ހަމައެކަނި ދަރިފުޅަށްޓަކާ…

ލިޔުނީ : މަރިޔަމް ޙުސައިން

އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ޒީނާ ހުއްޓެވެ. ކަންބޮޑު ވުމާއި ހާސްވުމާއި އެކުގައެވެ. އޭނާގެ އުމުރުން ދުވަސްވީ މަންމަ ޒައިނަބް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީދެގެން އިނެވެ. އެމީހުން އިންތިޒާރުކޮށްކޮށް ތިބީ ތިއޭޓަރުން ޑޮކްޓަރުން ނުކުމެ ޚަބަރެއް ދޭނޭ ވަގުތަކަށެވެ. 

ޒީނާގެ މޫނުމަތިން ފެންނަނީ ހާސްވުމާއި ކަންބޮޑުވުމެވެ. ހޮސްޕިޓަލުގެ ކޮރިޑޯތެރެއިން އެތައް ބަޔަކު ދެކޮޅަށް ހިނގިޔަސް އަދި ވާހަކަދެއްކިޔަސް އެއިން އެއްވެސް ކަމެއް ޒީނާއަކަށް އިހުސާސެއް ނުވެއެވެ. އޭނާގެ ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. ނޭވާ ވަނީ ކުރުވެފައެވެ. ފެންކަޅިވެފައިވާ ދެލޮލުން އޭނާ އިރު އިރުކޮޅާ މަންމައަށްވެސް ބަލާލައެވެ. ދެންވާނީ ކިހިނެއްކަން ނޭނގޭތީއެވެ. ވާނީވެސް އެހެންނެވެ. އޮޕަރޭޝަން ތިއޭޓަރުގައި އެވަނީ އޭނާގެ ހިތުގެ އެއްބައެވެ. މޭގެ އެތިކޮޅެވެ. ލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ކުރިއަށް އޮތީ އުފަލުގެ ވަގުތުކަމެއް ނުވަތަ ހިތާމައިގެ ވަގުތުކަމެއް ބުނެދޭން އެނގޭނީ ކާކަށް ހެއްޔެވެ؟

ހިތާހިތުން ޒީނާ ދުޢާކުރަމުން ދިޔައީ ދަރިފުޅަށް ޓަކައެވެ. ދަރިފުޅު ހެޔޮހާލުގައި އޭނާއަށް ލިބުން އެދިގެންނެވެ. އޭނާގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ހިތާމައިގެ ގިލަންތަކުގައި އެތައް އަހަރެއް ވޭތުކޮށްފިއެވެ. އެދުވަސްތަކަށް ނިމުން އައީ ކަމެއް ނުވަތަ ހިތާމައިގެ ދުވަސް އަދި ކުރިޔަށް އޮތީކަމެއް އޭނާއަކަށް ނޭނގެއެވެ.

ޒީނާ ކައިވެނިކުރީ މަތީނުއާއެވެ. ފަސްއަހަރު ރައްޓެހިވެގެން އުޅުމަށްފަހުއެވެ. ކައިވެނިކުރެވުނު އިރު ދެމީހުން ތިބީ ދަސްވާނެ ވަރަކަށް ދަސްވެފައެވެ. އެހެންނަމަވެސް އެއީ ކުންހީއެއްކަން އެނގުނީ ކައިވެނިކޮށްގެން ކުޑަދުވަސްކޮޅެއް ވީތަނާއެވެ. މަތީންގެ މިޒާޖަކީ ކުރިން ފެނުނު މަޖާ އަނގަގަދަ މިޒާޖެއްނޫނެވެ. ކުދިކުދިކަންތަކާއި އަވަހަށް ރުޅިއައިސް ގަޔަށް އަތްލެވޭ ފަހަރު ގިނަވާން ފެށިއެވެ. ދެމީހުން ދެމެދު ދެބަސްވުންތައް ގިނަވާންފެށިއެވެ.

