ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ލޮބުވެތި މަންމަ އުންމުލް ފަޟްލު ރަޟިޔަﷲ ޢަންހާއަކީ އެކަލޭގެފާނުގެ ބައްޕަ އިސްލާމްވުމަށް އެންމެބޮޑަށް މަސައްކަތްކުރެއްވި ފަރާތެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ބައްޕާފުޅު އިސްލާމްވުމުގެ ކުރީގައި އެކަލޭގެފާނުގެ މަންމާފުޅު އިސްލާމްވެވަޑައިގަތެވެ. އަދި އެކަމަނާގެ ފިރިކަލުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މަސައްކަތްޕުޅުކުރެއްވިއެވެ.

(وَالْبَاقِيَاتُ الصَّالِحَاتُ  ) ބަހުންނާއި ޢަމަލުން ކުރެވޭ ހެޔޮ ޢަމަލުތައް، އޭގެ ތެރޭގައި ހެޔޮ ޛިކްރާއި، ނަމާދާއި ޞަދަގާތް، ރޯދަ، ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީ ކުރުން، އަދި މިނޫންވެސް ކަންތައްތައް ހިމެނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (اسْتَكْثِرُوا مِنَ الْبَاقِيَاتِ الصَّالِحَاتِ ، قِيلَ : وَمَا هُنَّ يَا رَسُولَ اللَّهِ ؟ قَالَ : التَّكْبِيرُ ، وَالتَّهْلِيلُ ، وَالتَّسْبِيحُ ، وَالْحَمْدُ لِلَّهِ ، وَلا حَوْلَ وَلا قُوَّةَ إِلا بِاللَّهِ   ) މާނައަކީ: “ބާގިޔާތުއްޞާލިޙާތު އިން ތިޔަބައިމީހުން ގިނަކުރާށެވެ.” ދެންނެވުނެވެ. “ﷲގެ ރަސޫލާ އެވެ. އެއީ ކޮން އެއްޗެއްތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ތަކްބީރު ކިޔުމާއި، ތަހްލީލު ކިޔުމާއި، ތަސްބީޙަ ކިޔުމާއި، ޙަމްދު ކުރުމާއި، ލާޙައުލަ ވަލާ ގުއްވަތަ އިއްލާ ބިއްލާހި، މިފަދައިން ކިޔުމެވެ.”

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (لأَنْ أَقُولَ : سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلا إِلَهَ إِلا اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ  ) މާނައަކީ: “އިރު އެއެއްޗެއްގެ މައްޗަށް އެރި ކޮންމެ އެއްޗަކަށްވުރެ ސުބްޙާނަﷲ ވަލްޙަމްދު ލިއްލާހި، ވަލާއިލާހަ އިއްލަﷲ ވަﷲ އަކްބަރު، މިފަދައިން ކިޔުން ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑެވެ.”

( وَالْبَاقِيَاتُ الصَّالِحَاتُ) ގެ މުރާދަކީ ފަރްޟު ފަސް ނަމާދު ކަމުގައި އިބްނު ޢައްބާސް، ސަޢީދު ބިން ޖުބައިރު، މަސްރޫގު- ރަޟިޔަﷲ އަންހުމް- ގެ ކިބައިން ރިވާވެގެން ވެއެވެ.

(وَالْبَاقِيَاتُ الصَّالِحَاتُ) އެއީ އެންމެހައި ހެޔޮ ޢަމަލުތައް ކަމުގައި ގަތާދާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

(خَيْرٌ عِندَ رَبِّكَ ثَوَابًا  ) ޘަވާބާއި ދަރުމަ ދެއްވުމުގައި،

( وَخَيْرٌ أَمَلًا ) އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ. ސަބަބަކީ މިއީ ދާއިމަށް ދެމިހުންނާނެ ތަކެއްޗެވެ. ދުނިޔެ އާއި ދުނިޔޭގައިވާހާ ޒީނަތްތެރި ކަމަކީ ފަނާވެގެންދާނެ ތަކެއްޗެވެ.

ޢަލީ ބިން އަބީޠާލިބް ރަޟިޔަﷲ ޢަންހު ވިދާޅުވި ބަސްފުޅެއްގައިވެއެވެ. “މުދަލާއި ދަރިންނަކީ ދުނިޔޭގެ ގޮވާމެވެ. ހެޔޮ ޢަމަލަކީ އާޚިރަތުގެ ގޮވާމެވެ.”

( وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾ )

މި އާޔަތުގައި ﷲ ތަޢާލާ މިއަންގަވަނީ ގިޔާމަތް ދުވަހުގެ ވާހަކައެވެ. އެދުވަހުގެ ބިރުވެރި ކަމުގެ ވާހަކައެވެ. އެދުވަހުގައި އުފުލަން ޖެހޭނެ ބުރަތަކުގެ ވާހަކައެވެ.

(وَيَوْمَ نُسَيِّرُ الْجِبَالَ) ” އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ!”  

ސޫރަތުއް ނަބައުގެ 20 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا ﴿٢٠﴾  ) މާނައަކީ: ” އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ. ” ދެން އެއަށްފަހު ފަރުބަދަތައް ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ވެގެންދެއެވެ.

ސޫރަތުލް ގާރިޢާގެ 5 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾  ) މާނައަކީ: ” އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.” މިފަދައިން ފަރުބަދަތައް ވެގެންދަނީ ﷲ ތަޢާލާ ބިންގަނޑު ފުނޑުފުނޑުކޮށްލެއްވުމާއި ގުޅިގެންނެވެ. އެޔާއި ވިދިގެން ފަރުބަދަތައް ފައިބައިގެންދާ ވެލިފުންޔެއް ފަދައިން ވެގެންދެއެވެ. ސޫރަތު މުއްޒައްމިލްގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا ﴿١٤﴾ ) މާނައަކީ: ” އެދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެތެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެ ފަރުބަދަތައް ވާހުށްޓެވެ.” ދެން އެޔަށްފަހު ފަރުބަދައިގެ އެތިކޮޅުތައް ޖައްވައް ބުރައިގެންދެއެވެ. ސޫރަތުއް ނަމްލުގެ 88 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ ۚ صُنْعَ اللَّـهِ الَّذِي أَتْقَنَ كُلَّ شَيْءٍ ۚ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ ﴿٨٨﴾  ) މާނައަކީ: ” އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ސޫރަތުލް ވާގިޢާގެ 5 އަދި 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَبُسَّتِ الْجِبَالُ بَسًّا ﴿٥﴾ فَكَانَتْ هَبَاءً مُّنبَثًّا ﴿٦﴾  ) މާނައަކީ: ” އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.”

 ސޫރަތު ޠާހާގެ 105 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾) މާނައަކީ: ” އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ.”

(وَتَرَى الْأَرْضَ بَارِزَةً   ) ” (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ.” އެހެނީ އެދުވަހު ބިންމަތީގައި ގަހެއް ފަރުބަދަ އެއް ނުހުންނާނެއެވެ. ސޫރަތު ޠާހާގެ 106 އަދި 107 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾   ) މާނައަކީ: ” ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ. އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ.”

( وَحَشَرْنَاهُمْ  ) އެންމެހައި މީސްތަކުން މަޙްޝަރު ކުރައްވާނެއެވެ. އަދިކިއެއްތަ، ވަލު ޖަނަވާރުތައްވެސް މަޙްޝަރު ކުރައްވާނެއެވެ. ސޫރަތުއް ތަކްވީރުގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَإِذَا الْوُحُوشُ حُشِرَتْ ﴿٥﴾  ) މާނައަކީ: ” އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.” އަދިކިއެއްތަ، ބިމުގައި ބަނޑުޖަހާ އުޅުނު ހުރިހާ ތަކެއްޗެއް އެދުވަހުން މަޙްޝަރު ކުރައްވާނެއެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތުލް އަންޢާމްގެ 38 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  (وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨﴾  ) މާނައަކީ: ” ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامة ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ.”

(فَلَمْ نُغَادِرْ مِنْهُمْ أَحَدًا  )

( فَلَمْ نُغَادِرْ )ދޫކޮށެއް ނުލައްވަމުއެވެ. ވަޢްދަށް “ޣަދަރު” ވެރިވުން ނެގިފައިވަނީ މިލަފްޡުންނެވެ. އެހެނީ ވަޢްދު ފުއްދުން ދޫކޮށްލުމެވެ.

(مِنْهُمْ أَحَدًا  ) އެއްވެސް މީހަކު މަޙްޝަރު ނުކުރައްވާ ދޫކޮށެއް ނުލައްވަމުއެވެ. ކަނޑުގައި މަރުވިޔަސް، އެއްގަމުގައި މަރުވިޔަސް، ކޮންމެ ގޮތަކަށް ކޮންމެ ތަނެއްގައި މަރުވިޔަސްވެސް އެމީހަކު މަޙްޝަރު ކުރައްވާނެއެވެ.

