އިންތިޒާރުގެ ނިމުން

ލިޔުނީ : މަރިޔަމް ޙުސައިން / ހދ.ކުޅުދުއްފުށި

ގޭތެރޭގައި ވަރަށް ފޯރިގަދައެވެ. މީހުންގެ ހުނުމުގެ އަޑާއި ތެލިތަށި ތަޅުވާ އަޑުތަކުން ގޭތެރޭގައިވީ އުފާވެރިކަމުގެ އޮއެވަރެކެވެ. އަހަރެން ހުރީ މޭކަޕްކޮށް ނުނިމިގެންނެވެ. މޭކަޕްކުރަން ގެނައި ކުއްޖާ ހިތްހަމަޖެހޭ ވަރު ނުވަނީސް އަހަރެންނަށް އޭނާ ކައިރިން ސަލާމަތެއް ނުވެވުނެވެ. ހުދުކުލައިގެ ރީތި ވެޑިންގޑުރެސްގައި އަހަރެން ހުރި އިރު ކުރެވެމުންދަނީ ތަފާތު އިހްސާސެކެވެ. ކުރިއަށް އޮތް ވިއްސަކަށް މިނެޓް ފަހުން އަހަރެންވާނީ މުއާޒްގެ އަނބިމީހާއަށެވެ. މިދުވަހަށް އަހަރެން ކުރަމުން މިއައީ ވަރަށްވެސް ދިގު އިންތިޒާރެކެވެ. މިއިންތިޒާރުގެ ނިމުން ފޮނިވާނެކަމާއި މެދު އަހަރެން ޝައްކެއްނުކުރަމެވެ. ސަބަބަކީ އަހަރެން އަތުގައި ހިފައިގެން އަހަރެން އެކުވާން މުއާޒް ހުރުމުންނެވެ. އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްގައި މުއާޒް އަހަރެން ގާތުގައި ހުންނާނެތީއެވެ.

ކޮޓަރިތެރޭގައި އަހަރެން އެކަނިވުމުން އަހަރެން ގޮސްހުއްޓުނީ ލޯގަނޑުކުރިމަތީގައެވެ. އިސްކޮޅާއި އެއްވަރުގެ އެލޯގަނޑުން ފެންނަންހުރި އަހަރެންގެ ސޫރައަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލީމެވެ. އެވަގުތު އަހަރެން ލޮލުގައި އަޅައިގަތީ ދެއަތުގައި ހުރި ލަކުނުތަކުގައެވެ. އެއްއަތުގައި ފިރުމާލެވުނު އިރު އަހަރެންގެ ދެލޯ ފުސްވެގެން އައީ އެލަކުނުތައް ފެނިފައެވެ. އެއާއެކު އަހަރެންގެ ހިޔާލުގެ ފީތާ ދަތުރުކޮށްލީ މީގެ ދެއަހަރެއްހާ ދުވަސްކުރިއަށެވެ.

މުއާޒް އޮތީ އަހަރެންގެ އުނގުގައި ބޯއަޅާލައިގެންނެވެ. އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭތާ އަހަރެއްވަރު ވެދާނެއެވެ. ދެމީހުންގެ ރައްޓެހިވެގެން އުޅޭކަން އަހަރެންގެ މަންމަ ފިޔަވައި ދެން އެނގޭނީ އަހަރެންގެ ވަރަށް ގާތް އެކުވެރިންނަށެވެ. މުއާޒް ގޭމީހުން ކައިރީ އަހަރެމެން ދެމީހުންގެ ގުޅުމުގެ ވާހަކަ އޭނާ ނުދައްކައެވެ. އެކަމާ އަހަރެން ކިތަންމެހާވެސް ކަން ބޮޑުވެއެވެ. މުއާޒްގެ އާއިލާ ދެމީހުންގެ ގުޅުމަށް ނުގަބޫލުވެދާނެތީއެވެ.

” މުއާ…..އަދިވެސް މަންމަމެން ކައިރީ ނުބުނަންތަ ؟ ” އަބަދުވެސް ކުރަމުން އަންނަ ސުވާލު އަހަރެންނަށް ތަކުރާރްކުރެވުނެވެ. ސަބަބުތައް ބައިވަރެވެ. އަހަރެންގެ ހަޤީގަތް އެމީހުންނަށް އެނގުން މުހިއްމު ކަމުގައި އަހަންނަށް ފެންނާތީއެވެ. ލޭއަޅާ ކުއްޖަކަށް ވީތީއެވެ. މުއާޒްގެ އާއިލާ އަހަރެން ބަލައިނުގަނެދާނެތީއެވެ.

” ބުނިން ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާޙަކަ ……ވަރަށް އަވަހަށް މެރީ ކުރާނަމޭވެސް ބުނިން………” މަރައިގެން އޮތް ދެލޯ ހުޅުވާލައި އަހަރެންގެ މޫނަށް މުއާޒް ބަލާލިއެވެ.

