ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

މޫސާ އާއި ޚިޟްރު ޢަލައިހިމައްސަލާމްގެ މިވާހަކައިން ލިބޭ ޢިބްރަތްތައް ބަޔާން ކުރައްވަމުން އަލްޢައްލާމާ އައްސަޢުދީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

  1. ޢިލްމުގެ މާތް ކަމާއި، ޢިލްމު އުނގެނުމަށްޓަކައި ދަތުރު ކުރުމުގެ މާތްކަން، ހަމަކަށަވަރުން، ޢިލްމު އުނގެނިވަޑައިގެން ތަކެތި ދަސްކުރެއްވުމުގެ ބޭނުމުގައި މޫސާ ޢަލައިހިއްސަލާމް މިވަނީ ދިގުދަތުރެއް ކުރައްވާ ބޮޑެތި ބުރަތަކެއް އުފުއްލަވާފައި.
  2. ދަތުރުމަތީގައިވެސް އަދި ރަށުގައި ވަޒަންވެރިވެ ހުންނައިރުގައިވެސް ޚާދިމަކު ގެންގުޅުމަކީ ހުއްދަކަމެއްކަން.
  3. ޢިލްމު އުނގެނުމަށް ނުވަތަ ޖިހާދުކުރުމަށް ދަތުރެއް ކުރާނަމަ އެކަން ސިއްރު ކުރުމުގެ ބަދަލުގައި ފާޅު ކުރުމަކީ އެކަމަށް ފުރިހަމަ އަށް ތައްޔާރު ވުމަށް ލިބޭ ބާރެއްކަން އެނގިގެންދިޔުން. ހަމައެފަދައިން މިއަޅުކަމުގެ ޝަރަފަށްޓަކައިވެސް އެކަން އިޢްލާން ކުރުން މުހިންމު. އެހެންވެ މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޚާދިމްގެ ގާތުގައި ވިދާޅުވި ކަމަށް އައިސްފައިވަނީ ( لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ) ” ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ.”
  4. ކޮންމެކަމެއްވެސް ވަނީ ﷲ ތަޢާލާ ތަގްދީރުގައި ލިޔުއްވާފައިވާ ގޮތަށް ކަމުގައިވީނަމަވެސް، ނުބައިކަންތައްތައް ޝައިޠާނާ އަށް ނިސްބަތް ކުރެވިދާނެކަން. އެހެންވެ، މޫސާ ޢަލައިހިއްސަލާމްގެ ޚާދިމް ވިދާޅުކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ  ) ” އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، شيطان އާ ފިޔަވައި އެހެން އެއްޗެއްނޫނެވެ.”
  5. އިންސާނާ އޭނާ އަށް ކުރެވޭ އިޙްސާސްތަކުގެ ވާހަކަ ހާމަ ކުރުމަކީ ހުއްދަކަމެއްކަން. މޫސާ ޢަލައިހިއްސަލާމް ވިދާޅުވިކަމަށް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا ) “ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ.”
  6. ޚާދިމް އަކީ ވިސްނުންތޫނު، ޞާޙިބާ ބޭނުންވާ ކަންތައްތައް ދަންނަ މީހަކު ކަމުގައިވުމުގެ މުހިއްމުކަން.
  7. ޞާޙިބް މީހާ ކާއެއްޗަކުން ޚާދިމް އަށްވެސް ދިނުމުގެ މުހިއްމުކަން. ދެމީހުންގެ ކާނާ ތަފާތު ނުކުރުން. އެހެނީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޚާދިމް ކޭންބެއްލެވީ ހަމައެކައްޗެކެވެ.
  8. ﷲ ތަޢާލާ އެކަލާންގެ އަޅުންނަށް ދެއްވާ ޢިލްމު ދެބަޔަކަށް ބެހިގެން ވެއެވެ. އެއީ:
  9. އަޅާގެ ބުރަ މަސައްކަތުން އުނގެނޭ ޢިލްމު
  10. ﷲ ގެ ޙަޟްރަތުން އެމީހަކަށް ހިބަކޮށްދެއްވާ ލަދުންނީ ޢިލްމު، (وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا  ) “އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން خاص علم އެއް އުނގަންނައިދެއްވީމެވެ.”
  11. ދަރިވަރުން އެދުރުމީހާގެ ކުރިމަތީގައި އަދަބުވެރިވާން ޖެހޭނެކަން. އަދި އެދުރުމީހާ އާއި މުޚާޠަބު ކުރަންވާނީ އަދަބުވެރިކަމާއި އެކުގައިކަން. (قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴿٦٦﴾  ) “އެބޭކަލަކަށް موسى ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبع ވަންތޯއެވެ؟”

