ގުޅުން

ލިޔުނީ ؛ މަރިޔަމް ހުސައިން / ހދ.ކުޅުދުއްފުށި

” ސަމަން ސަމަން…….” އަހަރެން އޮފީހުން އައިސްގެއަށްވަނީ ތެޅެމުން ފޮޅެމުންނެވެ. ސަމަން ސްކޫލަށް ގެންދަން ގަޑިޖެހިދާނެތިންނެވެ. އަހަރެން ހީކުރީ ސަމަން ހުންނާނީ ތައްޔާރުވެގެން ކަމަށެވެ. އެހެން ދުވަސްދުވަހު އަހަރެން އަންނަން ވާއިރަށް ސަމަން ހުންނާނީ ތައްޔާރުވެގެންނެވެ. މިއަދު އަހަރެންނަށް މިއަދު މިއާދެވުނީވެސް ތަންކޮޅެއް ލަހުންނެވެ. އެހެންވެ އަހަރެން ހިތްހަމަނުޖެހުނެވެ.

” ސަމަން …ސަމަން….” ސަމަން ބަލައިވެސްނުލިއެވެ. ބެލްކަނީ ރެއިލުންގގައި އަތްއަޅުވައިގެން މަގަށް ބަލަންހުއްޓެވެ. އެހެންވެ އޭނާގެ މޫނެއް އަހަރެންނަކަށް ނުފެނެއެވެ. ޔަގީނުންވެސް އަހަރެން ގޮވާއަޑު ސަމަންއަށް އިވޭނެއެވެ.

” އަދިވެސް ތައްޔާރު ނުވަނީތަ؟ މިހާރު އެއޮއް ގަޑިޖެހެނީ…؟ އަވަހަށް ތައްޔާރުވެލާ……..” އަހަރެން އެހެން ބުނެފައިވަނީ ފާހާނާއަށެވެ.

ސަމަންއަކީ އަހަރެންގެ ދޮށީ ދަރިފުޅެވެ. މިހާރު އޭނާއަށް ތޭރައަހަރެވެ. ކިޔަވަމުން އެދަނީ ހަތްވަނަ ގުރޭޑްގައެވެ. ދެން ހުރީ އޭނާގެ ކޮއްކޮއެވެ. އަށްއަހަރުގެ ސިމާއެވެ. ސަމަން އާއި ސިމާގެ ބައްޕަ ޒިޔާދު އަހަރެން ދޫކޮށްދިޔަފަހުން މިހާރު ފަސްއަހަރުވީއެވެ. ހަމައެކަނި އެކުދިންގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން އިންނަކެމެވެ. ވަރިކޮއްފައި ދިޔަފަހުން އެއްވެސް އެހީއެއްނުވެއެވެ. އަހަރެންނަކީ އޮފީހެއްގައި ވަރަށް ބުރަކޮން މަސައްކަތްކުރަމުން ދެދަރިންގެ ބުރަ މަސްއޫލިއްޔަތު އުފުލަމުންދާ އެކަނިވެރިމަޔަކީމެވެ. އަހަރެން އުޅޭގޮތް އިޙްސާސްކޮށްލެވޭނީ އަހަރެންފަދަ އެކަނިވެރިމަޔަކަށެވެ. އެދެކުދިންނަށް އެއްވެސް ސިފައެއްގައި އެކުދިންގެ ބައްޕަގެ އެހީއެއް ނުލިބެއެވެ. ކުދިންގެ ޙަރަދުހޯދަން ކޯޓަށް ހިނގުނުވަރު ގުނާ އަދަދު ނުކުރެވޭނެއެވެ. މަތިމައްޗަށް ފުރަމުންދިޔަ ފޯމްތަކަށް ދުވަހަކުވެސް އަލިމަގެއް ފެންނަ ގޮތެއްނުވިއެވެ. ކުއްޖަކު ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރިޔަސް ނާންނާނެއެވެ. ސްކޫލަށް ގެންދަންވެސް ނާންނާނެއެވެ. އެއިން ކުއްޖަކަށް ގުޅާލާނީވެސް ޒިޔާދު ބޭނުންވި ދުވަހަކުންނެވެ. ބައެއްފަހަރު އަހަރެންނަށް ހީވަނީ އެއީ އަހަރެން އެކަނި ކުދިންހެންނެވެ. ވަރިކުރަމަށްފަހު ދަރިންގެ ހައްޤު ޒިޔާދުގެ މައްޗަށް ނެތީހެންނެވެ. އެކުދިން އެވަނީ ބައްޕަ ދުނިޔޭގައި ހުރެ ޔަތީމްވެފައެވެ.

