ދުރުގަ ހުއްޓަސް މިހިތުގައި ވަނީ ކަލާއޭ

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް  ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ހިމެނޭ ނަންތަކާއި ތަންތަނަކީ އަސްލެއްނޫނެވެ.

ސްކޫލު ދަޢުރު ނިންމާލުމަށްފަހު އިތުރަށް ކިޔެވުމުގެ ބޭނުމުގައި އަހަރެން މާލެ ބަދަލުވީމެވެ. އަދި ސައިރިސް ކޮލެޖުން ހިންގާ ކޯހެއް ގައި ބައިވެރިވެ ކޯސް ފުރިހަމަކުރުމުގެ މަސައްކަތް ފެށީމެވެ. ކޯހަށް ދިއުމުގެ އިތުރުން ލިބޭ ހުސްވަގުތުތަކުގައި އެކުވެރިންނާއެކު ކުޅެ މަޖާކޮށްލަން ދިއުމަކީ އަހަރެންގެ އާދައެކެވެ. މިގޮތުން ބައެއް ދުވަސްދުވަހު ހަވީރުގެ ވަގުތުތަކުގައި ރައްޓެހިންނާއެކު އަހްމަދިއްޔާ ސްކޫލު ކައިރީ އޮންނަ ޕާރކަށް ފުޓްބޯޅަ ކުޅެލަން ދަމެވެ. އެދުވަސްވަރަކީ އެޕާރކް ތެރޭގައި އަންހެނުންގެ ބަށި މުބާރާތެއް ފަށައިގެން ކުރިއަށްދާ ދުވަސްވަރެކެވެ. ކުޅިބެލުމަށް ޒުވާން ފުރައިގެ ގިނަ އަދަދެއްގެ ޖިންސްލަތީފުންވެސް އެތަނުގައި ފޯރި ނަގަމުން ގެންދެއެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން އަަހަރެން ފުޓްބޯޅަ ކުޅެ ނިންމާލުމަށްފަހު ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ. އެވަގުތު އަހަރެންގެ ކަޅިގޮސް ހުއްޓުނީ އަހަރެންގެ ވަރަށް ގާތް ރައްޓެސަކާ ވާހަކަ ދައްކަން ހުރި ބުރުސޫރަ ރީތި ޒުވާން އަންހެން ޖިންސްލަތީފަކަށެވެ. އެވަގުތު އަހަރެންގެ މެއަށް ހީވީ އިސްޤީޤެ ތީރެއް ހަރާލި ހެންނެވެ. ހިތާހިތުން ކިޔާލެވުނެވެ.” ހާދަ ރީއްޗެވެ. ހިތްގައިމެވެ.

ރީތި ބަނިއާދަން ހަށިގަނޑެކެވެ. އަހަރެންގެ ހިތް ފުރަތަމަ ނަޒަރުންވެސް ލޯބި ދެވިއްޖެއެވެ.” ލޯބި ވާނަން ހެއްޔެވެ.” މިކަހަލަ ހިޔާލަކަށް ގެއްލިފައި ހުރުމަށްފަހު އެޒުވާން ޖިންސްލަތީފްގެ ކައިރިއަށް މަޑުމަޑުން ދެވެން ފެށުނެވެ. އަދި އެޖިންސްލަތީފުގެ ކައިރީގައި ހުރި ސަމާޚްގެ މިތުރު ކަމަށްވާ ނަޖާޙް އާއި ވާހަކަ ދައްކަން ފެށިއެވެ. އަދި ސަލާން ކޮށްލުމަށްފަހު އެއަންހެން ކުއްޖާއަށް އިސާރަތްކޮށް މިއީ ކޮންކުއްޖެއްހޭ ސަމާޚްއަށް ބޭ އިހުތިޔާރުގައި އަހާލެވުނެވެ. އެވަގުތު ނަޖާހް ސަމާސާ ރާގަކަށް ހީލާފައި މިއީ އަހަރެންގެ ބިޓޭ ބުންޏެވެ. މިހެން ބުނުމުން ފާޑަކަށް މާޔޫސްވެ ހުރެ ކަތި ނަޒަރަކުން އެ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލުމަށްފަހު އެނބުރި ހިނގައިގަތެވެ. އެވަގުތު ނަޖާހް ސަމާޚްއަށް ގޮވާލިއެވެ. އަދި ބުންޏެވެ. މިއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައެވެ. އެއީ އަހަރެން ސަމާސާއަކަށް ބުނި އެއްޗެކެވެ. މިހެން ބުނުމުން ސަމާޚް އެ ރީތި މަލެއްފަދަ އަންހެން ކުއްޖާއާއި ސަލާމްކޮށްލުމަށްފަހު ރަކިގޮތަކަށް ބަލާލުމަށްފަހު ހިނގައިގަތެވެ.

