އެހަނދާން….

ލިޔުނީ : މަރްޔަމް ޙުސައިން ހދ.ކުޅުދުއްފުށި

އަހަރެންގެ މޭމަތީގައި އޮތް  ފޮޓޯ ލޯގަނޑު ނަގާ ވަރަށް ފުންނަޒަރަކުން އެފޮޓޯއަށް ބަލާލީމެވެ. އަހަރެންނާއި އެކު ކޮއްކޮ އުމުރުން ހަތްއަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯގައި އަހަރެމެން ދެބެން ބައްދާލައިގެން ތިބިލެއް ލޯބިކަމުން އެފޮޓޯ ބަލާލި ކޮންމެ މީހަކަށް އަހަރެމެން ދެބެންގެ ބަދަހިގުޅުމާއި އެކަކު އަނެއްކެއް ދެކެ ލޯބިވާވަރު ވަޒަން ކުރެވޭނެއެވެ.

އަހަރެންނަށް ވުރެން ކޮއްކޮ ހަތްއަހަރު ހަގެވެ. އަހަރެންގެ އެއްބަނޑުގައި ކޮއްކޮ ފިޔަވާ އިތުރު ކުއްޖަކު ނެތުމުން ކޮއްކޮ ދެކެ ލޯބީވީ އޭގެ އިންތިހާއަށެވެ. އުމުރުގެ ތަފާތު އެހާ ބޮޑު ނަމަވެސް އަހަރެންގެ ކޮންމެ މަޖަލެއްގައި ކޮއްކޮ ބައިވެރިކުރަމެވެ. ދުވަހެއްގައިވެސް ކޮއްކޮއާ އަރާރުންވެ ތަޅާފޮޅައެއް ނުހަދަމެވެ. ކޮއްކޮ އަކީ އަހްލާގް ރަނގަޅު މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. އާއިލާ އެންމެންނާއި ރަށުމީހުންގެ ލޯބި އެހާ ޅަފަތުގައިވެސް ކޮއްކޮވަނީ ހޯދާފައެވެ.

2004 ޑިސެމްބަރ ސައްބީސްވީ އާދީއްތަ ދުވަހަކީވެސް އަހަރެންނަށް ހަމަ އެހެން ދުވަސްތައް ފަދައިން އާދައިގެ ދުވަހެކެވެ. އަންނަން އޮތް ބިރުވެރި ތޫފާންގެ ހިލަން އެއްވެސް މީހަކަށް ނުވެއެވެ. އުދަރެހުން ފާއްދާލީ އިރާއެކު ހާލާއި ކާޅުތަކުގެ ސައްލާގެ އަޑު މުޅިރަށުގައި ގުގުމަންފެށިއެވެ. ދުވާލުގެ މަސައްކަތާއިގެން ކޮޅުކޮޅަށް މީހުންތައް ހޭލަމޭލަވާންފެށިއެވެ. ބޮޑުޗުއްޓީއަށް ވުމުން ރަށުން ބޭރުގައި އުޅޭ މީހުނާއި ކުދިންނުން ރަށުގެ ފަޅުކަން ކެނޑި ހަލަބޮލިކަމާއި އުފާވެރިކަން ރަށުތެރެއަށް ވަނީ އައިސްފައެވެ.

ހެނދުނުގެ ސަޔަށްފަހު އަހަރެން މޫދަށްދާން ތައްޔާރު ވެލީމެވެ. މޫނުމައްޗާއި ފިންސް ހިފައިގެން ނިކުމެ މަންމަ ކައިރީ މިދަނީ މޫދަށް ކަމާށާއި ކޮއްކޮވެސް  ގޮވައިގެން ދާވާހަކަ ބުނީމެވެ. މަންމަ ކޮއްކޮ ރަނގަޅަށް ބަލާތިވޭ ބުނެލީ ބަދިގެތެރޭ ހުރެފައެވެ. އެނޫނީ ދުވަހެއްގައިވެސް މަންމަ އަހަރެން އެކީ ކޮއްކޮ ބޭރަށް ދިޔަސް ކޮއްކޮ ރަނގަޅަށް ބަލާށެކޭ ނުބުނެއެވެ. އެވަގުތު އެކަމާ މާބޮޑަކަށް އަޅައެއް ނުލެވުނެވެ. ދެބެން އަތުގައި ހިފައިގެން ދުއްވައިގަތީ އަތިރިމައްޗަށެވެ.

