ބައްޕައެއްގެ ސަބަބުން ޖިންނީންނާއި ހަނގުރާމަ ކުރަމުންދާ އަންހެނެއްގެ ދިރިއުޅުން

މިއީ ހަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.  

އިންސާނުންނެކޭ އެއްފަދައިން ޖިންނި ޝައިތާނުންނަކީވެސް މާތްﷲ އުފައްދަވާފައިވާ މަޚުލޫގުންނެވެ. ބައެއްފަހަރު ޖިންނި ޝައިތާނުންގެ ކިބައިން އިންސީންނަށް އުނދަގުލާއި ގެއްލުން ކުރިމަތިވެއެވެ. ނަމަވެސް ޖިންނީންގެ ކިބައިން ރައްކާތެރިވުމަށް އިންސީންނަށް ކުރެވޭނެ ކަންކަން ވަނީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައެވެ.

އަހަރެންނަކީ މާލޭގެ އުތުރު ރަށަކަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. ދިރިއުޅެނީ މާލޭގައެވެ. މީލާދީން 2010 ވަނަ އަހަރު ގްރޭޑް 12 ގައި ކިޔަވާ ނިންމާލުމަށްފަހު ވަޒީފާއެއް ލިބޭތޯ މަސައްކަތް ފެށީމެވެ. މިގޮތުން އަހަރެންނަށް ތިލަފުށީގައި ހުންނަ އޮފީހަކުން ވަޒީފާއެއް ލިބުނެވެ. ނަމަވެސް އެތަނުގައި އޭރު އޮންނަނީ ޝިފްޓް ޑިއުޓީއެވެ. ބައެއްފަހަރު ދަންވަރު ޑިއުޓީގައިވެސް އުޅެން ޖެހެއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް 2012 ޑިސެމްބަރު 27 ވަނަ ދުވަހުގެ ރޭ އަހަރެން ސްކޫލު ދައުރުގައިވެސް ރައްޓެހިވެގެން އުޅުނު މަރީ އާއި ކައިވެނިކޮށްފީމެވެ. ކައިވެނިކޮށްގެން ދިރިއުޅެނީ މަރީމެން ގޭގައެވެ. މަރީއަކީ ކިޔަވައިގެން ހުރި ކުއްޖެއް ނޫން ނަމަވެސް މަރީ ވަރަށް ރަނގަޅެވެ. އޭނާގެ ފުށުން ގޯސް ސިފައެއް ނުދެކެމެވެ. ބުރުސޫރަ ރީތި ދޮން ކުއްޖެކެވެ. ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. މަރީގެ ރައްޓެއްސެއްގެ ފުށުން މަރީއަކީ ކުރިން ވަރަށް ވިޔާނުދާ އުޅުމެއް އުޅެމުން ދިޔަ ކުއްޖެއްކަން އެގުނެވެ. އަދި މަރީއަކީ ޖިންނި މޮޔަވާ ކުއްޖެކޭވެސް ގާތް ރައްޓެހިން ބުނަން ފެށިއެވެ. ނަމަވެސް މާބޮޑަށް އަހަރެން އެވާހަކަތަކެއް ޤަބޫލެއް ނުކުރަމެވެ. އެއީ އަހަރެންނަކީވެސް ސްކޫލު ދުވަސްވަރު ވަރަށް ގިނައިން ރުޤުޔާ ކިޔަވާ މީހުންނާއިއެކު ޖިންނި މޮޔަވެފައި ތިބޭ ކުދިންގެ ގޭގެއަށް ގޮސް އެކުދިން ރަނގަޅުކުރުމުގައި އުޅެފައި ހުރި މީހަކަށްވާތީއެވެ. އެހެން ނަމަވެސް މަރީގެ ކިބައިން އެފަދަ ނިޝާނެއް ހުރިތޯ ބަލައިލަން އަހަރެން ބޭނުންވިއެވެ. މިގޮތުން އެއްރެއަކު މަރީއާއި ވާހަކަދައްކަމުން ދިޔައިރު މަރީގެ ލޯ ކައިރި ވަރަށް ބޮޑަށް ކަޅުވެފައި ހުއްޓާ ފެނުނެވެ. އެދުވަހުން ފެށިގެން ކޮންމެވެސް ވަރަކަށް މަރީއާއި ދޭތެރޭގައި ވިސްނަން ފެށުނެވެ. ނަމަވެސް އަހަރެން މަރީ ކައިރީ އެއިން އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެއީ އޭނާވެސް މިފަދަ ވާހަކައެއް ދައްކާފައި ނުވާތީއެވެ.

