ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

ފަހަރުގައި މީހަކު ކޮށްފާނެ ސުވާލެކެވެ. މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާޔޫސްކޮށްލުންތޯ އެވެ؟ އެކަލޭގެފާނު ބުރަ މަސައްކަތް ކުރައްވާ އެމީހުންނަށް ހިދާޔަތް ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވިނަމަވެސް، އެމީހުން އެކަން ގަބޫލު ނުކުރާނެވާހަކަ އޮތީމައެވެ؟

ޖަވާބަކީ: މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަސްލިޔާ (ހިތްހަމަ ޖެހުން ދެއްވުމުގެ ގޮތުން) ވަޙީ ކުރައްވާފައިވާ ބަސްފުޅެކެވެ. އެމީހުންނަށް ހިދާޔަތް ނުލިބިގެން އުޅެނީ އެކަލޭގެފާނުގެ މައްސަލައަކުން ނޫން ކަމެވެ.

( وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا ﴿٥٨﴾) “ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެއުރެން ހޯދި (ނުބައި) ކަންތަކަށް އެކަލާނގެ އެއުރެންނަށް (ވަގުތުން) عقاب ދެއްވާނަމަ، އެއުރެންނަށް عذاب އަވަސްކުރެއްވީސްކަން ކަށަވަރެވެ. އަދި ކީއްހެއްޔެވެ! އެއުރެންނަށް موعد އެއް ވެއެވެ. އެއިން ރެކިގެންގޮސް ވަންނާނެ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ.”

މި އާޔަތުގައި މިވަނީވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަސްލިޔާ (ހިތްހަމަޖެހުމެއް ) ދެއްވާފައެވެ. ސަބަބަކީ ފަހަރުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅަށް އަރާވަޑައިގެންފާނެއެވެ. “ތިމަންކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށްވެފައި، އެބައިމީހުން ތިމަންކަލޭގެފާނުގެ ރިސާލަތުދޮގުކޮށް ހަދާއިރުވެސް، ﷲ ގެ ކޯފާ އާއި ޢަޛާބު އެމީހުންގެ މައްޗަށް ނައިސް ލަސްވަނީ ކީއްވެގެން ހެއްޔެވެ؟” އެބައިމީހުންގެ މައްޗަށް ކޯފާ އެއް ޢަޛާބެއް ނުފޮނުއްވާ ލަސްވާ ސަބަބު ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ.

(وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ  ) “ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحمة ގެ ވެރިރަސްކަލާނގެއެވެ.”

( لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ  ) ” އެއުރެން ހޯދި (ނުބައި) ކަންތަކަށް އެކަލާނގެ އެއުރެންނަށް (ވަގުތުން) عقاب ދެއްވާނަމަ، އެއުރެންނަށް عذاب އަވަސްކުރެއްވީސްކަން ކަށަވަރެވެ.” ސޫރަތު ފާޠިރުގެ 45 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَوْ يُؤَاخِذُ اللَّـهُ النَّاسَ بِمَا كَسَبُوا مَا تَرَكَ عَلَىٰ ظَهْرِهَا مِن دَابَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ فَإِنَّ اللَّـهَ كَانَ بِعِبَادِهِ بَصِيرًا ﴿٤٥﴾ ) މާނައަކީ: ” މީސްތަކުން ހޯދައިގަތް ފާފަތަކުގެ ސަބަބުން، اللَّه، އެއުރެންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާއުޅޭ އެއްވެސް ދިރޭ އެއްޗެއް އެ ބިންމަތީގައި ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައަޅުއްވާފައިވާ މުއްދަތަކަށް އެކަލާނގެ އެއުރެން ފަސްކުރައްވަތެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، (އެއުރެންނަށް ޖަޒާ ދެއްވާނެތެވެ.) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންނަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ.”

( بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا ) އެމީހުންނަކަށް ﷲ ގެ ކޯފާ އާއި ޢަޛާބުން ސަލާމަތެއް ނުވެވޭނެއެވެ. އެހެންނަމަވެސް، އެކަމަށް ކަނޑައެޅިފައިވާ ވަގުތަކާއި ހަމައަށް އެކަން ލަސްވަނީ އެވެ. އެއި ގިޔާމަތްދުވަހުއެވެ. ފަހަރުގައި އެކަމަކީ މިދުނިޔެމަތީގައި މުސްލިމުންގެ އަތްމަތިން އެބައިމީހުން ގަތުލުވެގެން ދިޔުން ކަމަށްވެސް ވެދާނެއެވެ. ސޫރަތުއް ތައުބާގެ 14 އަދި 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ اللَّـهُ عَلَىٰ مَن يَشَاءُ ۗ وَاللَّـهُ عَلِيمٌ حَكِيمٌ ﴿١٥﴾  ) މާނައަކީ: ” ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން اللَّه އެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން عذاب ދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް، އެއުރެންގެ މައްޗަށް نصر ދެއްވާނެތެވެ. އަދި مؤمن ބަޔެއްގެ ހިތްތަކަށް شفاء ދެއްވާނެތެވެ. އަދި އެއުރެންގެ (އެބަހީ: مؤمن ންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެތެވެ. اللَّه އިރާދަކުރައްވާ ބަޔެއްގެ މައްޗަށް توبة ލައްވާނެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.”

އެހެންކަމުން، އެބައިމީހުންގެ މައްޗަށް ކޯފާ އާއި ޢަޛާބު އައުން އޮތީ އެއްގޮތަކުންނަމަ، ދުނިޔޭގައެވެ. އަނެއް ގޮތަކުންނަމަ ގިޔާމަތް ދުވަހުންނެވެ. ކޮންމެ ގޮތަކުންނަމަވެސް އެކަން އަންނާނެކަން ކަށަވަރެވެ.

(وَتِلْكَ الْقُرَىٰ أَهْلَكْنَاهُمْ لَمَّا ظَلَمُوا وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ﴿٥٩﴾  )

(وَتِلْكَ الْقُرَىٰ أَهْلَكْنَاهُمْ لَمَّا ظَلَمُوا  ) “އަދި އެއީ އެއުރެން އަނިޔާވެރިވީހިނދު، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި ރަށްތަކުގެ މީހުންނެވެ.”

(لَمَّا ظَلَمُوا ) މިތަނުގައި  ( ظَلَمُوا ) ގެ މުރާދަކީ “ކާފިރުވުމެވެ.”

( وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ) އެމީހުން ހަލާކު ކުރެއްވުމަށް ﷲ ތަޢާލާ ވަގުތެއް ކަނޑައަޅުއްވާފައިވެއެވެ.  ﷲ އިރާދަ ކުރައްވައިފިނަމަ ޢުގޫބާތް އަވަސްކުރައްވައެވެ. އިރާދަ ކުރައްވައިފިނަމަ ލަސްކުރައްވައެވެ. ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިކަމަށް ސޫރަތުއް ނޫޙުގެ 4 ވަނަ އާޔަތުގައި ﷲ ވަޙީ ކުރެއްވިއެވެ. (يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُّسَمًّى  ) މާނައަކީ: ” (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ.”

(وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾   )

( إِذْ ) މިއީ މަޙްޛޫފް ވެފައިވާ ފިޢްލެއްގެ މަފްޢޫލު ބިހީ އެވެ. ތަގްދީރަކީ (واذكر إذ  ) “މޫސާ ޢަލައިހިއްސަލާމް އެފަދައިން ވިދާޅުވި ހިނދު ކަންތައް ހިނގާދިޔަ ގޮތް ހަނދުމަ ކުރައްވާށެވެ.”

( لِفَتَاهُ ) މިއީ މޫސާ ޢަލައިހިއްސަލާމްގެ ޚާދިމެއްގެ ގޮތުގައި އުޅުއްވި ޔޫޝަޢު ބިން ނޫން އެވެ.

