ފުރަތަމަ ފިޔަވަޅު

ލިޔުނީ : މަރްޔަމް ޙުސައިން / ހދ.ކުޅުދުއްފުށި

ސަރުކާރުން ލިބުނު ސްކޮލަޝިޕެއްގައި މެލޭޝިޔާގައި ކިޔަވަން ހުރެފައި ރާއްޖެ އައީ ފަސްއަހަރުކޮއްފައެވެ. އޭރު މާލެއަށްވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ.  ހާއްސަކޮން މާލެއާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލާފައިވާ ބުރިޖް ފާހަގަކޮށްލެވެއެވެ. މަތިމައްޗަށް އަރަމުންދިޔަ އިމާރާތްތައް އިތުރުވެފައި ކުރިއަށްވުރެންވެސް މަގުމަތި ބައިބޯހެން ހީވެއެވެ. ރަށްފުށުގެ ދިރިއުޅުން ދޫކޮށް އަތޮޅުތަކުގެ ރައްޔިތުން މާލެ ހިޖްރަކުރަނީ އެމީހުންނަށް އެނޫން ގޮތެއްނެތިގެންނެވެ. އެއްބަޔަކު ވަޒީފާ ހޯދުމަށެވެ. އަނެއްބަޔަކު ދަރިންނަށް ކިޔަވައިދީ ބޭސްފަރުވާއަށެވެ. ލިބޭ ލާރިކޮޅު ހޭދަކުރަނީ ކުލިދައްކާށެވެ.

ޓެކްސީގައި އިންއިރުވެސް އަހަރެންގެ ނަޒަރު ގުޅިފައިވަނީ ވަށައިގެން ފެންނަމުންދިޔަ މަންޒަރުތަކަށެވެ. އެންމެ ހިތްގައިމު މަންޒަރަކަށް ފެނުނީ ބުރިޖްމަތިން ދަތުރުކުރާއިރު ސައިކަލު ދުއްވާމީހުން ހެލްމެޓް އަޅާއިގެން ދުއްވާތީއެވެ. ރާއްޖޭގައި ހިނގާ ގިނަ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަދަނީ ބޮލަށްލިބޭ ގެއްލުންތަކުގައެވެ. އެހެންކަމުން ސަލާމަތާއި ރައްކާތެރިކަމަށް ހެލްމެޓް އެޅުން މުހިއްމެވެ.

އަހަރެން މާލެ އައީ ގޭމިހުންނާއި ރައްޓެހިންނަށް ނޭގިއެވެ. ބޭނުމަކީ އެމީހުން ސިއްސުވާލުމެވެ. ސަޕްރައިޒްކޮއްލުމެވެ. އެކަން އަހަރެންނަށް ކާމިޔާބުވިއެވެ. ހަވީރު އަހަރެން ބޭރަށް ނިކުމެލީ ސްކޫލް ދައުރުގެ ދެއެކުވެރިންނާއެކުއެވެ. އެއީ މުބީނާއި އާދިލެވެ.ކުޑަކޮން މާލޭ ތެރޭ ބުރުޖަހާލުމަށްފަހު ތިން މީހުންވެސް ބޭނުންވީ އަނގަތަޅާލަން ތަނެއްގައި މަޑުކޮށްލުމަށެވެ. ގިނަދުވަސްތަކެއް ފަހުން ދިމާވުމުން ދައްކަން ހުރި ވާހަކަތައް އެއްފަހަރުން ހުސްވެދާނެހެންނެއް ހިޔެއް ނުވެއެވެ. އަހަރެމެންގެ މަންޒިލަކަށްވީ ހިތްގައިމު ހިސާބެއްގައި ހުރި ރެސްޓޯރެންޓެއްގެ ރޫފްޓޮޕެވެ. އެތަނުގައި ތިބޭއިރު ބުރިޖް ވަރަށް ރީއްޗަށް ފެނެއެވެ.

