ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

(سَتَجِدُنِي إِن شَاءَ اللَّـهُ صَابِرًا  ) މިއީ އިސްމާޢީލް ޢަލައިހިއްސަލާމް ވިދާޅުވި ފަދަ ބަސްފުޅެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވި ހިނދުގައެވެ. އެވާހަކަތައް ބަޔާންކުރައްވާ ސޫރަތުއް ޞާއްފާތުގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ.( فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ ﴿١٠٢﴾  ) މާނައަކީ: ” ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.”

މޫސާ ޢަލައިހިއްސަލާމް ޚިޟްރު ޢަލައިހިއްސަލާމްގެ ގާތުގައިވެސް ވެވަޑައިގަތީ ހަމައެވަޢުދެވެ. ކެތްތެރިވާނެ ކަމަށާއި އެއްވެސް ކަމަށް ނުއުރެދޭނެކަމަށެވެ. އެހިނދު ޚިޟްރު ޢަލައިހިއްސަލާމް ވިދާޅުވިއެވެ.

(قَالَ فَإِنِ اتَّبَعْتَنِي فَلَا تَسْأَلْنِي عَن شَيْءٍ حَتَّىٰ أُحْدِثَ لَكَ مِنْهُ ذِكْرًا ﴿٧٠﴾  ) ” އެބޭކަލަކު ވިދާޅުވިއެވެ. ފަހެ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ سؤال ނުކުރައްވާށެވެ!”

މިއީ މުޢައްލިމް (އުނގަންނައިދޭ ފަރާތުން) ދަރިވަރަށް ދޭ އިރްޝާދެކެވެ. އެހެނީ މުޢައްލިމް އަށް ރައްދު ދިނުމުގައި އަވަސްވެ ނުގަތުމެވެ. އަދި އެކަންތައްތައް ކިޔައިދެއްވަންދެން ކެތްތެރިވުމަށެވެ. މިއީ ދަރިވަރުން އުސްތާޛުންނާއި މެދުގައި ބަހައްޓަން ޖެހޭ އަދަބުވެރި ކަމެކެވެ.

(فَانطَلَقَا حَتَّىٰ إِذَا رَكِبَا فِي السَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْئًا إِمْرًا ﴿٧١﴾  )

(فَانطَلَقَا)  މޫސާ އާއި ޚިޟްރު ކުރިޔަށް ހިންގަވައިވަޑައިގަތެވެ.  މިތަނުގައި އުފެދޭ ސުވާލަކީ މޫސާ ޢަލައިހިއްސަލާމްގެ ޚާދިމް ކޮބައި ހެއްޔެވެ؟ އޭނާ އެދެބޭކަލުންނާއި އެކު ދަތުރު ނުކުރައްވާ ވަކިވެވަޑައިގަތީ ހެއްޔެވެ؟ ޖަވާބަކީ: އެކަލޭގެފާނަކީ މޫސާ ޢަލައިހިއްސަލާމް އާއި ގުޅިފައިވާ ބޭކަލެކެވެ. ވީމާ، މޫސާ ޢަލައިހިއްސަލާމް ވަޑައިގަންނަވާ ކޮންމެ ތަނަކަށް އެކަލޭގެފާނުވެސް ވަޑައިގަންނަވާނެއެވެ. އެހެންކަމުން، މޫސާ ޢަލައިހިއްސަލާމް ކުރިޔަށް ހިންގަވާ ވަޑައިގެންފިޔޭ ވަޙީ ކުރެއްވީމާ، އޭގެ ތެރޭގައި އެކަލޭގެފާނުގެ ޚާދިމްވެސް ހިމެނެއެވެ.

(حَتَّىٰ إِذَا رَكِبَا فِي السَّفِينَةِ  ) އެދެބޭކަލުން ނަވަށް ސަވާރުވެ ވަޑައިގަތެވެ.

