ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

އާދަމް ޢަލައިހިއްސަލާމް އަކީ އެންމެހައި އިންސާނުންގެ ބަފައެވެ. މާތް ﷲ އެކަލޭގެފާނު އުފައްދަވާފައިވަނީ މަށިން، އެކަލާންގެ ދެއަތްޕުޅުންނެވެ. އެކަލާންގެ ދެއަތްޕުޅުން އުފެއްދެވީ އާދަމް ޢަލައިހިއްސަލާމް އާއި ޖަންނަތު ޢަދްނެވެ. އަދި ތައުރާތު ލިޔުއްވީ އެކަލާންގެ އަތްޕުޅުންނެވެ. އެކަލޭގެފާނަކީ ނަބިއްޔެކެވެ.

( فَسَجَدُوا) ﷲގެ އަމުރުފުޅު ތަންފީޛު ކުރައްވާ ހުރިހާ މަލާއިކަތް ބޭކަލުން ސަޖިދަ ކުރެއްވިއެވެ.

( إِلَّا إِبْلِيسَ ) އިބްލީސްފިޔަވައެވެ. އިބްލީސް އަކީ ޝައިޠާނާ އެވެ. އޭނާ ސަޖިދަ އެއް ނުކުރެއެވެ. އޭނާ ﷲ އަށް ކިޔަމަންތެރި ވުމުން ބޭރުވީއެވެ. ބޮޑާކަމާއި ޙަސަދަވެރި ކަމާއި އެކު ސަޖިދަ ކުރުމުން މަނާވެގަތީއެވެ.

(فَفَسَقَ عَنْ أَمْرِ رَبِّهِ   ) އޭނާގެ ރައްބަށް ކިޔަމަންތެރިވުމުން ބޭރުވެގަތެވެ.

ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. މިއާޔަތުގެ ބޭރުފުށުން ފެންނަ މާނަ އަކީ އިބްލީސް އަކީ މަލާއިކަތެއް ބޭކަލެއް ކަމަށެވެ. ނަމަވެސް، ޙަގީގަތަކީ އެއީ އެއް ނޫނެވެ. ސަބަބަކީ އޭގެ ފަހަތުގައި އަންގަވަނީ ( إِلَّا إِبْلِيسَ ) “އިބްލީސް ފިޔަވައެވެ.”  އަދި އެއަށްފަހު އަންގަވަނީ (كَانَ مِنَ الْجِنِّ  ) އޭނާވީ ޖިންނީންގެ ތެރެއިންނެވެ. އެހެންކަމުން، މަލާއިކަތް ބޭކަލުންނަށް އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވުނު ފަދައިން، ޖިންނީންނަށްވެސް އެކަމުގެ އަމުރު ކުރެއްވުނެވެ.

އިބްލީސް ނުކިޔަމަންތެރިވުމުގެ ގޮތުން ބުނިކަމަށް ސޫރަތު ޞާދުގެ 76 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( قَالَ أَنَا خَيْرٌ مِّنْهُ ۖ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ ﴿٧٦﴾ ) “އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ.”

(أَفَتَتَّخِذُونَهُ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ އިބްލީސް އާއި އޭނާގެ ދަރިފަސްކޮޅު ﷲ ފިޔަވާ އެހީތެރިންކަމުގައި ހެދިމީހުންނަށެވެ. އެގޮތުން އެބައިމީހުން ޝައިޠާނާ އަށް އަޅުކަންކޮށް، އަދި ﷲ އަށް އަޅުކަން ކުރުމުން ދުރުހެލިވެގަތީއެވެ. ސޫރަތު ޔާސީންގެ 60 އަދި 61 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٦٠﴾ وَأَنِ اعْبُدُونِي ۚ هَـٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١﴾  ) މާނައަކީ: ” އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން شيطان އާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ عداوة ތެރިޔެކެވެ. އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.”

