ކުރު ވާހަކަ: ޚާދިމް

ލިޔުނީ : މަރިޔަމް ޙުސައިން/ ހދ. ކުޅުދުއްފުށި

އުމާއަކީ އިންޑިޔާ އަންހެނެކެވެ. އިސްކޮޅުން ކުރުވެފައި ކަޅެވެ.  ގޭތެރޭގެ ގިނަމަސައްކަތްކުރަން އެނގޭ މުރާލި އަންހެނެކެވެ. ހަރަކާތްތެރި ކަމަށްކަމޭ ހިތާ ހީވާގިމީހެކެވެ. އަހަރެންނަށާއި އަހަރެންގެ ފިރިމީހާއަށް އުމާ އިޙްތިރާމްކުރެއެވެ. އަހަރެންގެ މައިދައިތައަށްވެސް އެހާހެވެ. ކުދިން ދެކެވެސް އެހާ ލޯބިވެއެވެ. އުމާ އަހަރެން ގެނައީ  މައިދައިތަވެސް ބަލިކޮށް އުޅޭތީ ގޭތެރޭގެ މަސައްކަތްކުރަން އިތުރު މީހެއްގެ އެހީ ބޭނުންވާތީއެވެ. އުމާ އަހަރެމެން ގެއަށް ގެނައި އިރު އަހަރެން ތިންވަނަ ދަރިއަށް ބަނޑުބޮޑެވެ. ފިރިމީހާ ޝިޔާނަކީ ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެކެވެ. ގޭތެރޭގެ ކަންކަމުގައްޔާއި ދަރިންގެ ކަންތައްކުރަން ޝިޔާނަކަށް ވަގުތެއް ނޯވެއެވެ.

އުމާ ގެއަށް އައުމުން އަހަރެން ކުރަންޖެހޭ ކަންތައްތައް ދެގުނަ ލުއިވިއެވެ. ކުރިން މައިދައިތަ އެކީ އަހަރެން ބަދިގެއަށް ވަންނަން ޝިޔާން އޮންނަނީ މަޖްބޫރުކޮށްފައެވެ. އަހަރެން އޮފީހަށް ދިއުމުގެ ކުރިން ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ކޮންމެހެންވެސް ޖެހެއެވެ. ނުވިތާކަށް ދެކުދިން ސްކޫލަށް ގެންދަން ތައްޔާރުކުރަންވެސް ޖެހެނީ އަހަރެންނަށެވެ. އެކަމަކު އުމާ އައި ފަހުން އެހުރިހާ ކަމެއް ކަނޑާލީ އޭނާގެ ބޮލަށެވެ. ކެއްކުމާއި ކާންހެދުމެވެ. ގޭތެރެ ފޮޅާ މޮޕްލުމެވެ. ދޮވެ އިސްތިރިކުރުމެވެ. ދަރިންގެ ކަންތައްތައް ކުރުމެވެ. އަހަރެން ބޭރު މީހަކު ގެންނަން ބޭނުންވީ އެހެންވެގެންނެވެ. ޝަކުވާއެއްނެތި މަސައްކަތްކުރާނެތީއެވެ.