(خَرَقَهَا ) ޚިޟްރު ޢަލައިހިއްސަލާމް ނަވުގެ ފޫދުއްވާލެއްވިއެވެ.  އެހިނދު މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ.

(أَخَرَقْتَهَا لِتُغْرِقَ أَهْلَهَا  ) ” އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ أهل ވެރިން غرق ކޮށްލެއްވުމަށްތޯއެވެ؟” މިއީ ޚިޟްރު ޢަލައިހިއްސަލާމްގެ ޢަމަލުފުޅަށް އިންކާރު ކުރެއްވުމުގެ ގޮތުން މޫސާ ޢަލައިހިއްސަލާމް ވިދާޅުވި ބަސްފުޅެކެވެ. ނަމަވެސް، މީގެ ކުރިން އެކަލޭގެފާނު ވަނީ ( سَتَجِدُنِي إِن شَاءَ اللَّـهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا ) ” اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ.” މިފަދައިން ވިދާޅުވެފައެވެ. ނަމަވެސް، ހިނގާދިޔަކަންތަކުގެ ބޮޑުކަމުން އެކަލޭގެފާނަށް ކެތްތެރިވެވަޑައިނުގެންނެވުނީއެވެ. ކަނޑުމަތީގައިވާ އޮޑި އެއް ފޫއަޅުވާލުމުން އޭތި ޣަރަގުވެދާނެތީވެއެވެ.

( لَقَدْ جِئْتَ شَيْئًا إِمْرًا ) “ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ.”

މިތަނުގައި ޖުމްލަ ވަރުގަދަ ކުރެއްވުމަށް ތިން ތައުކީދު (ޔަގީންކޮށްދެއްވުން) ގެންނަވާފައިވެއެވެ. އެއީ:

  1. ލާމް
  2. ގަދް
  3. ގަސަމް (ހުވާ)، ހުވާ ދޭހަވަނީ ލާމް ގެންނަވާފައި އިނީމައެވެ.

(قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٧٢﴾  ) “އެބޭކަލަކު (ޚިޟްރު ޢަލައިހިއްސަލާމް) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟”

އެހިނދު މޫސާ ޢަލައިހިއްސަލާމް ޢުޛުރު ހުށަހަޅުއްވާ މާފަށް އެދިވަޑައިގަތެވެ. ވިދާޅުވިއެވެ.

(قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا ﴿٧٣﴾  ) ” އެކަލޭގެފާނު (މޫސާ ޢަލައިހިއްސަލާމް) ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ!”

މޫސާ ޢަލައިހިއްސަލާމް ހަނދާން ނެތެން ދިމާވި ސަބަބަކީ:  ހިނގާދިޔަކަންތަކުގެ ބޮޑުކަމުން ޙައިރާންވެ ބަސްހުއްޓުމުގެ ސަބަބުންނެވެ. އެކަލޭގެފާނު އެއޮޑި އަކަށް އަރުއްވައިގެން ހުންނެވި އޮޑީގައި ބާގަޑެއް އެޅުއްވީއެވެ. މީގެ ސަބަބުން އޭގައި ތިބި އެންމެން ޣަރަގުވެގެން ހިނގައިދާފަދަ ކަމެކެވެ. އެހެންކަމުން، ބިރުން ގޮސް ކުރީގެ ކަންތައްތައް މަތިން ހަނދާންނެތޭ ވަރުގެ ބޮޑު ކަމެކެވެ.

( بِمَا نَسِيتُ ) ތިމަންކަލޭގެފާނު  ހަނދުމަފުޅުނެތުން،

(وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا  ) ” އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ!”

(فَانطَلَقَا حَتَّىٰ إِذَا لَقِيَا غُلَامًا فَقَتَلَهُ قَالَ أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْئًا نُّكْرًا ﴿٧٤﴾ )

(فَانطَلَقَا  ) އެދެބޭކަލުން ކުރިޔަށް ވަޑައިގަތެވެ.