އެއްދުވަހެއްގައި މޫސާ ޢަލައިހިއްސަލާމް ބަނީ އިސްރާއީލް މީހުންނަށް ޚުޠުބާ އެއް ދެއްވަން ހުންނެވިއެވެ. އެހިނދު އެތަނުން މީހަކު ތެދުވެފައި ބުންޏެވެ. “މި ބިންމަތީގައި ކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭފުޅަކު ހުންނަވާނެ ހެއްޔެވެ؟” ޖަވާބުގައި މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ. “ނުހުންނާނެއެވެ.” އެހިނދު ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމް އަށް އެންގެވިއެވެ. “ތިޔަ ސުވާލުގެ ޖަވާބުގައި ތިޔަކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އޭ ނުބުނީ ކީއްވެ ހެއްޔެވެ؟ ކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭފުޅަކު މިބިމުގައި ތިމަން ﷲ ލައްވާފައިވެއެވެ. އޭނާ ހުންނާނީ “މަޖްމަޢަލް ބަޙްރައިން” (ދެކަނޑު ބައްދަލުވާ) ހިސާބުގައެވެ. އަދި އެހިސާބު ވަކިކުރަން އެނގޭނެ ގޮތަކީ ކަލޭގެފާނުގެ މަސް އެހިސާބުން ގެއްލުން ކަމުގައިވެސް މާތް ﷲ އެންގެވިއެވެ. ދެން މޫސާ ޢަލައިހިއްސަލާމް ވަށިގަނޑަކަށް މަހެއް ލައްވައިގެން ދަތުރު ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ޚާދިމް ޔޫޝަޢު އާއި އެކު ދަތުރު ފެއްޓެވިއެވެ. އެއީ އެ ޢިލްމުވެރި މީހާ އާއި ބައްދަލުކޮށް އޭނާގެ ކިބައިން އުނގެނުމުގެ ބޭނުމުގައެވެ. ދަތުރުމަތީގައި އެދެބޭކަލުންނަށް ނިދުނު ތަނުން ﷲ ގެ އަމުރުފުޅަށް އެއްކަލަ މަސް ވަށިގަނޑުން ކަނޑަށް ފުންމާލައިފިއެވެ.

(لَا أَبْرَحُ  ) ތިމަންކަލޭގެފާނު ދަތުރުމަތީގައި ދެމި ހުންނަވާނަމެވެ.

(حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ  ) ދެކަނޑު ބައްދަލުވާ ހިސާބަށް ދެވެންދެންނެވެ.

( أَوْ أَمْضِيَ حُقُبًا ) ” ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ.”

( فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١﴾)

(فَلَمَّا بَلَغَا  ) އެދެކަލުން (މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޚާދިމް) ފޯރި ހިނދުގައި،

( مَجْمَعَ بَيْنِهِمَا ) ދެކަނޑު ބައްދަލުވާ ހިސާބަށް،

( نَسِيَا حُوتَهُمَا ) މަހުގެ މަތިން އެދެކަލުން ހަނދުމަ ނެތިއްޖެ އެވެ.

ހަނދާން ނެތުނީ މޫސާ ޢަލައިހިއްސަލާމްގެ ޚާދިމް ކަމުގައިވީނަމަވެސް، ހަނދާންނެތުން އެދެކަލުންނަށް ނިސްބަތްކުރައްވާފައިވުމުގެ ޙިކްމަތަކީ: ބަޔަކު މީހުން ކަމެއްގައި އެކުގައި މަސައްކަތްކޮށް އުޅޭނަމަ، އެކަމެއް ނިސްބަތްކުރެވޭނީ އެންމެންނަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބަނޫ އިސްރާއީލުންނާއި މުޚާޠަބު ކުރައްވާ ސޫރަތުލް ބަގަރާގެ 55 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَإِذْ قُلْتُمْ يَا مُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّـهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنتُمْ تَنظُرُونَ ﴿٥٥﴾ ) މާނައަކީ: ” އަދި އޭ موسى ގެފާނެވެ! ފާޅުގައި އަހަރެމެން اللَّه ދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް إيمان އެއް ނުވާނޫއޭ ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ.” މި ބަސް ބުނެފައިވަނީ ބަނޫ އިސްރާއީލުންގެ ކާބަފައިން ކަމުގައިވީނަމަވެސް، އެބައިމީހުންނަށް ބަސް ނިސްބަތް ކުރައްވާފައިވެއެވެ. 

