ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

( وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا )

( الْإِنسَانُ ) ބައެއް މުފައްސިރުން ވިދާޅުވަނީ މިތަނުގައި އިންސާންގެ މުރާދަކީ ކާފިރުން ކަމަށެވެ. ނަމަވެސް، ރަގަޅު ގޮތަކީ ހުރިހާ އިންސާނުން ކަމަށްވުމެވެ. ސަބަބަކީ އެއީ ހަމައެކަނި ކާފިރުންކަން ދަލާލަތުކޮށްދޭނެ ދަލީލެއް އައިސްފައި ނެތުމެވެ.

(أَكْثَرَ شَيْءٍ جَدَلًا  ) ކީރިތި ގުރްއާނުގައި މީސްތަކުންނަށް ފައިދާކުރުވަނިވި ކަންތައްތައް ބަޔާންކުރައްވާފައިވީއިރުގައިވެސް އިންސާނުންގެ ތެރެއިން ގިނަ މީހުންނަކީ ޖަދަލު ކުރާ މީހުންނެވެ. ނަމަވެސް، މުސްލިމުންގެ ޞިފައަކީ ޖަދަލުކުރުމުގެ ބަދަލުގައި ޙައްގު ގޮތް ގަބޫލުކުރުމެވެ. އަބޫ އުމާމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.  (مَا ضَلَّ قَوْمٌ بَعْدَ هُدًى كَانُوا عَلَيْهِ إِلَّا أُوتُوا الْجَدَلَ ) ، ثُمَّ قَرَأَ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – هَذِهِ الْآيَةَ : مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ   ) މާނައަކީ: “އެބައިމީހުންގެ ތެރޭގައި ޖަދަލު ކުރުން ގިނަވުމުގެ ސަބަބުން މެނުވީ ގައުމެއްގެ ބަޔަކަށް ހިދާޔަތްލިބުމަށްފަހުގައި އެބައިމީހުންގެ މަގުފުރެދިގެން ނުދެއެވެ.” އެއަށްފަހު ސޫރަތުއް ޒުޚްރުފްގެ 58 ވަނަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. (مَا ضَرَبُوهُ لَكَ إِلَّا جَدَلًا ۚ بَلْ هُمْ قَوْمٌ خَصِمُونَ ﴿٥٨﴾  ) ” ކަލޭގެފާނާ جدل ކުރުމަށް މެނުވީ އެއުރެން އެ مثال ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ.”

(وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ وَيَسْتَغْفِرُوا رَبَّهُمْ إِلَّا أَن تَأْتِيَهُمْ سُنَّةُ الْأَوَّلِينَ أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا ﴿٥٥﴾  ) ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންނާއި ހަމައަށް ގުރްއާނާއިގެން ވަޑައިގެން އެބައިމީހުންނަށް މިޘާލުތައް ޖެއްސެވުމާއި އެކުގައިވެސް، އެބައިމީހުން އީމާންނުވެ، އަދި އެބައިމީޙުންނަށް ކުރެވިފައިވާ ކުށްފާފަތަކަށް ފާފަ ފުއްސަވައިދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާނުކޮށް އެތިބެނީ، ޙައްގުގޮތް އެބައިމީޙުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި މައްސަލަ އެއް އުޅެގެންނެއް ނޫނެވެ. ނަމަވެސް، އެބައިމީހުންގެ ޖަދަލަކީ ކުރީގެ އުއްމަތްތަކުގެ މީހުންގެ މައްޗަށް އައިފަދަ ކޯފާ އެއް ޢަޛާބެއް އެމީހުންގެ މައްޗަށްވެސް އައުމެވެ. ނޫންނަމަ، ﷲގެ ކޯފާ އާއި ޢަޛާބު އެބައިމީހުންގެ ލޮލަށް ފެނުމެވެ.

(الْهُدَىٰ   ) އެއީ ގުރްއާނާއި، އިސްލާމްދީން، އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ.