ކައިވެންޏަށް މަހެއް ފުރިއްޖެއެވެ. އެއްރެއަކު އަހަރެން ނިދާފައި އޮއްވާ އެއްޗެއް ވެއްޓުނު އަޑަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. އޭރު މަރީ އޮތީ ނިދާފަައެވެ. އެހެންވެ މަޑުމަޑުން ކޮޓަރިން ނިކުމެ ބޭރު ގޭތެރެ ބަލައިލިއިރު މަރީގެ ބައްޕަ ސައިކުރައަކަށް ފެން އަޅައިގެން ތުންތަޅުުވަމުން މުޅި ގޭތެރެއަށް ފެން އަޅަމުންގެންދެއެވެ. އަދި ބައްޕަ ގަޔަށް އެއްޗެއް ނުލާ ހުރުމުން ބައްޕަގެ އުނަގަނޑުގައި އައްސާފައި އޮތް ތަވީދެއް އަހަރެންނަށް ފެނުނެވެ. އެމަންޒަރު ފެނުނު ނަމަވެސް އަހަރެން މާބޮޑަށް އެކަމާއި އަޅާނުލާ އެނބުރި ކޮޓަރިތެރެއަށް ވަދެ ނިދަން އޮށޯތީމެވެ. މިގޮތަށް ކޮންމެ ރެއަކުވެސް މަރީގެ ބައްޕަ ގޭތެރެއަށް ފުމެ ފެންއަޅަން ފެށުމުން އެއްރެއަކު އަހަރެން މަރީގެ ބައްޕައާއި ސުވާލުކުރީމެވެ. ސުވާލުކުރުން ބައްޕަ ބުނީ އެއީ ގޭތެރެއަށް ހޫނުވާތީ ފިނިކޮށްލަން ކުރާކަމެއް ކަމަށެވެ. ނަމަވެސް ބައްޕަގެ އަމަލުތައް މިހެން ހުރުމުން އަހަރެންގެ ހިތް ބިރުގަންނަ ގޮތްވިއެވެ. އަދި ގިނަވަގުތު މިކަމާއި ވިސްނަން އިދެވެއެވެ. އެހެނަސް މިކަމާ ބެހޭގޮތުންވެސް މަރީއާއި އެއްވެސް ސުވާލެއް ނުކުރަމެވެ. މިގޮތުގައި ދެހަފްތާ ވޭތުވެދިޔަތަނާ އެއްރެއަކު ދަންވަރު އަހަރެން ގެއަށް ވަތްއިރު ގޭގެ އޮޅިގަނޑު ދޮށަށް ބައްޕަ ދޮންވެލި އަޅަން އޮއްވާ ފެނުނެވެ. އަހަރެން އިތުރަށް ބިރުގަތެވެ. އަދި ބައްޕަގެ އަމަލުތައް މިހެން ހުރުމުން އަހަރެން ވިސްނީ މި ގެ ދޫކޮށް ވަކިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެތަނަށް ބަދަލުވުމަށެވެ. ވަކިން ދިރިއުޅުމަކީ އަހަރެން ބޭނުންވާ ގޮތްކަމަށްވުމުން މަރީވެސް މިކަމަށް އެއްބަސްވިއެވެ. އެހެންކަމުން ޖެހިގެން އައި މަހު އަހަރެން ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެތަނަށް ދިރިއުޅުން ބަދަލުކުރީމެވެ. އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނިޔަތުގައެވެ. ނަމަވެސް ކަންތައްތައް މެދުވެރިވީ އަހަރެން ހީކުރިގޮތާއި ވަރަށް ތަފާތުކޮށެވެ.