( نَسِيَا حُوتَهُمَا ) މަހުގެ މަތިން ހަނދުމަ ނެތުނީ ޙިކްމަތަކަށް ޓަކައެވެ. އެހެނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމް އަށް އަންގަވާފައިވަނީ މަސް ގެއްލޭ ހިސާބަކީ ޚިޟްރު ޢަލައިހިއްސަލާމް އާއި ބައްދަލުވާނެ ހިސާބު ކަމަށެވެ. މި މަސްވަނީ ވަށިގަނޑެއްގެ ތެރޭގައެވެ. ދަތުރުމަތީގައި މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޚާދިމް ކޭންބައްލަވާ ހެއްދެވީ މިމަހުންނެވެ. ވަކި ހިސާބަކަށް ފޯރިތަނުން ހިލައެއްގެ މަތީގައި އެދެބޭކަލުން އަވަހާރަފުޅު ލެއްޕެވިއެވެ. ހޭފުޅު ލެއްވުނު އިރުގައި އެއްކަލަ މަހެއް ނެތެވެ. ނަމަވެސް، އެވާހަކަ މޫސާ ޢަލައިހިއްސަލާމްގެ އަރިހުގައި ދެންނެވުމަށް ޚާދިމް ހަނދާނެއް ނެތެވެ. އެ މަސް ﷲ ގެ އަމުރުފުޅަށް ވަށިގަނޑުން ނިކުމެ ކަނޑަށް ފުންމާލާ ދިރޭ އެއްޗަކަށް ވެގެން ކަނޑުގެ ތެރެއަށް ދިޔައީ އެވެ.

(فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا  ) “ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެތެރެއަށް ހިނގައްޖެއެވެ.”

( فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا ﴿٦٢﴾ )

(جَاوَزَا) އެތަން ހުރަސްކޮށް ދަތުރުކުރެއްވި ހިނދުގައި،

(قَالَ لِفَتَاهُ  ) މޫސާ ޢަލައިހިއްސަލާމް ޚާދިމް އަށް ދެންނެވިއެވެ.

( آتِنَا غَدَاءَنَا ) “ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ!”

(لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا  )

(نَصَبًا ) ވަރުބަލިކަން.

(مِن سَفَرِنَا  ) “ތިމަންމެންގެ މި ދަތުރުން”. މިތަނުގައި “މިދަތުރުން” އޭ ވިދާޅުވީ މުޅި ދަތުރުގެ ވާހަކަ އެއް ނޫނެވެ. އެހިލަގަނޑާއި ހިސާބުން ދަތުރު ފެއްޓެވި ވާހަކަ އެވެ. މިއީ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ހެއްކެކެވެ. އެހެނީ އެހުރިހާ ދަތުރެއް ކުރެއްވި އިރުގައި މޫސާ އާއި ޚާދިމް ވަރުބަލިފުޅެއް ނުވެއެވެ. ނަމަވެސް، ޚިޟްރު ޢަލައިހިއްސަލާމް ހުންނެވި ހިސާބު ހުރަސްކުރައްވާ ދަތުރުކުރެއްވި ހިނދުގައި ވަރުބަލިކަން އިޙްސާސްކުރެއްވުނެވެ. އޭގެ ބޭނުމަކީ އެބޭފުޅުންނަށް ދަތުރުގައި ދެމިތިއްބެވުމަށް ހިތްވަރު ދެއްވުމެވެ. މަންޒިލް އާއި ހަމައަށްވުރެ އިތުރަށް ދަތުރުކުރެވިއްޖެ ކަމާއި، ވީމާ، މަންޒިލާއި ހަމައަށް ދާން ކައިރިވެއްޖެ ކަމުގެ އިޙްސާސް ކުރެވުމެވެ.

( قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا ﴿٦٣﴾ ) “އެ خادم ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، شيطان އާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް عجائب އެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ.”

(قَالَ ذَٰلِكَ مَا كُنَّا نَبْغِ  ) މޫސާ ޢަލައިހިއްސަލާމް ޚާދިމް އަށް ދެންނެވިއެވެ. “އަހަރުމެން ދާންބޭނުންވާ ހިސާބަކީ އެއީ އެވެ.” ސަބަބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންކަލޭގެފާނަށް އަންގަވާފައިވަނީ އެހިސާބަކުން މަސް ގެއްލޭ ހިސާބަކީ ޚިޟްރު ޢަލައިހިއްސަލާމް އާއި ބައްދަލުވާނެ ހިސާބު ކަމަށެވެ.

(فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا  ) “ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ.”

(فَوَجَدَا عَبْدًا مِّنْ عِبَادِنَا  ) “ދެން (އެތަނުން) އެ ދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން (خاص) އަޅަކު ފެނިވަޑައިގަތެވެ.” އެއީ ޚިޟްރު ޢަލައިހިއްސަލާމް އެވެ.

ޚިޟްރަކީ ނަބިއްޔެކެވެ. މާތް ﷲ އެކަލޭގެފާނަށް ކަރާމާތްތަކެއް ދެއްވާފައިވެއެވެ. އޭގެ ބޭނުމަކީ ހުރިހާ ކަމެއްގެ ޢިލްމު މޫސާ ޢަލައިހިއްސަލާމް އަށް އެނގިވަޑައިގެން ނުވާ ކަމާއި، އެކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާ ބައިވަރު ޢިލްމު ހުންނާނެކަން އެންގެވުމެވެ.

(آتَيْنَاهُ رَحْمَةً مِّنْ عِندِنَا  ) “އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން رحمة އެއް ދެއްވީމެވެ.”

(وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا  ) “އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން خاص علم އެއް އުނގަންނައިދެއްވީމެވެ.” އެއީ މާތް ﷲ ޚިޟްރު ޢަލައިހިއްސަލާމް އަށް އުނގަންނައި ދެއްވާފައިވާ ޚާއްޞަ ޢިލްމެކެވެ.

(قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴿٦٦﴾  ) “އެބޭކަލަކަށް موسى ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبع ވަންތޯއެވެ؟”

“ތިމަންކަލޭގެފާނު ތަބަޢަ ވަންތޯއެވެ؟” މިފަދައިން ވިދާޅުވުމުން ދޭހަވަނީ މޫސާ ޢަލައިހިއްސަލާމް ގެންގުޅުއްވި ރިވެތި އަދަބު އަޚްލާގެވެ. އެހެނީ، މުސާ ޢަލައިހިއްސަލާމް އަކީ ޚިޟްރު ޢަލައިހިއްސަލާމް އަށް ވުރެ މާތް، އަދި ﷲ ގެ ޙަޟްރަތުގައި އެކަލޭގެފާނުގެ ދަރަޖަ އުފުއްލެވިގެންވީ ބޭފުޅަކަށްވީ އިރުގައިވެސް، މަޑުމައިތިރި ކަމާއި، އަދަބުވެރިކަމާއި އެކުގައި އެކަލޭގެފާނުގެ ބޭނުން ހުށަހެޅުއްވިއެވެ. ސަބަބަކީ ޚިޟްރު ޢަލައިހިއްސަލާމްގެ ފަރާތްޕުޅުން މޫސާ ޢަލައިހިއްސަލާމް އަށް ކުރިން އެނގިވަޑައިގެންފައިނުވާ ޢިލްމުތަކެއް އުނގެނި ދަސްކުރައްވާނެތީވެއެވެ. މިއިން ދޭހަވަނީ ދަރިވަރުން އެކުދިންގެ އުސްތާޛުންނަށް އިޙްތިރާމްކޮށް މާތްކޮށް ހިތަން ޖެހޭނެކަމެވެ.