( حَتَّىٰ إِذَا لَقِيَا غُلَامًا فَقَتَلَهُ ) “ކުޑަފިރިހެންކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު، އެބޭކަލަކު އެކުއްޖާ قتل ކުރައްވައިފިއެވެ.”

މިތަނުގައި (قَتَلَهُ) ވަޙީ ކުރެއްވުމުގެ ބަދަލުގައި (فَقَتَلَهُ) ފާފަކާއި އެކު ގެންނަވާފައިވުމުގެ ޙިކްމަތެއްވެއެވެ. އޭގެ ޙިކްމަތަކީ މިކުޑަފިރިހެން ކުއްޖާ މަރާލުމުގެ ހިނދުކޮޅެއްކުރިން ކަމެއް ހިނގިކަން އެންގެވުމަށެވެ.

(قَالَ أَقَتَلْتَ نَفْسًا زَكِيَّةً  ) އެހެން ގިރާއަތެއްގައި އައިސްފައިވެއެވެ. ( زَاكِيَة ) މާނައަކީ: މަޢްޞޫމް ޠާހިރު ކުޑަކުއްޖެކެވެ. ކުޑަކުދިންނަކީ އެކުދިންގެ ފަރާތުން އެއްވެސް ކަހަލަ ގޯސްކަމެއް ލިޔުއްވާނޭ ކުދިންނެއް ނޫނެވެ. އެހެންކަމުން، އެއީ ފާފަތަކުން ޠާހިރުވެގެންވާ ކުދިންތަކެކެވެ.

(بِغَيْرِ نَفْسٍ  ) އެކުއްޖާ އަކީ މީހަކު މަރާފައިވާ ކުއްޖެއް ނޫނެވެ. އެއީ މަޢްޞޫމް ޠާހިރު ކުއްޖެކެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ: ކުޑަކުއްޖަކު މީހަކު މަރައިގެން އެކުއްޖާ މެރޭނެތޯއެވެ؟

ޖަވާބަކީ: ޖަވާބަކީ: ނޫނެކޭ އެވެ. ސަބަބަކީ ކުޑަކދިންނަކީ ބާލިޣްނުވާ މުކައްލަފުންނެއް ނޫނެވެ.

( لَّقَدْ جِئْتَ شَيْئًا نُّكْرًا ) “ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު ނުބައިކަމެކެވެ. ބޮޑުވެގެންވާ މުންކަރާތެކެވެ.”

 މިއީ ކުރިން ވިދާޅުވި ޢިބާރާތް ( لَقَدْ جِئْتَ شَيْئًا إِمْرًا ) “ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ.” އަށް ވުރެ ހަރުކަށި ޢިބާރާތެކެވެ. ސަބަބަކީ އޮޑީގައި ލޯވަޅެއް އަޅާ ހަލާކުކޮށްލި ނަމަވެސް އެއޮޑި ޣަރަގު ވުމާއި ނުވުން އެއީ އެކަށީގެންވާ ކަމެކެވެ. އޮޑި ސަލާމަތްވުމުގެ ފުރުޞަތެއްވެސް އެބައޮތެވެ. އެކަންވީވެސް އެހެންނެވެ. އޮޑި ޣަރަގުވެގެންނެއް ނުދެއެވެ. ނަމަވެސް، ކުށެއް ނުކުރާ ކުޑަކުއްޖަކު މަރާލުން އެއީ އަނބުރާ ނުގެނެވޭވަރުގެ ބޮޑު ނުބަޔެކެވެ.

އެހިނދު ޚިޟްރު ޢަލައިހިއްސަލާމް ވިދާޅުވިއެވެ.

(قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٧٥﴾   )

(أَلَمْ أَقُل لَّكَ  ) “ތިމަންކަލޭގެފާނު ކަލޭގެފާނުގެ ގާތުގައި ވިދާޅުނުވަމު ހެއްޔެވެ؟” މިތަނުގައި މިވަނީ ކުރީ ފަހަރަށްވުރެ ހަރުކަށި ޢިބާރަތެކެވެ. އެއީ ކުށް ތަކްރާރުވުމާއި ގުޅިގެންނެވެ. މާނައަކީ ކުރިންވެސް ވަރަށް ސާފުބަހުން ބުނީމު ނޫން ހެއްޔެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް ކުށްތަކްރާރުކުރެއްވީއެވެ. އެހިނދު މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ.

( قَالَ إِن سَأَلْتُكَ عَن شَيْءٍ بَعْدَهَا فَلَا تُصَاحِبْنِي ۖ قَدْ بَلَغْتَ مِن لَّدُنِّي عُذْرًا ) ” އެކަލޭގެފާނު ވިދާޅުވިއެވެ. މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު سؤال ކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް عذر އެއް ލިބިވަޑައިގެންފިއެވެ.”

( فَلَا تُصَاحِبْنِي  ) “ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ!” މިހެން ވިދާޅުވުމުން ދޭހަވަނީ މޫސާ ޢަލައިހިއްސަލާމް ގަބޫލުކުރައްވާ ގޮތުގައި ޚިޟްރު ޢަލައިހިއްސަލާމް އަކީ އެކަލޭގެފާނަށްވުރެ ދަރަޖަ މަތިވެރި ބޭފުޅެއް ކަމެވެ. ނޫންނަމަ ވިދާޅުވީހީ ( فَلَا أُصَاحِبُكَ ) “ތިމަންނާ ކަލޭގެފާނާއި އެކު ނުދާނަމެވެ.” މިފަދައިންނެވެ.

(قَدْ بَلَغْتَ مِن لَّدُنِّي عُذْرًا) “ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް عذر އެއް ލިބިވަޑައިގެންފިއެވެ. ކަލޭގެފާނު ކުރިންވެސް އެކަން ހަނދާންކޮށްދެއްވާފައި ވަނިކޮށް އަނެއްކާވެސް މިވަނީ ކުށަށް އަރައިގަނެވިފައެވެ. ވީމާ، އެންމެ ފަހުގެ ފުރުޞަތު ދެއްވާށެވެ.

( فَانطَلَقَا حَتَّىٰ إِذَا أَتَيَا أَهْلَ قَرْيَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُ ۖ قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرًا ﴿٧٧﴾  )  “ދެން އެ ދެބޭކަލުން ކުރިޔަށް ހިންގަވައިވަޑައިގަންނަވަމުން، ރަށެއްގެ أهل ވެރިބަޔަކާ ހަމަޔަށް ވަޑައިގެންނެވުނުހިނދު، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުޅައޫއެވެ. ދެން އެރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ.”

( أَهْلَ قَرْيَةٍ ) މިއީ ކޮން ރަށެއްކަން ހާމަކުރައްވާފައެއް ނުވެއެވެ. ﷲތަޢާލާ ވަންހަނާ ކުރައްވާފައިވާ ކަމަކަށްތީތީވެ، އެއީ ކޮން ރަށެއްތޯ ހޯދަން އުޅުމަކީ އަޅުގަޑުމެން ކުރަން ޖެހޭވެސް ކަމެއް ނޫނެވެ.

( اسْتَطْعَمَا أَهْلَهَا ) އެރަށުގެ އަހްލުވެރިންގެ ގާތުން ކާތަކެއްޗަށް އެދިލެއްވިއެވެ.

(فَأَبَوْا أَن يُضَيِّفُوهُمَا  )  އެދޭބެފުޅުންނަށް މެހްމާންދާރި އަދާކުރުމަށް އެރަށުގެ މީހުން ދެކޮޅު ހެދިއެވެ.