އަހަރެން ފާޙާނާއިން ނިކުތްއިރުވެސް ސަމަން އެހުރި ގޮތަށް ހުއްޓެވެ. އަހަރެން ރުޅި ހައްތަހާ ގަދަ ވާގޮތްވިއެވެ. ސަމަން އަކީ އެއްއިރެއްގައިވެސް އަހަރެން ބުނެފި އެއްޗަކާ ދެކޮޅުހަދާ ކުއްޖެއްނޫނެވެ. ކިތަންމެ ކުރަން ބޭނުން ނުވިޔަސް އަހަރެން ބުނެފިއްޔާ އެކަމެއް އޭނާ ކުރާނެއެވެ. އެކަމަކު މިއަދު ސަމަން އިވޭ ކަމަކަށް ނުހެދިއެވެ. އަހަރެން ވަރަށް ބާރު ލައިފައި ގޮސް ސަމަން ކައިރީ ހުއްޓުނީމެވެ. ސަމަން ރޮނީއެވެ. ބޭރަށް އަޑު ނީއްވާ ހުރެގެން ރޮނީއެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ސަމަން ދެރަވާވަރު ކަމެއް އަހަރެން ނުކުރަމެވެ. ސަމަންގެ ކޮނޑުގައި ހިފާ އަހަރެންނާ ދިމާލަށް އަނބުރާލީމެވެ. އަހަރެންގެ މޫނަށް ބަލާލާފައި ސަމަން އަހަރެންގެ ގައިގާ ބައްދާލިއެވެ. އިތުރަށް އަހަރެންނަށް ލިބުނީ ހައިރާންކަމެވެ.

” ދަރިފުޅާ ކިހިނެތްވީ ؟ “

” ކީއްވެ ތި ރޮނީ …..ބުނެބަލަ މަންމަ ކައިރީ …….؟ ” އަހަރެންގެ ހިތް މަޑުފުއްކޮޅަކަށް ބަދަލުވިއެވެ. އެހާ ލޯބިން  ދަރިން ބަލަމުން އަންނަ މަޔަކަށް ދަރިޔަކު އެގޮތަށް ރޯތީ ފެނުމުން ހިތްހަރުކުރާނީ ކިހިނެތް ހެއްޔެވެ؟

ސަމަން އެއްޗެއް ބުނަން އުޅުނުހެން ހީވިޔެވެ. ދޮރުގައި ބޭރުން ޓަކިދިން އަޑަށް ދެމައިންގެ ސަމާލުކަންވެސް ހުއްޓުނީ އެދިމާލަށެވެ. އަހަރެންނަށް ހިނގައިގަނެވުނީ ދޮރާދިމާލަށެވެ. ތަޅު ހުޅުވާ ބަލާލިއިރު ދޮރުމަތީގައި ހުރީ ބޮޑުބޭބެއެވެ. އަހަރެން ފެނުމުން ހިނިތުންވެލިއެވެ.

” ކޮބާ ސަމަން؟ ” އެތެރެއަށް ވަންނަމުން ބޮޑުބޭބެ ބުނެލިއެވެ.  ބޮޑުބޭބެ އަތުގައި އޮތް ރިމޯޓްކާރު ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ސަމަން ދުރުގައި ބޮޑުބޭބެއަށް ބަލަން ހުއްޓެވެ.

” މީ ސަމަންއަށް ގެނައިތި….! ބޮޑުބެ ބުނީމެއްނު ރިމޯޓް ކާރެއް ގެނެސްދޭނަމޭ……” އަހަރެންނަށް ބަލާލެވުނީ ސަމަންގެ މޫނަށެވެ. ސަމަން އިސްޖަހާލިއެވެ. އަހަރެން ހިތްހަމަނުޖެހުނީކަން އެނގުމުންނެވެ. ސަމަން އެރުއީ ރިމޯޓްކާރު ނުލިބިގެން ހެއްޔެވެ؟

” ސަމަންދެން ރިމޯޓްކާރު ދުއްވާވަރެއް ނުވެޔޭނުން……….މިހާރު ސަމަން ބޮޑޭ….” އަހަރެން އުޛުރެއްދެއްކީމެވެ. އެކާރުގައި ސަމަން ހިފާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. އެހެނަސް އެއީ ކީއްވެގެންކަން ޙުދު އަހަރެންނަކަށްވެސް ނޭގެއެވެ.