(وَذُرِّيَّتَهُ  ) އޭނާގެ ދަރިފަސްކޮޅު.  ބައެއް މީހުން ސުވާލުކުރެއެވެ. އިބްލީސްގެ އަންބަކު ހުރޭ ހެއްޔެވެ؟ ބައެއް ސަލަފުންނާއި މިސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ. “އޭނާގެ ކައިވެނީގެ ޢަގްދަށް ތިމަންނާ ޙާޟިރު ނުވަމެވެ.” ޙަގީގަތުގައި މިއީ ބޭނުމެއް ނެތް ސުވާލެކެވެ. އަޅުގަޑުމެންގެ މައްޗަށް ވާޖިބު ވެގެންވަނީ ގުރްއާނުގައި އަންގަވާފައިވާ މިންވަރަށެވެ. ގުރްއާނުގައި އަންގަވާފައިވަނީ އޭނާގެ ދަރިފަސްކޮޅެއްވާ ކަމަށެވެ. އެއީ އަންބެއްގެ ފަރާތުން ވިޔަސް ނުވަތަ ނޫން ވިޔަސް އެވެ. މަންމަ އަކާއި ނުލާ ޙައްވާ ޢަލައިހިއްސަލާމް އުފެއްދެވި ފަދައިން އިބްލީސް އަށް އަންބަކާ ނުލާ ދަރިފަސްކޮޅެއް ދެއްވުމަށް ކުޅަދުންވަންތަ ވޮޑިގެންވެއެވެ.

(أَوْلِيَاءَ مِن دُونِي    )  ތިމަން ﷲ ފިޔަވާ، އެބައިމީހުންނަކީ ތިޔަބައިމީހުން ލޯބިވާ ބަޔަކު ކަމުގައި ހަދާ، އަދި އެބައިމީހުންގެ އަމުރުތަކަށް ތަބަޢަވެ،

( وَهُمْ لَكُمْ عَدُوٌّ  ) އެބައިމީހުންނަކީ ތިޔަބައިމީހުންގެ ޢަދާވާތްތެރިން ކަމުގައިވީ ހިނދުގައިވެސް، އެބައިމީހުން އަރިސްބަޔަކު ކަމުގައި ހަދަނީއެވެ. ސޫރަތުލް ބަގަރާގެ 208 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٢٠٨﴾ ) މާނައަކީ: ” އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ شيطان އާ އަކީ ތިޔަ ބައިމީހުންނަށް ހުރި بيان ވެގެންވާ عدوّ އެކެވެ.”

ސޫރަތު ފާޠިރުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ ﴿٦﴾ ) މާނައަކީ: ” ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ.”

(بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠﴾  ) “އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!”

(مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا ﴿٥١﴾ ) އުޑާއި ބިން އުފެއްދެއްވުމުގައި ތިޔަބައިމީހުން އެފަރާތަކަށް ކިޔަމަންތެރިވެފައިވާ އިބްލީސް އާއި އޭނާގެ ދަރިފަސްކޮޅު ބައިވެރި އެއް ނުކުރައްވަމެވެ. އަދި އެތަކެތި ހެއްދެވުމަށް އެބައިމީހުން ހެކިއެއްވެސް ނުކުރައްވަމުއެވެ. އެ ޝައިޠާނުން އުފެއްދެވުމުގެ މާކުރިން އުޑާއި ބިން ވަނީ އުފައްދަވާފައެވެ. އަދިކިއެއްތަ، އެތަކެތި ހެއްދެވީ ހަމައެކަނި ތިމަން އިލާހެވެ. އެކަމުގައި ތިމަން އިލާހާއި އެކުގައި އެހެން ބައިވެރިޔަކު ނުވެއެވެ. މަގުފުރައްދާ ޝައިޠާނުންނަކީ ތިމަން ﷲ ގެ އެހީތެރިން ކަމުގައި ނުހައްދަވަމުއެވެ. ވީމާ، ތިޔަބައިމީހުން ތިމަން ﷲ އަށް އަދާކުރަންޖެހޭ ޙައްގު އެބައިމީހުންނަށް ދޫކޮށްލާ، އެބައިމީހުންނަކީ ތިމަން ﷲ ފިޔަވާ ތިޔަބައިމީހުންނަށް އެހީތެރިވާ ބަޔަކު ކަމުގައި ހެދީ ކޮން ހަމައަކުން ހެއްޔެވެ؟

( وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا )

( الْمُضِلِّينَ ) މަގުފުރައްދާ މީހުން،

(عَضُدًا  ) ތިމަން ﷲ ގެ ދީނަށް ނަޞްރުދޭނޭ ފަރާތެއްކަމުގައި، ސަބަބަކީ މަގުފުރައްދާ މީހުންނަކީ މީސްތަކުން ތިމަން ﷲ ގެ ދީނުން އެއްކިބާ ކުރުވާ މީހުންނެވެ. އެހެންކަމުން، އެފަދަ މީހުންނަކީ ތިމަން ﷲގެ ދީނަށް ނަޞްރުދޭނޭ ބަޔަކުކަމުގައި ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެބައިމީހުންގެ ފަރާތުން ތިޔަބައިމީޙުންނަށް ލިބޭނޭ ފައިދާ އެއް ނެތެވެ. އޭގެބަދަލުގައި އެބައިމީހުންގެ ފަރާތުން ލިބޭނީ ގެއްލުމާއި ހަލާކެވެ.  އެހެންކަމުން، ސަފީހުންނާއި، ހަވާނަފްސަށް ތަބަޢަވާމީހުންގެ ބަހަށް ނުހެއްލޭށެވެ. އެބައިމީހުންގެ ފަރާތުން ތިޔަބައިމީޙުންނަށް ފައިދާ އެއް ނުކުރާނެ ތަނުގައި ލިބޭނީ ގެއްލުމެވެ.

މި އާޔަތުން ދޭހަވަނީ ނުބައި ނުލަފާ ރަޙްމަތްތެރިން ގެންގުޅެގެން ނުވާނެ ކަމެވެ. އަދި އެފަދަ މީހުންގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަންވާނެ ކަމެވެ.

( وَيَوْمَ يَقُولُ نَادُوا شُرَكَائِيَ الَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا ﴿٥٢﴾  )

ގިޔާމަތް ދުވަހުގައި މާތް ﷲ މުޝްރިކުންނަށް ބަސްވަޙީ ކުރައްވާ ވަގުތާއި މެދުގައި ހަނދުމަ ކުރައްވާށެވެ. އެބައިމީޙުންނަށް އަންގަވާނެއެވެ. “ތިމަން ﷲ އާއި އެކު އަޅުކަން ކުރުމުގައި ބައިވެރިކޮށް އުޅުނު ތަކެއްޗަށް ގޮވާ ގެންނާށެވެ. މިއަދު ތިމަން ﷲ ގެ ފަރާތުން ތިޔަބައިމީހުންނަށް ލިބެމުންދާ ޢަޛާބުން ސަލާމަތްކޮށްދިނުމަށް އެދި އެތަކެތީގެ ފަރާތުން މަދަދަށް އެދޭށެވެ. އެހިނދު އެބައިމީޙުން އެތަކެތީގެ ފަރާތުން މަދަދަށް އެދޭނެއެވެ. އެހެންނަމަވެސް އެތަކެއްޗަށް އެއްވެސް އެހީތެރިކަމެއް ފޯރުކޯށް ނުދެވޭނެއެވެ. ދެން އެއުރެންގެ މެދުގައި ހުރަހެއް (ނަރަކައިގެ ވާދީ އެއް) މާތް ﷲ ލައްވާނެއެވެ. އެބައިމީހުން ﷲ ފިޔަވާ އަޅުކަން ކުރަން ގެންގުޅޭ ތަކެއްޗަކީ އެބައިމީހުންނަށް އެއްވެސް ކަހަލަ ނަޞްރެއް ދެވޭނެ ފަދަ ބާރެއް ލިބިގެންވާ އެއްޗެއް ނޫންކަން އަންގަވާ ސޫރަތުލް އަންބިޔާގެ 98 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّـهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ ﴿٩٨﴾ لَوْ كَانَ هَـٰؤُلَاءِ آلِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ ﴿٩٩﴾ لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ ﴿١٠٠﴾  ) މާނައަކީ: “ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުށްޓެވެ.މި ތަކެއްޗަކީ، إله ންތަކެއް ކަމުގައިވީނަމަ، އެ ތަކެތި އެ ތަނަކަށް ނުވަނީހެވެ. އަދި އެހުރިހާތަކެތި އެތާނގައި ދެމިތިބޭނެތެވެ. އެތާނގައި އެއުރެން ނޭވާލާ އަޑުފަށްގަނޑު ހުންނާނެތެވެ. އަދި އެއުރެންނަކަށް އެތާނގައި އަޑެއް ނީވޭނެތެވެ.”