(وَيَسْتَغْفِرُوا رَبَّهُمْ  ) އެބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ފާފަ ފުއްސަވައިދެއްވުން އެދި ދެންނެވުން. މުއިމިނުންގެ ޞިފަ އަކީ އެބައިމީހުން ފާފަ ފުއްސަވައިދެއްވުން އެދި ގިނަގިނައިން ދަންނަވާނެއެވެ. ކާފަރުންވެސް އީމާންވުމަށްފަހުގައި ކުރިން ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވުން އެދި ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. އީމާންވެ، ފާފަ ފުއްސެވުން އެދި ދުޢާ ކުރުމުން ކުރީގެ ހުރިހާ ކަމެއް ފޮހެވިގެންދާނެއެވެ. ސޫރަތުލް އަންފާލްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ  ) މާނައަކީ: ” كافر ވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافر ކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ.”

ސޫރަތުއް ޒުމަރުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾  ) މާނައަކީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘް ކުރައްވާފައިވެއެވެ. ( مَنْ أَكْثَرَ مِنَ الِاسْتِغْفَارِ ، جَعَلَ اللَّهُ لَهُ مِنْ كُلِّ هَمٍّ فَرَجًا ، وَمِنْ كُلِّ ضِيقٍ مَخْرَجًا ، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ) رواه أحمد މާނައީ: އިސްތިޣުފާރު ކުރުން ގިނަ ކޮށްފި މީހާ (ދަންނާށެވެ!)، ﷲ ތަޢާލާ އެމީހަކަށް ދިމާވާ ކޮންމެ ހިތްދަތިކަމަކުން ސަލާމަތްވާނޭ މަގުފަހިކޮށްދެއްވާނެއެވެ. އަދި ކޮންމެ ދަތިއުނދަގޫ ކަމަކުން ނިކުންނާނޭ ގޮތް ފަހިކޮށްދެއްވާނެއެވެ. އަދި އޭނާ ހީވެސް ނުކުރާ ގޮތްގޮތުން އޭނާއަށް ރިޒްޤު ދެއްވާނެއެވެ.”

( إِلَّا أَن تَأْتِيَهُمْ سُنَّةُ الْأَوَّلِينَ ) އެބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ޢަޛާބެއް ފޮނުއްވުމަށް އެބައިމީޙުން އެދުނެވެ. ސޫރަތުލް އަންފާލްގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذْ قَالُوا اللَّـهُمَّ إِن كَانَ هَـٰذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ ﴿٣٢﴾  ) މާނައަކީ: ” އަދި އެއުރެން ބުނިހިނދު ހަނދުމަކުރާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ، އިބަރަސްކަލާނގެ حضرة ން އައި حق ބަސްފުޅު ކަމުގައިވާނަމަ، ފަހެ، އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވައިފާނދޭވެ! ނުވަތަ އަޅަމެންނަށް ވޭންދެނިވި عذاب އެއް ދެއްވައިފާނދޭވެ!”

ނަމަވެސް، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކުރީގެ އުއްމަތްތައް ހަލާކު ކުރެއްވިގޮތަށް މިއުއްމަތް ހަލާކު ނުކުރެއްވުމަށް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވާފައެވެ. އަދި މާތް ﷲ ވަނީ އެދުޢާ އިޖާބަކޮށް ދެއްވާފައެވެ. ވީމާ، އެފަދަ ޢަޛާބެއް ނުފޮނުއްވީއެވެ.

(أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا  ) ނޫންނަމަ، ﷲ ގެ ކޯފާ އާއި ޢަޛާބު ތިމަންމެންގެ ލޮލަށް ފެންނަ ގޮތަށް ހައްދަވާ ދެއްވާށެވެ.

 ބައެއް މުފައްސިރުން ( قُبُلًا ) މާނަކުރައްވަނީ ކުއްލި އަކަށް ޢަޛާބު އައުމަށެވެ.

 އަދި ބައެއް މުފައްސިރުން ( قُبُلًا ) ގެ މާނައަކީ އެކިވައްތަރުގެ ޢަޛާބު ކަމުގައިވެސް މާނަ ކުރައްވައެވެ.

ވީމާ، އެބައިމީހުންގެ ގާތަށް ﷲ ގެ ހިދާޔަތް އައި ހިނދު އީމާންވެ އަސްތަޣްފާރު ކުރުމަށް އޮތް ހުރަހެއް ކަމުގައި އެބައިމީޙުން ބުނީ ކުރީގެ އުއްމަތްތަކުގެ މީހުން ހަލާކު ކުރެއްވި ގޮތަށް ހަލާކު ކުރެއްވުމާއި، ﷲ ގެ ކޯފާ އާއި ޢަޛާބު އެބައިމީޙުންގެ ލޮލަށް ދެއްކެވުމެވެ.

(وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَادِلُ الَّذِينَ كَفَرُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ ۖ وَاتَّخَذُوا آيَاتِي وَمَا أُنذِرُوا هُزُوًا ﴿٥٦﴾  )

( وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ  ) މިއީ ރަސޫލު ބޭކަލުންގެ ވަޡީފާ އެވެ. އީމާންކަމުގެ އަހްލުވެރިންނަށް ސުވަރުގެ އާއި އެތަނުގައިވާ މަތިވެރި ނިޢްމަތްތަކުގެ ވާހަކައިން އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލުންތަކެއް ކަމުގައްޔާއި، ކާފިރުވެ، ﷲ ގެ އާޔަތްތައް ދޮގުކުޅަ މީހުންނަށް ނަރަކައާއި އެތަނުގައިވާ ޢަޛާބުތަކުގެ ވާހަކައިން އިންޛާރު ދެއްވާ ބޭކަލުންތަކެއްގެ ގޮތުގައި މެނުވީ ﷲ ތަޢާލާ ނޫޙު ޢަލައިހިއްސަލާމް އިން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ހަމައަށް އެއްވެސް ރަސޫލު ބޭކަލަކު ނުފޮނުއްވައެވެ.

(وَيُجَادِلُ الَّذِينَ كَفَرُوا بِالْبَاطِلِ) ” އަދި كافر ވީ މީހުން باطل ގޮތުން جدل ކުރެތެވެ.”

ބާޠިލް ގޮތުގައި ޖަދަލުކުރާ ގޮތަކީ އެބައިމީހުންގެ ގާތަށް ރަސޫލު ބޭކަލުން ވަޑައިގެންނެވީމާ ބުނާ ކަމަށް ސޫރަތުއް ތަޣާބުންގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ذَٰلِكَ بِأَنَّهُ كَانَت تَّأْتِيهِمْ رُسُلُهُم بِالْبَيِّنَاتِ فَقَالُوا أَبَشَرٌ يَهْدُونَنَا فَكَفَرُوا وَتَوَلَّوا ۚ وَّاسْتَغْنَى اللَّـهُ ۚ وَاللَّـهُ غَنِيٌّ حَمِيدٌ ﴿٦﴾  ) މާނައަކީ: ” އެއީ އެއުރެންގެ ގާތަށް އެއުރެންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، ފަހެ، ތިމަންމެންނަށް ތެދުމަގު ދައްކަނީ، آدم ގެދަރިންތަކެއް ހެއްޔޭ، އެއުރެން ބުނެ، އެއުރެން كافر ވެ، ފުރަގަސްދިނީތީއެވެ. އަދި اللَّه ފުދިވޮޑިގެންވެއެވެ. اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.”

ސޫރަތުލް މުއިމިނޫންގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا هَـٰذَا إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَاءَ اللَّـهُ لَأَنزَلَ مَلَائِكَةً مَّا سَمِعْنَا بِهَـٰذَا فِي آبَائِنَا الْأَوَّلِينَ ﴿٢٤﴾  ) މާނައަކީ: ” ފަހެ، އެކަލޭގެފާނު (ނޫޙު ޢަލައިހިއްސަލާމް)ގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ قصد ކުރަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. اللَّه އިރާދަކުރެއްވިނަމަ (رسول ން ކަމުގައި) ملائكة ން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ.”

މީގެ އިތުރުން މަރުވުމަށްފަހު އަލުން ދިރުއްވުމާއި ގުޅޭ ގޮތުންވެސް އެބައިމީހުން ޖަދަލު ކުރެއެވެ. ސޫޜަތު ޔާސީންގެ 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨﴾ ) މާނައަކީ: ” އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟”

( لِيُدْحِضُوا بِهِ الْحَقَّ  ) (يُدْحِضُوا  )ފޮހެލުން، ބާޠިލް ކުރުން. އެބައިމީހުންގެ ބާޠިލް ވާހަކަތަކުން ޙައްގު ފޮހެލަން މަސައްކަތް ކުރެއެވެ.