ކޮއްކޮ ބޭނުންވީ މޫދަށް އެރޭށެވެ. އެހެންނަމަވެސް އަހަރެން މަޑުކޮށްލީ އެކުވެރިން އަންނަދެންނެވެ. މާދުރަށް ނުދާން ބުނެފައި އަހަރެން އިށިއިނީ ރުކެއްދަށުގައެވެ. ކޮއްކޮ މަޖާވެގެން މޫދުގައި ފީނާލައި ދުވެލައި ހަދާތަން ބަލަން އަހަރެން އިނީ އެއްވެސް ފޫހިކަމެއްނެތިއެވެ.  އެއީ އަހަރެންގެ ދެލޮލަށް ކޮއްކޮ ފެންނާނޭ އެންމެ ފަހު ފަހަރުކަން އެނގޭނީ ކިހިނެތް ހެއްޔެވެ؟

ދުރުގައި ހުރެފައި އަހަރެންގެ އެކުވެރި އަލީ އާއި ހުސާމް  ގޮވާލިއެވެ. އަހަރެން އެދިމާލަށް ދުއްވައިގަތީ މާ ބޮޑު ހިޔާލެއް ފިކުރެއްނެތިއެވެ. އަލީ އެދުނީ އެދިމާލުގައި ހުންނަ ކުށްޅަވައްގަހަށް ކުށްޅަވައް ބިންނަން ދިއުމަށެވެ. ކުށްޅަވަކަކީ އަހަންނަށް މީރު އެއްޗަކަށް ނުވިޔަސް އެމީހުންނާއި އެކު ގަހަށް އަރާ ސަކަރާތް ޖަހާލަން ބޭނުންވެފައި ހުރިވަރުން އެމީހުންނާއި ބައިވެރިވީމެވެ.

ކުށްޅަވައްގަހަށް އަހަރެމެން ތިން މީހުން އެރީ އެންމެ މައްޗަށް އެންމެ އަވަހަށް އެރޭ މީހެއް ބެލުމަށެވެ. އަހަރެންނަށް ވުރެން ދެއެކުވެރިން ގަސްގަހަށް އަރަން މާ ފަރިތައެވެ. ހުސާމް ގަހުގެ ކުރިއަށް އަރާ ހަޅޭލަވައިގަތެވެ. އަހަރެމެން ހީ ކުރީ އެންމެ ކުރިއަށް އެރުމުން އުފަލުން ހަޅޭލަވަނީ ކަމަށެވެ.

” ރާޅެއް ރާޅެއް ބޮޑު ރާޅެއް………” ހުސާމްގެ އަނގައިން އެބަސް ނުކުތްއިރު އަހަރެމެން ތިބި ކުށްޅަވައްގަހާއި ހަމައަށް ލޮނުގަނޑު އައިއްސިއެވެ. ހޭޅިފަށުގައި ހުރި ގަސްތަކުގެ މަތިން ކަހަލަ ގޮތަކަށް އެއާ ރާޅުގެ އޮއެވަރުގައި މުޅި ހިސާބު ކިލަނބުކޮށްލިއެވެ. މީހުން ހަޅޭލަވާ އަޑާއި ރޯއަޑުން ހިތުގައި ބިރުވެރިކަން އުފައްދާލިއެވެ. ގަހުން ފައިބަން ނުކެރިފައި އަހަރެމެން ތިންމީހުންވެސް ތިބީ މިވާ ގޮތެއް ނޭގިފައެވެ. ގަހުގެ ގޮފިތަކުގައި ބާރަށް ހިފަހައްޓައިގެން ތިބިއިރުވެސް ހީވަނީ ރާޅުގަނޑުތެރެއަށް ދަމައިގަނެދާނެހެންނެވެ. އެހާވެސް އޮއެ ގަދައެވެ. އެހާ މައްޗަށް ރާޅު ހުއްޓެވެ. އަހަރެމެން ތިބީވެސް ދިހަވަރަކަށް ފޫޓް މަތީގައެވެ.