“ތިމަންކަލޭގެފާނު ތަބަޢަ ވަންތޯއެވެ؟” މިފަދައިން ވިދާޅުވުމުން ދޭހަވަނީ މޫސާ ޢަލައިހިއްސަލާމް ގެންގުޅުއްވި ރިވެތި އަދަބު އަޚްލާގެވެ. އެހެނީ، މުސާ ޢަލައިހިއްސަލާމް އަކީ ޚިޟްރު ޢަލައިހިއްސަލާމް އަށް ވުރެ މާތް، އަދި ﷲ ގެ ޙަޟްރަތުގައި އެކަލޭގެފާނުގެ ދަރަޖަ އުފުއްލެވިގެންވީ ބޭފުޅަކަށްވީ އިރުގައިވެސް، މަޑުމައިތިރި ކަމާއި، އަދަބުވެރިކަމާއި އެކުގައި އެކަލޭގެފާނުގެ ބޭނުން ހުށަހެޅުއްވިއެވެ. ސަބަބަކީ ޚިޟްރު ޢަލައިހިއްސަލާމްގެ ފަރާތްޕުޅުން މޫސާ ޢަލައިހިއްސަލާމް އަށް ކުރިން އެނގިވަޑައިގެންފައިނުވާ ޢިލްމުތަކެއް އުނގެނި ދަސްކުރައްވާނެތީވެއެވެ. މިއިން ދޭހަވަނީ ދަރިވަރުން އެކުދިންގެ އުސްތާޛުންނަށް އިޙްތިރާމްކޮށް މާތްކޮށް ހިތަން ޖެހޭނެކަމެވެ.

  1. ކިތަންމެ މޮޅު މާތް މީހަކުނަމަވެސް، އެމީހަކަށް ވުރެ ދަރަޖައިގެ ގޮތުން ދަށް، އަދި ޢިލްމުގެ ގޮތުން ދަށް މީހެއްގެ ގާތުން އެއްޗެއް އުނގެނެން ޖެހިދާނެކަން. މޫސާ ޢަލައިހިއްސަލާމް އަކީ ޚިޟްރު ޢަލައިހިއްސަލާމް އަށް ވުރެ މާތް ބޭފުޅެކެވެ. އަދި ނިސްބަތުން ޢިލްމުވެރި ވެސް ބޭފުޅެކެވެ. އެހެންނަމަވެސް، އެކަލޭގެފާނަށްވުރެ ދަށް ބޭފުޅެއްގެ ގާތުން އެއްޗެއް އުނގެނި ވަޑައިގަތުމަށް ލަދުފުޅު ނުގަނެއެވެ.
  2. ޢިލްމު އުނގެނުމަކީ އެކަމުގައި ކެތްތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއްކަން.
  3. ކަމެއްގައި ގޮތެއް ކަނޑައެޅުމުގެ ކުރިން، މަޑުމައިތިރި ކަމާއި އެކު، ވިސްނާ ފިކުރު ކުރަންވާނެކަން.

(وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ ۖ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا ﴿٨٣﴾   )

( وَيَسْأَلُونَكَ ) ކަލޭގެފާނާއި ސުވާލު ކުރާނެތެވެ. ސުވާލުކުރަނީ ޔަހޫދީން ނުވަތަ ގުރައިޝުން ނުވަތަ އެނޫންވެސް މުޝްރިކުންނެވެ.

(عَن ذِي الْقَرْنَيْنِ   ) ޛިލްގަރްނައިން އާއި ބެހޭ ގޮތުން އެބައިމީހުން ކަލޭގެފާނާއި ސުވާލުކުރާނެތެވެ. ޛުލްގަރްނައިން އަކީ ޢަދުލުވެރި ރަސްކަލެކެވެ.