ޖެހިގެން އައި ރެއެވެ. ނަޖާޚް ސަމާޚް އަށް ގުޅިއެވެ. އަދި ވަރަށް އަވަހަށް ބައްދަލުކޮށްލުމަށް އެދުނެވެ. ނަޖާހް ގުޅުމާއެކު ހިތް އަވަސްވެފައި ހުރިވަރުން އަވަސް އަވަހަށް ފެންވަރާލައިގެން ނަޖާހް ކައިރިއަށް ދިޔައެވެ. އެވަގުތު ނަޖާހްގެ ޖީބުން ގަނޑުކޮޅެއް ނަގާ ސަމާޚްއަށް ދިއްކޮށްލިއެވެ. ސަމާޚް ވަރަށް ހައިރާންވެ ހުރެ މިއީ ކޯއްޗެއްހޭ އަހާލިއެވެ. ނަޖާހު ބުންޏެވެ. ތި ގަނޑުކޮޅު ބަލާލަ ބަލާށެވެ. މިހެން ބުނުމުން  ސަމާޚް އެގަނޑުގޮޅު ނަގާ ކިޔާލިއެވެ. އޭގައިވަނީ ”އެގެން ބޭނުން” ވާ ވާހަކައެވެ. ވަގުތުން ސަމާޚް އެގަނޑުކޮޅުގެ ތިރީގައި ސަމާޚްގެ ފުރިހަމަ މަޢުލޫމާތާއި ފޯނު ނަމްބަރު ޖަހާލުމަށްފަހު ނަޖާހްގެ އަތަށް އެގަނޑު ކޮޅު ދިއްކޮށްލިއެވެ. އަދި ދެމީހުން އޮލަވާހަކަތަކެއް ދެއްކުމަށްފަހު ނަޖާހް ދިއުމުން ސަމާޚްވެސް އެނބުރި ގެއަށް ދިޔައެވެ.

ނަޖާޚް ގެއަށްދިއުމާއެކު ނަތާ އަވަސް އަވަހަށް ނަޖާހްގެ ކައިރިއަށް ދިޔައެވެ. އެވަގުތު ނަޖާހް އެއްކަލަ ގަނޑުކޮޅު ނަތާއަތަށް ދިއްކޮށްލިއެވެ. ނަތާ ގަނޑުކޮޅު ނަގާ ބަލައިލުމަށްފަހު އޭގައިވާ ނަމްބަރަށް ގުޅާލިއެވެ.

ނަތާ ހަލޯ… ސަމާޚްތަ؟

ސަމާޚް: ޔަޕް.. ސަމާޚް ވާހަކަދައްކަނީ…

ނަތާ: މީ ކާކުކަން އެގިއްޖެތަ؟

ސަމާޚް: ނޭގުނު.. ބުނީމަތާ އެނގޭނީ…

ނަތާ: މީ ނަތާ ކިޔާ ކުއްޖެއް…

 ނަތާ މިހެން ބުނުމާއެކު ސަމާޚްގެ މެޔަށް ހީވީ ފެންބަނޑިޔަލެއް އޮއްސާލި ހެންނެވެ. އުފަލުންގޮސް ބުނާނެއެއްޗެއް ނޭގުނެވެ. ހިތް އަވަސް ވެފައި ހުރިވަރުން ދޫއޮޅޭގޮތް ވިއެވެ…އަދި ނަތާކަން އެގުމުން ވަރަށް އުފަލުން ހުރެ ވާހަކަދައްކަން ފެށިއެވެ. ފޯނުކޯލު ނިމިގެން ދިޔައީ ޖެހިގެން އަންނަ ރޭ ނަދާއާއި ބައްދަލުކުރުމަށް ސަމާޚް އެދުމުންނެވެ. ސަމާޚްގެ ހިތް އަވަސްވެފައި ހުރިވަރުންނާއި ނަދާގެ އެ ހިތްގައިމު އަސަރުގަދަ އަޑުގެ ސަބަބުން އެރޭގެ ނިދިން ސަމާޚް މަހުރޫމް ވެއްޖެއެވެ. ނިދިޖެހޭއިރަށް ފެންނަނީ ނަތާގެ އެރީތި ސޫރަ އެވެ. އެ ހިތްގައިމު އަޑެވެ. މިގޮތުގައި އެނދުމަތީ އެއްފުށުން އަނެއްފުށަށް ޖެހި އޮއްވައި އިރުގަނޑެއްފަހުން ނިދޭގޮތް ވެއްޖެއެވެ.