ކޮއްކޮ މަތިން ހަނދާންވީ އެވަގުތުއެވެ. ކޮއްކޮ މޫދުގައި ބަހައްޓާފައި އާދެވުނު ހަނދާންވުމުން އަވަހަށް ގަހުން ފޭބީމެވެ. އޭރު ރާޅުގެ އޮއިވަރު ދަށްވެ ބާރުވަނީ ކެނޑިފައެވެ. އެހެންނަމަވެސް  މޫދުގައި ހުރި ކުނި ބުންޏާއި ހިފާގެންގުޅޭ އެއްޗެހިން ދުއްވައިގަންނަން ބޭނުންވިޔަސް އެކަން ކުރުންވީ އުނދަގޫ ކަމަކަށެވެ. އަހަރެންނަށް ދެވުން ބާރެއް ލައިފައި މޫދާއި ދިމާލަށް ދިޔާމެވެ. ކޮއްކޮގެ ނަމުން ގޮވަމުންނެވެ. ކޮންމެ މީހަކުވެސް އުޅޭތީ ފެންނަނީ މަންމަ ، ބޭބެ ، ނޫނީ އެމީހެއްގެ ދަރި ނުފެނިގެންނެވެ.

ވެއްޓިފައިވާ ގެތަކާއި ރުއްގަސްތަކުން ހިތަށް ބިރުވެރިކަން ގެނެސްދެއެވެ. މޫދުގައި ހުރި ދޯނި ފަހަރުވެސް އެއްގަމަށް ބީހިފައިވާތަން ފެނުމުން ކުރެވެނީ ބިރުވެރި އިޙްސާސެކެވެ. މޫދެކޭ އެއްގަމެކޭ އެއްފަދައެވެ. ހިކިފަސްތަނެއް ރަށުގައި އޮންނާނެހެން ހިޔެއްނުވެއެވެ. ކޮއްކޮ ފެނޭތޯ އަހަރެން ކުރި މަސައްކަތްވީ ބޭކާރެވެ. ކޮއްކޮއަށް ގޮވަމުން މޫދާއި ދިމާލަށްދާންފެށުމުން ބޮޑުދެމީހުން ވެގެން އަހަރެން ހިފެހެއްޓީއެވެ. މޫދު ކައިރިއަށްދިއުން ރައްކާތެރި ނޫންކަމަށް ބުނެއެވެ.

 އެމީހުން އަހަރެން ގެންދިޔައީ މިސްކިތަށެވެ. އެއީ ރަށުގެ ހުކުރުމިސްކިތެވެ. އެމިސްކިތް ހުންނަނީ ރަށުގެ ބޮޑުމަގުގައެވެ. ލޮނުގެ އަސަރެއް މިސްކިތަކަށް ނުކުރެއެވެ.  އޭރު ވަރަށް ގިނަ މީހުން މިސްކިތުގައި ތިއްބެވެ. އިތުރު މީހުންވެސް ދިޔައީ އަންނަމުންނެވެ.  ރުއިމާއި ގިސްލުމުގެ އަޑުގެ ތެރެއިން ތަކުބީރުގެ އަޑުވެސް އިވެއެވެ. އަހަރެން ވަށައިގެން ހޯދާލީ މަންމަ ފެނޭތޯއެވެ. މަންމަ ހެޔޮހާލުގައި ސަލާމަތުން އިންތަން ފެނުމުން އަވަހަށް މަންމަ ކައިރިއަށް ދުއްވައިގެތީމެވެ.  ރޮއެރޮއެ އިން މަންމަ އަހަރެން ފެނުމުން ނިކަންބާރަށް ރޯންފަށާއި ކޮއްކޮ ކޮބައިތޯ އަހާލިއެވެ. އަދި އަހަރެން ގައިގާ ބައްދާލިއެވެ. އަހަރެން ދެލޯ މަރާލީ ކުށްވެރިއަކު ފަދައިންނެވެ.