މުބީނާއި އާދިލް ފިޔަވައި މާގާތް އެކުވެރިންތަކެއް އަހަރެންގެ ނެތެވެ. މެލޭޝިޔާއަށް ދިއުމާއި އެކު އެހެން އެކުވެރިންތައް ގެއްލިއްޖެއެވެ. މިދެމީހުންނަކީ އަހަރެން އެކޮޅުގައި ހުރި އިރުވެސް އެންމެ ގާތް ކޮށް އުޅުނު ދެމީހުންނެވެ. ސޯސަލް މީޑިޔާ މެދުވެރިކޮށް ދެފަރާތުގެ ގުޅުން ދިޔައީ ވަރުގަދަވެގެންނެވެ. މުބީނާއި އާދިލް އަހަރެންނަށް ވުރެން ރޭހުގައި އުޅެނީ މާކުރީގައެވެ. ޖަވާޒީ ޙަޔާތެއް ފަށައިގެން ދެމީހުން އުޅޭއިރު މުބީންގެ ދެއަހަރުގެ ފިރިހެންކުއްޖެއްވެސް އެބަހުއްޓެވެ. ދިރިއުޅުމެއް ފެށުމުގެ ބަދަލުގައި އަހަރެން ބެލީ ކިޔެވޭތޯއެވެ. އެކަން ﷲގެ އިރާދަފުޅުން މިވަނީ ފުރިހަމަވެފައެވެ. މުޅިދިވެހި ރާއްޖެވެސް ފަހުރުވެރިވާ ފަދަ ރަންވަނަޔަކާއިވެސް އެކުއެވެ. މެލޭޝިޔާއަށް ކިޔަވަން ދިޔައިރު އަހަރެންވެސް އުޅުނީ ކުއްޖަކާއި ރައްޓެހިވެގެންނެވެ. އެގުޅުން ކަނޑާލަން ޖެހުނީ އަހަރެން ދެކެ އޭނާ ލޯބިނުވާކަމަށް ބުނެއެވެ. އަދި އަމުދުން ފަސްއަހަރު ވަންދެން އަހަރެންނަށްޓަކާ މަޑުކުރެންނެތް ކަމަށް ބުނެއެވެ. އެކުއްޖާ ދެކެ އަހަރެން ވަރަށް ލޯބިވީމެވެ. އެހެނަސް އުދުހިގަނެގެން ދާން ބޭނުންވުމުން ފިޔަކޮށައިގެން ބޭންދުމުގެ ބޭނުމެއްނެތެވެ. އޮޅުނުވާނެކަން އެނގުމުން ދޫކޮށްލީއެވެ.

” ކޮން ދުނިޔެއެއްގަ ؟ ” މުބީންގެ އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހިނިތުންވެލާފައި އަހަރެން ބޯހޫރާލީމެވެ. އެއްވެސްކަމަކާއި ނުވިސްނަމޭ ބުނުމުގެ ގޮތުންނެވެ.

” މިހާރު އެންމެންވެސް ބުރިޖްމަތިން ދަތުކުރަނީ ހެލްމެޓާއި އެކު ދޯ ……….” ދުރަށް ބަލަން އިނދެފައި ބުނީމެވެ.

” އާނ…. އެއީ ބަޔަކަށް ފައިދާއަށް ކޮއްގެން އުޅޭކަމެއް ؟ ” މުބީން ބުނެލީ ވަރަށް އެހެން ކަހަލަ ރާގެއްގައެވެ. އޭނާ އެހެން އެބުނީ ކޮންމާނައެއްގައި ކަމެއް އަހަންނަކަށް ނޭގުނެވެ.

” ތިބުނީ ؟ ” މުބީންގެ މޫނަށް ބަލާލުމުން އެމޫނުމަތީގައިވީ ނުރުހުމެވެ.

” މިބުނީ އެއީ ވިޔަފާރިވެރިންނާ ގުޅިގެން ކުޅޭ ޑުރާމާއެކޭ……. ހެލްމެޓް ވިކޭންނު އެނާޅާ ބުރިޖްމައްޗަކަށް ނޭރޭ ވިއްޔާ……އަނެއްކާ ހެލްމެޓެއް އެހާ އަގުބޮޑު ” މުބީން އިނީ ހިތްހަމަ ނުޖެހިފައެވެ. އާދިލް އެއްޗެއް ނުބުނެއެވެ.

” ހެލްމެޓް އެޅީމަ އެންމެނަށްވެސް ރައްކާތެރިއެއްނު…….ކިތަށް މީހުން އެކްސިޑެންޓުތަކުގަ ފުރާނަ އެދަނީ ……….މިކުޑަކުޑަ ރާއްޖެއަށް ބެލިޔަސް އަހަރެއްގެ ތެރޭގަ އެކްސިޑެންޓުތަކުން މަރުވާ މީހުންގެ ނިސްބަތް ކިހާ މަތީގަ އުޅެނީ……އެނިސްބަތް މަދުކުރެވޭނެ ހެލްމެޓް އެޅިމަ ” އަހަރެންނަކީ ދޫ ހިމޭނުން ލައިގެން އިންނަން ފަސޭހަ މީހެއްނޫނެވެ. އަހަރެންނަކީ  ކަންކަމާއި މެދު އަހަރެން ދެކޭ ގޮތް މީހުން ކުރިމަތީ ހާމަކުރާ މީހެކެވެ. މުބީން ފެށީ ހޭށެވެ. އަހަރެން ކުޑަކޮން ހައިރާންވެގެން އާދިލްގެ މޫނަށްވެސް ބަލާލީމެވެ. މީހަކު ހޭވަރުގެ އެއްޗެއް އަހަރެން ނުބުނަމެވެ.