މަތީނަކީ މާލޭގައި ގެދޮރު އޮތް މީހަކަށް ނުވާތީ އުޅެންޖެހުނީ ކުއްޔަށެވެ. އެގޮތަށް ކަންތައްކުރަން ޖެހުނީ ޒީނާގެ މައިންބަފައިން ކައިރީގައި އުޅެން މަތީން ބޭނުންނުވާތީއެވެ. މަތީންގެ މިނިވަންކަމަށް ހުރަސް އެޅިދާނެތީއެވެ.

ކައިވެންޏަށް ދެމަސްވީއިރު ޒީނާ ބަނޑުބޮޑެވެ. އެހާ އަވަހަށް އެފަދަ ޒިންމާއެއް ނަގަން މަތީން ހުރީ ތައްޔާރަކަށް ނޫނެވެ. ގޭގެ ކުލިދައްކަމުން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިއެވެ. މަތީން ބޭނުންވީ ދަރިފުޅު ވައްޓާލާށެވެ. އެހެންނަމަވެސް ޒީނާ އެގޮތް ބޭނުމެއްނުވިއެވެ. ކިތަންމެ ދަތިކޮން އުޅެންޖެހުނަސް އެދަރިފުޅު ދުނިޔެއަށް ގެންނަން ޒީނާ ބޭނުންވިއެވެ. ބަނޑުބޮޑުކަން އެނގުނު ވަގުތުން ފަށައިގެން ޒީނާގެ ހިތުގައި އެދަރިފުޅަށް ލޯބިޖެހިއްޖެއެވެ. އަމިއްލަ ދެއަތުން ހިމާޔަތާއި ލޯބިން ފުރާލަން ބޭނުންވިއެވެ. ބަނޑުބޮޑުވުމުން ޒީނާ އުޅުނީ ވަރަށް ބަލިކޮށެވެ. ހޮޑުލައި ބޯއަނބުރާތީ ގިނައީ ކޮޅަށް ނުހުރޭވޭ ދުވަސްތަކެވެ.

އެހާލުގައި ޒީނާ އުޅެނިކޮން އިވެންފެށީ މަތީން އަންހެނަކާއި ގުޅުން އޮންނަ ވާހަކައެވެ. ޒީނާއަށްވެސް އެއީ ތެދެއްކަން ގަބޫލުކުރެވޭވަރަށް މަތީން ބަދަލުވިއެވެ. ގިނަ ވަގުތު ފޯނުގައި ހުންނަތަން ޒީނާއަށްވެސް ފެނެއެވެ. ގެއަށް އަންނަނީ އެތަށް ދަމެއްވާފަހުންނެވެ. ޒީނާ އަކާއި އެއްގޮތަކަށްވެސް އަޅައެއް ނުލައެވެ. އެނގޭ ކަންކަން ނޭގޭ ކަމަށް ހަދައިގެން ޒިނާއަށް ކެތްކޮއްލެވުނީ މަދުދުވަސްކޮޅަކުއެވެ. އޭރު ޒީނާ ވިހަން ވަރަށް ކައިރިވެއްޖެއެވެ.