“ޛުލްގަރްނައިން” ގެ ނަން އެކަލޭގެފާނަށް ދެވިފައިވަނީ އެކަލޭގެފާނަކީ ދުނިޔޭގެ ހުޅަނގާއި އިރުމަތީފަރާތުގެ ވެރިކަން ލިބިވަޑައިގެންފައިވާ ބޭކަލަކަށްވާތީވެ ކަމަށް ބުނެވެއެވެ.

ނުވަތަ އެކަލޭގެފާނުގެ ރަސްކަމުގެ ތަނަވަސްކަން އަންގައިދިނުމުގެ ގޮތުން ދެވިފައިވާ ލަގަބެއް ކަމަށްވެސް ބައެއް މުއައްރިޚުން ވިދާޅުވއެވެ.

ނުވަތަ އެކަލޭގެފާނުގެ ބޯފުޅުގައި އަޅުއްވާފައި އޮންނަ ތާޖުކޮޅުގެ ސަބަބުން ދެފަރާތުން ދެދަޅު ފަޅާފައިވާ ކަމަށް ޞިފަވާތީ ކަމަށްވެސް ބައެއް މުއައްރިޚުން ވިދާޅުވެއެވެ.

އެކަލޭގެފާނަށް “ޛުލްގަރްނައިން” ގެ ލަގަބު ދެވިގެންވާ ސީދާ ސަބަބަކީ ކޮބައިކަން ކީރިތި ގުރްއާނުން އެނގޭކަށް ނެތެވެ. ނަމަވެސް، ގުރްއާނުގައި އައިސްފައިވާ އެކަލޭގެފާނުގެ ވާހަކަތަކަށް ބަލާއިރު ބޮޑަށް ދަލާލަތުކޮށްދެނީ އެލަގަބު ދެވިފައިވާ ސަބަބަކީ “ދުނިޔޭގެ ހުޅަނގާއި އިރުމަތީގެ ރަސްގެފާނު ކަމަށްވާތީވެއެވެ.”

އެކަލޭގެފާނުގެ އަޞްލު ނަންފުޅަކީ ކޮބައިކަމާއި މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެގޮތުން އެއީ:

އަލްއިސްކަންދަރުލް އަކްބަރް، ނުވަތަ ކޫރިޝުލް ކަބީރް، ނުވަތަ އިޚްނާތޫން އަލްފިރްޢަން އަލްމިޞްރީ ކަމުގައި ބުނެވެއެވެ. ނަމަވެސް، މިއިން ކަމެއް ޔަގީންކޮށްދޭނެ ޞައްޙަ ދަލިލެއް ނެތެވެ.

(قُلْ  ) ޛުލްގަރްނައިން އާއި ބެހޭ ގޮތުން ކަލޭގެފާނާއި ސުވާލުކުރާ މީހުންނަށް ޖަވާބުގައި ވިދާޅުވާށެވެ.

(سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا  ) ތިޔަބައިމީހުންނަށް އެވާހަކަތަކުން ބަޔެއް ކިޔައިދެއްވާނަމެވެ.

( مِّنْهُ ) އެވާހަކައިން ބަޔެއް، މިއިން ދޭހަވަނީ ވާހަކަ އެއްކޮށް ނޫންކަމެވެ. ނަމަވެސް ވާހަކައިން ބަޔެއް ކިޔައިދެއްވާނެ ކަމެވެ. އެއީ އެބައިމީހުންނަށް ޢިބްރަތް ޙާޞިލްކުރަން ބޭނުންވާ މިންވަރެވެ.

(إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا ﴿٨٤﴾  )

(إِنَّا مَكَّنَّا لَهُ فِي الْأَرْضِ  ) ތިމަން ﷲ ވަނީ މިބިންމަތީގައި އޭނާ އަށް ކަންކަން ފަހިކޮށްދެއްވާ ބާރުވެރި ކުރައްވާފައެވެ. އެކަލޭގެފާނަށް އެހެން މީހުންނަށް ނުދެއްވާ ވަރަށް މުދަލާއި ބާރާއި ޢިލްމާއި ވިސްނުންތޫނުކަން ދެއްވިއެވެ.

(وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا  ) “އަދި ކޮންމެކަމަކުން، އޭނާއަށް މަގެއް ދެއްކެވީމެވެ. އެކަލޭގެފާނު ކުރައްވަން ބޭނުންފުޅުވެއްޖެ ކޮންމެ ކަމެއް ކުރެވޭނެ މަގު ﷲ ފަހިކޮށްދެއްވިއެވެ.”

( فَأَتْبَعَ سَبَبًا ﴿٨٥﴾ ) “ފަހެ، އޭނާ މަގަކުން ކުރިޔަށް ވަޑައިގަތެވެ.” އެކަލޭގެފާނުގެ މަގްޞަދު ޙާޞިލްކުރުމަށް ބޭނުންވާނެ ކޮންމެ މަގަކުން ކުރިޔަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހުންނެވީ ވަރުގަދަ ޢަޒުމެއްގެ މަތީގައެވެ. ﷲ ދެއްވި ބާރުވެރިކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށެވެ. އެހެންކަމުން އެކަލޭގެފާނުގެ ލަޝްކަރައިގެން މުޅިދުނިޔޭގެ ހުރިހާ ހިސާބެއްގައި ﷲގެ ދީނަށް ގޮވާލެއްވުމަށް ދަތުރުކުރެއްވިއެވެ.

(حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا ﴿٨٦﴾  ) ” އިރުއޮސްފުހޭ ތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް قوم އެއްގެ މީހުން ފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ ذوالقرنين އެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ!”

(حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ  ) މުރާދަކީ އިރު އޮސްފުހޭދިމާލެވެ.

( وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ ) ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ.

( وَوَجَدَ عِندَهَا قَوْمًا  ) އަދި އެތާނގެ ކައިރިން އޭނާއަށް قوم އެއްގެ މީހުން ފެނިވަޑައިގަތެވެ.

(قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا ﴿٨٦﴾  ) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ ذوالقرنين އެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ! މާތް ﷲ މިފަދައިން ޛުލްގަރްނައިން އަށް އިޚްތިޔާރު ދެއްވި ސަބަބަކީ އެކަލޭގެފާނަކީ ބުއްދިވެރި ޢަދުލުވެރި ރަސްކަލަކަށްވީތީވެއެވެ. ބާރެއް ދެއްވިނަމަވެސް، ހިތުހުރި ގޮތަކަށް ކަންތައް ކުރައްވާނެ ބޭކަލެއް ނޫންކަމަށްވީތީވެއެވެ. އެކަލޭގެފާނުގެ ދީންވެރިކަމާއި ބުއްދިވެރިކަން އަންގައިދޭ އެންމެ މުހިއްމު ކަމަކީ އެކަލޭގެފާނު ވިދާޅުވި ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވި ކަމަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:

(قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَابًا نُّكْرًا ﴿٨٧﴾ وَأَمَّا مَنْ آمَنَ وَعَمِلَ صَالِحًا فَلَهُ جَزَاءً الْحُسْنَىٰ ۖ وَسَنَقُولُ لَهُ مِنْ أَمْرِنَا يُسْرًا ﴿٨٨﴾   ) ” އޭނާ ވިދާޅުވިއެވެ. އަނިޔާވެރިވީ މީހާއާމެދު (ދަންނާށެވެ!) ފަހެ، ނިކަންހުރެ އެމީހަކަށް އަހުރެމެން އަދަބު ދޭހުށީމުއެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ حضرة އަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذاب އެއް ދެއްވާހުށްޓެވެ. އަދި إيمان ވެ، صالح عمل ކުރިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ހެޔޮ ޖަޒާހުށްޓެވެ. އަދި އެމީހަކަށް ތިމަންރަސްކަލާނގެ ފަސޭހަވެގެންވާގޮތެއް ދައްކަވާހުށީމެވެ.”