އަހަރެން ހަވީރު ޑިއުޓީ ނިންމާފައި ގެއަށް އަންނަ ރޭރޭ މަރީ ވާހަކައެއް ނުދައްކައެވެ. މޮޔައެއް ފަދައިން އަމިއްލަ ނަފްސާއި ވާހަކަދައްކާ، ހީސަމާސާކޮށް މޮޔައެއްޗެހިވެސް ކިޔަން ފެށިއެވެ. އަދި ރުޅިވެރިކަމާއިއެކު ޒުވާބުކޮށް ހަޅޭއްލަވާ ހަދައެވެ. މިއީ ކުރިން މަރީ އުޅުނުގޮތެއް ނޫނެވެ. އެހެންވެ އަހަރެން ބިރުގަންނަ ގޮތްވިއެވެ. އެހެންކަމުން އަހަރެން އޮފީހުގެ ވެރިންނާއި ވާހަކަދައްކައިގެން ހެނދުނު ޑިއުޓީއަށް ބަދަލުވީމެވެ. ނަމަވެސް މަރީގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ބައެއް ދުވަސްދުވަހު ގެއަށް ވަންނައިރު މަރީ އިންނަނީ އަހަރެންނާއި ދިމާލަށް ދެލޯ ބޮޑުކޮށްގެން ބިރުވެރިފާޑަކަށް ބަލާށެވެ. އަދި ބޯ ހުންނަނީ ހާމުންޑިއެއްހެން ހާވާލާފައެވެ. ދެލޯ ކައިރި އެއްކޮށް ހުންނަނީ ކަޅުވެފައެވެ. އަހަރެން ގެއަށް ވަންނައިރަށް މަތި ދައްކާފައި ކޮންމެވެސް އެެއްޗެއް ފައިބަނީއޭ، ހަފަނީއޭ ނުވަތަ ރޮދިގަނޑެއް އައިސް ގައިގައި އޮޅާލަނިއްޔޭ ބުނެއެވެ. އަދި އެމަންޒަރު އަހަރެންނަށް ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް އަހަރެންނަކަށް ނުފެނެއެވެ.

މިގޮތުގައި އުޅެމުންދާތާ ހަފުތާއެއް ފަހެވެ. އެއްރެއަކު ދަންވަރު އަހަރެންނަށް ސިއްސައިގެން ހޭލެވުނެވެ. ބަލައިލިއިރު މަރީއެއް އެނދަކު ނެތެވެ. ދެން ކޮޓަރިތެރެ އެތަންމިތަނަށް ނަޒަރު ހިންގާލީމެވެ. އެވަގުތު އަހަރެންގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ބިރުން ސިހުނެވެ. މަރީ އޮތީ އެދުމަތިން ދެފޫޓު މައްޗަށް ހިއްލިފައެވެ. އެއްވެސް ތަނަކު ނުޖެހިއެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. ދެލޯ ބޮޑުކޮށްގެންނެވެ. އެހެންކަމުން އަހަރެން އަވަހަށް މަރީގެ ގަައިގައި ހިފައި އެދުމަތީގައި ބޭއްވީމެވެ. ޖެހިގެން އައި ރޭތަކެވެ. ދެން މިފެށުނީ ކުޅިގަނޑެވެ. އަހަރެން އެކަނި މަރީ ކޮންޓްރޯލްކުރުމަކީ އުނދަގުލަކަށްވެއްޖެއެވެ. ލޮލުފިޔައެއް ޖަހާނުލެވެއެވެ. ކޮންމެ ރެއަކުހެން މަރީ އިންނަނީ ގަބުވެފައެވެ. ބައެއް ރޭރޭ އަހަރެން ބޭރުގައި އުޅެފައި ގެއަށް އަންނައިރު ކޮޓަރިތެރޭ ކަނެއްގައި ބިއްޖެހިފައި މޮޔައެއް ފަދައިން އަހަރެންނާއި ދިމާލަށް ދެލޯ ބޮޑުކޮށްގެން ބަލަން އިނދެއެވެ. އަދި އަހަރެން އެއްޗެކޭ ބުނާއިރަށް މީހާގެ ގަޔަށް ބާރުގަނޑެއް އަރައި، ގެއިން ނިކުމެގެން ބޭރަށްދާން މަސައްކަތް ކުރެއެވެ. ނަމަވެސް އަހަރެން ހިތްވަރާއިއެކު މަރީ އަހަރެންގެ ބާރުގެ ދަށަށް ގެނައުމަށް އެތައް މަސައްކަތެއް ކޮށްގެން އެކަން ވިޔަކަ ނުދެމެވެ. މިހާލުގައި ދުވަސްތައް ގުނަމުންދާން ފެށުމުން މަރީ މިކަމުން ސަލާމަތްކުރާނެ ގޮތަކާއިމެދު އަހަރެން ވިސްނީމެވެ. މިގޮތުގެ މަތިން ރުޤުޔާ ކިޔަވާ މީހެއް ގެނެސްގެން ރުޤުޔާ ކުރަން ފެށީމެވެ. ކިޔަވަން ފެށުމާއިއެކު މަރީގެ ގަޔަށް ބާރުއަރާ ތިންހަތަރު މީހުންނަށް ހިފަހައްޓާލެވެނީ ކިރިޔާއެވެ.  މިގޮތަށް ތިންރޭ ރުޤުޔާ ކުރުމުންވެސް މަރީއަކަށް ބަދަލެއް ނައެވެ. އެހެންކަމުން އަހަރެން ވިސްނީ ރުޤުޔާ ކިޔަވާ އެހެންމީހަކު ހޯދުމަށެވެ. މިފަހަރު ރުޤުޔާ ކިޔަވަން ގެނައީ ތަންކޮޅެއް ދުވަސްވީ މީހެކެވެ. އެމީހާ ގެނެސްގެން ރުޤުޔާ ކިޔަވަން ފެށީމެވެ. އެމީހާ ކުރިން ރުޤުޔާ ކިޔެވި މީހާއާއި މުޅިން ތަފާތެވެ. މަރީއާއި އަޅައިގަނެގެން އުޅެނީ ވަރުގަދަ ޖިންނިއެއް ކަމަށް އެމީހާ ބުންޏެވެ. އެހެންކަމުން އެމީހާ ބޭނުންވީ މަރީގެ ހަށިގަނޑު ތެރެއަށް އެ ޖިންނި ވައްދާށެވެ. މިގޮތުން ރުޤުޔާކޮށްގެން މަރީގެ ހަށިގަނޑުގެ ތެރެއަށް އެ ޖިންނި ވެއްދިއެވެ. ވެއްދުމާއިއެކު މަރީގެ ގަޔަށް އާދަޔާއިޚިލާފު ބާރުގަނޑެއް އަރައި ހަތަރު ފިރިހެނުންނަށްވެސްް ހިފަހައްޓާލެވުނީ ކިރިޔާއެވެ. އެމީހާ އެ ޖިންނިއާ ފަހަރަކު ސުވާލެއް ކުރަމުންދެއެވެ. އަދި މަރީއާއި ޖިންނި އަޅައިގަނެގެން އުޅެނީ ކީއްވެގެންތޯ އެހުމުން ޖަވާބުދޭން ފެށިއެވެ. އެދުމަތީ އުޑުތިލަމަތިން ބާއްވާފައި އޮތް މަރީ ބިރުވެރި ބަރުއަޑަކުން ވާހަކަ ދައްކަން ފެށިއެވެ.