ޖެހިގެން އައި ރެއެވެ. ސަމާޚް ނަތާއަށް ގުޅިއެވެ. އަދި ނަތާމެން ގޭ ކައިރިއަށް ބައްދަލުކޮށްލަން ދާނެ ވާހަކަ ބުންޏެވެ. އެހެންކަމުން ސަމާޚް ފެންވަރައި ރީތިވެލައިގެން ނަދާމެންގޭ ކައިރިއަށް ދިޔައެވެ. އޭރު ނަތާ ހުރީ ސަމާޚްގެ އިންތިޒާރުގައި ކެތްމަދުވެފައި ކަހަލަ ގޮތަކަށެވެ. ދޮރުމަތީގައި ސަމާޚް ފެނޭތޯ ދެކޮޅުބަލަބަލައެވެ. އިޝާހިތަކު ސަމާޚް ނަތާ އާއި ބައްދަލުކޮށްފިއެވެ. އަދި ދެމީހުންގެ އެރޭގެ ހިތްގައިމު ހަނދުވަރީ މަންޒިލެއްގައިތިބެ އަތާއި އަތް ޖޯޑުކޮށް ލައިލާމަޖުނޫން ފަދައިން ވަކިނުވާން ބުނެ ލޯބީގެ ފޮޅުވަތް އަޅާލިއެވެ. އެރެއަށްފަހު ކޮންމެރެއަކުން ސަމާޚްއަށް ލޮލުފިޔައެއް ޖަހާލެވެނީވެސް ނަތާގެ އެފަރި ހަނދެއްފަދަ މޫނު ދެކިލުމަށްފަހުގައެވެ. އޭރު މިދެކުދިންގެ ލޯބީގެ ގުޅުމަށް އަދި މިވީ އެންމެ 3 ދުވަހެވެ.

ޖެހިގެން އައި ރެއެވެ. ނަތާގެ ރައްޓެހި ފަޒާ އަށް ނަތާ ސަމާޚްއާއެކު މަގުމަތިން ދަނިކޮށް ފެނުނެވެ. އެހެންކަމުން ފަޒާ މިވާހަކަ ނާދިޔާ އަށްގުޅައި ކިޔައިދިނެވެ. ފަޒާ އާއި ނާދިޔާ އަކީ ނަތާ އާއި އެއްކުލާހެއްގައި ކިޔަވަމުންދާ ފުރާވަރުގެ ދެ ޖިންސްލަތީފުންނެވެ. މިދެކުދިންނަކީ މަޖާކުރުމާއި ސަކަރާތް ޖެހުމުގައިވެސް އަރާހުރި ދެކުދިންކަން ސަމާޚްއަށް އެނގެއެވެ. އަދި މިދެކުދިން ސަމާޚްވެސް ދަނެއެވެ. އަދި މަގުމަތިންދާ ފިރިހެން ކުދިންނާ ފޮށެލުމަކީ މިދެކުދިންގެ އާދައެކެވެ.