(وَعُرِضُوا عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا ﴿٤٨﴾  )

( وَعُرِضُوا عَلَىٰ رَبِّكَ صَفًّا ) ” އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ.” އެދުވަހުގައި އެބިމަށް އެންމެހައި މީސްތަކުން މަޙްޝަރު ކުރައްވާނެއެވެ. އެދުވަހުގައި އެބިމަށް އެންމެހައި މީސްތަކުން މަޙްޝަރު ކުރައްވާނެއެވެ. އަދި އެންމެހައި މީސްތަކުން ޞަފުޞަފަށް ހުށަހެޅިގެންދާނެއެވެ. އެބައިމީހުންގެ ޢަމަލުތަކުގެ ޖަޒާ އަށް އިންތިޡާރު ކުރަމުން ގެންދާނެއެވެ. މާތް ﷲ ގެ ޢަދްލުވެރި ޙުކުމް އެވެރިންގެ މައްޗަށް އިއްވަވާނެއެވެ. އެޙުކުމްގައި އެއްވެސް ބޭއިންޞާފެއް އަނިޔާވެރިވުމެއް ނޯންނާނެއެވެ. އެހިނދު މާތް ﷲ އެބައިމީހުންގެ ޢަމަލުތަކުގެ ޙިސާބު ބައްލަވާނެއެވެ. އެބައިމީހުންގެ ޙިސާބު ބެއްލެވޭ ގޮތް ބަޔާން ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (يُدْنَى الْمُؤْمِنُ مِنْ رَبِّهِ يَوْمَ الْقِيَامَةِ حَتَّى يَضَعَ عَلَيْهِ كَنَفَهُ ثُمَّ يُقَرِّرُهُ بِذُنُوبِهِ ، فَيَقُولُ : ” هَلْ تَعْرِفُ ” ، فَيَقُولُ : يَا رَبِّ أَعْرِفُ ، حَتَّى إِذَا بَلَغَ مِنْهُ مَا شَاءَ اللَّهُ أَنْ يَبْلُغَ ، قَالَ : ” إِنِّي سَتَرْتُهَا عَلَيْكَ فِي الدُّنْيَا وَأَنَا أَغْفِرُهَا لَكَ الْيَوْمَ ” ، قَالَ : ” ثُمَّ يُعْطَى صَحِيفَةَ حَسَنَاتِهِ ، أَوْ كِتَابَهُ بِيَمِينِهِ ” ، قَالَ : ” وَأَمَّا الْكَافِرُ ، أَوِ الْمُنَافِقُ فَيُنَادَى عَلَى رُءُوسِ الْأَشْهَادِ ” ، قَالَ خَالِدٌ : فِي الْأَشْهَادِ شَيْءٌ مِنَ انْقِطَاعٍ هَؤُلاءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ أَلا لَعْنَةُ اللَّهِ عَلَى الظَّالِمِينَ سورة هود آية 18  ) މާނައަކީ: “މުއިމިނާ ގިޔާމަތް ދުވަހުގައި އޭނާގެ ރައްބާއި ގާތް ކުރެއްވޭނެއެވެ. އަދި ﷲ ތަޢާލާ އިންސާނާ ފޮރުއްވާލައްވާނެއެވެ. ދެން އޭނާގެ ފާފަތަކަށް އިޢްތިރާފްވާނެއެވެ. ﷲ ވަޙީ ކުރައްވާނެއެވެ. މިކަންތައް އެނގޭ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އެނގެއެވެ. އެގޮތަށް އޭނާކޮށްފައިވާ އެތައް ކަމެއްގެ ވާހަކަ އިން ސުވާލު ކުރެއްވުމުން އޭނާ އެކަމަށް އިޢްތިރާފްވާނެއެވެ. އެހިނދު ﷲ ވަޙީ ކުރައްވާނެއެވެ. “ތިމަން ﷲ އެކަންތައްތައް ދުނިޔެމަތީގައި ވަންހަނާ ކޮށް ދެއްވީމެވެ. އަދި މިއަދު އެކަންތަކަށް ތިބާ އަށް މާފްކޮށް ދެއްވައިފީމެވެ.” ދެން އޭނާގެ ޢަމަލުތަކުގެ ފަތް ކަނާއަތަށް ދެއްވޭނެއެވެ. ނަމަވެސް ކާފިރުންނާއި މުނާފިގުންނަށް ގޮވާލެއްވޭނެއެވެ. އަދި އެމީހުންނާއި ދެކޮޅަށް ހެކިބަސްދިން ފަރާތްތައް ބުނާނެއެވެ. “އުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.”

(لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ   ) އެހިނދު މީސްތަކުންނާއި މުޚާޠަބު ކުރައވާ ﷲ ވަޙީ ކުރައްވާނެއެވެ. “ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ” ޙަދީޘް ގައި އައިސްފައިވާ ފަދައިން މީސްތަކުން މަޙްޝަރު ކުރެވެނީ އޮރިޔާން ޙާލުގައެވެ. ފައިވާނަކަށް ނާރައެވެ. ޚިތާނުކުރުމަށް ބުރިކޮށްލި ހަންކޮޅު އަލުން ހުންނާނީ ގުޅިފައެވެ.

ސޫރަތުލް އަންޢާމްގެ 94 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  (وَلَقَدْ جِئْتُمُونَا فُرَادَىٰ كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَاكُمْ وَرَاءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَاءَكُمُ الَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَاءُ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ ﴿٩٤﴾ ) މާނައަކީ: ” އަދި (محشر އަށް ފޮނުއްވާހިނދު، އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة އަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ شفاعة ތެރިން ވަނިކޮށެއް ނުފެނެއެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި شريك ން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (شفاعة ތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެއެވެ.”

ދެން ގިޔާމަތް ދުވަހުގައި މީސްތަކުން އަލުން ދިރުއްވާނެ ކަމަށް އިންކާރު ކުރާ މީހުންނާއި މުޚާޠަބު ކުރައްވާ ވަޙީ ކުރައްވާނެއެވެ. .( بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا ﴿٤٨﴾ ) މާނައަކީ: ” އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (محشر އަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ.”  ތިޔަބައިމީހުންގެ ޢަމަލުތަކަށް ތިމަން ﷲ ޖަޒާ ދެއްވާނެ ކަމާއި މެދުގައި އިންކާރު ކުރީމުނޫން ހެއްޔެވެ؟ ﷲ ގެ ވަޢްދާއި ވަޢީދަށް އިންކާރު ކުރީމު ނުންހެއްޔެވެ؟ މިއަދު ވާނީ ތިޔަބައިމީހުންނަށް އެކަންތައް ފެނި، އެކަމުގެ ރަހަ ފެނިފައެވެ.

(وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا ﴿٤٩﴾   )

(وَوُضِعَ الْكِتَابُ  ) މީސްތަކުންގެ ޢަމަލުތަކުގެ ފަތް އެބައިމީހުންގެ މެދުގައި ބަހާލެވޭނެއެވެ. އެހިނދުގައި ކަނާއަތަށް ފަތް ލިބޭ ބަޔަކާއި ވާއަތަށް ފަތްލިބޭ ބަޔަކު ވެއެވެ.

( فَتَرَى الْمُجْرِمِينَ ) މިތަނުގައި (الْمُجْرِمِينَ  ) ގެ މާނައަކީ ކާފިރުންނެވެ. ނުވަތަ ކުއްވެރިންނެވެ.

( مُشْفِقِينَ مِمَّا فِيهِ) އެފޮތުގައިވާ އެއްޗަކާއި މެދުގައި އެބައިމީހުން ބިރުގަންފައިތިބޭތަން ފެންނާނެއެވެ. ސަބަބަކީ އެބައިމީހުން ދުނިޔެމަތީގައި ކޮށްފައިވާ އެންމެހައި ނުބައިކަންތައްތަކުގެ ވާހަކަ އެފޮތުގައި ލިޔެވިފައިވާތީވެއެވެ.

އެފޮތުގައި އެބައިމީހުން ބުނެފައިވާ ބުނުންތަކާއި ކޮށްފައިވާ ކަންތައްތައް ލިޔުއްވާފައިވާތަން ފެނުމުން އެބައިމީހުން ބުނާނެއެވެ. (مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ  )  ތިމަންމެން ކޮށްފައިވާ ކުޑަކަމެއްވިޔަސް ބޮޑުކަމެއްވިޔަސް މިފޮތުގައި ނުލިޔުއްވާ ދޫކޮށްލައްވާފައި ނެތެވެ.

(وَوَجَدُوا مَا عَمِلُوا حَاضِرًا   ) “އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ.”

(وَلَا يَظْلِمُ رَبُّكَ أَحَدًا  ) ” ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.”  ސޫރަތު ޠާހާގެ 112 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا ﴿١١٢﴾  ) މާނައަކީ: ” އަދި مؤمن އަކު ކަމުގައިވާ حال، صالح عمل ތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އަނިޔާއެއް ލިބިދާނެކަމަކަށް އަދި حق އެއް އުނިވެދާނެކަމަކަށްވެސް އޭނާ ބިރެއް ނުގަންނާނެތެވެ.”

(وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠﴾  )

(إِذْ ) މިއީ މަޙްޛޫފްވެފައިވާ ފިޢްލެއްގެ މަފްޢޫލު ބިހީ އެކެވެ. ތަގްދީރަކީ “ﷲގެ ޙަޟްރަތުގައި އާދަމްގެ ދަރިންގެ ދަރަޖަ މަތިވެރިވެގެންވާ ކަން ބަޔާންކޮށްދެއްވާ، އެބައިމީހުން ޢިބްރަތް ޙާޞިލް ކުރުމަށްޓަކައި ކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ކިޔައިދެއްވާށެވެ.

(لِلْمَلَائِكَةِ  ) މަލާއިކަތުންނަކީ ކޮބާ : މަލާއިކަތުންނަކީ ﷲ ތަޢާލާގެ މަޚްލޫޤާތްތަކުގެ ތެރެއިން ޢައިބުގައިވާ މަޚުލޫޤެކެވެ. މަލާއިކަތުން ހައްދަވާފައިވަނީ ނޫރުންނެވެ. އެ މަލާއިކަތުންނަކީ ހަމައެކަނި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި އެއިލާހުއަށް ހަޟްރަތަށް ބޯ ލެނބުމުގެ ޞިފަ ލައްވާފައިވާ މަޚްލޫޤެކެވެ. ބޮޑާވުމާއި ﷲ ތަޢާލާއަށް އުރެދުމުގެ ޞިފަ އެ މަލާއިކަތުންގެ ކިބައިގައި ނުވެއެވެ. އަދި ކޮންމެ މަލާއިކަތަކަށްވެސް ޚާއްސަ وَظِيْفَة އެއް ހަވާލުކުރެވިފައިވެ.

އެގޮތުން ޖިބްރީލު ޢަލައިހިއްސަލާމް އަކީ ވަޙީގެ މަލާއިކާތާއެވެ. ﷲ ތަޢާލާގެ އިޒްނައާއި އެކު ފުރާނަތައް ހިއްޕެވުމުގެ މަލާއިކަތާއަކީ މަލަކުލްމައުތު ޢަލައިހިއްސަލާމެވެ. އަދި މިނޫނަސް އެ ބޭކަލުންގެ ނަންފުޅުތަކާއި وَظِيْفَة ތައް ކީރިތި ޤުރުއާނައި ނަބިއްޔާޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ޞައްޙަ ޙަދީޘްތަކުން  އެނގެންހުރި މަލާއިކަތުން ވެއެވެ.

މަލާއިކަތުންނަށް އީމާންވާނީ ކިހިނެއް؟

1 – މަލާއިކަތުންނަށް އީމާންވުމުގައި، އެ މަލާއިކަތުންނަކީ ޣައިބުގެ ޢާލަމުތަކުގެ ތެރެއިން ޢާލަމެއްކަމާއި، މީސްތަކުންގެ ލޯމައްޗަށް ﷲ ތައާލާގެ އިޒްނައާއެކު އެއިލާހު އިރާދަކުރެއްވި އަޅަކަށް އެމަލާއިކަތުން ފެނުންވެސް އެކަށީގެންވާކަމަށް އީމާންވާންޖެހެއެވެ. ނަމަވެސް އަޞްލަކީ އެ މަލާއިކަތުންނަކީ މީސްތަކުންގެ ލޯމައްޗަށް ނުފެންނަ މަޚްލޫޤެއްކަމާއި އެއީ ނޫރުން ޚަލްޤުކުރެވިފައިވާ މަޤްލޫޤެއްކަމަށް އީމާންވާންޖެހެއެވެ.  އަދި އެމަލާއިކަތުން ދުވަހަކުވެސް ﷲ ތަޢާލާއަށް ނުއުރެދޭނެކަމާއި ﷲ ތަޢާލާ އަމުރުކުރައްވާ ކޮންމެކަމެއް ކުރައްވާކަމަށް އީމާންވާންޖެހެއެވެ. ﷲ ތަޢާލާ التحريم ސޫރަތުގެ 6 ވަނަ ވަޙީކުރައްވާފައި ވެއެވެ. ” لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ” މާނަ : ” އެމަލާއިކަތުންނަކީ ﷲ ތަޢާލާގެ އަމުރުރުފުޅުތަކަށް އުރެދޭ ބަޔެއްނޫނެވެ. އަދި އަމުރު ވެވޭ ކަންތައްތައް ކުރައްވައެވެ.”