(أَمَّا مَن ظَلَمَ  ) މިތަނުގައި އަނިޔާވެރިވުމޭ އޮތް ބަސްފުޅުގެ މުރާދަކީ ﷲ އަށް ޝަރީކު ކުރުމެވެ. ސޫރަތުއް ލުގްމާންގެ 13 ވަނަ އާޔަތުގައި ލުގްމާން ޢަލައިހިއްސަލާމް ވިދާޅުވިކަމަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾ ) މާނައަކީ: ” ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ”

( فَسَوْفَ نُعَذِّبُهُ ) ފަހެ، ނިކަންހުރެ އެމީހަކަށް އަހުރެމެން އަދަބު ދޭހުށީމުއެވެ. މިތަނުގައި މިއީ ތަޢްޒީރީ އަދަބެއްގެ ވާހަކައެވެ. ތަޢްޒީރީ އަދަބެއްނަމަ، އެއީ ޙާކިމާ އަށް އެންމެ މުނާސަބުކަމަށް ފެންނަ އަދަބެއް ދިނުމެވެ. އެއީ މެރުން ކަމުގައިވީނަމަވެސް ނުވަތަ އެނޫން އަދަބެއް ކަމުގައިވީނަމަވެސް އެވެ.

(ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَابًا نُّكْرًا  ) ދެން އޭނާގެ ވެރިރަސްކަލާނގެ حضرة އަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذاب އެއް ދެއްވާހުށްޓެވެ. އޭގެ ސަބަބަކީ ކާފަރުންނަކީ އެމީހުންނަށް އަދަބު ލިބުމެއް ކަމަކު އެކަމުން ސަލާމަތްވެވޭނެ ބަޔެއް ނޫނެވެ. އެމީހުންނަށް ދެދުނިޔޭގައި ޢަޛާބު ލިބޭނެއެވެ. ނަމަވެސް، މުއިމިނުންނަކީ ދުނިޔެމަތީގައި އަދަބު ލިބިފައިވާނަމަ، އެކަމުގެ އަދަބު އާޚިރަތުގައި ނުލިބި ސަލާމަތްވާނެ ބަޔެކެވެ.

(عَذَابًا نُّكْرًا  ) ގަދަފަދަވެގެންވާ ޢަޛާބު.

( وَأَمَّا مَنْ آمَنَ وَعَمِلَ صَالِحًا فَلَهُ جَزَاءً الْحُسْنَىٰ ) އީމާންވެ ޞާލިޙް ޢަމަލުކުރާ މީހުންނަށް ﷲ ގެ ޙަޟްރަތުން މަތިވެރި ދަރުމަ ދެއްވާނެއެވެ. (الْحُسْنَىٰ ) މުރާދަކީ ސުވަރުގެ އެވެ. ސޫރަތު ޔޫނުސްގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ  ) ” ހެޔޮ عمل ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّه ގެ ދީދާރުފުޅު ދެއްކެވުމެވެ.)”

( وَسَنَقُولُ لَهُ مِنْ أَمْرِنَا يُسْرًا ) ” އަދި އެމީހަކަށް ތިމަންރަސްކަލާނގެ ފަސޭހަވެގެންވާގޮތެއް ދައްކަވާހުށީމެވެ.”