މޫސާ ޢަލައިހިއްސަލާމް ޚިޟްރު ޢަލައިހިއްސަލާމް އަށް ތަބަޢަވެ ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެކަލޭގެފާނުގެ ފަރާތްޕުޅުން ކާނެ އެއްޗެއް ނުވަތަ ބޯނެ އެއްޗެއް ހޯއްދެވުމަކަށް ނޫނެވެ. ނަމަވެސް، ޢިލްމު އުނގެނި ދަސްކުރެއްވުމަށެވެ. އެހެންވެ އެކަލޭގެފާނު ވިދާޅުވި ކަމަށް ﷲ ވަޙީ ކުރައްވާފައިވެއެވެ. (عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا  ) ” ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށްޓަކައެވެ.” ޝައްކެއްވެސް ނެތް ގޮތުގައި އެކަލޭގެފާނުގެ ފަރާތްޕުޅުން ބޭފުޅަކު މިޢިލްމު އުނގެނިވަޑައިގަންނަވާ ކަމަށްޓަކައި ޚިޟްރު ޢަލައިހިއްސަލާމްވެސް ވަރަށް ބޮޑަށް އުފާކުރައްވާނެއެވެ. ކޮންމެ އިންސާނަކުވެސް އެމީހަކަށް ދެއްވާފައިވާ ޢިލްމެއް އެހެން މީހަކަށް ފޯރުކޮށްދެވިއްޖެނަމަ އެކަމާ އުފާކުރާނެއެވެ. ސަބަބަކީ އޭގެ ފައިދާ އޭނާ މަރުވުމަށްފަހުގައިވެސް ކުރާނެތީވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : مِنْ صَدَقَةٍ جَارِيَةِ ، أَوْ عِلْمٍ يُنْتَفَعُ بِهِ ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ) މާނައަކީ: “އާދަމްގެ ދަރިޔާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް މެދުކެނޑިގެންދެއެވެ. ދެމި ހުންނަނިވި ޞަދަގާތެކެވެ. ނުވަތަ މަންފާ ކުރަނިވި ޢިލްމެކެވެ. ނުވަތަ އޭނާ އަށް ހެޔޮ ދުޢާކޮށްދޭނެ ޞާލިޙް ދަރިޔެކެވެ.”

މޫސާ ޢަލައިހިއްސަލާމްގެ ހުށަހެޅުއްވުމަށް ޖަވާބު ދެއްވަމުން ޚިޟްރު ޢަލައިހިއްސަލާމް ވިދާޅުވިއެވެ.

(قَالَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٦٧﴾ وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِ خُبْرًا ﴿٦٨﴾) “އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުުޅަދާނަވެގެނެއް ނުވާނެތެވެ.  ކަލޭގެފާނަށް އެކަމެއްގެ حقيقة އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟”

މިތަނުގައި އުފެދޭ ސުވާލަކީ: މޫސާ ޢަލައިހިއްސަލާމް އަށް އެކަންތައްތަކުގެ ޚަބަރު ކުރިން ލިބިވަޑައިގެންފައިނުވާނެކަން ޚިޟްރު ޢަލައިހިއްސަލާމް އަށް އެނގިވަޑައިގަތީ ކިހިނަކުން ހެއްޔެވެ؟

މީގެ ޖަވާބަކީ މޫސާ ޢަލައިހިއްސަލާމް ވިދާޅުވެފައިވެއެވެ. ( هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا) “ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبع ވަންތޯއެވެ؟”” މިއިން އެނގެނީ ޚިޟްރު ޢަލައިހިއްސަލާމްގެ ކިބައިގާވާ އެ ޢިލްމަކީ މޫސާ ޢަލައިހިއްސަލާމް އަށް ކުރިން ލިބިވަޑައިގެންފައި ނެތް ޢިލްމެއް ކަމެވެ.

މޫސާ ޢަލައިހިއްސަލާމް ޖަވާބުގައި ވިދާޅުވިއެވެ.

(قَالَ سَتَجِدُنِي إِن شَاءَ اللَّـهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا ﴿٦٩﴾   )  ” އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ.”

މިފަދައިން މޫސާ ޢަލައިހިއްސަލާމް ވިދާޅުވީ އެވަގުތު އެކަލޭގެފާނަށް ކެތްތެރިވެވަޑައިގެންނެވޭނެ ކަމަށް ލަފާފުޅު ކުރައްވާފައެވެ. އެހެންކަމުން، އެކަލޭގެފާނު އެކަން ގުޅުއްވާފައިވަނީ ވެސް ﷲގެ އިރާދަފުޅާ އެވެ. “ﷲ އިރާދަކުރެއްވިއްޔާ ކެތްތެރިވާ މީހެއްގެ ގޮތުގައި ތިބާ ދެކޭނެއެވެ. އަދި ތިބާގެ އަމުރަކަށް ނުކިޔަމަންތެރި އެއް ނުވާނަމެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.