ފަޒާ، ނާދިޔާއަށް ގުޅުމުން ނާދިޔާ ވަރަށް ހައިރާންވިއެވެ. އަދި އަހާލެވުނެވެ. ނަތާގެ ލޯބިވެރިޔަކީ ސަމާޚް ހެއްޔެވެ. ފަޒާ ބުންޏެވެ. އާއެކެވެ. އަހަރެން ކުރިން ރެއަކުވެސް ދުށީމެވެ. މިހެން ބުނުމުން ނާދިޔާ ބުންޏެވެ. ސަމާޚްއަކީ ދެން ކާކު ހެއްޔެވެ. މަ ވަރަށް ފޫހިވެއެވެ. މިހެން ކިޔައި ނާދިޔާ ނަތާއަށް ގުޅިއެވެ. އަދި ފަޒާއާއި އެކު ނަދާމެންގެއަށް އެބަދަމޭ ބުންޏެވެ. މިހެން ބުނުމުން ނަތާ ބުންޏެވެ. މައްސަލައެއް ނެތެވެ. އަދި ނަތާ ފޯނުން ވާހަކަ ދެއްކުމަށްފަހު ފޯނު ނަގާ އަތްދަބަހަށް ލުމާއެކު ސަމާޚް އެހިއެވެ. ގުޅީ ކާކުހެއްޔެވެ؟ ނަތާ ބުންޏެވެ. ނާދިޔާއެވެ. އެމީހުން މިގެއަށް އެބައާދެއެވެ. މިހެން ބުނުމާއެކު ސަމާޚް ބުންޏެވެ. ފަހުން ގުޅާނަމެވެ. އަހަރެން މިދަނީއެވެ. މިހެން ބުނުމުން ނަތާ ސަމާޚްއަށް ދޮނެއް ދިނުމަށްފަހު ވަރަށް ލޯބިން އައިލަވް ޔޫ  އޭ ބުނެލިއެވެ. ޖަވާބުގައި މީޓޫ އޭ ބުނެލުމަށްފަހު ސަމާޚް އެނބުރި ދިޔައެވެ.

އޭގެ ކުޑައިރުކޮޅެއްފަހެވެ.  ނާދިޔާ އާއި ފަޒާ ، ނަތާމެންގެއަށް އައެވެ. އަދި ތިން މީހުން އެކުގައި ބޭރަށް ނިކުމެ އެއްކަލަ ޕާކްކައިރީގައި ވާހަކަ ދައްކަން މަޑުކޮށްލިއެވެ.

ނާދިޔާ: ނަތާއަށް އެނގޭތަ ފިރިހެނުންނަކީ ފާޑެއްގެ ބައެއް. ނަތާ މިހާރު ތިޔަރަށްޓެހިވެގެން އުޅޭ ސަމާޚްގެ ގޮތް ނުބަލާތަ ތިޔަ ރަށްޓެހިވީ..

މިވާހަކަ ނާދިޔާ ބުނުމުން ނަތާ ވަރަށް ހައިރާންވެ ހުރެ ބުންޏެވެ. ކީކޭ.. ކިހިނެއް އަހަރެން ސަމާޚް އާ ރަށްޓެހިވެގެން އުޅޭކަން އެނގުނީ..

ފަޒާ: އަހަރެމެން ބަލަމޭ ނަތާ އުޅޭގޮތް…

ފަޒާ މިހެން މިހެން ބުނުމުން ނަތާ އެއްބަސްވިއެވެ. އަދި ބުންޏެވެ. ސަމާޚްއަކީ ވަރަށް މަޑުމަޑުން ހުންނަ ކުއްޖެ… ހިއެއް ނުވޭ އޭނަޔަކީ ގޯސް ކުށްޖެއްހެން. އެހެން ނޫނަސް އޭނަ އަހަރެންދެކެ ވަރަސް ލޯބިވޭ.. އަދި އަހަރެންވެސް…

ނަތާ މިހެން ބުނުމުން ނާދިޔާ ހީލާފައި ބުންޏެވެ.

ނާދިޔާ: ބަލަމޮޔަޔާ.. އެހެން ތަނަކުން މީހަކު ފެނުނަސް އަދި ހަޤީޤަތެއް ނޭގޭނެ..  މަށަށް ފެނޭ ސަމާޚް އެވަނީ ނަތާދެކެ އަސްލު ހަމަ ހަޤީޤީ ލޯބިތޯ ބަލާލަން…

ނަތާ: ކިހިނެއް ބަލާނީ…

ފަޒާ: ނަތާ ހަދަންވީ ގޮތަކީ ސަމާޚްއަށް ވާނުވާ އަންގާނުލާ އެއްވެސް ކަމަކާ ނުލާ ރުޅި ވާންވީ… އޭރުން އޭނަ ނަތާ ދެކެ ލޯބިވަންޏާމު އެނގިދާނެތާ… ލޯބި ހޯދަންވެސް މަސައްކަތް ކުރާނެތާ…

ފަޒާ މިހެން ބުނުމުން ނާދިޔާ އެކަމަށް ސަޕޯޓް ކުރިއެވެ. އަދި މިދެ މިތުރުންގެ އެދުމުގެ މަތިން ނަތާ އެގޮތަށް ކަންތައް ކުރަން ނިންމިއެވެ.