” ލޫތު އާއި ނޫރު ރިމޯޓްކާރު ގެންގުޅޭތި ސަމަންވެސް ބޭނުންވީދޯ…….”

” އަވަހަށް ހިފާ ……..” ސަމަން ލޮލުގެ އެއްކޮޅުން ބޮޑުބޭބެއަށް ބަލާލިތަން ފެނުނެވެ. ސަމަން އޭގައި ހިފާކަށް ނޫޅެއެވެ. ބޮޑުބޭބެ ގޮތްދޫނުކުރާނެކަން އެނގޭތީ އަހަރެން އޭގައި ހިފުމަށް ސަމަން ކައިރީ ބުނީމެވެ. ސަމަން އިސްޖަހައިގެން ހުރެ ކާރުގައި ހިފިއެވެ. ކާރެއް ބޭނުން ވާހަކަ ބޮޑުބޭބެ ކައިރީ ބުނެވުނީތީ ލަދުގަތީކަމަށް ވެދާނެއެވެ.

” އަވަހަށް ތައްޔާރުވޭ ގަޑި ނުޖެހި މިއަދު ނުދެވޭނެ………..” އަހަރެން ބާރު އެޅީ ސަމަން ސްކޫލަށްދާށެވެ. ސަމަން އިސްޖަހައިގެން ހުރެ ވަނީ ކޮޓަރިއަށެވެ.

” ބޮޑުބެއަށް އެނގޭ ޒިޔާދު މައިޝާއަށް އެކައްޗެއްވެސް ނުދޭކަން………މައިޝާ އެކަނި ކަން ދެކުދިން ބަލަމުން ތި ގެންދަނީ…..އެކުދިން ބޭނުންވާ ހުރިހާ އެއްޗެއް މައިޝާއަށް ހޯދަނުދެވޭނެކަން……” ބޮޑުބޭބެ ފެށީ އެހެން ވާހަކައެކެވެ. އަހަރެންގެ ހާލަށް ހަމްދަރުދީވަނީކަމަށް ވެދާނެއެވެ. ކުދިންކުޅެން އެއްޗެހި ގަނެދިނުމަކީ އަހަރެން އެއްއިރެއްގައިވެސް ކުރިކަމެއްނޫނެވެ. އެކުދިންވެސް އެއްއިރަކުވެސް ކުޅޭއެއްޗެހި ހޯދަދޭން ނުކިޔާނެއެވެ. އަހަރެން އޮންނާނީ އެކުދިންނަށް އަހަރެންގެ ހާލަތު ކިޔާދީފައެވެ. ބޮޑުވަމުން އައިވަރަކަށް އެކުދިންނަށްވެސް އެނގެންޖެހޭނެކަމަށް ފެންނާތީއެވެ. މަންމަ އެކަނި ކުރާ މަސައްކަތުން ކުދިންނަށް ކޮންމެހެން ބޭނުން އެއްޗެއް ނޫނީ ނުގަނެވޭނެ ވާހަކައެވެ. ސަމަން އާއި ސިމާ ކައިރީ ބައްޕަ ނުހުންނާތީ ބައްޕަ މިއާއިލާއަށް ޙަރަދު ނުކުރާނެ ވާހަކައެވެ. މަންމަ އެކަނި ހުންނަ އާއިލާތަކަށް ހަރަދުކުރަނީ މަންމަކަމަށް އެކުދިން ކައިރީ ބުނީ ބައްޕަ އެއްޗެއް ނުދޭކަން ނާންގާށެވެ. ބައްޕަޔަށް އެކުދިން ނަފްރަތުކުރަން ނޭދޭތީއެވެ.

