ކަހަލަ ގޮތަކަށް  ކޮޓަރިއާ ދިމާލަށް ދިޔައެވެ. އެހިސާބަށް ނުދަނީސް ނީނާ ގެއަށް އައިސްވަންކަން އެއީ ކާކުގެ ނަސީބެއް ކަމެއް ނޭގެއެވެ. 

 އެހާދިޝާގައި  ފަރީދާ ވެއްޓި ފައިބިނދުނީއެވެ. ލިބުނު އަނިޔާގައި ހިނގާ ބިނގާވެ އުޅެން އުނދަގޫވީއެވެ. ގޭތެރޭގެ މަސައްކަތާއި ދުރުވާން މަޖްބޫރުވީއެވެ. ދަރިން ފޫހިވާން ފެށީ އެހިސާބުންނެވެ. ގޭގައި ކައްކާ ކާންދޭނެ މީހަކު ނެތުމުގެ ޝަކުވާތައް އަހަން ފަރީދާއަށް މަޖްބޫރުވިއެވެ. މަންމަގެ ކަންތައް ކޮށް ގޭގައި ކައްކާ ހަދާފައި ވަޒީފާއަށްދާން އަންހެންދަރިޔަށާއި ޅީދަރިންނަށް ތަކުލީފަކަށްވިއެވެ. އެކަކުވެސް ޗުއްޓީނަގާކަށް ބޭނުމެއް ނުވިއެވެ. އަދި ވަޒީފާއިން ކެނޑޭކަށްވެސް ބޭނުމެއް ނުވިއެވެ. ކޮންމެ މީހަކުވެސް ބުނަމުންދިޔައީ އެމީހުން މަތީތައުލީމާއި ހަމައަށް ކިޔެވީ ކައްކަން ގޭގައި ތިބެން ނޫންކަމަށެވެ.

 ދެތިން ދުވަހު ގޭގައި މަޑުކުރުމަށްފަހު އެކުދިން އެނބުރި ވަޒީފާއަށް ދާންފެށިއެވެ. ހެނދުނު އެއްޗެއް ކާގޮތަށް ފަރީދާ އިންނަނީ މެންދުރު އަނބުރާލާންދެން ހުސްގޮހޮރާއެވެ. ހާންތިވެގެން އެފަކީރު އިންނަނީ ހަލާކުވާވަރުވެފައެވެ. ދެއަތް ސަލާމަތުން ހުއްޓަސް އެއްޗެއް ކާން ބަދިގެއާ ހަމައަށް ދެވުނީހީ ހިނގޭނަމަތާއެވެ. ގިނަދުވަސްދުވަހު ފަރީދާ އިންނަނީ ފާހާނާޔާ ހަމައަށް ނުދެވިގެން ގަޔަށް ކުޑަކަމުދެވިފައެވެ. އެހާ ހިސާބުން ދަރިން ކިޔާ އެއްޗެހިން އެނިކަމެތި މައިމީހާގެ ހިތް އެތަށްހާސްފަހަރަކު ކުދިކުދިކޮށްލައެވެ. ދެލޮލުން ކަރުނަ ހިކޭ އެންމެވަގުތެއްވެސް ނުދެއެވެ. އެހާލުގައިވެސް ފަރީދާ އިހްތިޔާރުކުރީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ. އެއިން ކުއްޖަކާއި ދިމާލަށް ނުރުހުމުގެ ގޮތުންވެސް އޭނާ ކުޑާމިސްބަހެއްވެސް ބުނެނުލައެވެ.

އެންމެފަހުން އެކުދިން ބޭނުންވީ ފަރީދާ މުސްކުޅިންބަލާ މަރުކަޒާއި ހަވާލުކުރާށެވެ. އެކުދިންގެ އަގުބޮޑެތި ވަގުތުތައް ފަރީދާއަށްޓަކާއި ހުސްކުރެވެންނެތީމައެވެ. އަނެއްކޮޅުން ފަރީދާ ހުރެގެން އެމީހުންނަށް އުފުލަންޖެހޭ ތަކުލީފުވީ އިތުރެވެ. ގެއަށް މަސައްކަތު މީހެއް ގެނެވެންވެސް އޮތީ އޭނާ ގެއިން ފޮނުވާލެވިގެންކަމަށްވާތީ ދަރިންގެ އެނިންމުމަށް ފަރީދާ އާބަސްބުނީއެވެ. އެއްވެސް ހާލެއްގައި ބޭނުން ވެގެންނެއް ނޫނެވެ. ދަރިންނާއި ވަކިން އެކުދިން ނުފެންނަ ހިސާބުގައި ދިރިއުޅުމަކީ ފަރީދާއަށް ބަރުދާސްތުކުރަން ކެތްވާވަރުގެ ކަމެއް ނޫނެވެ. 

މިއަދު އެމަރުކަޒުގައި ފަރީދާ ހޭކަމުރަމުން އެދާ ކޮންމެ ސިކުންތެއް އޭނާ ހޭދަކުރަމުން އެދަނީ ވަރަށް ވޭނުގައެވެ. މަރުކަޒުގައި ގަޑިން ގަޑިއަށް ކާންލިބުނަސް އެހީ ވާނެ މީހުން ތިއްބަސް ފަރީދާ ހިތްހަމައެއް ނުޖެހެއެވެ. ދަރިން ކައިރީގައި ނެތުމުންނެވެ. ކޮންމެ ނަމާދެއްގެ ފަހަރުގައި ފަރީދާ ދުޢާ ކުރަމުން ދަނީ ދަރިންގެ ފާފަފުއްސެވުމަށް އެދިއެވެ. އެދަރިންނަށް ހެޔޮ ވިސްނުންލިބި ފަރީދާގެ ޙަޔާތުން އެންމެ ދުވަހެއްވެސް އެކުދިންނަށް އޭނާއަށް ހިދުމަތް ކޮށްދިނުމުގެ ތައުފީގް ލިބުމަށް އެދިއެވެ.

ލޯފުރިގެން އައި ކަރުނަތައް ފޮހެލަމުން އަތުގައި އޮތް ފޮޓޯ މޭގައި ޖައްސާލިއެވެ. އަދި ކުޑަދޮރުން ބޭރުބަލާލިއެވެ. އޭނާ އިންތިޒާރު އެކުރަނީ އެއިން ކުއްޖަކު ފެންނާނެ ދުވަހަކަށެވެ. ފަރީދާގެ ފަހުނޭވާ ލުމުގެ ކުރިން ބައްދަލުވާނެކަމަށެވެ. ފަރީދާއާއި މެދު އެކުދިން ކިތަންމެ އިހާނެތިކޮށްކަންތައް ކުރިނަމަވެސް އޭނާ އެއިންތިޒާރުކުރަނީ އެކުދިންނަށެވެ. މައިވަންތަ ގުޅުމަކީ ހިތާހިތުގެ ގުޅުމެކެވެ. ދަރިން ކިތަންމެ ދެރަކޮށް ކަންތައް ކުރިޔަސް އެމީހުންގެ ދެލޯ އަބަދުވެސް އިންތިޒާރުކުރާނީ އެއިން މޫނެއް ދެކިލުމަށެވެ.

                        ~ ނިމުނީ ~

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.