ފަތިހު ފަތިހާ ހޭލައިގޮތަށް އުމާ އުޅޭނީ މަސައްކަތުގައެވެ. ހުކުރެއް ހޮނިހިރެއް ނޯވެއެވެ. އީދެއް ޙައްޖެއްވެސް ނޯވެއެވެ. އުމާއަށް ތަނެއްގައި ބުރަކަށިޖައްސާލެވޭނީ ރޭގަނޑު ނުވައެއްގެ ފަހުންނެވެ. އެވެސް އަހަރެން ބޭރަށް ނުދަންޏާއެވެ. އަހަރެން ބޭރަށްދާ ރެއެއް ނަމަ އުމާއަށް ޖެހޭނީ ކުދިން ކައިރީ މަޑުކުރާށެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ އޮފީހަށްދާށެވެ. ވިހަން ކައިރިވެފައި ވާތީ މެޓާރނިޓީލީވް ނެގުމުގެ ކުރިން ނިންމަން ހަވާލުވެފައިވާ މަސައްކަތްތަކެއް ހުރުމުންނެވެ. އޭރު ދޮށީ ދެބެން ސްކޫލަށްދާން ތައްޔާރުވަނީއެވެ. އަހަރެން ހުރީ ކުދިންގެ ޓައިމްޓޭބަލަށް ފޮތްތައް އަޅާށެވެ. ފާހާނާއިން ނިކުމެ ޝިޔާން ހުޅުވާލީ ވާރޑްރޮބެވެ. ބަލާ ބަލާވެސް އިސްތިރިކޮށްފައިވާ އެއްޗަކާ ދިމަލެއްނުވިއެވެ. އިސްތިރިކުރަން ބުނުމުން އަހަރެން ގޮވީ އުމާއަށެވެ. ޝިޔާން ހުސްގަޔާ ހުއްޓާ އުމާ ވަނުމުން ޝިޔާން ހިތްހަމަ ނުޖެހިގެން ނިކުތީ ބޭރަށެވެ. ހިތްހަމަ ނުޖެހުނު ވާހަކަ އޭނާ ނުބުންޏަސް އޭނާގެ އަމަލުން އެކަން އަހަންނަށް ޔަގީންވީއެވެ. އެތެރެއަށް ހީލަހީލާ އަހަރެން އިނީ ޝިޔާން ބޭރަށް ދެމިގަތްލެއް ހަލުވިކަމުންނެވެ.

 ކުޑަމަންޖެ ބޮލުގައި ފުނާ އެޅުން ލަސްވެގެން ރޯންފެށީ އެވަގުތުއެވެ. ގަޑިޖެހޭކަން ހަނދާން ކޮއްދެމުން ޝަކުވާކޮށްލިއެވެ. އަހަރެން އުމާއަށް ގޮވާލާފައި އިސްތިރިކޮށް ނިމިގެން ފުނާ އަޅުވާލަދޭން އައުމަށް އެދުނީމެވެ. ކުރުކުރު އެއިސްތަށިކޮޅުގައި ފުނާ އަޅުވާލަން ދެތިން މިނެޓްވެސް ނުނަގާނެއެވެ. އެކަމަކު އަހަރެން ކަންފަސޭހަކޮއްލީއެވެ. ބޮޑު މުސާރަދީފައި މަސައްކަތްކުރަން މީހަކު ގެނެސް ހުންނަނީ ކޮންމެވެސް ބޭނުމެއްގައެވެ.

ވިހައިގެން ހޮސްޕިޓަލްގައި އަހަރެން އޮތް ދުވަސްކޮޅު އުމާއަށް ވަކިން ބުރައެވެ. ހޮސްޕިޓަލާއި ގެއާ ދޭތެރޭ ދުވެފައި ގޭގެ މަސައްކަތްތައް ކުރަންވެސް ހުރީހަމަ އޭނާއެވެ. ކަމެއް ލަސްވެއްޖެއްޔާ އަހަރެންނަށް އޭނަޔާ މިޙާތަބުކުރެވެނީ ރުޅިވެރި އަމުރުވެރިކޮށެވެ. އެކަމަކު އޭނާ އެއްވެސް ހިތްބަރުކަމެއް ނުބާއްވާ އަހަރެން ބުނާ ކަންތައް ކޮއްދެމުންދިޔައެވެ.