”އަހަރެން މަރީ ދެކެ ވަރަށް ލޯބިވޭ! އޭރު މަރީގެ އުމުރުން އެންމެ 9 އަހަރު. މަރީގެ އާއިލާ ދިރިއުޅެމުންދަނީ އާދައިގެ ދިރިއުޅުމެއް. މިގޮތުން އެއްދުވަހު މަރީގެ ބައްޕަ މަރީ ގޮވައިގެން ފަންޑިތަ ހަދާ މީހެއްގެ ކައިރިއަށް ދިޔަ. އަދި އެ ފަންޑިތަ ހަދާ މީހާ މަރީއަށް ފަންޑިތަ ހެދުމަށްފަހު ރޭޕް ކުރި. އެދުވަހުން ފެށިގެން މަރީގެ ބައްޕަ ދިޔައީ މަރީ ލައްވާ ފައިސާއަށް ހަށިވިއްކަމުން. ހިލޭ އެތައް ފިރިހެނުންނެއް މަރީގެ ބައްޕައަށް ގުޅާ. އެޖެންޓެއްގެ ގޮތުގައި ހުރެ ފައިސާގެ ދަހިވެތި ކަމުގައި އަހަރެން (ޖިންނި) މެދުވެރިކޮށް މަރީގެ ބައްޕަ މަރީ ލައްވާ އެ އަމަލުތައް ހިންގަމުން ދިޔަ.” މަރީގެ ހަށިގަނޑުގެ ތެރެއަށް ވަދެ އޮވެ އެ ޖިންނި ބުނަމުން ދިޔައެވެ.