” ދެން ތިބުނަނީ ……….ހެލްމެޓަކީ މަރުން ސަލާމަތްވާ އެތިގަނޑެކޭދޯ……ބަލަ ގެންދަވަންވީމަ ފުރާނަ ގެންދަވާނެ…..ހެލްމެޓް އެޅިޔަސް ނޭޅިޔަސް……….” މުބީނަށް ވިސްނޭގޮތް މުބީން ހާމަކުރިއެވެ. އަހަރެން އިތުރަށް އެމައުލޫގައި ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ. އެހެން އަހަރެން ބެލީ އެހެން ވާހަކައެއް ދެއްކޭތޯއެވެ.

” އާދިލް ނެތްތަ ދަތުރެއް………..” ވަޒީފާއަކަށް ދިއުމުގެ ކުރިން އަހަރެން ހުރީ ދަތުރަކުދާންވެސް ބޭނުންވެފައެވެ. މޫދަށް އެރިލައި ރަށްފުށުގެ ދިރިއުޅުން ތަޖްރިބާކޮށްލަން ހުރީ ނިކަން ބޭނުންވެފައެވެ.

” ނޫނޭ……ހިނގާ ދަތުރެއް ރާވަމާ……… ދަތުރުދާން ހުޅުމާލެވެސް ހަމަ ރަނގަޅުވާނެ….” އާދިލް ހީލާފައި ބުނެލިއެވެ. މުބީނާ ހިލާފަށް އާދިލަކީ ބަސްމަދު މީހެކެވެ. މުބީނަށްވުރެން ކަންކަމުގައި ވިސްނޭކަމަށްވެސް އަހަންނަށް ފެންނަނީ އާދިލެވެ.

” އުހޫން މަށެއް ނުދާނަން ހުޅުމާލެއަކަށް ތިއުޅެނީ ދަތުރެކޭ ކިޔައިގެން މަ ހެލްމެޓް އަޅުވާނެ ގޮތެއް ނޭނގިގެން……….މަ މިހުރީ ތި ހެލްމެޓެއް ނާޅަން ހުވާކޮށްގެން……. ”

” ތިމީހުން ދަތުރު ރާވާ……. ހުރިހާ ހަރަދެއްގަ އަހަރެން މިހިރީ ހިފަންތައްޔާރަށް……….” ދަތުރުގެ ކަންތައް އަހަރެން ދޫކޮށްލީ އެމީހުންގެ އަތްމައްޗަށެވެ.

ޖެހިގެން އައި ހަފްތާގައި ދަތުރު ދާ ގޮތަށް ހަމަޖެހުނެވެ. މާލެ އަތޮޅު ތުލުސްދުއަށެވެ. ފެރީގައި ދާ ގޮތަށް ހަމަޖެހުނު އެދަތުރު ފުރަން ހަމަޖެހުނީ ހެނދުނު އަށެއްޖަހާއިރަށެވެ. ފުރަން ނިކުތްއިރު އުޑުމަތި އޮތީ ކުޑަކޮން ބަނަކޮށެވެ. ވައިނިވާލާފައި އޮތުމުން އުދާސްވާ ގޮތެއް ހުއްޓެވެ. ގެނައި ސާމާނުތައް ފެރީއަށް އަރުވާފައި ގޮނޑިބަރީގައި ހަމަޖެހިލީމެވެ.

” ކޮބާ ލައިފް ޖެކެޓް؟ ” އަހަރެން ކުރި ސުވާލުން އާދިލާއި މުބީން އެކަކު އަނެއްކަކަށް ބަލާފައި ފެށީ ހޭށެވެ.

” ކިހިނެތްވީ؟ ތިހެނީ…….. ދަތުރަށް ފުރަންވާނީ ލައިފްޖެކެޓް އަޅައިގެންނު……..”