(وَجَعَلْنَا بَيْنَهُم مَّوْبِقًا  )

(مَّوْبِقًا  ) އަކީ ހަލާކު ކުރުވާ ތަނެވެ. އެހެނީ އެބައިމީހުންނަށް ހުރަހެއް ލެއްވީމެވެ. އެހުރަހުގެ ސަބަބުން އެބައިމީހުންނަށް ﷲ ފިޔަވާ އަޅުކަންކުރަން ގެންގުޅުނު ތަކެއްޗާއި ހަމައަކަށް ނުދެވޭނެއެވެ. އަދި އެބުދުތަކަށްވެސް އެބައިމީހުންނާއި ހަމައަކަށް ނާދެވޭނެއެވެ. އެބައިމީހުންނާއި އެބުދުތަކާއި ދެމެދުގައި ވަނީ ނަރަކައިގެ ފުންވަޅުގަނޑެކެވެ. އެހެންކަމުން އެފުންވަޅުގަނޑު ހުރަސްކޮށް ނުދެވޭނެއެވެ.  

(وَرَأَى الْمُجْرِمُونَ النَّارَ فَظَنُّوا أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا عَنْهَا مَصْرِفًا ﴿٥٣﴾   )

(الْمُجْرِمُونَ ) މުރާދަކީ ކާފިރުން، ސޫރަތުއް ސަޖްދާގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ ﴿٢٢﴾ ) މާނައަކީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ.”

(فَظَنُّوا  ) އެބައިމީހުން ޔަގީން ކުރިއެވެ. މި ލަފްޡުގެ އަޞްލު މާނައަކީ “ހީކުރުން” ކަމުގައިވީނަމަވެސް، “ޔަގީން” ކުރުމުގެ މާނާގައިވެސް އާދެއެވެ. ސޫރަތުލް ބަގަރާގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ ﴿٤٦﴾ ) މާނައަކީ: ” އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަމާއި، އެކަލާނގެ حضرة އަށް އެނބުރި رجوع ވަނިވި ބަޔަކުކަން ކަށަވަރުކޮށް يقين ކުރާ މީހުންނެވެ.”

(وَلَمْ يَجِدُوا عَنْهَا مَصْرِفًا  ) އެބައިމީހުންނަށް ފިލަންދާނެ ތަނެއް ނުފެންނާނެއެވެ.

(وَلَقَدْ صَرَّفْنَا فِي هَـٰذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا ﴿٥٤﴾  )

( وَلَقَدْ صَرَّفْنَا فِي هَـٰذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ  ) “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثال ބަޔާންކުރެއްވީމެވެ. ﷲ ގެ އެއްކައުވަންތަކަން ބަޔާން ކުރައްވާފައިވެއެވެ. މަރުވުމަށްފަހު އަލުން ދިރުއްވާނެކަން ބަޔާން ކުރައްވާފައިވެއެވެ. ދުނިޔެ އަކީ ކޮންތަނެއްކަން ބަޔާން ކުރައްވާފައިވެއެވެ. އާޚިރަތުގެ ޚަބަރުތައް ދެއްވާފައިވެއެވެ. ބައެއް ފަހަރަށް ތަފްޞީލުކޮށް އަނެއްބައި ފަހަރަށް ކުރުކޮށް ބަޔާން ކުރައްވާފައިވެއެވެ. މިހުރިހާ ކަމަކުން ދޭހަވަނީ ގުރްއާނުގެ ބަލާޣާތްތެރިކަމާއި ފަޞާޙާތްތެރި ކަމެވެ.