ހަފްތާއެއްވަރު ފަހެވެ. އަހަރެން އުޅުނީ ކޮޓަރިތެރެ ތަރުތީބު ކުރާށެވެ. ކުރީ ދުވަހު ބޮޑުބެދިން ރިމޯޓްކާރު ފޮށިން ނުކަނޑާ އަލަމާރިތެރޭގައި ބައިންދާފައި އިނެވެ. އަހަރެން އެނަގާ ބަލާލީ އިތުރަށް ޔަގީންކުރާށެވެ. ސަމަން އެހާ ބޭނުންވެގެން ބޮޑުބެ ކައިރީ ބުނެގެން ގަން އެއްޗެއް ބޭނުން ނުކޮށް އިނުމުން ހައިރާންވިއެވެ.

” މަންމާ…..ދޮންބެ ބުނީ ތިކާރާ ނުބެހޭށޯ…..” ފާހާނާއިން ނިކުތް ސިމާއަށް އަހަރެން އެކާރަށް ބަލަން އިންގޮތުން ބުނެލިއެވެ.

” ދޮންބެ ބުނީ ކޮއްކޮވެސް އަތް ނުލާތިވޯ ދޮންބެވެސް މިކާރެއް ނުކުޅޭނަމޯ……ތީވަރަށް އަތްޗިކުއްޖަކު ދިން ކާރެކޭވެސް ދޮންބެ ބުނި………މަންމާ ކާކުތަ ތިކާރުދިނީ……..؟ ” އަހަރެންގެ ސަމާލުކަން ސިމާ ދައްކަމުންދިޔަ ވާހަކައަށް ހުއްޓުނެވެ.

” ތީ ކުނިބަލައި އަންނަ ބޭބެ ގެނައި އެއްޗެއް ވީމަތަ ދޮންބެ އެގޮތަށް އެބުނީ………..” ސިމާ އަކީ އަނގަގަދަ ކުއްޖެކެވެ. ކުނި ބަލައި އަންނަ ބިދޭސީމީހާ ގައިން ނުބައިވަސްދުވާތީ ސިމާ ފާޅުކުރީ އޭނާ އެންމެ ފޫހިވާ މީހާގެ ނަމެވެ.

” މީ ދޮންބެއަށް ބޮޑުބެ ދިނީތި ……..ދޮންބެ ބޭނުންވެގެން……” އަހަރެން އަލަމާރި ލައްޕާލަމުން ސިމާގެ މޫނަށް ބަލާލީމެވެ. އެމޫނުމަތިން ފެންނަނީ ފޫހިކަމެވެ.

” ތިހެން ވީރު އަބަދު ކުޅޭ އެއްޗެއްހި ދެނީ ބޮޑުބެދޯ…….” ސިމާ އެއްޗެއް ހަނދާން ކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. މިކާރު ނޫނީ ބޮޑުބެ ދިން އެއްވެސް އެއްޗެއް އަހަރެން ނުދެކެމެވެ. ސިމާ އާ ކައިރިއަށްޖެހިލެވުނެވެ.

” ދަރިފުޅު ކީކޭތަ ތިކިޔަނީ…..؟  ” ސިމާގެ ދެއަތުގައި ހިފަހައްޓާލަމުން އަހަރެންނަށް އަހާލެވުނެވެ.

” ދޮންބެ އެއްވެސް ކުޅޭ އެއްޗެއް ބޭނުމެއް ނުކުރޭ ހަލާކުކޮށްލާފަ ޑަސްބިނަށް ލަނީ ………ކޮއްކޮ އެހިން ކީއްވެހޭ ހަލާކުކުރަނީ ؟ ކާކު ދޭ އެއްޗެއްސެއްހޭ ދޮންބެ ނުބުނި………” ސިމާ ކޮނޑު އަރުވާލިއެވެ. އަހަރެން ހިތުގައި އުފެދުނީ ބިރުވެރިކަމެވެ. އެހާ ގާތުން ދެކުދިންގެ ކަންތައް ބަލަމުން އަންނަކޮން އަނެއްކާ ބޮޑުބެ………..ނޫންނޫން އަހަރެންނަށް ރޮވެން އުޅޭހެން ހީވިއެވެ. ސަމަންއަށް ކަމެއް ދިމާވަންޏާ އަހަރެންނާ ހިއްސާނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އޮފީހަށް ދާންޖެހޭތި އެންމެ ކަންބޮޑުވީ އަންހެން ދަރިފުޅާއި މެދުގައެވެ. މީހެއްގެ ފަރާތުން ގޯނާއެއް ކޮށްދާނެތީ ކަންބޮޑުވީ ސިމާއާ މެދުގައެވެ. އޮފީހަށްދަމުން އަހަރެންގެ ދޮންތަ ކައިރިއަށް ސިމާ ގެންދަނީ ގޭގައި އެކަނި ބަހައްޓަން ނުކެރިގެންނެވެ. އަންހެން ކުއްޖަކަށްވީތީއެވެ. ފިރިހެންކުދިންނަށްވެސް ޖިންސީ ގޯނާ ކުރާކަން ވިސްނާލަން މަޖްބޫރުވީ މިކަހަލަ އަޑެއް އިވުނީމައެވެ. މީ ގާތްކޮން އުޅޭ މީހުންނާއި މެދު ވެސް އިތުބާރުކުރަން ހެޔޮވާވަރުގެ ޒަމާނެއްނޫނެވެ. އަގު ބޮޑެތި އެއްޗެހި ދީގެން ކުދިންގެ ހިތްހޯދަން ކިތަންމެ ބަޔަކު މަސައްކަތްކުރާނެއެވެ.  އަހަރެން ބޭނުންވީ ސަމަންނާ ވާހަކަދައްކާށެވެ. އެއަށްފަހު ފިޔަވަޅު އަޅާށެވެ.