މެހްމާނުންނަށް ކަމޭހިތާ، މެހްމާންދާރީ އަދާ ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަލްއިމާމް ބުޚާރީ އާއި މުސްލިމް- ރަޙިމަހުމަﷲ- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. عَنْ أَبِي شُرَيْحٍ الْخُزاعِي رضي الله عنه قَالَ : سَمِعَتْ أُذُنَايَ وَأَبْصَرَتْ عَيْنَايَ حِينَ تَكَلَّمَ النَّبِيُّ صلى الله عليه وسلم فَقَالَ : (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ جَائِزَتَهُ) قَالَ : وَمَا جَائِزَتُهُ يَا رَسُولَ اللَّهِ ؟ قَالَ : ( يَوْمٌ وَلَيْلَةٌ ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ ، فَمَا كَانَ وَرَاءَ ذَلِكَ فَهْوَ صَدَقَةٌ عَلَيْهِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ޝުރައިޙުލް ޚުޒާޢީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާތީ ތިމަންކަލޭގެފާނުގެ ދެކަންފަތުން އަޑުއެހީމެވެ. އަދި ދެލޮލުން ދުށީމެވެ. “ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ މެހްމާނަށް ކަމޭ ހިތާށެވެ. އޭނާގެ ޖާއިޒަތު ދޭހުށިކަމެވެ.” ޞަޙާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. ޖާއިޒަތަކީ ކޮބައިތޯ އެވެ؟” ޙަދީޘް ކުރެއްވިއެވެ. “ރެއަކާއި ދުވާލެކެވެ.” މެހްމާންދާރީގައި ވަނީ ތިންދުވަހެވެ. އެޔަށް ވުރެ އިތުރުވާ ބަޔަކީ ޞަދަގާތެކެވެ.”

އިމާމް މުސްލިމް- ރަޙިމަހުﷲ- ރިވާ ކުރެއްވި ރިވާޔަތެއްގައި ވެއެވެ. (الضِّيَافَةُ ثَلَاثَةُ أَيَّامٍ ، وَجَائِزَتُهُ يَوْمٌ وَلَيْلَةٌ) މާނައަކީ: “ޟިޔާފަތަކީ (މެހްމާންދާރީ އަކީ) ތިން ދުވަހެވެ. އޭގެ ތެރެއިން ޖާއިޒަތަކީ ރެއަކާއި ދުވާލެވެ.”

އިމާމް ޚައްޠާބީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ޖާއިޒަތަކީ ރެއަކާއި ދުވާލޭ” އޮތް ބަސްފުޅުގެ މުރާދައި ބެހޭ ގޮތުން އިމާމް މާލިކް ރަޙިމަހުﷲ- އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ. “ހެޔޮކޮށް  ހިތުމާއި، ޚާއްޞަ ގޮތެއް ބެހެއްޓުމާއި، ބޮޑަށް އަޅާލުމަށް ރެއަކާއި ދުވާލެވެ. މުޅި މެހްމާންދާރީގެ މުއްދަތަކީ ތިން ދުވަހެވެ.”

އިމާމް ޚައްޠާބީ ރަޙިމަހުﷲ- ވިދާޅުވިއެވެ. “ފުރަތަމަ ދުވަހުގައި ޚާއްޞަ ގާތް ކަމެއް މެހްމާނުންނާއި ދޭތެރޭ ބެހެއްޓުމެވެ. ދެވަނަ އަދި ތިންވަނަ ދުވަހުގައި އެމީހެއްގެ އަތުގައި ހުރި އެއްޗަކުން ކާންދީ ހެދުމެވެ. ޢާދަވެގެން ކައި އުޅޭ އެއްޗަކަށް ވުރެ އިތުރު ނުކުރުމެވެ. ތިން ދުވަހަށް ވުރެ އިތުރު ވެއްޖެނަމަ އެއީ ޞަދަގާތެކެވެ.” (މަޢާލިމުއް ސުނަނި 4/238).