ކީރިތި ގުރްއާނުގައި ހުރިހާ ބާވަތަކުން މީސްތަކުންނަށް މިޘާލު ޖައްސަވާފައި ވުމުގެ ޙިކްމަތަކީ: މީސްތަކުން ހަނދާންކޮށް އިބްރަތް ޙާޞިލް ކުރުމެވެ. ނަމަވެސް، ހިތާމައަކީ މީސްތަކުންގެ ތެރޭގައި މިކަންތައްތަކުންވެސް ފައިދާ ނުކުރާ ބަޔަކު އުޅޭ ކަމެވެ.

ކީރިތި ގުރްއާނަކީ މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެ އަލިކަމަށް ނެރުއްވުމަށްޓަކައި މުޙައްމަދު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލެއްވުނު ފޮތެވެ. ސޫރަތުލް ޙަދީދްގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (هُوَ الَّذِي يُنَزِّلُ عَلَىٰ عَبْدِهِ آيَاتٍ بَيِّنَاتٍ لِّيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ) މާނައަކީ: ” އެކަލާނގެއީ، ބަޔާންވެގެންވާ آية ތަކެއް، އެކަލާނގެ އަޅާގެ މައްޗަށް ބާވައިލައްވާ ރަސްކަލާނގެއެވެ. (އެއީ) އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންނާމެދު ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ”.

ކީރިތި ގުރްއާނުގައި އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ވާހަކަ ތަކާއި މުސްތަގްބަލުގައި ވާނޭ ބައެއް ކަންތައް ތަކުގެ ޚަބަރުތައް އައިސްފައިވެއެވެ. އަދި ޙަލާލު ޙަރާމާއި، ރިވެތި އަޚްލާގާއި، އަޅުކަމުގެ ޙުކުމްތަކާއި މުޢާމަލާތާއި، ނަބީބޭކަލުންނާއި ޞާލިޙުންގެ ޚަބަރުތަކާއި، މުއިމިނުންނަށް ދެއްވާނޭ ހެޔޮ ޖަޒާ އަދި ކާފިރުވީ މީހުންނަށް ދެއްވާނޭ ޢުގޫބާތުގެ ވާހަކަތައް، އަދި ސުވަރުގެ އާއި ނަރަކަ ބަޔާން ކުރައްވާ، މިނޫންވެސް ހުރިހާ އެއްޗެއް ބަޔާންކޮށްދެނިވި އެއްޗެއް ކަމުގައިވެއެވެ. ސޫރަތުއް ނަޙްލުގެ 89 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ”.

ކީރިތި ގުރްއާނުގައި މާތް ﷲ ގެ އިސްމުފުޅުތަކާއި ޞިފަ ފުޅުތައް، އަދި ﷲ އަށާއި މަލާއިކަތްބޭކަލުންނަށް، އަދި ބާވާލެއްވުނު ފޮތްތަކަށް، އަދި ފޮނުއްވުނު ރަސޫލުބޭކަލުންނަށް، އަދި އާޚިރަތްދުވަހަށް އީމާންވުމަށް އަމުރުކުރައްވާފައިވެއެވެ. ސޫރަތުލް ބަގަރާގެ 285 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ ) މާނައަކީ: ” رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ”.

ގިޔާމަތްދުވަހުގެ ޚަބަރުތަކާއި، މަރުވުމަށްފަހުގައި ކަންތައްވާނެގޮތާއި، އަލުން ދިރުއްވުމާއި، ޙިސާބުބެއްލެވުމާއި، ޞިރާޠުމަގާއި، ތިލަފަތުގެވާހަކަ އަދި ގިޔާމަތްދުވަހުން މީސްތަކުން އަލުން ދިރުއްވާނެކަން ވަނީ އަންގަވާފައެވެ. ސޫރަތުއް ނިސާގެ 285 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللَّـهِ حَدِيثًا ﴿٨٧﴾) މާނައަކީ: ” اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކުނުވާ ރަސްކަލާނގެއެވެ. قيامة ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު شك އެއް ނެތެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟”.