ސަމާޚް އާއި ނަތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިއަދަށް ފަސް ދުވަސް ވީއެވެ. އެއްރެއަކު ނަތާ ސަމާޚް އަށް ގުޅާފައި ބައްދަލުކުރަން އެދުނެވެ. ސަމާޚް ނަތާ އާއި ބައްދަލުކުރިއެވެ. ނަމަވެސް ނަތާ އެރޭ ސަމާޚްއާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފޫހި ރާގަކަށެވެ. ސަމާޚްއަށް އެކަން އިހްސާސް ކުރެވުނެވެ. ނަތާ ބުންޏެވެ. މިއަދުން ފެށިގެން އަހަރެން ބޭނުންވަނީ ސަމާޚް އާއި ރުޅިވާށެވެ. ސަބަބެއް ނުބުނެވެ. ސަމާޚް ހައިރާންވިއެވެ. ލޯތްބަކީ ބޭނުންވީމަ ރުޅިވާ އެއްޗެއް ބާވައެވެ. އަދި ބޭނުންވީމަ ރަށްޓެހިވާ ކުޅޭ ކުޅޭ އެއްޗެއް ބާވައެވެ. ނަތާ މިގޮތަށް އެތައް ފަހަރެއްގެ މަތިން ސަމާޙް އާއި ރުޅިވެ އެވެ. އަދި ދުވަސް ގަނޑަކަށްފަހު ރައްޓެހިވެއެވެ.

އެހެންކަމުން ސަމާޚްވެސް ނިންމީ އެހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމަށެވެ. މިފަހަރު ސަމާޚް ލޯބީގެ ގޮތުން ގުޅުނީ ސަމާޚްދެކެ ލޯބިވާ ސާރާ އާއެވެ.  އެކަމަކުވެސް ސަމާޚްއަކަށް ނަތާ ހިތަކުން ފޮހެއެއް ނުލެވުނެވެ. ސާރާ އާއި ރަށްޓެހިވިނަމަވެސް އެއީ ނަމެކެވެ. ސަމާޚްގެ މަސައްކަތަކީ ކޮންމެ ރެއަކުވެސް ނަތާ ދެކެ އެވެވުނު  ލޯބި މަތިން ހަނދާންކޮށް ނަތާއަށް މެސެޖެއް ކޮށްލުމެވެ. ނަތާ އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައެވެ. މިގޮތުގައި ދުވަސްކޮޅަކު އުޅުމަށްފަހު ސަމާޚު އެނބުރި ރަށަށް ދިޔައެވެ.

ސަމާޚް ރަށުގައި އުޅުނު ނަމަވެސް ސަމާޚްގެ ހަޤީޤީ ލޯބިވެރިޔަކީ ސަމާޚްގެ ހިތުން ނަތާ އެވެ. އެކަމު ރަށްޓެހިންނަށް އެނގެނީ ސަމާޚް ސާރާ އާއި ރަށްޓެހިވެގެން އުޅޭކަމެވެ. ދުވަސްތައް ފާއިތުވަމުންދެއެވެ. ކޮންމެ ރެއަކުވެސް ސާރާ ސަމާޚް އަށްގުޅައެވެ. އަދި ލޯބިވާ ވާހަކަ ބުނަމުން ދެއެވެ. އެކަމަކު ސަމާޚްގެ ހިތުގައި ބިންވަޅު ނެގިފައިވާ މަލިކާއަށް މެސެޖް ކުރުން ހުއްޓައެއް ނުލައެވެ. ލޯބިވެރިޔާ ނަތާ ރުޅިވިފަހުން ހަތް މަސް ފާއިތުވި ނަމަވެސް އެ ލޯބި އަނބުރާ ހޯދުމަށް ސަމާޚް ބޭނުންވެއެވެ. އެއްރެއަކު ސަމާޚް ސާރާ އާއި ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު ސަމާޚް ނުދަންނަ ނަންބަރަކުން ސަމާޚްގެ ފޯނަށް ކޯލެއް އަންނަން ފެށިއެވެ. އެވަގުތު ސާރާގެ ފޯނު ކޯލު ކުރުކޮށްލުމަށްފަހު އަވަސް އަވަހަށް އެފޯނު ނެގިއެވެ. ފުރަތަމަވެސް ކަންފަތުގައި ޖެހިގެން ދިޔައީ ނަތާގެ އަޑެވެ. ކޮންމެ ނަމްބަރަކުން ގުޅިޔަސް އެހިތްގައިމު ޖާޒުބީ އަޑެއް ސަމާޚް އަކަށް އޮޅުވައެއް ނުލެވޭނެއެވެ. ސަމާޚް ވަރަށް އުފަލުން ހުރެ ހެލޯ އޭ ބުނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ނަތާ ސަމާޚްއަށް މަޢާފަށް އެދެމޭ ބުނަން އުޅޭކަހަލައެވެ. ނަމަވެސް ނަތާގެ މި ފޯނުކޯލުގެ ސަބަބު ސަމާޚްގެ ހިތް ފުރިގެންދިޔައެވެ. އަދި ނަތާގެ ދަޢުވަތު ޤަބޫލުކުރައްވައި އަނެއްކާވެސް ނަތާ އާއި ލޯބީގެ ގޮތުން ގުޅުނެވެ. އެއަށްފަހު ސާރާއަށް ގުޅައި ސާރާދެކެ ލޯބި ނުވާކަމަށްބުނެ، ހަމަ އެރޭ ލޯބީގެ ގޮންމޮހާލިއެވެ. އެރެއިން ފެށިގެން ސަމާޚް ބޭނުންވީ ނަތާ ކައިރިއަށް މާލެދާށެވެ. ނަތާ ކޮންމެގޮތަކަށް ކަންތައް ކުރިއަސް މިއަދު ސަމާޚް ނަތާ ބޭނުމެވެ. ސަމާޚް ނަތާދެކެ ވާލޯބި ނަތާއަށް އިހްސާސް ކުރުވަން ސަމާޚް ބޭނުންވިއެވެ.