އިބްނުލް ގައްޔިމް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “އެމީހެއްގެ ގާތަށް މެހްމާނަކު އަތުވެއްޖެނަމަ މެހްމާނަށް ޓަކައި ވާ ޙައްގުތަކެއްވެއެވެ. އެކަން ވަނީ ތިން ދަރަޖަ އަކަށެވެ. ވާޖިބު މިންވަރަކާއި، މުސްތަޙައްބު މިންވަރަކާއި، ޞަދަގާތުގެ ގޮތުގައި ދެވޭ މިންވަރެކެވެ. ވާޖިބު މިންވަރަކީ ރެއަކާއި ދުވާލެވެ. މިކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. عَنْ أَبِي شُرَيْحٍ الْخُزاعِي رضي الله عنه قَالَ : سَمِعَتْ أُذُنَايَ وَأَبْصَرَتْ عَيْنَايَ حِينَ تَكَلَّمَ النَّبِيُّ صلى الله عليه وسلم فَقَالَ : (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ جَائِزَتَهُ) قَالَ : وَمَا جَائِزَتُهُ يَا رَسُولَ اللَّهِ ؟ قَالَ : ( يَوْمٌ وَلَيْلَةٌ ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ ، فَمَا كَانَ وَرَاءَ ذَلِكَ فَهْوَ صَدَقَةٌ عَلَيْهِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ޝުރައިޙުލް ޚުޒާޢީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާތީ ތިމަންކަލޭގެފާނުގެ ދެކަންފަތުން އަޑުއެހީމެވެ. އަދި ދެލޮލުން ދުށީމެވެ. “ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ މެހްމާނަށް ކަމޭ ހިތާށެވެ. އޭނާގެ ޖާއިޒަތު ދޭހުށިކަމެވެ.” ޞަޙާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. ޖާއިޒަތަކީ ކޮބައިތޯ އެވެ؟” ޙަދީޘް ކުރެއްވިއެވެ. “ރެއަކާއި ދުވާލެކެވެ.” މެހްމާންދާރީގައި ވަނީ ތިންދުވަހެވެ. އެޔަށް ވުރެ އިތުރުވާ ބަޔަކީ ޞަދަގާތެކެވެ.”

(ޒާދުލް މަޢާދި 3/658).

އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. “މެހްމާންދާރީ އަދާ ކުރުން ވާޖިބު ވެގެން ވަނީ ރެއަކާއި ދުވާލުގެ މިންވަރަށެވެ. ފުރިހަމަ މިންވަރަކީ ތިން ދުވަހެވެ. މިހެން ވިދާޅުވެ އިސްވެ ބަޔާން ކުރެވުނު ޙަދީޘް ޛިކްރު ކުރެއްވިއެވެ. (އަލްމުޣްނީ 11/91). ހެޔޮކޮށް ހިތަންޖެހޭ އަދި އެމީހެއްގެ ޙައްގުތަކެއް އެކުލެވިގެންވާ މެހްމާނުންނަކީ ދަތުރެއް ކޮށްފައި އަންނަ މީހުންނެވެ. އެފަދަ މީހުންނަށް ކާންދީ ހެޔޮކޮށް ހިތުމަކީ ވާޖިބު ކަމެކެވެ. އަދި މެހްމާންދާރީ އަދާ ނުކޮށްފިނަމަ އެމީހެއްގެ އަތުން މެހްމާނުންގެ ޙައްގު އަތުލުމުގެ ބާރުވެސް މެހްމންމީހާ އަށް ލިބިގެން ވެއެވެ. ނަމަވެސް އެއް ރަށެއްގައި ދިރިއުޅޭ ޒިޔާރަތް ކުރާ މީހުންނަށް މި ޙުކުމް ނުވަންނާނެއެވެ. އެފަދަ މީހުންގެ ގާތުގައި “އެނބުރިދާށޭ” ވެސް ބުނެވިދާނެއެވެ. ސޫރަތުއް ނޫރުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَإِن قِيلَ لَكُمُ ارْ‌جِعُوا فَارْ‌جِعُوا ۖ هُوَ أَزْكَىٰ لَكُمْ) މާނައަކީ: ” އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ!” (ނިނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.