އަހަރެން ގެއަށް ދޫކޮށްލިފަހުން ދުވަހެކެވެ. ޝިޔާން ގޭތެރޭ މަސައްކަތެއް ކުރަން އުޅެނިކޮށް ފަޔަށްތަދުވިއެވެ. ފައިގައި ބޭހެއް އުނގުޅައިދޭށޭ ބުނެ ޝިޔާން އިށިއިނީ ސޯފާގައެވެ. އަހަރެން އިނީ ކުޑަ މީހާ އުނގަށްލައިގެންނެވެ. ދެލޯ އަމާޒުވެފައި ހުރީ ޓީވީން ދައްކާ ޑުރާމާއަކަށެވެ. ދެފަހަރު ޝިޔާން އެހެން ބުނުމުން އަހަރެން ގޮވީ އުމާއަށެވެ. ޝިޔާން ފައިގައި ބޭސް އުނގުޅައިދޭށޭ ބުނީމެވެ. ޝިޔާންގެ ލޯ އަހަންނަށް އަމާޒުވިކަން އެނގުނެވެ. އެހެނަސް އޭނާޔާ ދިމާލަށް ނުބަލަން އިނީމެވެ. އަދި ކުޑަ މީހާ ގޮވައިގެން އިންތަން ނުފެނޭހޭ އަހަރެންނަށް ބުނެވުނީ ރުންކުރު ރާގަކަށެވެ. ދެން އަހަރެން ތެދުވެގެން ގޮސްވަނީ ކޮޓަރިއަށެވެ.

ކަންފަސޭހަކަމާއި ކަންނެތްކަމާއި ހެދި އަހަރެން ގިނަ ކަންކަން ކުރުވަމުން ދިޔައީ އުމާ ލައްވައެވެ. ފުރަތަމަ ޝިޔާންވެސް ހިތްހަމަ ނުޖެހިގެން އެއްޗެހި ބުނެއެވެ. މަޑުމަޑުން އެކަން މާބޮޑު މައްސަލައަކަށް ނުހަދައެވެ. ކުދިންވެސް ފުނާ އަޅުވައިދީ ނަލަކުރަން އަހަންނަށް ގޮވުމުގެ ބަދަލުގައި ގޮވަންފެށީ އުމާދައްތައަށެވެ. އެކުދިން ކާގަޑީގަޔާއި ނިދާ ގަޑީގައިވެސް ފެންނަނީ އުމާދައްތައެވެ. މައިދައިތަވެސް ކުރިއަށްވުރެން ފެންނަނީ ހިތްހަމަޖެހިގެން އިންނަތަނެވެ. އުމާ ކައްކާ ތަރުކާރީ ސޫޕާއި ކިރުސަރުބަތުގެ މީރު ވާހަކަ ދައްކާއިރު ދުވަހަކު އަހަރެންނަށް މީރު އެއްޗެއް ނުހެދޭ ކަހަލައެވެ. މައިދައިތަ ފައި މަސާޖުކޮށްދީ ޓީވީ ބަލާއިރު ޑުރާމާތަކުގައި ވާގޮތް ކިޔާދީ ހަދަނީ އުމާއެވެ. އަހަރެންދެކެއަށް ވުރެން އުމާ ދެކެ ލޯބިވާހެން ހީވާ ކިތަންމެ ފަހަރެއް އާދެއެވެ. އުމާ ބޭރަށް ހިނގައްޖެއްޔާ އަބަދުވެސް އުޅޭނީ ގެއަށް ނައިސްގެންނެވެ.

ދުވަސްތައް އެގޮތުގައި މާޒީވެގެންދެއެވެ. ހަގު ދަރިއަށް ހަމަސްތަނުން އަހަރެން  އަނެއްކާވެސް އޮފީހަށް ނިކުންނަން ފަށައިފީމެވެ. ޝިޔާން މަނަލެއް ނުކުރެއެވެ. މަނާކުރިޔަސް އަހަރެންގެ ނިންމުން ބަދަލުނުވާނެކަން އެނގޭތީކަމަށްވެސް ވެދާނެއެވެ. އޮފީހަށް ނިކުންނަން ފެށި ހިސާބުން އަހަރެން ބިޒީވީއެވެ. އެއްވެސް ކަމެއް ކުރިތޯވެސް އަހަރެން ބަލައިނުލަމެވެ. ކުދިން ސްކޫލަށްދާން ތައްޔާރުކުރަނީ އުމާއެވެ. އުމާ ތައްޔާރުކުރުމުން އެކުދިން ސްކޫލަށް ގެންދަނީ ޝިޔާނެވެ. ގޭތެރޭ އެއްޗެއް ގަންނަން ޖެހުނަސް އުމާއެވެ. ގޭގެ ޙަރަދު ބަރަދުކުރަން ވަކިން ބަޖެޓެއް ޝިޔާން ދީފައި އޮވެއެވެ.