ގެއްލިފައިވާ މީހުން ހޯދަންކުރި މަސައްކަތުން އެކާރިސާގައި ފުރާނަގޮސްފައިވާ އެތަށް ބައެއްފެނުނެވެ. އުމުރުން ދުވަސްވީ މީހުންނާއި ތުއްތުކުދިންނެވެ. އޭގެ ތެރޭގައި އަހަރެންގެ ލޯބިވާ ކޮއްކޮވެސް ހިމެނެއެވެ. ކޮއްކޮގެ މޫނު ބަލާނެ ހިތްވަރެއް މަންމަޔަކަށް ނުލިބުނެވެ. ކޮއްކޮ ފެނުނު ވާހަކަ ބުނުމުން މަންމަ ހަބަރުހުސްވެގެން ވެއްޓުނީއެވެ. ވާނީވެސް އެހެންތާއެވެ. މަންމަޔާއި އަހަރެންގެ ލޯކުރިމަތީގައި ކޮއްކޮ ބޮޑުވަމުން އައީ ވަރަށް ބަސްއަހާ ކިޔަމަންތެރިކުއްޖެއްގެ ގޮތުގައެވެ. ކޮއްކޮ އަކީ ބަސްމަދު އަޙްލާގު ރަނގަޅު ކުއްޖެކެވެ. އަހަރެން ކޮއްކޮ މޫނުދެކެން ދިޔާމެވެ. އެވަގުތު އަހަރެންނަށް ކުރެވުނީ ކުށްވެރި އިޙްސާސެކެވެ. މަންމަ އެވަރަށް ބުނީމައިވެސް ކޮއްކޮ ނުބެލުންކަމުގެ ދެރަ އިހްސާސްވިއެވެ. ދެލޯ ކަރުނުން ތެންމާލިއިރު ހިތްވަނީ ކުދިކުދިވެފައެވެ. މަރުވެފައި އޮތް އިރުވެސް  ކޮއްކޮ އޮތީ ވަރަށް ރީތިކޮން ހިނިތުންވެލައިގެންނެވެ. ހީވަނީ އަނގައިން ބުނެދާނެހެންނެވެ. އެކަމަކު ކޮއްކޮ ދެން އަހަރެން އެކީ ކުޅޭކަށް ނާންނާނެއެވެ. މޫދަށްގޮސް ތުނޑިއަށް ގުޑިއެއްލަންދާކަށް ނާންނާނެއެވެ. ކޮއްކޮ ވަކިވެގެން އެދިޔައީ ތާއަބަދަށެވެ. އައުމެއްނެތް މަންޒިލަކަށެވެ. އެހެނަސް ކޮއްކޮގެ ހަނދާންތައް ތާއަބަދު އަހަރެންގެ ހިތުގައި ވާނެއެވެ.

ދެލޮލުން ފައިބާފައިވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލީމެވެ. އަނެއްކާވެސް އަތުގައި އޮތް ފޮޓޯގަނޑަށް ބަލާލީމެވެ. އެއީ ހަމައެކަނި ފެންނަން އޮތް ކޮއްކޮގެ ހަނދާނެވެ. ކޮއްކޮގެ ތަސްވީރެވެ. ސުނާމީގައި އަހަރެން ދިރިއުޅުނު ގެ ބިމާހަމަވިއެވެ. އެފޮޓޯ ފެނުނީ ސުންނާފަތިވެފައިވާ ތެޅިގާތަކުގެ ދަށުންނެވެ. ފުރޭމްގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަސް ފޮޓޯއަށް މާ ބޮޑު ގެއްލުމެއްނުލިބެއެވެ. މިއަދު އެފޮޓޯގަނޑު އެހެން ފުރޭމަކަށް ލައްވާފައިވިޔަސް ފޮޓޯގައިވި ކޮއްކޮގެ ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް އަހަރެންގެ ހަޔާތުން އިރެއް ނާރައެވެ. އަހަރެންގެ ހެޔޮ ދުއާވަނީ ކޮއްކޮ އާ އެކުއެވެ.  އަހަރެން ދިރި ހުރިހާ ދުވަހަކު ކޮއްކޮގެ ހަނދާންތައް މިހިތުގައި ތާޒާކަމާއެކުވާނޭކަން ކަށަވަރެވެ. އެހަނދާންތަކާއި ދުރުވުމެއްނެތެވެ.

                       ނިމުނީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.