” ސާބަސް ކަލެއަށް ކަނޑަށް ފުންމާލަންތަ ތިއުޅެނީ……..ލައިފްޖެކެޓަކީ ކަނޑުމަތީ ހާދިސާއެއް ހިނގީމަ އަޅާ އެއްޗެއްނު ……..ކިޔެވި ކިޔެވީނުން ބޯގޯސް ވާހަކަ މީނަ މިދައްކަނީ…..” މުބީން ދިމާކޮށްލިއެވެ. އެވަރުންވެސް އަހަރެން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ފެރީގެ ކެޕްޓަނަށް ގޮވާ ގެނައިމެވެ.

” ކޮބާ ލައިފްޖެކެޓް؟ ” ކެޕްޓަން ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. އަހަރެން ފިޔަވައި ދެން ތިބި ދެއެކުވެރިންގެ މޫނުމަތިން ފެންނަނީ ލާނެތް ހިނިތުންވުމެވެ. ތިން މީހުންގެ މޫނަށް ބަލާލާފައި ކެޕްޓަން އެއްޗެއް ނުބުނެއެވެ. އަހަރެމެން ކެޕްޓަނާއި މައްލަވަކުރަނީކަމަށް ހީކުރީ ކަންނޭގެއެވެ.

” އަނެއްކާ މި ފެރީގައި ލައިފް ޖެކެޓް އެބަހުރިތަ ؟ ” އަހަރެން ބޭނުންވީ ޔަގީންކުރާށެވެ.

” އާން ހުންނާނެ ……. މިހިރީނުން……” މައްޗަށް އިޝާރަތްކޮށް ކެޕްޓަން ދައްކާލީ އަހަރެމެން ބޮލާއި ދިމާ މަތީގައި ހުރި ލައިފްޖެކެޓްތަކެވެ. އެއްޗެހި ހުރީ ކޮތަޅުން ނުވެސް ކަނޑައެވެ. ދުވަހަކު ބޭނުން ނުކުރާކަން އެނގެނީ ކޮތަޅުގައި ހުރުމުންނެވެ. އަދި ހުރީ ވަލުން އައްސާފައެވެ. ހީވާގޮތުން ވެއްޓިދާނެތީއެވެ. ހާދިސާއެއް ހިނގައިގެން އެވާތައް މޮހަން އުޅޭނި ކިހިނަކުން ހެއްޔެވެ؟

” ދަތުރަށް ފުރުމުގެ ކުރިން ލައިފްޖެކެޓް އަޅަން ޖެހޭ……. ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ” އަހަރެންގެ އެޖުމްލަ އިވިފައި ކެޕްޓަން މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.

” އަހަރެން މި ފެރީގަ މީހުން ގޮވައިގެން ދަތުރުކުރާތާ ދިހަ އަހަރު ދުވާލަކު އަށްދަތުރު ހަދަތުރުކުރަން ” ކެޕްޓަންގެ ދެލޯ އަމާޒުވެފައިވީ އަހަރެންނާ ދިމާލަށެވެ.

” ލައިފްޖެކެޓެއް ލިބިދާނެތަ ؟ ދަތުރު ކުރާއިރު އަހަރެން ބޭނުން ލައިފްޖެކެޓް އަޅައިގެން އިންނަން…….” ދެއެކުވެރިންނަށް ބަލާލާފައި އަހަރެން ކެޕްޓަނާއި މުޙާތަބުކުރީމެވެ.

” އަހަރެންގެ އެކުވެރިޔާ ކުޑަކޮން ބޯ ގޯސްވާނެ……….އެސޮރު ކިޔަން ފަށައިފި އެއްޗެއް ހުއްޓައެއް ނުލާނެ……” މުބީންގެ ވާހަކަ އިވިފައި ކެޕްޓަން ދަމުން ދިޔައީ އަހަރެންގެ އަތަށް ލައިފްޖެކެޓެއް ދީފައެވެ. އަހަރެން ލައިފްޖެކެޓް އެޅުމުން މުބީން މަޖާވެފައި އަހަރެންގެ ފޮޓޯނެގިއެވެ.

” މީ ފުރަތަމަ ލައިފްޖެކެޓް އަޅައިގެން ދަތުރުކުރާ ދިވެހި ފިރިހެނާގެ ޝަރަފު ހޯދާ ފަރާތް” އަހަރެން އެއްޗެއް ނުބުނަމެވެ. އާދިލްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ހީލަހީލަ އިނީއެވެ.