ރަށު ތެރޭގައި ހަލުވިކޮށް ބޭރަށް ހިންގުމާއި ރޯގާ ފެތުރެމުންދިޔަ ދުވަސްވަރެކެވެ. އުމާ ކުއްލިއަކަށް ބަލިވެގެން އަހަރެންނަށް އޮފީހަށް ނުދެވި ގޭގައި މަޑުކުރަންޖެހުނެވެ. ޝިޔާންވެސް އޮފީސްކަމެއްގައި ބުރަކޮށް އުޅުނު ދުވަހެކެވެ.  އުމާ ހޮޑުލާވަރުން ކާއެއްޗެއް ނުޖެހެއެވެ. އޭނާގެ ހަށިގަނޑުން ވަރުދޫވާތަން ފެނިފައި އަހަރެން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔާމެވެ. އެންމެ ދުވަހަކު އޭނާ ބަލި އެނދުގައި އޮންނަން ޖެހުނީތިވެ އަހަރެންނަށް ހަމަނޭވާލާން ދަތިވިއެވެ. އުމާ ކުރަމުން އައި މަސައްކަތްތަކަށް މިހާރު އަހަރެން ވަރަށް ނުފަރިތައެވެ. ވަރަށް ބީރަށްޓެއްސެވެ. އެހެންވެ އަހަރެން ބޭނުންވީ އުމާ ޑޮކްޓަރކަށް ދައްކާށެވެ. ބޭހެއް ނޫނީ އިންޖިކްޝަނަކުން އެއްދުވަހުންވެސް ރަނގަޅުވެދާނެ ކަމަށެވެ. ޑޮކްޓަރ ބަލާފައި އެދިން ޙަބަރުން އަހަރެން ފައިދަށުން ބިންގަނޑު ދެމިގަތްހެންހީވިއެވެ. އުމާ އާ ދިމާއަށް ހިތްހަމަނުޖެހިފައި ބަލާލެވުނެވެ. އުމާ ބިރުން ފަހަތަށް ޖެހުނެވެ. އަހަރެންގެ ހިޔާވަހިކަމުގެ ދަށުގައި ހުރެ އެފަދަ ބޮޑުކަމެއްވީއިރު އަހަރެންނަށް ނޭގުނީތީއެވެ. އުމާ ބޭރަށްދެއެވެ. އެކަމަކު ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައެވެ. ކުދިން ސްކޫލުން ގެނެސް ގެންގޮސް ހެދުމަށެވެ. ނޫނީ ބާޒާރުކުރުމަށެވެ. ގޮސް އެނބުރި ނިކަން އަވަހަށް އަންނާނެއެވެ. އެފަދަ ގޮތަކަށް އުޅިދާނެ ކަމާއި މެދު އަހަރެންނަށް ޝައްކުވެސްކޮށް ނުލެވުނެވެ. ފަހުން ފަހުން އައިސް އަހަންނަށް ފާހަގަކުރެވުނެވެ. އުމާ މާ ރީތިވެގެން ހުންނަ ކަމެވެ. އާހެދުންލައި އަގު ބޮޑެތި ސެންޓު ޖަހާކަމެވެ. ކުރިން އެކަންކަމާއި އަހަރެން ނުބެހެމެވެ. އަޅައެއް ނުލަމެވެ. އުމާ ވިޔާނުދާ ގޮތަކަށް ފައިސާ ހޯދަފާނެއެކޭ އަހަރެން އޭރަކު ހިޔެއް ނުކުރަމެވެ. އެކަމަކުދެން……އުމާ ވިޔާނުދާކޮން އުޅުމުގެ ނިޝާން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. އުމާ ހަށިގަނޑުގައި އެނިޝާންވަނީ ވަކި ހިއްޕާލާފައެވެ.

