ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

(الْوِلَايَةُ  ) ވާވުގައި އިބިފިލި ޖަހައިގެންނަމަ މާނައަކީ “މިލްކުވެރި ކަމާއި ބާރުވެރިކަމެވެ.” ގިޔާމަތްދުވަހުގައި މިލްކުވެރި ކަމެއް އަދި ބާރުވެރިކަމެއް ﷲ މެނުވީ އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އެހެންކަމުން، އެދުވަހުގައި ﷲ މެނުވީ އެހެން އެއްވެސް ފަރާތަކަށް އެއްވެސް މީހަކަށްޓަކައި ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ.

(هُوَ خَيْرٌ ثَوَابًا)

( هُوَ ) ޟަމީރު ދަނީ ﷲ އަށެވެ.

(خَيْرٌ ثَوَابًا ) ޘަވާބު ދެއްވުމުގައި އެންމެހެޔޮކަން ބޮޑީ ﷲ އެވެ. އެހެނީ، ﷲ ފިޔަވާ އެހެން ފަރާތަކުން މީހަކަށް ޘަވާބު ދޭނަމަ، އެމީހަކު ކުރި ޢަމަލަކާ އެއްވަރަށް މެނުވީ ނުދޭނެއެވެ. އިތުރުކުރިޔަސް ކުރާނީ ކުޑަ މިންވަރެކެވެ. ނަމަވެސް، ﷲ ތަޢާލާ ކޮންމެ ހެޔޮކަމެއްގެ ދަރުމަށް ދިހަގުނައިން ފެށިގެން ހަތްދިހަ ގުނައަށް އިތުރު ކުރައްވައެވެ. އަދި ﷲ އިރާދަކުރައްވައިފި އަޅަކަށް އެޔަށްވުރެވެސް އިތުރުކުރައްވައެވެ.

(وَخَيْرٌ عُقْبًا  ) “އަދި އެންމެފަހުގެ ނިމުން ދެއްކެވުމުގައި، އެންމެހެޔޮ ރަސްކަލާނގެއެވެ.”

(وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا ﴿٤٥﴾ ) މާނައަކީ: “ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.”

މި އާޔަތުގައި މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަމުރު ކުރައްވަނީ، އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ހެނދުނާއި ހަވީރު ﷲ އަށް އަޅުކަންކުރާ އިޚްލާޞްތެރި މުއިމިނުން ދޫކޮށްލުމަށް އެދި ހުށަހަޅާ މުޝްރިކުންގެ ގާތުގައި ވިދާޅުވާށެވެ. އެބައިމީހުންނަށް މިދުނިޔޭގެ ޙަޔާތުގެ ޙަގީގަތަކީ ކޮބައިކަން ދޭހަވާފަދަ މިޘާލެއް ޖައްސަވާށެވެ. އޭރުން އެބައިމީހުން ދުނިޔެ އާއި އާޚިރަތް އަޅާކިޔާ، އަދި އެދެތަނުންކުރެ ބޮޑަށް އިސްކަންދޭންވީ ކޮންތަނެއްކަން އެބައިމީހުން ނިންމާނެއެވެ. މިދުނިޔޭގެ މިޘާލަކީ އުޑުން ވެއްސަވާ ވާރޭފަދަ މިޘާލެވެ. ވާރޭވެހި ބިމުގެ ފަސްގަނޑުގައި ޖެހުމުން ގަސްތަކަށް ތާޒާކަންލިބި ހެދިގަނެއެވެ. އަދި އެގަސްތަކުގައި މާއަޅާ ބަލާމީހަކަށް ނިކަން ހިއްގައިމު ރީތި މަންޒަރުތަކެއް ފެނިގެންދެއެވެ. ދެން އެޔަށްފަހު ވަޔާ ބުރައިގެންދާ ހިކި ކުނޑިތަކަކަށްވުމުން، އެއްކަލަ ގަސްތަކުގެ ޗާލުކަން ގެއްލިގެންދެއެވެ. އަދި ބަލައިލަން ރީތި މާތައް ހަލާކުވެގެންދެއެވެ. އަދި ބިންގަނޑު ގަހެއް ނެތް ހިރަފުސް ވެއްޔަށް ވެގެންދެއެވެ. މިދުނިޔެ އަކީވެސް އެފަދަ ތަނެކެވެ. މީހަކަށް މިދުނިޔޭގެ ޒީނަތްތެރިކަން ލިބުމުން، އެޔަށް ހެއްލި، އާޚިރަތްމަތިން ހަނދާން ނައްތާލައިފިނަމަ، މަރު އައިސް ބައްދަލުކުރާ ހިނދު، ނުވަތަ ތިމާ އަށް ލިބިފައިވާ މުދާތައް ހަލާކުވެއްޖެ ހިނދުގައި، ތިމާ އަށް ދުނިޔޭގައި ލިބިފައިވާ ހުރިހާ އުފަލަކާއި ޒީނަތްތެރިކަމެއް ގެއްލިގެންދެއެވެ. އެހިނދުގައި އޭނާގެ ދެއަތުގައި ދަތް އަޅާފައި ސަހަރޯއޭ ހިތައް އަރާނެއެވެ. އަދި ހެޔޮ ޢަމަލު ކުރެވުނު ނަމަޔޭ ހިތައް އަރާނެއެވެ. ނަމަވެސް އޭރު ވަގުތުވަނީ ފާއިތުވެގެން ގޮސްފައެވެ. ހިތާމަ ކުރުމަކުން ފައިދާ އެއް ނުކުރާ ހިސާބަށް ކަންތައް އޮންނަނީ ގޮސްފައެވެ. އެހެންކަމުން، ބުއްދިވެރިޔަކު ނަމަ، މިދުނިޔޭގެ ޒީނަތްތެރިކަމުން އާޚިރަތް ބާއްޖެވެރި ކުރެވޭތޯ ބަލާނެއެވެ.

(وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا  ) އެމީހާގެ ބަގީޗާ އަށް ވަން ހިނދުގައި (مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا) “މި ނިޢްމަތްތައް ތިމަންނާގެ އަތުން ދުވަހަކުވެސް ގެއްލިގެން ނުދާނެއޭ” ބުނި މީހާގެ ބަގީޗާ އެއްކޮށް ހަލާކު ކުރެއްވުމަށް ކުޅަދުންވަންތަވި، އަދި އެނޫންވެސް އެމީހަކަށް ދެއްވާފައިވާ މުދަލުން އޭގެ ޙައްގުވެރިންނަށް ނުދީ އުޅޭ މީހުންގެ މުދާ ނެތި ކުރެއްވުމަށް ކުޅަދުންވަންތަ، އަދި ދުނިޔެ އާއި ދުނިޔޭގައިވާހާ އެއްޗެއް ފަނާކުރެއްވުމަށް ކުޅަދުންވަންތަ، އަދި އެނޫންވެސް އެކަލާންގެ އިރާދަކުރެއްވި ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ވޮޑިގެންވެއެވެ. އެކަލާންގެއަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އެހެންކަމުން، މުދަލުގެ އަހްލުވެރިން އެމުދާ ގިނަކަމަށްޓަކައި ފަޚުރުވެރި ނުވާށެވެ. އަދި އެހެން މީހުންގެ މައްޗަށް ބޮޑާވެ ނުގަންނާށެވެ. އަދި ދުނިޔެ އާއި ދުނިޔޭގައިވާ ޒީނަތްތެރި ކަމަށް ހެއްލި ނުގަންނާށެވެ. ދުނިޔޭގެ މިޘާލަކީ ވާރޭފެން ލިބުމުގެ ސަބަބުން ހެދި ބޮޑުވެ ޗާލުވެފައިވާ ގަހެއްގެ މިޘާލެވެ. އުޑުން ފެންލިބުން ހުއްޓުމާއި އެކު އެގަހުގެ ބޭނުން ކެނޑިގެންދެއެވެ. އޭގެ ޗާލުކަން ގެއްލި، ހިކި ކުނޑިއަށް ބަދަލުވެގެން ދެއެވެ. މީހަކު އެޔަށް ބަލާހިތް ނުވާފަދަ އެއްޗަކަށްވެގެންދެއެވެ. އެހެންކަމުން، ފަނާވުމެއް ނުވާ އާޚިރަތުގެ ބާއްޖެވެރިކަން ޙާޞިލް ކުރަން ގަދައަޅާ މަސައްކަތް ކުރާށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން ބަޔާން ކުރައްވާ ސޫރަތު ޔާސީންގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢﴾ ) މާނައަކީ: “އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.”

(الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ﴿٤٦﴾  )

( الْمَالُ )ހުރިހާ ވައްތަރެއްގެ މުދާ، އެއީ ފައިސާ ކަމުގައވީނަމަވެސް، ނުވަތަ ހިފާގެންގުޅޭ ތަކެތި ކަމުގައިވީނަމަވެސް، އަދި ވިޔަފާރީގެ ގޮތުގައި ގެންގުޅޭ މުދާކަމުގައިވީނަމަވެސް އެވެ.

މި އާޔަތުގައި ރައްދު ދެއްވާފައި އެވަނީ ޢުޔައިނާ ބިން ޙުޞައިން އާއި އެފަދަ އެހެން މީހުންނަށެވެ. އޭނާ އަށް ދެއްވާފައިވާ ތަނަވަސް ކަމަށްޓަކައި ފަޚުރުވެރިވެ ބޮޑާވެގަތެވެ. އެހެންކަމުން، ﷲ ތަޢާލާ މި އާޔަތުގައި މިބަޔާންކުރައްވަނީ ދުނިޔޭގެ މުދާވެރިކަމާއި ޒީނަތްތެރިކަމަކީ ފިލައި ހިނގައިދާނެ އެއްޗެއް ކަމެވެ. އެއީ ދާއިމީ އެއްޗެއް ނޫންކަމެވެ. އޭގެ ތެރެއިން ދެމިހުންނާނެ އެއްޗަކީ އާޚިރަތަށްޓަކައި ތައްޔާރު ކުރި އެއްޗެކެވެ. އެހެންކަމުން އަތުގައިވާ މުދަލަކީ ކޮންމެ ވަގުތަކުވެސް ގެއްލިގެން ހިނގައިދާނެ އެއްޗެއްކަން ވިސްނަންވާނެއެވެ. އަންހެނުންނަކީ މިއަދު ތިބާ ކައިރީ ހުރެފައި މާދަމާ އެހެންމީހަކާ އެކު ހުރެފާނެ ބަޔެކެވެ. ވެރިކަމާއި ބާރަކީ މިއަދު ތިބާއަށް ލިބިފައި މާދަމާ އެހެންބަޔެއްގެ އަތުގައި އޮވެދާނެ އެއްޗެކެވެ. ސޫރަތުއް ތަޣާބުންގެ 14 އަދި 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ ۚ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿١٤﴾ إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّـهُ عِندَهُ أَجْرٌ عَظِيمٌ ﴿١٥﴾  ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް عداوة ތެރިންވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން عفو ކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެެއެވެ. ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، امتحان އެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّه ގެ حضرة ގައެވެ.”

( وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا  ) މުދަލާއި ދަރިންނަކީ ދުނިޔޭގެ ޒީނަތްތެރި ކަމެވެ. އާޚިރަތް ދުވަހުގައި އިންސާނާ އަށް ފައިދާކުރާނީ އޭނާކޮށްފައިވާ ހެޔޮ ޢަމަލަކުންނެވެ. މި އާޔަތުގައި އަންހެންކުދިންގެ ބަދަލުގައި ( الْبَنُونَ ) “ފިރިހެންކުދިން” އޮތުމުގެ ޙިކްމަތަކީ ޢަރަބިން ފަޚުރުވެރިވަނީ ފިރިހެންދަރިންނަށްޓަކައި ކަމަށްވީތީވެއެވެ. އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާ މެދުގައި ކަންތައް ކުރެވެމުން ދިޔައީ ވަރަށްވެސް އަނިޔާވެރި ގޮތަކަށެވެ. ދިރިއުޅުމުގެ ހުރިހާ ބާރުތަކެއް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބަޔެއް ނޫނެވެ. އެކަމުގެ މިޘާލެއްގެ ގޮތުން ބުނާނަމަ ފިރިމަރުވެފައިވާ އަންހެނުން، އެކަނބަލުންގެ މަރުވި ފިރިމީހާގެ އެހެންބަނޑެއްގެ ދަރިޔަކު ދުނިޔޭގައި ހުރިނަމަ، އެއަންހެންމީހާ އާއި ކައިވެނި ކުރުމުގެ ޙައްގު ލިބިގެންވަނީ އެފިރިހެން ދަރިފުޅަށެވެ. މީގެ އިތުރުން ވާރުތަ މުދަލުން ލިބެނީ ހަމައެކަނި ފިރިހެނުންނަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް އެއްވެސް ވަރެއްގެ ނަޞީބެއް ވާރުތަ މުދަލުގައި ނުވެއެވެ. އަންހެނުންނާއި މެދުގައި ދެކެމުން އައީ ނަފްރަތުގެ ނަޡަރަކުންނެވެ. އެބައިމީހުންނަށް އަންހެން ދަރިޔަކު ލިބިއްޖެކަމުގެ ޚަބަރު ލިބިއްޖެނަމަ، އެކަމުގެ ހިތާމާގައި މޫނުމަތި އަނދިރިވެގެންދެއެވެ. އައްނަޙްލު ސޫރަތުގެ 58-59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿٥٨﴾ يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ) މާނައަކީ: “އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ”.

ނަމަވެސް އިސްލާމްދީން އައުމާ އެކުގައި މިކަންތައްތައް ފޮހެލާ، ޢަދުވެރިކަން ގާއިމު ކުރިއެވެ.  ކިރުބޯ ތުއްތު ދަރިފުޅުން ފެށިގެން އެންމެ ބޮޑު މީހާއާއި ހަމައަށްމެ، ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްގު ހޯދައިދިނެވެ. އަދި ބަނޑަށް މަރުވާ ކުދިންގެ އިޙްތިރާމަށްޓަކައި އެކުދިންގެ މައްޗަށް ކަށުނަމާދު ކުރުން ޝަރްޢު ކުރެއްވިއެވެ.

އިސްލާމްދީނުގައި އިންސާނުން މާތް ކުރެއްވިއެވެ. މިމާތް ކުރެއްވުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންވެއެވެ. ﷲ ގެ ޙުކުމްތަކުގައި ފިރިހެންނާއި އަންހެނުން ހަމަހަމަ ވެގެންވެއެވެ. އަދި ދަރުމަ އާއި ޘަވާބުގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަ ވެގެންވެއެވެ. ސޫރަތުލް އިސްރާގެ 70 ވަނަ އާޔަތުގައި މަތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَقَدْ كَرَّمْنَا بَنِي آدَمَ) މާނައަކީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ”.  ނިސާ ސޫރަތުގެ 7 ވަނަ އާޔަތުގައި މިފަދައިން ވަޙީ ކުރެއްވިއެވެ.(لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا ) މާނައަކީ: “މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ”. ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ) މާނައަކީ: “އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ”. ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި އަންގަވަނީ މިފަދައިންނެވެ. (وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ) މާނައަކީ: “مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ”. އާލްޢިމްރާން ސޫރަތުގެ 195 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ) މާނައަކީ: “ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عمل ކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ”. ނިސާ ސޫރަތުގެ 124 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَـٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا) މާނައަކީ: “އަދި، مؤمن އަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ”. ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައިވެއެވެ. (مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ) މާނައަކީ: “مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.”.