ރަށުން އެއްމެ އަވަހަށް ފުރި ދޯނިން ސަމާޚް މާލެ އައެވެ. އަދި ނަތާ އާއި ބައްދަލުކުރިއެވެ. ސަމާޚް އާއި ނަތާގެ ލޯބީގެ ގުޅުން ކޮންމެ ގޮތަކަށް ހީނަރުވެގެން ދިޔަ ނަމަވެސް ސަމާޚް ބޭނުންވަނީ ހަމަ ނަތާއެވެ.

ސަމާޙް މާލެއައުމުން ސަމާޙް އެދުމުގެ މަތިން ނަތާ ސަމާޚްމެންގެ ގެއަށް ދިއުމަށް ތައްޔާރުވިއެވެ. އަދި ހިނގައިގަންނަމުން ސަމާޚްއަށް ގުޅިއެވެ. ސަމާޚް އަވަސް އަވަހަށް ތައްޔާރުވެލައިގެން ނަތާގެ އިންތިޒާރުގައި ގޭގެ އޮޅިގަނޑު ބުޑުގައި އިށީދެލައިގެން އިނެވެ. ކުއްލިއަކަށް ސަމާޚްގެ ލޮލުގައި އަޅައިގަތީ ސަމާޚްގެ ލޯބިވާ ނަތާ އެކަނިމާއެކަނި ހިނގާފައި އަންނަމަންޒަރެވެ. ހިތް އަވަސް ވެފައި ހުރިވަރުން ސަމާޚްއަށް ނަތާއާއި ދިމާލަށް ހިނގައިގަނެވުނެވެ. އަދި ނަތާގެ އަތުގައި ހިފުމަށްފަހު ދެމީހުން އެކުގައި ސަމާޚް ކޮޓަރިއަށް ވަނެވެ. ނަތާ ސަޕްރައިސްވިއެވެ. ކޮޓަރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒެއްގެ މަތީގައި ހެޕިބާތުޑޭ ނަތާ މިހެން ލިޔެފައި އޮތުމުނެންވެ. އަދި ވަރަށް ލޯބިން ސަމާޚްގެ ގައިގައި ބައްދާލިއެވެ. އެވަގުތު ސަމާޚް ކުޑަކޮށް ތިރިވެލާފައި ފިނިފެންމަލެއް ނެގުމަށްފަހު ވަރަށް ރޮމޭންޓިކް ގޮތަކަށް ނަތާގެ އަތަށް އެ މާ އެރުވިއެވެ. އަދި ނަތާ ދެކެ ލޯބިވާ ވާހަކަ ބުނެ އަލުން ލޯބި ހުށަހެލިއެވެ. ނަތާ ހިތުގެ ފުންމިނުން އެލޯބި ޤަބޫލުކުރިއެވެ. އަދި ސަމާޚްގެ ކިބައިން ވެދިޔަ ކަންތަކަށް މަޢާފަށް އެދުނެވެ. އެވަގުތު ސަމާޚް އުފަލުންހުރެ އެއީ މައްސަލައެއް ނޫންކަމަށްބުނެ ކޭކް ފެޅުމަށް އިސާރާތް ކުރިއެވެ. އަދި ކޭކް ފެޅުމަށްފަހު ސަމާޚް ވަރަށް ލޯބިން ނަތާ ގައިގައި ބައްދާލިއެވެ. އެވަގުތު އެ ލޯބިވެރިންގެ އިހްސާސް ހުވަފެނެއްގެ ތެރެއަށް ގެބިގެންދިޔަ ކަހަލައެވެ.