މިކައުނުގައިވާ މާތް ﷲ ގެ އާޔަތްތަކަށް ބަލާ ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވެއެވެ. ސޫރަތު ޔޫނުސް ގެ 101 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (قُلِ انظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ ) މާނައަކީ: ” ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ!”. އަދި ސޫރަތު މުޙައްމަދުގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ﴿٢٤﴾) މާނައަކީ: ” ފަހެ، قرآن އާމެދު އެއުރެން ވިސްނައި فكر ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟”.

ކީރިތި ގުރްއާނަކީ އެންމެހާ މީސްތަކުންނަށް ހިދާޔަތެއް ކަމުގައި ބާވާލެއްވުނު ފޮތެއްކަން އަންގަވާ ސޫރަތު ޒުމަރުގެ 41 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (إِنَّا أَنزَلْنَا عَلَيْكَ الْكِتَابَ لِلنَّاسِ بِالْحَقِّ ۖ فَمَنِ اهْتَدَىٰ فَلِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَا أَنتَ عَلَيْهِم بِوَكِيلٍ ﴿٤١﴾) މާނައަކީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި حق ތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި ކަލޭގެފާނު ނުވެއެވެ”.

ކީރިތި ގުރްއާނަކީ ކުރިންބާވާލެއްވުނު ފޮތްތަކުގައިވާ ޚަބަރުތައް ތެދުކޮށް، އަދި އެފޮތްތަކުގެ މައްޗަށް ހެކި ކުރުވަނިވި ފޮތެކެވެ. ސޫރަތުލް މާއިދާގެ 48 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ”.
ގުރްއާން ބާވާލެއްވުމަށްފަހުގައި އެފޮތަށް އީމާންނުވީ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ ޢަޛާބު ދެއްވާނެކަން އަންގަވާ ސޫރަތުލް އަންޢާމްގެ 49 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَالَّذِينَ كَذَّبُوا بِآيَاتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوا يَفْسُقُونَ ﴿٤٩﴾) މާނައަކީ: ” ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسق ވެ އުޅުނު ކަމަށްޓަކައި عذاب އެއުރެންގައި ބީހޭނެތެވެ”.

ގުރްއާނާއި އެއްފަދަ އާޔަތެއް ނުވަތަ ސޫރަތެއްވެސް ނުގެނެވޭނެކަމަށް މާތް ﷲ ވަނީ އިންސީންނާއި ޖިންނީނަށް ޗެލެންޖު ކުރައްވާފައެވެ. ސޫރަތުލް އިސްރާގެ 88 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَـٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ﴿٨٨﴾) މާނައަކީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ”. ކީރިތި ގުރްއާނަކީ ސަމާވީ އެންމެ ފުރިހަމަ، އެންމެ މާތް، އަދި އެންމެ ފަހުގެ ފޮތް ކަމުގައިވާތީވެ އެފޮތް އެންމެހައި މީސްތަކުންނަށް އަންގަވައި އުނގަންނަވައި ދެއްވުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ. ސޫރަތުލް މާއިދާގެ 67 ވަނަ އާޔަތުގައި ވަޙި ކުރައްވައެވެ. (يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ ۗ) މާނައަކީ: ” އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ”.
މިފޮތުގެ މުހިންމު ކަމަށްޓަކައި، އަދި މީސްތަކުން މިފޮތަށް ބޭނުންޖެހިފައިވާލެއް ބޮޑުކަމަށްޓަކައި މާތް ﷲ ވަނީ މިފޮތް ރައްކާތެރި ކުރައްވާނެކަން އަންގަވާފައެވެ. ސޫރަތުލް ޙިޖްރިގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴿٩﴾) “ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ”.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.