(وَاتَّخَذُوا آيَاتِي وَمَا أُنذِرُوا هُزُوًا ) ” އަދި ތިމަންރަސްކަލާނގެ آية ތަކާއި، އެއުރެންނަށް إنذار ކުރައްވާފައިވާ ކަންތައް ފުރައްސާރައެއްކަމުގައި އެއުރެން ހެދޫއެވެ.”

މީގެ މިޘާލަކީ: ޒައްގޫމް ގަހުގެ ވާހަކަ އެބައިމީޙުންނަށް ބަޔާން ކުރެއްވިއެވެ. ސޫރަތުއް ޞާފާއްތުގެ 64 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ ﴿٦٤﴾ ) ” ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ.” މި އާޔަތް އެބައިމީހުންނަށް ކިޔައި ދެވުނީމާ ޖެއްސުންކޮށް ހީހެދިއެވެ. އެބައިމީހުން ބުނީ ނަރަކަ އަކީ ހޫނު ތަނަކަށްވާއިރު އެތަނުގެ އަޑިން ގަހެއް ފަޅާނީ ކިހިނަކުން ހެއްޔެވެ؟ ގަސް ހެދޭނީ ފިނިކަން ލިބިގެންނެވެ. އެހެންކަމުން އެއާޔަތް ގަބޫލުނުކޮށް ފުރައްސާރަކުރިއެވެ. ދެން އެބައިމީހުންނަށް ރައްދު ދެއްވާ ސޫރަތުއް ޞާއްފާތުގެ 66 އަދި 67 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ ﴿٦٦﴾ ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ ﴿٦٧﴾  ) މާނައަކީ: ” ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ. ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّوم އާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއްް) އެއުރެންނަށްވާކަން ކަށަވަރެވެ.”

އެބައިމީހުން ނަރަކާގައި ބަނޑުގައިވީމާ ކާންލިބޭނީ މިޒައްގޫމްގަހުގެ ފަތެވެ. އެފަތް ކައި ނިމުނީމާ ގަދަޔަށް ކަރުހިއްކައިގަންނާނެއެވެ. އެހިނދުގައި ހޫނުފެން ބޯންދެވޭނެއެވެ. ނަމަވެސް އެފެން ބޯނީ އިންސާނުން ބޯވައްތަރަކަށް ނޫނެވެ. ނަމަވެސް، ޖަމަލު ފެންބޯ ފަދައިންނެވެ. މިވާހަކަތައް ބަޔާން ކުރައްވާ ސޫރަތުލް ވާގިޢާގެ 54 އާއި 55 ގައި ވަޙީ ކުރެއްވިއެވެ. (فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ ﴿٥٤﴾ فَشَارِبُونَ شُرْبَ الْهِيمِ ﴿٥٥﴾ ) މާނައަކީ: ” ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ. ފަހެ، ފެންބޮވައިގެންފައިވާ جمل ތައް ފެންބޯފަދައިންނެވެ.”

އެބައިމީހުން އެގަހަކާ މެދުގައި ފުރައްސާރަކޮށް ހީހެދި ގަހަކީ އެގަހެއްގެ ފަތް އެބައިމީހުންނަށް ކާނާއެއްގެ ގޮތުގައި ނަރަކާގައި ކާންދެވޭ ގަހެވެ. (ﷲ ތަޢާލާ އަޅަމެން އެންމެން އެނަރަކައިން ސަލާމަތްކޮށްދެއްވާށި. އާމީން.)

(وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى الْهُدَىٰ فَلَن يَهْتَدُوا إِذًا أَبَدًا ﴿٥٧﴾  )

(وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ   ) ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކައުނީ އާޔަތްތަކާއި (މިޘާލަކަށް: ކުރީގެ އުއްމަތްތައް ހަލާކު ކުރެއްވި ގޮތުގެ ވާހަކަ) ޝަރްޢީ އާޔަތްތައް (މިޘާލަކަށް ކީރިތި ގުރްއާން) އެމީހަކަށް ކިޔައިދެވި، ހަނދާންކޮށް ދިނުމަށްފަހުގައިވެސް، އެތަކެތި ދޫކޮށްލާ ބާޠިލް އަށް އެނބުރިއްޖެ މީހާ އަށް ވުރެ އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ؟

(فَأَعْرَضَ عَنْهَا  ) އެތަކެތި ގަބޫލު ނުކޮށް ފުރަގަސް ދިނީއެވެ. މާނައަކީ: އެފަދަ މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވެއެވެ.