ރެއަކީ ވަރަށް ވިއްސާރަރެއެކެވެ. ގަދަވަޔާއި އެކު ވެހެމުންދިޔަ ބޯވާރޭ ހީވަނީ ތޫފާނެއްގެ ފެށުން ހެންނެވެ. އަންނަން އުޅެނީ ކިހާ ވަރެއްގެ ތޫފާނެއްކަމެއް ޒީނާއަށް ކުޑަކޮންވެސް އިޙްސާސެއް ނުވެއެވެ. ޒީނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އިރާކޮޅު ބޭރަށް ދިޔަގޮތަށް މަތީން ގެއަކަށް ނާދެއެވެ. ފޯނުވެސް އޮތީ ނިއްވާލާފައެވެ. މަތީންގެ އިންތިޒާރުގައި ޒީނާ ހޭލައި އިންދާ މަތީން ގެއަށް އައީ ވާރޭ މެންދަމުން އަލިވެ ތިނެއްވެސް ޖެހިފަހުންނެވެ. ލައިގެންހުރި ހުދުގަމީސް ތެމިފޯވެފަވާއިރު އެގަމިހުގައި ފެވިފައިއިން ތުންފަތުގެ ނިޝާން ޒީނާގެ ލޮލުގައި އަޅައިގަތެވެ. ޒިނާއަކަށް ދޫ ހިމޭނުން ލައިގެން ނުހުރެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ޒީނާއަށް އެނގޭ ހުރިހާ އެއްޗެއް މަތީންގެ ކުރިމަތީ ބަންޑުން ކޮއްލިއެވެ. މަތީން ދެކޮޅެއް ނަހަދައެވެ. އެމައްސަލަގަނޑުތެރޭ ދެމީހުންގެ ޒުވާބު ހޫނުވިއެވެ. ކިޔޭ ނުކިޔޭ ނޭނގި އެންމެފަހުން މަތީން ޒީނާ މިނިވަންކޮއްގެއިންވެސް ނެރުނީއެވެ. ޒީނާ ރޮމުން ދޮރުގައި ތެޅުމުންވެސް މަތީންގެ ހަބަރެއްނުވިއެވެ. މަތީންގެ ހިލަހިތަށް އެކައްޗެއްވެސް ނޭރިއެވެ. އެތޫފާނީ ރޭގައި ޒީނާ އޭނާގެ މަންމަ ކައިރިއަށް ދިޔައީ ވެހެމުންދިޔަ ބޯވާރެއާ  ތެމިފޯވެގެންނެވެ.

ޒީނާ ވިހަން ބަނޑުގައި ރިއްސާ ވާހަކަ މަތީނަށް އެނގުމުންވެސް އޭނާ ނައެވެ. ދަރިފުޅު ދުނިޔެއަށް އައުމުންވެސް މަތީން އެދަރިފުޅު ދެކިލަންވެސްނައެވެ. ޒީނާގެ ހިތާމަތަކަށް ނަސޭހަތްދީ އަޅާލަން ހުރީ މުސްކުޅިވެފައި ހުރި ޒީނާގެ މަންމަ އެކަންޏެވެ. އެމަންމަގެ ބަސްތަކުން ޒީނާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް އޭނާގެ އެތެރެހަށީގައި އަޅަމުންދިޔައީ ކެތްނުވާފަދަ ވޭނެވެ.

ހޮސްޕިޓަލުން ގެއަށް ފޮނުވާލަމުން ޑޮކްޓަރ ޒީނާއަށްދިން ޙަބަރުން އޭނާ ދުނިޔެއިން މޮޔަނުވީ ކިރިޔާއެވެ. ޒީނާގެ ދަރިފުޅުގެ ހިތުގައި ލޯވަޅެއް އިން ވާހަކަ ޑޮކްޓަރ ބުނިވަގުތު ޒީނާއަށް ރޮވުނެވެ. ގިސްލެވުނެވެ. އެކުޑަކުޑަ ފުއްކޮޅު އަތުތެރޭ ބޮނޑިކޮއްލެވުނެވެ. ޑޮކްޓަރ ލަފާ ދިނީ ޒީނާގެ ދަރިފުޅު ވީ އެންމެ އަވަހަކަށް އޮޕަރޭޝަންކުރުމަށެވެ. ނޫންނަމަ އެދަރިފުޅުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ. އެކަމަކު އެއޮޕަރޭޝަން ކުރެވެން އޮތީ ރާއްޖެއިން ބޭރުންނެވެ. ވަރަށް ގިނަ ފައިސާ އެކަމަށް ހަރަދުވާނެއެވެ. ކޮންމެ ގޮތަކުންވެސް ޒީނާ އަޒުމްކަނޑައެޅީ އެކަން އަވަސްކުރުމަށެވެ. މަތީންގެ ފައިބުޑަށް ވެއްޓި ޒީނާ އާދޭސްކުރިއެވެ. އެހެނަސް މަތީންގެ ހިތަކު އެދަރިފުޅަށްޓަކާ އެއްވެސް ކުލުނެއް ލޯތަބެއްނެތެވެ.