އަނިޔާވެރިވީ މީހާ (ޝިރްކު ކުރާމީހާ) އަށް ވެސް ދެކަމެއްގެ ވާހަކައިން ވަޢުދުވެލެއްވިއެވެ. އެއީ އެމީހަކަށް އަދަބު ދެއްވާނެ ކަމަށާއި، އޭނާގެ ވެރިރަސްކަލާނގެ حضرة އަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذاب އެއް ދެއްވާހުށްޓެވެ. އަދި މުއިމިނުންނަށްވެސް ދެކަމެއްގެ މަތިން ވަޢދުވެލެއްވިއެވެ. އެއީ އެމީހަކަށް ސުވަރުގެ ލިބޭނެކަމާއި އަދި އެމީހަކާއި މެދުގައި ފަސޭހަ އަދި ރިވެތި މުޢާމަލާތަކުން މުޢާމަލާތް ކުރައްވާނެކަމެވެ. އެކަމަކު ދެބައިމީހުންގެ ވާހަކަ ގެންނެވުމުގައި ތަފާތުގޮތެއް ބޭނުން ކުރައްވާފައިވެއެވެ. އެއީ ޝިރްކުކުރާ މީހާގެ ވާހަކަ ފެއްޓެވީ އެކަލޭގެފާނު އެމީހަކަށް އަދަބު ދެއްވާނެ ވާހަކައިންނެވެ. އަދި އެއަށްފަހު އާޚިރަތްދުވަހުގައި ﷲ ގެ ކޯފާ އާއި ޢަޛާބު އެމީހަކަށް ލިބޭނެވާހަކައިންނެވެ. ނަމަވެސް، މުއިމިނުންގެ ވާހަކަ ގެންނެވިއިރުގައި ފައްޓަވާފައިވަނީ އެމީހަކަށް ﷲ ގެ ޙަޟްރަތުން ދެއްވާ ޘަވާބާއި ދަރުމައިގެ ވާހަކައިންނެވެ. އެއަށްފަހު ގެންނެވީ އެމީހަކާއި މެދުގައި ފަސޭހަ ރިވެތި މުޢާމަލާތަކުން މުޢާމަލާތް ކުރައްވާނެ ވާހަކައެވެ. މީގެ ސަބަބަކީ މުއިމިނުންގެ އެންމެ އިސް މަގްޞަދަކަށްވާނީ ސުވަރުގެ އަށް ވާޞިލް ވުމެވެ. ސުވަރުގެ އަށް ވާޞިލް ވުމަކީ އެމީހަކާއި މެދު ހެޔޮކޮށް މުޢާމަލާތް ކުރެވުމަށްވުރެ މާ ލޮބުވެތިކަން ބޮޑު ކަމެކެވެ.  ނަމަވެސް، ޝިރްކުކުރާ މީހުން އާޚިރަތް ދުވަހުގައި އެބައިމީހުންނަށް ޢަޛާބު ލިބުމުގެ ކުރިން ދުނިޔެމަތީގައި އެބައިމީހުންނަށް އަދަބު ދެވެއެވެ. އަދި ދުނިޔޭގައި ދެވޭ އަދަބަކީ އާޚިރަތުގެ ޢަޛާބަށްވުރެ ލުއި އެއްޗެކެވެ. އަދި ހަމައެފަދައިން، ކާފަރުންނަކީ އާޚިރަތުގައި ލިބިދާނެ އަދަބަކަށްވުރެ ބޮޑަށް ދުނިޔެމަތީގައި ލިބިދާނެ އަދަބަކާއި މެދު ބިރުގަންނަ ބަޔެކެވެ. ސަބަބަކީ އެބައިމީހުންނަކީ އާޚިރަތަށް އީމާންވާ ބަޔެއް ނޫނެވެ.

(ثُمَّ أَتْبَعَ سَبَبًا ﴿٨٩﴾  ) “ދެން އޭނާ އެހެންމަގަކުން ކުރިޔަށް ވަޑައިގަތެވެ.”

(حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴿٩٠﴾  )      “އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު، قوم އެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުލައްވަމެވެ.” އެމީހުން ދިރިއުޅޭ ސަރަޙައްދުގައި އެއްވެސް ކަހަލަ ޢިމާރާތެއް ނުހުރެއެވެ. އަދި ހިޔާ އަޅާނެ ގަހެއްވެސް ނެތެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެބައިމީހުންގެ ހަށިގަނޑުގައި ހެދުމެއްވެސް ނެތެވެ. ހެދުމަކީވެސް ކޮންމެވެސް ވަރެއްގެ ނިވާކަމެއް ލިބޭ އެއްޗެކެވެ. އިރުގެ ހޫނުކަމުން އެބައިމީހުން ދިޔައީ އަނދަމުންނެވެ.

(كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا ﴿٩١﴾   ) “ކަންހުރީ އެފަދައިންނެވެ. ހަމަކަށަވަރުން، އޭނާގެ ކިބައިގައިވާހާ ކަމެއްގެ خبر، (ވެރިކަމާއި، ބާރުގެ މިންވަރު) ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ.”

(ثُمَّ أَتْبَعَ سَبَبًا ﴿٩٢﴾  ) “ދެން އޭނާ، އެހެން މަގަކުން ކުރިޔަށް ވަޑައިގަތެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.