އުމާއާ ދިމާލަށް އެއްޗެއް ނުބުނެ އަހަރެން ކެއްކުރީ ގެއަށް ދެވެންދެނެވެ. ކާރުގައި އިންއިރު އުމާ ހަރަކާތްތައް ހުރިގޮތުން އުމާ ޖެހިލުންވެފައިވާކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. ދޯޕައްޓާ އަތަށް ބޮނޑިކޮއްގެން އިންއިރު އަތުގައި ތުރުތުރެއް ހުއްޓެވެ. އިސްޖަހައިގެން އިނދެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލައެވެ.

އުމާ އަތުގައި ހިފައިގެން ވަން އިރު އަހަރެން ތުރުތުރު ލައެވެ. ހިތްހަމަނުޖެހުމާއި ރުޅިވެރިކަމުން އަހަރެން ހީވަނީ ރޫޅިދާނެ ހެންނެވެ. އަހަރެން ގެއަށްވަންއިރު ޝިޔާންވެސް ގޭގައި އުޅެއެވެ. އަހަރެމެން އާ ތަނަކާއި ބެހޭގޮތުން ޝިޔާން ސުވާލުކުރިއެވެ.

” މިހާރުން މިހާރަށް މީނަ މިގޭއިން ފޮނުވާލާ މިކަހަލަ މުޑުދާރު މީހަކު މިގޭގަ ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން………” އުމާގެ ގިސްލުމުގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރައްޖެއެވެ. އެކަމާ އަހަރެންވީ ރުޅިގަދައެވެ. ޝިޔާން ފާޑަކަށް ބަލަހައްޓައިގެން ހުރީއެވެ.

” އެނގޭތަ މީނަ ކޮށްގެން އުޅޭކަންތައް؟ ” ރުޅި އައިސް ހުރިވަރުން އަހަރެންނަށް ވާހަކަދެއްކުނީވެސް ބާރަށެވެ. ޝިޔާން ކަންބޮޑުވެފައި އުމާގެ މޫނަށް ބަލާލިއެވެ.

“ކީއްތަ ކުރީ ………” އަހަރެންގެ އަޑުފައްގަނޑަށް މައިދައިތަވެސް ކޮޓަރީގައި އޮވެފައި ނިކުމެއްޖެއެވެ.

” އުމާ ގޮވައިގެން ޑޮކްޓަރަށް ގޮއްސަ މިއައީ …….އުމާ ބަނޑުބޮޑު……” ދަތްތަކަށް ބާރުލަމުން އަހަރެން ބަލާލީ އުމާއާ ދިމާލަށެވެ. ޝިޔާން އެއްޗެއް ނުބުނުމުން އަހަރެން ކަންބޮޑުވިއެވެ. ހިތްހަމަނުޖެހުނެވެ. އަހަރެމެންގެ ބެލުމުގެ ދަށުގައި ހުރެގެން ބިދޭސީއަކަސް ބަނޑުބޮޑުވުމުން އަހަރެން އެކަމާ ކަންތައް ބޮޑުވިއެވެ.

” މިކަހަލަ އަންހެނަކު އަހަރެން ބޭނުމެއްނޫން މިގޭގަ ޚާދިމަކަށް ބަހައްޓާކަށް…….. އަހަރެމެން ދޭ ފައިސާ މަދުވެގެން ހަށިވިއްކަމުންނޭ އެދެވަނީ……” އުމާ އެއްޗެއް ނުބުނުމުން އަހަރެން އުމާ އާ ދިމާލަށް މަޅާލީ ފާރުގައި ލައްކޮއްފައި ހުރި ފިހިގަނޑެވެ. އުމާ ގައިގާ ޖެހުމުގެ ކުރިން ޝިޔާން ފިހިގަނޑުގައި އެއްއަތުން ހިފަހައްޓާ ދުރުކޮށްލަމުން އަނެއްއަތުން އުމާ ގައިގާ ހިފާ އޭނާގެ ގަޔާ ކައިރިކޮއްލިއެވެ. އަދި ފިހިގަނޑު ދުރަށްހޫރާލަމުން ޝިޔާންގެ ދެއަތުގެ ހިމާޔަތް އުމާއަށް ހުސްކޮއްލިއެވެ.