ސަމަންގެ ކޮޓަރިއަށް ދިޔައިރު އޭނާ އިނީ ދޮރަށް ފުރަގަސްދީގެންނެވެ. ބެލްކަންޏަށް ނިކުންނަ ދޮރު ކަހާލައިގެން ގޮނޑިއެއްގައި އިށިއިނދެގެންނެވެ. މިހާރަކަށް އައިސް އަހަންނަށް ފާހަގަވީ ސަމަން އެކަނިވެރިކަމަށް ލޯބިކުރާމިންވަރެވެ.

” ސަމަން….” ސަމަންގެ ކޮނޑުގައި އަތް ޖައްސާލައި އަހަރެން އޭނާގެ ނަމުން ގޮވާލީމެވެ. ސަމަން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް އެއްޗެއް ދޫވުމާއިއެކު ބިއްލޫރިތަކެއް ތަޅައިގެންދިޔަ އަޑާއެކު ތަނަށްވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލިއެވެ. އެއާއެކު އަހަރެންގެ ސަމާލުކަން ދަތުރުކުރީ ބިންމަތީގައި އޮތް އެއްޗަކަށެވެ. ފޮޓޯ ފުރޭމެއް ތަޅައިގެން ދިޔައީއެވެ. އަހަރެން އޭގައިވާ ފޮޓޯގަނޑު ނަގާ ބަލާލީމެވެ. ހެވިފައިއިން ސިމާ އުރާލައިގެން އަހަރެން ހުރިއިރު ސަމަން ގޮނޑިއެއްގައި އިނެވެ. ސަމަންގެ ފަހަތުގައި ހުއްޓިގެން ހުރީ ޒިޔާދެވެ. އެހެނަސް ޒިޔާދުގެ މޫނުގައި މާކަރަކުން ކުރަހާފައިވާތީ މޫނު އެނގޭކަށްނެތެވެ. އެއީ ސިމާގެ ދެވަނަ އުފަންދުވަހު ނަގާފައިވާ ފޮޓޯއެކެވެ. އަހަރެން ހިތުގައި ސުވާލު އުފެދުނެވެ. ޒިޔާދުގެ މޫނު ނޭގޭ ވަރަށް ކުރަހާފައި ހުރުމުންނެވެ.

” ކީއްވެ މީނީ ބައްޕަގެ މޫނުގައި ކުރަހާފަ ” އަހަރެން ބަލާލީ ސަމަންގެ މޫނަށެވެ. އެދެލޮލުން އައިސްފައިވާ ކަރުނަ ފެނުނީ އެވަގުތުއެވެ.

” ސަމަންގެ ފެމެލީގަ ބައްޕައެއް ނުހުރެޔޭނުން އެހެންވެ…….” ސަމަންގެ އަޑުގައިވީ ރިހުން އަހަންނަށް އިޙްސާސްކުރެވުނެވެ.