( وَنَسِيَ مَا قَدَّمَتْ يَدَاهُ  ) އޭނާ އަށް ކުރެވިފައިވާ ކުށްފާފަތަކުގެ މަތިން ހަނދާނެއް ނުހުރެއެވެ. އެކަންތައްތަކަށް ތައުބާ އެއް ނުވެއެވެ. އިންސާނުންނަކީ އެބައިމީހުންނަށް މާގިނައިން ފާފަކުރެވެން ފަށައިފިނަމަ ޙައްގު ގަބޫލު ކުރުމާއި ދުރަށްދާ ބަޔެކެވެ. ސޫރަތުއް ޞައްފުގެ 5 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَلَمَّا زَاغُوا أَزَاغَ اللَّـهُ قُلُوبَهُمْ ۚ  ) މާނައަކީ: “ފަހެ، އެއުރެން (حق ން) އެއްކިބާވިހިނދު، اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ.”

އެހެންކަމުން، ފާފަތަކަށް ދެވޭ އެންމެ ބޮޑު ޢުގޫބާތަކީ ހިތުގެ ބައްޔެވެ. މިޘާލަކަށް އިންސާނެއްގެ މުދާ ގެއްލިއްޖެނަމަ އެއީ ގެއްލުމެކެވެ. އެހެންނަމަވެސް، ހިތް ހަލާކު ވުމުން ލިބޭ ގެއްލުމަކީ މާބޮޑު ގެއްލުމެކެވެ. އޭގެ ބަދަލު ލިބޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ބުއްދިހުރި ކޮންމެ އިންސާނަކުވެސް ކަންބޮޑުވާންވީ ހިތްހަލާކުވެދާނެ ކަމަށެވެ. އެނޫންކޮންމެ މުޞީބާތަކީ ކުށްފާފަތަކަށް އޮތް ކައްފާރާ އެކެވެ.

މި އާޔަތުގައި ﷲ ތަޢާލާ ބަޔާންކޮށްދެއްވަނީ އެމީހެއްގެ ގާތަށް ﷲ ގެ އާޔަތްތައް އައިސް ހެވާއި ނުބައި ބަޔާންކޮށްދިނުމަށްފަހުގައިވެސް އެތަކެއްޗަށް ފުރަގަސްދިން މީހާގެ އަމިއްލަ ނަފްސަށް ވެވޭ އަނިޔާވެރިކަން، އެމީހަކާއި ހަމަ އަށް ﷲ ގެ އާޔަތްތައް ނުފޯރާ ހުންނަ މީހާގެ އަމިއްލަ ނަފްސަށް ވެވޭ އަނިޔާވެރިކަމަށްވުރެ ބޮޑު ކަމެވެ.

އެމީހަކާއި ހަމައަށް އިސްލާމްދީން ފޯރާފައި ނުވާ މީހާގެ ޙާލަތަކީ ކޮބާ؟

އެއްވެސް މީހަކާއި ހަމައަށް އިސްލާމީ ރިސާލަތު ފޯރާ، އަދި ޙުއްޖަތް ގާއިމު ކުރައްވާފައި މެނުވީ އެއްވެސް މީހަކަށް ޢަޛާބު ނުދެއްވުމަކީ ﷲ ގެ ޢަދްލުވެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސޫރަތުލް އިސްރާގެ 15 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴿١٥﴾  ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) عذاب ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ.”  މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴿١٥﴾  ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) عذاب ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ.”  މި އާޔަތުގައި މިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢަދްދުލުވެރިކަން ބަޔާން ކުރައްވާފައެވެ. އެއްވެސް މީހެއްގެ މައްޗަށް ޙުއްޖަތް ގާއިމު ކުރައްވާފައި މެނުވީ ﷲ ތަޢާލާ ޢަޛާބެއް ނުދެއްވާނެއެވެ. ސޫރަތުލް މުލްކިގެ 8 އަދި 9 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ ﴿٨﴾ قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّـهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ ﴿٩﴾   ) މާނައަކީ: “(كافر ންގެ) فوج އެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ سؤال ކުރައްވާނެތެވެ. إنذار ކުރައްވާ رسول އަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް إنذار ކުރައްވާ رسول އަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. اللَّه، އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ.”