” ޙަބަރުދާރު މީގެ ފަހުން އުމާއާ ދިމާލަށް ތިފާޑުގެ އެއްޗެއް ބުނެގެންނުވާނެ……..މިގޭގަ އުމާއެކޭ ސޯނިޔާއެކޭ ވާނީ އެއްވަރު……….” އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހީވީ ޝިޔާންގެ އަތުން މޫނުމަތީ ވިހެލިހެންނެވެ. ގޭގައި ގެންގުޅޭ ޚާދިމެއްގެ ކޮޅަށް ދެލޯފަދަ ލޯބިވާ ފިރިމީހާ ހުރެދާނެޔޭ ހިތަށް އަރާނީ ކާކު ހެއްޔެވެ؟ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނުން ޝިޔާން އެބުނެލި ޖުމްލައިން އަހަރެން ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ.

އުމާއަކީ ޝިޔާންގެ ހަގު އަނބިކަން އެނގުނު ވަގުތު އަހަރެންގެ އެތެރެހަށީ ރޯވެފައިވާ ރުޅިވެރިކަމުގެ ޖަޒްބާތު ފިނިވިއެވެ. ރުޅި އައިސްގެން އަޑަށްބާރުލީ ދޫ ހިމޭންވިއެވެ. މައިދައިތަގެ މޫނުމަތިން ހުރިޙާ ކަމެއް އެނގޭކަން ދޭހަވިއެވެ. މައިދައިތަ އިސްޖަހާލާފައި އައި ކޮޅަށް ހިނގައިގަތެވެ. އަހަރެންނަށް އިންތަނަށް ތިރިވެވުނީ ދެފައި ކޮޅުގައި ކޮޅަށް ހުންނާނެ ބާރެއް ނެތީމައެވެ. އަހަރެން ޝިޔާން ކުށްވެރިކުރާކަށް ނެތީމެވެ. އަދި އުމާ ކުށްވެރިކުރާކަށްވެސް ނެތީމެވެ. ކުށްވެރިޔަކީ އަހަރެންނެވެ. ދިވެއްސަކު ނުގެނެސް ބިދޭސީއަކު ގެއަށް ގެނައީވެސް ފިރިމީހާ ހިތާވެދާނެތީއެވެ. އެކަމަކު

 ގެއަށް ޚާދިމަކު ގެނަޔަސް ފިރިމީހާގެ ހުރިހާ ކަމަކާއި ދަރިންގެ ހުރިހާ ކަމެއް އެމީހަކަށް ޖައްސާކަށް ނުޖެހެއެވެ. އަނބިމީހާގެ އަތުން ކޮއްދޭންޖެހޭ ގިނަކަންކަން އަހަރެންނަށްވަނީ އުމާ ލައްވާ ކުރެވިފައެވެ. ޝިޔާނަށް އެއްޗެހި އިސްތިރިކޮށްދީ ބޭސްއުނގުޅައިދީ އުމާ ލައްވާ ކުރެވުނެވެ. ބޫޓު ޕޮލިޝްކޮށްދީ ބަތްމޮޑެދީ އުމާގެ އަތުން ކުރުވިއިރު ޝިޔާން އުމާއަށް އާދަވެދާނެކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ދެން އެކަމަކު ކުރެވޭނެ ކަމެއްނެތެވެ. ޝިޔާން އަހަރެން ދޫކޮށް ނުލީތީ އަހަރެން ޝުކުރުވެރިވަމެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު އެއީ ޝިޔާންގެ އަންހެނެވެ. ޝިޔާންގެ ދަރިއަކަށް އުމާ ބަނޑުބޮޑެވެ. ގޭތެރޭގެ މަސައްކަތުގައްޔާއި ޝިޔާންގެ ކަންކަމުގައި ދެމީހުންވާނީ ދެން އެއްވަރެވެ. އުމާ ދެން ގޭގެ ޚާދިމަކަށް ނުވާނެއެވެ.

                  ~  ނިމުނީ ~  

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.