ޖިންނީގެ ފަރާތުން މިވާހަކަތައް އަޑުއިވުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަދި މަރީއާއި މަރީގެ ބައްޕަ އަހަރެންނަށް މިކަން ސިއްރުކުރީ ކީއްވެގެންކަމެއް އަހަރެންނަކަށް ނުވިސްނުނެވެ. އެ ޖިންނީގެ ފަރާތުން އެނގުނު ގޮތުގައި އޭގެފަހުން މަރީގެ އުމުރުން 18 އަހަރު ފުރުމުން އަހަރެންނާއި މަރީ ކައިވެނިިކުރުމުން އަހަރެމެން ދެމީހުންގެ ހިތް ޖައްސުވަން މަރީގެ ބައްޕަ މީހަކު ލައްވާ ސިހުރު ހެދިއެވެ. ނަމަވެސް އެ ސިހުރު ބާތިލުވާން ފެށުމުން ކޮންމެ ރެއަކު ގެއަށް ކިޔަވާ ފެންއަޅާ އެސިހުރު އަލުން އާލާކުރުމަށް މަސައްކަތް ކުރިއެވެ. މިވާހަކަތައް އަހަރެންނަށް އަޑުއިވުމާއިއެކު ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިހުރިހާ ވާހަކަތައް ކިޔައިދީ ނިމުމުން ރުޤުޔާ ކިޔަވާ މީހާ މަރީ ރަނގަޅުކޮށް، ވަރަށް ރަނގަޅަށް މަރީ ބެލުމަށް އެދުނެވެ. އަދި މަރީ އޭރު ލާ އުޅުނީ އެކިކުލަކުލައިގެ ކުރުހެދުންކަމުން ކަޅު ހެދުމަށް ބަދަލުކުރުމަށް ނަސޭހަތްތެރިވިއެވެ. ފަސްވަގުތު ނަމާދުކޮށް ދުޢާކުރުމަށް އެދުނެވެ. އަދި އެދުވަސްކޮޅު މިގެއަށް މަރީގެ އާއިލާގެ އިތުރު މީހަކު ވަނަނުދިނުމަށްވެސް އެދުނެވެ.

ރުޤުޔާ ކިޔަވާ މީހާ އެރޭ ދިން ނަސޭހަތް އަޑުއެހުމަށްފަހު މަރީއާއިއެކު ގިނަވަގުތު ގޭގައި އުޅުމަށް އަހަރެން އާދަކުރީމެވެ. އެދުވަހުން ފެށިގެން މަރީގެ އުޅުންވެސް ބަދަލުވިއެވެ. ކަޅުހެދުންލުމާއި ފަސްވަގުތު ނަމާދުކޮށް ﷲ އަށް ދުޢާކުރަން ފެށިއެވެ. މިގޮތުގައި ގާތްގަނޑަކަށް ހަފްތާއެއް ފާއިތުވެ ހިގައްޖެއެވެ. މަރީގެ ކިބައިންް ޖިންނީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އެހެންކަމުން އަހަރެން ވިސްނީ މަރީ މުޅިން ރަނގަޅުވީކަމަށެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ކުރިއެކޭ އެއްގޮތަށް އަހަރެން ޝިފްޓް ޑިއުޓީއަށް ނިކުންނަން ފެށީމެވެ. މިގޮތުން އެއްރެއަކު އަހަރެން ހަވީރު ޑިއުޓީ ނިންމާފައި ގެއަށް އައިއިރު މަރީއެއް ގެއަކު ނެތެވެ. މަރީ ދިޔަތަނެއްވެސް ނޭގެއެވެ. އެހެންކަމުން ވަރަށް ހާސްވެގެން އަވަސްއަވަހަށް މަރީގެ އާއިލާގެ ގޭގެއަށް މަރީ ހޯދުމަށް ދިޔައީމެވެ. ނަމަވެސް އެއިން އެއްވެސް ގެއަކަށް މަރީ ދިޔަކަމަކަށް ނުވެއެވެ. މަރީގެ ބައްޕަގެ ގެވެސް ބެލިއްޖެއެވެ. އެގެއަކަށްވެސް ނުދެއެވެ. އަދި މުޅި މާލެތެރެ ބެލުމަށްފަހު މަރީ ނުފެނިގެން އެނބުރި ގެއަށް އައީމެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަދި އިތުރަށް ހާސްވާގޮތްވިއެވެ. އަހަރެމެން އުޅެނީ މާފަންނުގައި ހުންނަ ގެއެއްގެ 7 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި ހުރި ކޮޓަރިއެއްގައެވެ. އެހެންވެ އަދި އިތުރަށް ކޮޓަރިއާއި ފާހާނާފަދަ ތަންތަން ބަލާ ހޯދަން ފެށީމެވެ. މަރީއެއް ނުފެނުނެވެ. ކުރިން މަރީއަކީ އެކަނި ބޭރަށް ގޮސް އުޅޭ މީހެއްވެސް ނޫނެވެ. އެހެންކަމުން ވަރަށް މާޔޫސްވެ ހުރެ  ކޮޓަރީގެ ބެލްކަންޏަށް އަހަރެން ނިކުތީމެވެ. އެވަގުތު އަހަރެން ދިޔައީ ސިއްސައިގެންނެވެ. މަރީ ހުރީ ބެލްކަނި މަތީގައެވެ. އެއްވެސް ތަނަކު ނުޖެހިއެވެ. އަހަރެން ފެނުމާއިއެކު ބިރުވެރި އަޑަކުން ހަޅޭއްލަވައި ބެލްކަނިން ބޭރަށް ފުންމާލާނެކަމަށް ބުންޏެވެ. ވަގުތުން އަހަރެންގެ ގައިގައި ހުރި ބާރެއްލުމަށްފަހު މަރީގެ އަތުގައި ހިފާ ގަދަކަމުން ކޮޓަރިއަށް ވެއްދީމެވެ. އަދި ގަދަކަމުން މަރީގެ ގައިގާ ހިފަހައްޓައިގެން ކުރުސި ކިޔަން ފެށުމުން މަރީ މައިތިރިވިއެވެ. އެހެންކަމުން ރުޤުޔާ ކިޔަވާ މީހާ ބުނި ފަދައިން މިގެއަށް އިތުރު މީހަކު އައިތޯ މަރީއާއި ސުވާލުކުރުމުން ބައްޕަ ހަވީރުގެ ވަގުތެއްގައި މިގެއަށް އައިކަމަށް ބުންޏެވެ.