ބާރު ދުވެލީގައި ތުލުސްދުއާ ދިމާލަށް ފެރީ ހުރެގެންދެއެވެ. އަހަރެން ފޯނުން ފޮޓޯކޮޅެއް ނެގޭތޯ މަސައްކަތްކުރީމެވެ. މާލޭގެ މަލަމައްޗާއި ކަނޑާއި ވިލިގިއްޔާއި ތަންތަނުގެ ފޮޓޯ ނަގާ ރައްކާކުރަމުންދިޔައީ ފަހުން ބަލާލުމުގެ ބޭނުމުގައެވެ. ބާރު ސްޕީޑްގައި އައި ލޯންޗެއް ފެރީގައި ޖެހި ފެރީ ހަލާކުވީއެވެ. އިސާހިތަކު ލޮނުވަދެ ފެރީ އަޑިއަށްދާންފެށިއެވެ. ލޯންޗުގައި ތިބި މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބޭނޭކަން ޔަގީނެވެ. މީހުންގެ ރުއިމުގެ އަޑުން މުޅި މާހައުލު ބަދަލްކޮށްލިއެވެ. އަހަރެންގެ އެކުވެރިން ކޮބައިތޯ ބެލިއިރު މުބީން ފެންނާކަށް ނެތެވެ. އާދިލް އަޑިއަށްދާތަން ފެނި އޭނާގެ އަތުގައި ހިފާ ނެގީމެވެ. އަދި ފިލާގަނޑެއް ދީފައި ހިފެހެއްޓުމަށް ބުނީމެވެ. ދެން އަހަރެން ފަތައިގަތީ މުބީން ފެނޭތޯއެވެ. އެވަގުތު އަހަރެން ބޯ ކޮންމެވެސް ތަނެއްގައި ޖެހި އަހަރެންގެ ހެޔަށް ގޮތްވިއެވެ.

ހޭވެރިކަން ވީއިރު އަހަރެން އޮތީ އައި.ޖީ .އެމް ހޮސްޕިޓަލްގައެވެ. އައިވީ ކުޅާފައި އޮތް އިރު ބޯވަނީ ބެންޑޭޖް ކޮއްފައެވެ. ކައިރީގައި މަންމަޔާއި ބައްޕަ ތިއްބެވެ. އެމީހުން ތިބީ ރޮވިފައެވެ. އަހަރެން ލޯ ހުޅުވާލުމުން މަންމަގެ ރުއިންވީ ހައްތަހާ ގަދައެވެ.

” މަންމާ ކޮބާ މުބީން؟ ކޮބާ އާދިލް”  މަންމަ ބައްޕަގެ މޫނަށް ބަލާލީ މާޔޫސްވެފައިވީ ބެލުމަކުންނެވެ. މަންމަގެ އެ ހަރަކާތުން އަހަންނަށް ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން އެނގުނެވެ.

” ދަރިފުޅާ މުބީން…….” މަންމަޔަކަށް ވާހަކައެއް ނުދެއްކުނެވެ. އަހަރެންނަށް ރޮއެގަނެވުނެވެ. އިތުރަށް އެވާހަކަ އަޑުއަހާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. މުބީންގެ އަންހެނުން ހުވަފަތްވީއެވެ. ދަރިފުޅު ޔަތީމްވީއެވެ. އެހިތާމަވެރި ހާދިސާގައި އާދިލް ސަލާމަތްވީ ވަރަށް ހަނި ފުރުސަތަކުންނެވެ. އެފިލާގަނޑުގެ އެހީ ނުލިބުނު ނަމަ އާދިލަށްވެސް ވާނެ ގޮތެއް ނޭގެއެވެ. އަހަރެންނާއި ފަހުން ފެރީ ދުއްވި ކެޕްޓަން ބައްދަލުކުރިއެވެ. ދެން މީގެ ފަހުން ލައިފްޖެކެޓް ނާޅާ ދަތުރު ނުކުރާނެ ވާހަކަ ބުނުމުން އަހަރެންނަށް ރޮއެގަނެވުނީ އުފަލުންނެވެ. އެކަމަކު ގާތް އެކުވެރިޔަކު ތާއަބަދަށް ވަކިވެ ދިޔަކަމުގެ ހިތާމަ ދުވަހަކުވެސް ފިލައިގެންނުދެއެވެ.

ހެލްމެޓާއި ލައިފްޖެކެޓް ބޭނުން ކުރަންވީ އެއެއްޗެހި ބޭނުން ކުރުމުން ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށެވެ. ކަމެއް ވުމުގެ ކުރިން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައެވެ.

                 ( ނިމުނީ )

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.