” ތީ ޒީނާ ބޭނުންވެގެން ދުނިޔެއަށް ގެނައި ދަރިއެއް……… މީގެ ފަހުން ތިހެން ކިޔަމުން ނާންނާތި” މަތީންގެ ރަހުމްކުޑަ ބަސްތައްވީ ޒީނާގެ ހިތުގައެވެ. ޒީނާ ވަރަށް ހިތްވަރާއެކު ކުޑަކުޑަ ޒޯޔާއަށްޓަކާ ތެދުވެތެވެ. ޒީނާއަށް ކިތަންމެ މޮޅަށް ކިޔެވިފައި ހުއްޓަސް ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ހޯދުންވީ އުނދަގޫކަމަކަށެވެ. އަމިއްލަ މީހެއްގެ އޮފީހުން ވަޒީފާއެއް ލިބުނީ ވަރަށް ހާލުންނެވެ. ކިތަންމެ ބޭނުން ނޫނަސް ގިނަ ވަގުތު އުޅެންޖެހެނީ އޮފީހުގައެވެ. ޒިނާ އެންމެ ބޮޑު ހިތާމަކީ ދަރިފުޅާއެކު ހޭދަކުރެވޭ ވަގުތު މަދުވުމެވެ.ބައްޕަގެ  ލޯބިނުލިބޭ ދަރިއަކަށް މަންމަގެ ލޯބިއުނިވާކަށް އޭނާ ނޭދެއެވެ.

ދަރިފުޅުގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކާ ޒީނާ ކިތަންމެ މަސައްކަތެއް އެބަކުރެއެވެ. އެދަރިފުޅަށްޓަކާ އޭނާ އެދަނީ އެކިގޮތްގޮތުން ޤުރުބާން ވަމުންނެވެ. އޭނާ ރީތި ހެދުންތަކާއި މީރުވަސްދުވާ ސެންޓްތަކަށް ފައިސާ ޙަރަދެއް ނުކުރެއެވެ. ލިބޭ މުސާރައިގެ ބޮޑުބައި ރައްކާކުރަމުން ދިޔައީ ދަރިފުޅަށްޓަކާއެވެ. އެވަރުން ނުފުދިގެން އޭނާ ފޯނާއި ބައްޕަ ދުނިޔޭގައި ހޯދާދީފައިވާ ގަހަނާތައް ވިއްކާލިއެވެ. ނުއަގުގައެވެ.އެހުރިހާ އެއްޗަކަށްވުރެން އޭނާއަށް އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުން މާމުހިއްމެވެ. އެއީ އޭނާއާ ހަވާލުވެފައިވާ އަމަނާތެކެވެ.އެމަންމަގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.

 އެވަރުންވެސް ދަރިފަޅަށް ކުރަންޖެހޭ ޙަރަދުތައް ކުރުމަށް ބޭނުންވާ ވަރަށް އޭނާއަކަށް ފައިސާއެއް ނުލިބެއެވެ.ލިބޭ މުސާރަކޮޅުވެސް ކުޑައީއެވެ.

ޒީނާ އެހީތެރިކަމަށް އެދުނީ މަދަރުސީ ދައުރުގެ ރަޚުމަތްތެރިއެއްގެ ކައިރިންނެވެ. މާގާތް ނޫނަސް ބަޝީރަކީ ޒީނާގެ ހާލުބަލާ މަދު އެކުވެރިންގެ ތެރެއިން އެކަކެވެ. ބަޝީރަކީ މާރުކޭޓުން ގޮޅިއަކާއި ގާޑިޔާގެ ވިޔަފާރިކުރާމީހެކެވެ. އެހެން ކަމުން ވަޒީފާއިން ނިމިގެން އޭނާ ދާންފެށީ ބަޝީރުގެ ގާޑިޔަލަށް މަސައްކަތްކުރާށެވެ. ހަށިގަނޑަށް ކިތަންމެ ބުރަނަމަވެސް ކިތައްމެ ވޭނެއް އެޅިނަމަވެސް ރެޔާއި ދުވާލު އޭނާގެ ދަރިފުޅު ރޯރުއިން ދެކެން އެމަންމަގެ ހިތަށް ކުޅަދާނަ ނުވާތީއެވެ.