އެރޭގެ އެ ބީހިލުން ނަތާގެ ހިތުން ދުވަހަކުވެސް ނުފިލާ ކަހަލައެވެ. އަބަދުވެސް ބޭނުންވަނީ ސަމާޚްގެ ކައިރީގައި ހުރުމަށެވެ. ސަމާޚްވެސް ހަމަ އެގޮތެވެ. ނަތާގެ މައިން ބަފައިންނާއި ވަގަށް ރޭގަނޑު ނަތާ ކައިރިއަށް ގޮސްހަދައެވެ. ގޭގެ ފާރުމަތިން އަރައިގެން ނަމަވެސް ސަމާޚް ނަތާއާއި ބައްދަލުކޮށްލުމަކީ ސަމާޚްއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އެއްރެއަކު ނަތާ އާއި އެކު ނަތާމެންގެ ގޭގައި ސަމާޚް އިންދައި ނަތާގެ މަންމައަށް ގެއަށް އާދެވުނެވެ. އެވަގުތު ނަތާ ވަރަށް ލަދުން ހުރެ މަންމައަށް ސަމާޚް ތަޢާރަފްކޮށްދިނެވެ. މަންމަ އެދެކުދިންނަށް ނަޞޭހަތް ދިނެވެ. އަދި ރައްޓެހިވެގެން އުޅުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ބައްޕައަށް އެގިއްޖެނަމަ ރުޅި އައިސްދާނެކަމަށް ބުންޏެވެ. އެހެން ކަމުން މިދެލޯބިވެރިންގެ ބައްދަލުވުން ގިނަ ރޭރޭ ހިނގަމުންދިޔައީ ސަމާޚްގެ ގޭގައެވެ.

ސަމާޙް ނަތާއާއި ރަށްޓެހިވެގެން އުޅޭކަން ނާދިޔާގެ ފަރާތުން ނަތާގެ ބައްޕައަށް އެގުނެވެ. މިކަމާ ބައްޕަ ވަރަށް ރުޅި އައެވެ. އަދި އިންކާރު ކުރިއެވެ. އަދި ރޭގަނޑު ނަތާ ބޭރުގަ އުޅުން މަނާކުރިއެވެ. ބައްޕަގެ ނުރުހުންތަކާއި ބައްޕަގެ ޝަކުވާތަކުން ނަތާގެ ސިކުނޑި ސުމަކަށް ދިޔަކަލަހަލެވެ. އަދި މީހަކާ ރައްޓެހިވެވޭނީ ކިޔަވާ ނިންމާލުމަށްފަހުގައި ކަމަށް ނަތާގެ ބައްޕަ ނަތާ ގާތު ބުނަމުން ދިޔައެވެ. ނަމަވެސް މިވާހަކަތައް ނަތާ ސަމާޚްއަށް ކިޔައިދެމުން ދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ. ބައްޕަ ނަތާއަށް އެއްޗެހި ކިޔާވާހަކައާއި ނަތާއަށް އަނިޔާކުރާ ކަމަށް ބުނެއެވެ. މިވާހަކަތައް ނަތާ ސަމާޚްއަށް ކިޔައިދިނުމުން ސަމާޚް ވަރަށް ހައިރާން ވިއެވެ. އަދި ވަރަށް ރުޅިއައިސް ނަތާގެ ބައްޕައާއި ސަމާޚް ގުޅިއެވެ. ސަމާޚް ނަތާގެ ބައްޕައާއި ގުޅުމުން ނަތާއާއި ރައްޓެހިވެގެން އުޅުމަކީ މިހާރު އެހާ ރަނގަޅުކަމެއް ނޫންކަމަށް ބުނެ ނަތާގެ ބައްޕަ ސަމާޚްއަށް ނަސޭހަތްތެރިވިއެވެ.