” ނޫނޭ…….ސަމަންގެ ބައްޕަ އެހެން ގެއެއްގަ ހުއްޓަސް އެހަމަ މިފެމެލީ ކުއްޖެކޭ.އެއީ…..” އަހަރެން ހިނިތުންވެވޭތޯ މަސައްކަތްކުރީމެވެ. އެހެނަސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ބައްޕަޔަކާއި ނުލާ ދަރިން ބޮޑުކުރުމުގެ ބުރަ އަހަރެންގެ ކޮންމެ ގުނަވަނެއް އިހްސާސްކުރާނޭކަން ޔަގީނެވެ.

” ބައްޕަ ހުންނަނީ ނަމެއްގައޭނުން…….ބައްޕަގެ އަޅާލުން އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ ކޮންމެ ތާކު ބައްޕަ ހުއްޓަސް……. ބައްޕަގެ ދެއަތުގެ ހިމާޔަތް އަޅުގަނޑު ބޭނުން……” ސަމަން ކުއްލިއަކަށް އެހާ ބޮޑު ވާހަކަތަކެއް ދައްކަން ފެށުމުން އަހަރެން ޖެހިލުންވިއެވެ. ކަންބޮޑުވިއެވެ.

” ސަމަން…….” ފިލިތަކަށް ބާރު ލައިފައި ސަމަން އަށް އަހަރެން ގޮވާލީމެވެ. އޭރު ސަމަން ގިސްލުމުގެ އަޑު ބާރަށް އިވިއިވި ހުއްޓެވެ. މިއޮއްހާ ދުވަހަ ޒިޔާދުގެ އެހީއެއް ނުލިބެއެވެ. ކުއްލިއަކަށް ބައްޕަގެ ލޯބި ބޭނުންވާ ވާހަކަ ދައްކަން ފެށުމުން އަހަރެން ހިތުގައި ޖެހުނެވެ. އަހަރެންނަށް އެއިން ކުއްޖަކަށް ދޭންޖެހޭ ލޯބި އުނި ކުރެވުނީބާއޭ އެތަށް ފަހަރަކު ހީކުރެވުނެވެ.

” މަންމަ މިކުރާ ސުވާލަށް ދޮގެއް ނުހަދާ ޖަވާބު ދީބަލަ……” ސަމަން އަހަރެންގެ މޫނަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ.

” ކީއްވެ ބޮޑުބެ ސަމަންއަށް ކުޅޭ އެއްޗެހިދެނީ ……. ކީއްވެ ބޮޑުބެ ދޭ އެއްޗެހި ސަމަން ހަލާކުކުރަނީ ސަމަން ބޭނުން ވެގެންނެއް ނޫންތަ އެއްޗެހި ދެނީ…….” ސަމަންގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އިސްޖަހައިގެން އިނދެ ދެއަތް މުއްކަވާލިތަން އަހަރެންނަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.

” ބުނެބަލަ ދަރިފުޅާ…..މަންމަ ކޮންމެ ކަމެއްގައިވެސް އެހީވާނަމޭ…….ދަރިފުޅަށް އެއްވެސްކަމެއް ވިޔަކަ ނުދޭނަމޭ………” އޭރު އަހަރެންނަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެހެނަސް އެކައްޗެއްވެސް ސަމަންގެ ފަރާތުން ނޭގުނެވެ.

ޖެހިގެން އައިދުވަހެވެ. އަހަރެން އޮފީހުގައި އިނދެފައި ގެއަށްދާން ނިކުތީމެވެ. އެހެންޏާ ގެއަށްދާ ގަޑިއަށްވުރެން ތަންކޮޅެއް ކުރިންނެވެ. ގޭގެ ދޮރުގައި ހިފިއިރު ދޮރުހުރީ ތަޅުލައިފައެވެ. ދޮރުމަތީ ކައިރީ ބަހައްޓާފައި ހުރި ފައިވާނުން އެތެރޭގައި އުޅެނީ ކާކުކަން އަހަންނަށް ޔަގީންވިއެވެ. ދަބަހުން ތަޅުދަނޑިފަތި ނަގާ ދޮރުހުޅުވާލީމެވެ. ސިޓިންގރޫމްގައި އެއްވެސް މީހަކު ފެންނާކަށްނެތެވެ. އިވެމުންދިޔައީ އިނގިރޭސި ލަވައެއްގެ އަޑެވެ. ސަމަންގެ ކޮޓަރިންނެވެ. ކުޑަކޮން ހުޅުވިފައިވާ ދޮރުން އެތެރެ ބަލާލީމެވެ. ފެނުނު މަންޒަރުން އަހަރެންގެ ފައިދަށުން ބިންގަނޑުދެމިގެން ދިޔައެވެ. ބޮޑުބޭބެ ސަމަން އެކީ އެކުރާ ނުބައިކަންތައްފެނި އަހަރެން ބުއްދިގޯސްނުވީ ކިރިޔާއެވެ. ޖެހިޖެހީނުން އެމީހާގެ ވަސްފޮހެލަން އަހަރެން ބޭނުންވިއެވެ. އެހެނަސް އެފަދަ ކުށަކަށް އަރައިގަތުމުގެ ބަދަލުގައި އަހަރެން ގުޅީ ފުލުހުންނަށެވެ. ބޮޑުބެ ސިމަންނަށް ޖިންސީ ގޯނާކުރާކަމުގެ ކުށުގައި ބަންދުކުރެވުނީ ފުރިހަމަ ހެއްކާއިއެކުއެވެ.