ޒީނާއަށް ބަޝީރުވީ ކަންކަމުގައި ލަފާދޭ މިތުރަކަށެވެ.ކަނިވަމުންދިޔަ ޙަޔަތާށް އަލިކޮއްދިން ދަންމަރަކަށެވެ. އުއްމީދު ގެއްލިފައިވި ނިކަމެތި މައެއްގެ ހިނިތުންވުންކަމުގައެވެ. ބަޝީރުގެ ލަފާގެ މަތިން ފޭސްބުކާއި ޓްވީޓާރގައި ޒީނާގެ ދަރިފުޅަށް ޗެރިޓީ ޕޭޖެއް ހުޅުވިއެވެ. އެގޮތުގައި އެތަށް ފައިސާއެއް ލިބުނެވެ. އެފައިސާ ޖަމާވަމުން ދިޔައީ ބަޝީރުގެ އެކައުންޓަށް ކަމުން ލިބެމުން ދިޔައީ ކިހާ ފައިސާއެއް ކަމެއް ޒީނާއަކަށް ނޭނގެއެވެ. އެނގެނީ ބަޝީރު ބުނާ އެއްޗެކެވެ. ބަޝީރު ބުނަމުން އައީ މާބޮޑު އެއްޗެއް ނުލިބޭކަމަށެވެ. އެހެން ނަމަވެސް އެއްއަހަރުތެރޭގައި ބަޝީރުގެ ދިރިއުޅުން ދިޔައީ ތަނަވަސް ވަމުންނެވެ. ހީނުރާހާ ހަލުއި ބާރުމިނުގައެވެ. ބަޝީރު ފޯނާއި ސައިކަލު އާކުރިއެވެ.ފިހާރައެއް ހުޅުވާ ވިޔަފާރިފުޅާ ކޮއްލިއެވެ. ފަރުދާގެ ފުރަގަހުގައި ހީލަތްތެރިއަކު ޖެހި ކެހިވެރިކަމެއްގެ ދަންތޫރައިގައި ޒީނާ ބަނދެވުނީއެވެ. ބަޝީރުގެ ފަރާތުން ޒައިނާއަށް ލިބުނީ ހިންތާއެވެ.އިތުރު ގިލަންވެރިކަމެވެ.

އެދެމީހުންގެ ދެމެދު މައްސަލަޖެހި،ދެމީހުން ވަކިވިއިރު ބަޝީރު ދިނީ އެންމެ އަށްހާހެއްހާރުފިޔާއެވެ.

ގޮތްހުސްވެފައިވާ މީހަކު ފަދައިން ޒީނާ އަނެއްކާވެސް ނިކުތީ އާއަޒުމަކާ އާހިތްވަރަކާއި އެކުއެވެ.

ޒީނާ އުޅޭ އޮފީހުގެ ރަހްމަތްތެރިއެއްގެ އެދުމަށް ޒީނާ ދިޔައީ މުއްސަނދި ފޯރުންތެރިންގެ ގޭގައަށް ހިނގަމުންނެވެ. ފައިސާގެ އެހީއެއް ލިބޭތޯ ސަލާން ޖަހާށެވެ. މާޔޫސްކަމާއި އާވާރާކަމުގައި ދަރިފުޅަށްޓަކައި ޤުރުބާންވަމުން ދިޔަ މަންމަ އެހެންމީހުންނަށް ސިފަކުރެވުނީ މަސްތުވާތަކެތީގެ އަޅެއްގެ ގޮތުގައެވެ. ޒުވާން މަޔަކު އެފަދައިން އޭނާގެ ދަރިފަޅަށްޓަކާއި މަސައްކަތް ކުރާނެކަމަށް ވިސްނޭނީ  ކާކަށް ހެއްޔެވެ؟މަދުމީހަކު ފަސްސަތޭކައެއްހާ ރުފިޔާ ދިން ނަމަވެސް ގިނައީ އެއްޗެއް ނުދޭ މީހުންނެވެ.މުއްސަނދިންގެ މުދާ ފަޤީރުނާއި ނިކަމެތީންނަށް ހޭދަކުރުމަކީ އެމީހުންނަށް މާ މުހިއްމު ކަމެއްހެންނެއް ހިޔެއް ނުވެއެވެ. ބަދަލެއް ނުލިބޭ ގޮތަށް މީހަކު ކަމެއްކުރަން ބޭނުންވެސް ނުވަނީއެވެ. ބޮޑުއަގެއް ދޭން އެއްބަސް ވާ މީހެއްގެ ފަރާތުން ލިބެނީ ފާފާގެ ދައުވަތެވެ. ޒީނާއަކީ ފައިސާއަށް އަމިއްލަ ނަފްސް ވިއްކާނެހާ ގޮތެއްނެތް އަންހެނެއް ނޫނެވެ. އެއެދުންތަކަށް ޒިނާ ފުރަގިސްދިނީ އެގޮތުން ނޫނަސް އޭނާއަށް ކޮންމެވެސް އެހެން ގޮތެއް ފެންނާނެކަމަށް އުއްމީދުކުރާތީއެވެ.