ނަމަވެސް ކަންވީ ވަރަށް ދެރަކޮށެވެ. ސަމާޚް ނަތާގެ ބައްޕައަށް ގުޅިކަން ނަތާއަށް އެގިއްޖެއެވެ. ބައްޕަ ނަތާއާއި ދިމާލަށް އެއްޗެހިކިޔުމާއި ސަމާޚް ބައްޕައަށް ގުޅިކަން އެއީ ނަތާގެ ބަދު ނަސީބަށް ވެގެން ދިޔައެވެ. ބައްޕަ އެދެމުން ދިޔައީ ކިޔަވާ ނިމުމުންނޫނީ މީހަކަ ރައްޓެހި ނުވުމަށެވެ.

މިވާހަކަތައް ސަމާޚް ކައިރީ ބުނާނީ ކޮންގޮތަކުން ބާވައެވެ. އަހަރެންނަށް ދެން ސަމާޚް އާއި ރުޅިވެވޭނެ ބާވައެވެ. އަހަރެން މިހުރީ ސަމާޚް ދޫނުކޮށްލާނެކަމަށް އެތައް ވަޢުދުތަކަކާއިއެކު ހުވާކޮށްފައެވެ. އެތައް ފަހަރެއްގެ މަތިން ސަމާޚްއާއި ރުޅިވާން މަސައްކަތް ކުރެވިއްޖެއެވެ. އެކަމަކު ދުރެއް ނުވެވުނެވެ. ލޯތްބަކީ ގަދަފަދަ ބާރެކެވެ. ނަތާގެ ހިތުގައި މިފަދަ ސުވާލުތަކެއް އުފެދުނު ނަމަވެސް ނަތާ ބޭނުންވީ ބައްޕަގެ އެދުމަށް ފުރަގަސް ނުދިނުމަށެވެ.  އެހެންކަމުން ސަމާޚްގެ ކައިރީ މިވާހަކަތައް ކިޔައިދިނެވެ. މިވާހަކަތައް އަޑުއަހާފައި ސަމާޚް ފެންކަޅިވިއެވެ. އަދި އިޝްޤީ ނަޒަރަކުން ނަތާއާއި ދިމާލަށް ބަލަން ހުރެފައި ނަތާގެ ގައިގައި ބައްދާލެވުނެވެ. އަދި ކިތަންމެ ދުރުގައި ހުއްޓަސް ނަތާދެކެ ލޯބިވާނެކަމަށް ގަންދީ ހުވާކުރިއެވެ. ނަމަވެސް ނަތާ މުޅިން ތަފާތެވެ. ނަތާ ބުނަމުން ދިޔައީ ކިޔެވުން ނިމެންދެން އިންތިޒާރު ކުރުމަށެވެ. ސަމާޚްއަށް ކެތްކުރެވޭނެ ހެއްޔެވެ.

ސަމާޚްގެ ހިތުގައި މިސުވާލުތަކަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ބުނާނެއެއްޗެއް ނޭގި ހުރެ އެންމެ ފަހު ފަހަރަށް ނަތާއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ނަތާ ބުންޏެވެ. ފޯނަށް ގުޅުން ހުއްޓާލާށެވެ. ސަމާޚް ބުންޏެވެ. ނަތާއެވެ. ކިޔެވިޔަސް މިގުޅުން ދެމެހެއްޓިދާނެއެވެ. މިއީ މައްސަލައެއް ނޫނެވެ.  އެވަގުތު ނަތާ ވަރަށް މާޔޫސްވެހުރެ ބުނަމުންދިޔައެވެ. ލޯތްބަކީ ކުރެވޭ އިންތިޒާރެކެވެ. ލޯބިވާނަމަ ކެތް ކުރާނެއެވެ. ނަތާމިހެން ބުނުމާއެކު އަސަރުން ފުރިފައިވާ ރާގަކަށް ސަމާޚް ބުނެލިއެވެ. ހުވާކޮށްފައި ބުނަމެވެ. ދުރުގަ ހުއްޓަސް މިހިތުގާ ވަނީ ކަލާއެވެ.

ނިމުނީ-

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.