އެރެއިން ފެށިގެން އަނެއްކާވެސް މަރީގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. މިކަމާއި ގުޅިގެން ރުޤުޔާ ކިޔަވާ މީހާގެ ގާތަށް ގޮސް ސުވާލުކުރުމުން މަރީއަށް އެވަރު އެވަނީ މަރީގެ ގައިތެރެއަށް އެންމެ ޖިންނިއެއް ވަދެގެން އުޅޭތީ ނޫންކަމަށެވެ. ހަތަރުވަރަކަށް ޖިންނި އެއްފަހަރާ ވަދެއްޖެނަމަ މަރީއަށް އިތުރަށް ބާރު ލިބޭނެކަމަށެވެ. އެއީ މަރީގެ ބައްޕަގެ ސަބަބުން ވާގޮތެއްކަމަށްވެސް އެމީހާ ބުންޏެވެ. އަދި މަރީ ރަނގަޅުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށްވެސް ބުންޏެވެ. މިވާހަކަތައް އަޑުއަހާފައި އަހަރެން ދިރިއުޅުމުގެ މަތިން ފޫހިވިއެވެ. އަދި އަހަރެން އެނބުރި ގެއަށް ގޮސް މަރީ ބައްޕަމެން ގެއަށް މަރީ ބަދަލުކުރީމެވެ. އަދި ވަރަށް ފުންކޮށް ވިސްނުމަށްފަހު އިތުރު ގޮތެއް ނެތުމުން ކޯޓަށް ގޮސް މަރީ ވަރިކުރީމެވެ. މިއީ އަހަރެންގެ ހަޔާތުގައި އަހަންނަށް ކުރެވުނު އެންމެ ހިތި ތަޖުރިބާއެވެ. މިއަދު ދުރުގައި ހުރި ނަމަވެސް އަހަރެން އަބަދުވެސް މަރީއަށް ހަމްދަރުދީވަމެވެ. އުފަން ބައްޕަގެ ސަބަބުން ދިރިއުޅުމުގައި ޖިންނީންނާއި ހަނގުރާމަ ކުރަމުންދާ އަންހެނަކަށް ވީތީއެވެ.  

ކޮންމެއަކަށް މިކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކެއް ވާކަން އެެގެއެވެ. އެގޮތުން އަބޫ ހުރައިރާ ރަޟިޔަﷲ އަންހު ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “އެގެއެއްގައި ބަޤަރާ ސޫރަތް ކިޔެވޭނަމަ ޝައިތާނާ ދުވެފިލާނެއެވެ.” އެހެންކަމުން ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިވުމަށް ބަޤަރާ ސޫރަތް ކިޔުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

………………………………

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.