ދަރިފުޅު ހެދި ބޮޑުވަމުން އައިވަރަކަށް ޒޯޔާގެ ފުރާނައަށް އައީ ނުރައްކާވަމުންނެވެ. ﷲގެ ހެޔޮ ރަހްމަތާއެކު ޒީނާއަށް އޮޕަރޭޝަނަށް ފައިސާ ލިބޭނެ މަގެއް ފެނުނެވެ. އެފުރުސަތުގެ ބޭނުން ހިފަން ޒީނާ ނިންމީ ޒޯޔާއަށްޓަކާއެވެ.އެކަމުގައި ޒީނާއަށް އެންމެ އުނދަގުވީ ޒީނާގެ މަންމަގެ ރުހުން ހޯދުމަށެވެ.ޒީނާގެ މަންމައަށްވެސް އެކަމަށް އެއްބަސްވެވުނީ ޒީނާ އެކަމަށް އެދި އާދޭސްކުރާވަރުންނެވެ.

އެއްވެސް ކޮޅަކުން އަލިމަގެއް ނުފެނުމުން ޒީނާ ބޮޑު އަގުގައި އޭނާގެ އެއްކިޑްނީ ވިއްކާލީއެވެ. ޒޯޔާގެ ފުރާނަ ސަލާމަތްކުރާށެވެ. އެމައިމީހާގެ ހިތުގައި ދަރިފުޅަށްޓަކާ އުފެދިފައިވާ ކުލުނެއްގެ ބޮޑުކަމުންނެވެ. މަތީންގެ ލޯބި އެދަރިފުޅަށް ދުވަހަކު ނުލިބުނަސް ޒީނާއަށް ހެވެ. ހަމައެކަނި ބޭނުންވަނީ ޒޯޔާ ހެޔޮހާލުގައި ފުރިހަމަ ސިއްހަތެއްގައި ވުމަށެވެ.

މިއަދު ލަންކާ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ކުރެވެމުން އެދަނީ ޒީނާގެ ދެލޯފަދަ ދަރިފުޅުގެ ހިތުގެ އޮޕަރޭޝަނެވެ. ތިއޭޓަރުގެ ދޮރު ހުޅުވުމާއި އެކު  ޒީނާގެހިތްތެޅިގަތެވެ. ހެވިފައި ހުރި ޑޮކްޓަރާއި އޭނާގެ ތަރުޖަމާނު ޒީނާއަށާއި މަންމައަށް ދިނީ އުފާވެރި ޙަބަރެކެވެ. އޮޕަރޭޝަން ކާމިޔާބުވި ޚަބަރެވެ. ޒީނާ ﷲއަށް ޚަމްދު ކުރިއެވެ. އަދި މަންމަގެ ގައިގައި ބައްދައިގެންފައި އުފަލުން ރޮއެގަތެވެ. ދަރިފުޅަށްޓަކާ ޒީނާވީ ޤުރްބާނީ ފެނި ޒައިނަބްގެ ދެލޮލުން ކަރުނަ މީރާލިއެވެ. އެއީ ޒީނާ ހަމައެކަނި ދަރިފުޅަށްޓަކާ އޭނާގެ ފުރާނައިންވީ ޤުރުވާނީއެކެވެ. 

ނިމުނީ  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.