އިސްލާމްދީނުގައި އެތައް ޙައިޘިއްޔަތަކުން އަންހެނުން މާތް ކުރެއްވިއެވެ. މަންމަ އެއްގެ ޙައިޘިއްޔަތުން އޭނާ އަށް ކިޔަމަންތެރިކަން އަދާކޮށް، ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށް އަމުރުކުރެއްވިއެވެ. މަންމަގެ ރުހުމަކީ ﷲ ގެ ރުހުން ލިބުމުގެ ސަބަބެއް ކަމުގައި ލެއްވިއެވެ. މަންމަގެ ދެފައިތިލަ ދަށުގައި ސުވަރުގެ ލެއްވިއެވެ. އުއްފެއްގެ މިންވަރަށްވެސް ނުރުހުމުގައި މަންމަ އާއި ދިމާލަށް އެއްޗެއް ނުބުނުމަށް އަމުރުކުރެއްވިއެވެ. މަންމަ އަށް ނުކިޔަމަންތެރި ވުމަކީ ބޮޑު ފާފަތަކުގެ ތެރޭގައި ލެއްވިއެވެ. ބައްޕަގެ ޙައްގަށްވުރެ މަންމަ ގެ ޙައްގު މަތިވެރި ކުރެއްވިއެވެ. މަންމަ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހުގައި އަޅާލުންދީ އޯގާތެރިކަމާއެކު ޚިދްމަތްކޮށްދިނުމަށް އަމުރު ކުރެއްވިއެވެ. އަލްއަޙްގާފް ސޫރަތުގެ 15 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ) މާނައަކީ: “إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ”.

އަލްއިސްރާ ސޫރަތުގެ 23-24 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ) މާނައަކީ: “އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!”.

މާތް ﷲ ރުއްސުންލެއްވި މުޢާވިޔާ ބިން ޖާހިމަތިއްސަލަމީ އޭ ކިޔުނު ޞަޙާބީއަކު ވިދާޅުވިއެވެ. (أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْتُ : يَا رَسُولَ اللَّهِ إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ : قَالَ : وَيْحَكَ أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ . قَالَ : ارْجِعْ فَبَرَّهَا . ثُمَّ أَتَيْتُهُ مِنْ الْجَانِبِ الآخَرِ فَقُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ، قَالَ : وَيْحَكَ ! أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ يَا رَسُولَ اللَّهِ . قَالَ : فَارْجِعْ إِلَيْهَا فَبَرَّهَا . ثُمَّ أَتَيْتُهُ مِنْ أَمَامِهِ فَقُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ، قَالَ : وَيْحَكَ ! أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ يَا رَسُولَ اللَّهِ . قَالَ : وَيْحَكَ الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ) ތިމްންނާ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް ދެންނެވީމެވެ. ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދި ކަލޭގެފާނުގެ އަރިހުގައި ޖިހާދަށް ނިކުތުމަށް ގަޞްދުކޮށްފީމެވެ. ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟”، އަހަރެން ދެންނެވިއެވެ. “އާއެކެވެ”. ޙަދީޘް ކުރެއްވިއެވެ. “އެނބުރިގޮސް މަންމަ އަށް ހެޔޮކޮށް ހިތާށެވެ”. ދެން އެހެން ފަރާތަކުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އަނެއްކާވެސް ދެންނެވީމެވެ. “ﷲ ގެ ރަސޫލައެވެ. އަހަރެން ޖިހާދަށް ދާން މިއުޅެނީ ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދިގެންނެވެ”. ޙަދީޘް ކުރެއްވިއެވެ.”ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟”، އަހަރެން ދެންނެވިއެވެ. “އާއެކެވެ”. ޙަދީޘް ކުރެއްވިއެވެ. “އެނބުރިގޮސް މަންމަ އަށް ހެޔޮކޮށް ހިތާށެވެ”. ދެން އެކަލޭގެފާނުގެ ކުރިމަތިފުޅުން ބައްދަލުކޮށް ދެންނެވީމެވެ. “ﷲ ގެ ރަސޫލައެވެ. އަހަރެން ޖިހާދަށް ދާން މިއުޅެނީ ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދިގެންނެވެ”. ޙަދީޘް ކުރެއްވިއެވެ.”ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟”، އަހަރެން ދެންނެވިއެވެ. “އާއެކެވެ”. ޙަދީޘް ކުރެއްވިއެވެ. “މަންމަގެ ފައިކައިރީ ހުންނާށެވެ. އޭރުން ސުވަރުގެ ދެވޭނެއެވެ”. އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. (فَالْزَمْهَا فَإِنَّ الْجَنَّةَ تَحْتَ رِجْلَيْهَا) މާނައަކީ: “މަންމަ ގާތުގައި ހުންނާށެވެ. ސުވަރުގެ ވަނީ މަންމަގެ ދެފައި ދަށުގައެވެ”. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.