އެހަބަރާއިއެކު ޒިޔާދު އަހަރެންނަށް ގުޅިއެވެ. ދަރިން ނުބެލޭކަމުގެ ޝަކުވާކުރިއެވެ. އެވަގުތު އަހަރެންގެ ދެލޯ ތެންމާލީ ކަރުނުންނެވެ. އެއީ ހަމައެކަނި އަހަރެންގެ ޒިންމާއެއް ހެއްޔެވެ؟ އޭގައި އަހަރެންގެ ކުށްވެސް އޮތެވެ. ދަރިއަކު ފުރާވަރަށް އަރައިގެން އަންނައިރު އެނގެންޖެހޭނެ ކަންކަން ހުންނާނެއެވެ. އަންހެންކުއްޖަކު ކަމުގައި ވިޔަސް އަދި ފިރިހެންކުއްޖަކު މިކަންކަން އިސްތިސްނާ ވެގެންނުވެއެވެ. ކުދިން ގައިގާ އެހެންމީހުން އަތްލަން ނުޖެހޭނެތަންތަނަކީ ކޮބައިކަން އެކުދިންނަށް ބުނެވެންވާނެއެވެ. ސިމަންއަށް އެ ގޯނާ ލިބޭތާ ކިތަންމެދުވަހެކެވެ. އެއްވެސް މީހަކަށް އެވާހަކަ ދެއްކިފައި ނެތުމުން އެކުއްޖާއަށް ބޮޑުބޭބެ ފަރާތުން ލިބެމުންދިޔަ ގޯނާތަކުގެ ވާހަކަދައްކަން ނުކެރުނީއެވެ. ނޫނީ ނޭގުނީއެވެ.

ދަރިންގެ ޙަރަދުތައް ނުލިބި ކިތަށް މައިން ގަނަތެޅޭ ހެއްޔެވެ؟ އަހަރެންނަށްވެސް އާއްމުދަނީ ހޯދަން މަސައްކަތްކުރަމުން ސަމަނާއި މެދު ބާއްވަންވީވަރުގެ ބަދަހި ގުޅުމެއް ނުބޭއްވުނީކަމަށް ވެދާނެއެވެ.  ހާއްސަކޮން ދަރިއަކު ފުރާވަރަށް އަރައިގެން އަންނައިރު މައިންބަފައިން ކިޔައިދޭން ޖެހޭ ވާހަކަތަކެއް ހުންނާނެއެވެ.

ސިމަންއަށް ދިމާވިގޮތް ހުރިހާ ކުދިންނަށް ދިމާ ނުވެދާނެއެވެ. ދެމީހުން ވަކިވެފައި ތިއްބަސް ދަރިންނާއި މެދު ބަހައްޓަންޖެހޭ ގާތްކަން ކެނޑިގެންނުވާނެއެވެ. ވަކިވަނީ މަންމަޔާއި ބައްޕައެވެ. އެދެމީހުންގެ ގުޅުން ކެނޑުނަސް އެބައްޕަޔާއި ކުދިންނާއި މެދު އޮންނަ ގުޅުން ކެނޑިގެންނުވާނެއެވެ. ކޮންމެތާކު ހުއްޓަސް އެގުޅުން އޮންނަން ޖެހޭނެއެވެ.

           ~ ނިމުނީ ~

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.