2 – އަދި އަޅުގަނޑުމެނަށް ކީރިތި ޤުރުއާނާއި ނަބިއްޔާޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ޞައްޙަ ޙަދީޘްތަކުން، ޘާބިތުވާންހުރި، މަލާއިކަތުންގެ ނަންފުޅުތަކާއި އަދި އެމަލާއިކަތުންގެ وَظِيْفَة ތައް ޤަބޫލުކޮށް އެއަށް އީމާންވާންޖެހެއެވެ.

މާލާއިކަތުންނަށް އީމާންވުމުގެތެރެއިން ލިބޭ ބައެއް ފައިދާތައް :

  • ﷲ ތަބާރަކަ ވަތަޢާލާގެ މަތިވެރިކަމާއި އެއިލާހުގެ ވެރިކަމުގެ ހައިބަވަންތަކަމާއި ބޮޑުކަން ހާމަވެގެންދެއެވެ.
  • އާދަމުގެ ދަރިންގެ ރައްކާތެރިކުރެއްވުމަށް ﷲ ތަޢާލަ މަލާއިކަތުން ލައްވާފައިވުމުން ، އެކަމަށްޓަކައި އެއިލާހަށް ޝުކުރުވެރިވުން.
  • ﷲ ތަޢާލާގެ އަށް އަޅުވެތިވުމުގައި ތިބޭ އަޅުންނަށް މަލާއިކަތުން ލޯބިކުރުން. އަދި މަލާއިކަތުންގެ އެމީހުންނަށްޓަކައި އިސްތިޣްފާރުކުރުން.[
  • (اسْجُدُوا لِآدَمَ  ) ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މިތަނުގައި ސަޖިދަކުރަން އަމުރުކުރައްވާފައިވަނީ ތަޙިއްޔަތުގެ ސަޖިދަ އެކެވެ. މާނައަކީ އިޙްތިރާމް ކުރުމުގެ ގޮތުން ގުދުވެލުމެވެ. އެއީ ބިންމައްޗަށް ތިރިވެ ނިތްކުރި ޖައްސައިގެން ކުރާ ސަޖިދަ އެއް ނޫނެވެ. ސަބަބަކީ ނިތްކުރި ޖައްސައިގެން ކުރާ ސަޖިދަ އަކީ ހަމައެކަނި ﷲ އަށް ކުރެވޭ ސަޖިދަ އަކަށް ވާތީވެއެވެ.

ނަމަވެސް ރަގަޅު ގޮތަކީ މިއީ ނިތްކުރިމައްޗަށް ތިރިވެ ކުރެވޭ ސަޖިދަ އެއް ކަމަށެވެ. މިފަދައިން ސަޖިދަ ކުރެވެނީ ﷲގެ އަމުރުފުޅު ތަންފީޛު ކުރުމުގެ ގޮތުންނަމަ، އެކަންވާނީ ކިޔަމަންތެރި ވުމަށެވެ. އިބްރާހީމް ޢަލައހިއްސަލާމް އަށް އެކަލޭގެފާނުގެ ދަރިކަލުން ޛަބަޙަ ކުރުމަށް ކުރެވުނު އަމުރު ތަންފީޛު ކުރައްވާ އެކަން ކުރުމަށް މަސައްކަތް ކުރެއްވިއެވެ. އަމިއްލަ ދަރި މަރާލުމަކީ އޭގެ ސަބަބުން ރަޙިމްގެ ގުޅުން ކެނޑިގެންދާ ބޮޑު ފާފައެކެވެ. ނަމަވެސް، ﷲ ގެ އަމުރުފުޅަށް އެކަން ކުރެއްވުމުގެ ސަބަބުން އެކަމަކީ ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރެވުނު ކަމެއްކަމުގައިވިއެވެ.  އެހެންކަމުން، އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ޖަހަން ކުރެވުނު އަމުރަކީ ﷲ ގެ ޙަޟްރަތުން އައި އަމުރެއް ކަމުން، އެކަން ވެގެންދާނީ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރެވުނު ކަމަކަށެވެ. ނަމަވެސް، އެނޫންގޮތަކަށް ކުރެވުނު ކަމެއްނަމަ، އެކަންވާނީ ޝިރްކަކަށެވެ. (ނުނިމޭ)

[1]  https://dhisalafiyyah.net/article/3047

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.