 ސޫރަތުއް ޒުމަރުގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ﴿٧١﴾   ) މާނައަކީ: “އަދި كافر ވިމީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެތެވެ. އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ آية ތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ إنذار ކުރައްވާނޭ رسول ން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، عذاب ގެ ބަސްފުޅު كافر ންގެ މައްޗަށް حق ވެއްޖެއެވެ.”

ވީމާ، އެމީހަކާއި ހަމައަށް އިސްލާމްދީނުގެ ދަޢްވަތު ފޯރާފައިނުވާ މީހާ، އެމީހަކު ކާފިރުކަން މަތީގައި މަރުވި ކަމަށްޓަކައި ﷲ ތަޢާލާ އޭނާ އަށް ޢަޛާބެއް ނުދެއްވާނެއެވެ. އެފަދަ މީހުން ގިޔާމަތް ދުވަހުގައި އިމްތިޙާނު ކުރައްވާނެއެވެ. އެއިމްތިޙާނުގައި އެބައިމީހުން ﷲ އަށް ކިޔަމަންގަންފިނަމަ ސުވަރުގެ ވަންނާނެއެވެ. ނުކިޔަމަންތެރި ވެއްޖެނަމަ ނަރަކަ އަށް ވަންނާނެއެވެ. މިކަމުގެ ދަލީލަކީ:

حديث الْأَسْوَدِ بْنِ سَرِيعٍ أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَرْبَعَةٌ [يحتجون] يَوْمَ الْقِيَامَةِ رَجُلٌ أَصَمُّ لا يَسْمَعُ شَيْئًا وَرَجُلٌ أَحْمَقُ وَرَجُلٌ هَرَمٌ وَرَجُلٌ مَاتَ فِي فَتْرَةٍ فَأَمَّا الأَصَمُّ فَيَقُولُ رَبِّ لَقَدْ جَاءَ الإِسْلَامُ وَمَا أَسْمَعُ شَيْئًا وَأَمَّا الأَحْمَقُ فَيَقُولُ رَبِّ لَقَدْ جَاءَ الإِسْلَامُ وَالصِّبْيَانُ يَحْذِفُونِي بِالْبَعْرِ وَأَمَّا الْهَرَمُ فَيَقُولُ رَبِّي لَقَدْ جَاءَ الإِسْلامُ وَمَا أَعْقِلُ شَيْئًا وَأَمَّا الَّذِي مَاتَ فِي الْفَتْرَةِ فَيَقُولُ رَبِّ مَا أَتَانِي لَكَ رَسُولٌ فَيَأْخُذُ مَوَاثِيقَهُمْ لَيُطِيعُنَّهُ فَيُرْسِلُ إِلَيْهِمْ أَنْ ادْخُلُوا النَّارَ قَالَ فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَوْ دَخَلُوهَا لَكَانَتْ عَلَيْهِمْ بَرْدًا وَسَلامًا) މާނައަކީ: އަލްއަސްވަދު ބިން ސަރީޢުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ހަތަރު މީހަކު ގިޔާމަތް ދުވަހުގައި އިޙްތިޖާޖު ކުރާނެއެވެ. ކަންފަތަށް އަޑު ނީވޭ ބީރު މީހާ އާއި ހެޔޮނުބައި ވަކި ކުރަން ނޭނގޭ މީހާ އާއި މުސްކުޅިވުމުގެ ސަބަބުން ހަނދާންނެތޭ ބަލި ޖެހިފައިވާ މުސްކުޅިމީހާ އާއި، ފަތްރަތުގެ ދުވަސްވަރުގައި (އިސްލާމްދީން އައުމުގެ ކުރިން) މަރުވެފައިވާ މީހުންނެވެ. ބީރު މީހާ ދަންނަވާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިސްލާމްދީން އައި ނަމަވެސް ތިމަންނާ އަކީ ކަންފަތަށް އަޑު ނީވޭ މީހެކެވެ. ހެޔޮނުބައިވަކި ނުވާ މީހާ ބުނާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިސްލާމްދީން އަޔެވެ. ނަމަވެސް ކުޑަކުދިން އަޅުގަޑާއި ދިމާލަށް އެއްޗެހި އުކަނީއެވެ. ހަނދާންނެތޭ ބަލި ޖެހިފައިވާ މުސްކުޅި މީހާ ބުނާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިސްލާމްދީން އަޔެވެ. ނަމަވެސް، އަޅުގަޑަކަށް އެއްވެސް އެއްޗެއް ވިސްނޭވަރެއް ނުވެއެވެ. ފަތްރަތުގެ ދުވަސްވަރު މަރުވެފައިވާ މީހާ ބުނާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާޙެވެ. ތިމަންނާގެ ގާތަށް ރަސޫލު ބޭކަލަކު ވަޑައިގެންފައި ނުވެއެވެ. ދެން އެފަދަ މީހުން މާތް ﷲ އަށް ފުރިހަމަ އަށް ކިޔަމަންތެރިވުމަށް ޢަހްދުކަށަވަރު ހިއްޕަވާނެއެވެ. އެއަށްފަހު އެމީހުން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އަންގަވާނެއެވެ. “ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ.” (ނަރަކައަށް ވަދެއްޖެނަމަ ﷲގެ އަމުރުފުޅަށް ކިޔަމަންތެރިވީ އެވެ. ނުވަދެއްޖެނަމަ ނުކިޔަމަންތެރިވީއެވެ.) ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގައިވާ ފަރާތް ގަންދެއްވާ ޙަދީޘް ކުރައްވަމެވެ. އެބައިމީހުން ނަރަކަ އަށް ވަންނަމަވެސް، އަލިފާންގަނޑު ވާނީ އެބައިމީހުންނަށް ފިނި ސަލާމަތްކަން ހުރި އެއްޗަކަށެވެ.”

(إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا )

( عَلَىٰ قُلُوبِهِمْ ) އެބައިމީހުންގެ ހިތްތަކަށް (އެބައިމީހުންގެ ރައްބުގެ އާޔަތްތައް ކިޔަވައިދެވި، ހަނދާންކޮށްދިނުމުން އެޔަށް ފުރަގަސް ދިން މީހުން)

(أَكِنَّةً) ހެޔޮތަކެތި ނުވިސްނޭނެ ގޮތަށް އެބައިމީހުންގެ ހިތްތައްވަނީ ބަންދު ކުރައްވާފައެވެ.

މި އާޔަތުން ދޭހަވަނީ ގުރްއާން ކިޔަވާ އޭގެ މާނައާއި މެދު ވިސްނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ކަމެވެ. އަދި އެކަމުގެ މުހިއްމު ކަމެވެ. ޞަޙާބީން ގުރްއާނުން ދިހަ އާޔަތް ކިޔަވާ ވިދާޅުވެއްޖެނަމަ އޭގައި އެކުލެވިގެންވާ މާނަ އާއި ޢިލްމު ދަސްކުރައްވާފައި މެނުވީ ކުރިޔަށް ވަޑައި ނުގަންނަވާ ކަމުގައި ވާރިދުވެގެން ވެއެވެ.

( وَفِي آذَانِهِمْ وَقْرًا  ) “އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ.” 

އެބައިމީހުންގެ ހިތްތަކުގައި ވަނީ ހުރަސްތަކެއް ލައްވާފައެވެ. އެހެންކަމުން ހެޔޮ އެއްޗެއް ނުވިސްނެއެވެ.

ކަންފަތުގައި ވަނީ ބީރުކަމެއް ލައްވާފައެވެ. އެހެންކަމުން، ހެޔޮބަހެއް އަޑެއް ނީވެއެވެ. އެހެންކަމުން ޙައްގުބަހެއް އަޑެއް ނީވެއެވެ. އަދި ނުވެސް ވިސްނޭނެއެވެ.

(وَإِن تَدْعُهُمْ إِلَى الْهُدَىٰ فَلَن يَهْتَدُوا إِذًا أَبَدًا) ކަލޭގެފާނު ކިތަންމެ ވަރަކަށް ހިދާޔަތުގެ މަގަށް ދަޢްވަތު ދެއްވިނަމަވެސް، އެމީހުންނަކަށް ހިދާޔަތެއް ނުލިބޭނެއެވެ. ސަބަބަކީ އެބައިމީހުންގެ ހިތްތަކުގައިވަނީ ހުރަހެއް ލައްވާފައެވެ. އަދި ކަންފަތުގައިވަނީ ބީރުކަމެއް ލައްވާފައެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.