” ނުބުނަންތަ އަހަރެން މީ ކޮންކަހަލަ ކުއްޖެއްކަމެއް ؟ ” އަހަރެން މޫނުމަތިން ފެންނަ ސީރިޔަސްކަމުން މުއާޒް ޖަހާލީ ހިނގަނޑެކެވެ.

” ހޫމް……. ކޮންމެހެން އެހާ މުހިއްމެއް ނޫނެއްނު…..މަންމަމެން ވަރަށް ކޫލްވާނެ އަހަރެންގެ ނިންމުމަކަށް އެމީހުން ދެކޮޅެއް ނަހަދާނެ……..އެމީހުން ކަންބޮޑުވަނީ އަހަރެން މީހަކާ ނީނދެގެން………..”

” އަހަރެންގެ ފެމެލީ މީހުންނަށް ޝިފޫ ދައްކާލަން ގެންދާނަން ……..އޯކޭ..” އަހަރެން ބޯޖަހާލީމެވެ. އެވަރުން އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އެކަމަކު މުއާޒަށް ކޮންމެވެސް ވަރަކަށް އަހަރެންގެ ވާހަކަ ދެއްކީތީ އެކަމާ ދެކޮޅެއް ނަހަދަމެވެ.

މުއާޒް އަހަރެން އޭނާ ގޭމީހުންނާ ރައްޓެހިކޮށްދޭން ބޭނުންވި ދުވަހަކީ މުއާޒް މަންމަގެ އުފަންދުވަހުއެވެ. މަންމައަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. ދުވަހަކީ ހުކުރު ދުވަހަށްވެފައި ގޭއެންމެންނާވެސް ބައްދަލުވާނެތިންނެވެ. މުއާޒާއި އެކު އެގެއަށް އަހަރެން ދިޔައީ ކުޑަ ކޭކެއްވެސް ގަނެގެންނެވެ. 

ރަނގަބީލް ޖެހުމުން ދޮރު ހުޅުވީ މުއާޒްގެ ކޮއްކޮއެވެ. މުއާޒާއި އަހަރެންގެ މޫނަށް ބަލާލާފައި މުއާޒުގެ ކޮއްކޮ މީޒާ ހިނިތުންވެލިއެވެ.

” ފަހަރިތަ މީ……..” އަހަރެން ލަދުން އިސްޖަހާލީމެވެ. އެއާއެކު މީޒާއަށް ޖަވާބު ލިބުނީކަން ނޭގެއެވެ. އަހަރެން އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަންނަމުން ގޭ އެންމެންގެ ނަމުން ވަކިވަކިން ގޮވިއެވެ. އަހަރެން ހުރީ ލަދުން ހަލާކުވާ ވަރުވެފައެވެ.  މުއާޒްގެ މަންމަ އެތެރެއިން ނިކުންނަމުން ތަނެއްގައި ރޯވީތޯ ސުވާލުކުރިއެވެ. އެވަގުތު އެމަންމަގެ މޫނުން އަހަރެން ފެނުމުން ތަފާތު އެހެން އަސަރެއް ފެނުނެވެ.

” ހެޕީ ބާރތުޑޭ މަންމާ………” މުއާޒް އޭނާގެ މަންމައަށް ކޭކު ދިމާކޮށްލަމުން އުފަން ދުވަހުގެ ތަހްނިޔާ ކިޔާލިއެވެ. އަދި އަހަރުން ކޮނޑުގައި ހިފައި ގާތް ކޮއްލަމުން މި ސަޕްރައިޒް ކަމުދޭތޯ މުއާޒު އެހިއެވެ. މިމަންޒަރު ބަލަން މުއާޒްގެ ކޮއްކޮ މީޒާ އާއި ދައްތަ އަދި ބައްޕަވެސް ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއިމެދު ފޮނި ހުވަފެންތަކެއް ދެކޭކަމެވެ.

އެގެއަށް އައި ފުރަތަމަ ދުވަހަށްވާތީ މުއާޒްގެ މަންމަމެން ބޭނުންވީ އެމީހުންނާއި އެކު ހަވީރުގެ ސައިގައި ބައިވެރިވުމަށެވެ. އަހަރެންނަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ސައިމޭޒު ދޮށުގައި އަހަރެން ގޭމީހުންނާއި ބެހޭ ގޮތުން އެމީހުން ސުވާލުކުރިއެވެ. އަހަރެންގެ މަންމަޔާ ބައްޕަ ވަކިވީ އަހަރެން ވަރަށް ކުޑައިރުގައި ކަމަށް ބުނީމެވެ. އެހެނަސް ވަކިވި ސަބަބެއް ހާމައެއް ނުކުރަމެވެ. އަދި އަހަރެން ހުންނަނީ މަންމަ ކައިރީގައި ކަމަށް ބުނީމެވެ.

އެއުފާވެރި ވަގުތުކޮޅަށް ނިމުން އައީ ޖެހުނު ބާރު ވައިރޯޅިއެއް ފަދައިންނެވެ. އަހަރެން އަތުގެ ހިކަނދިމަސްގަނޑުގައި ހުރި ލަކުނުތައް ފެނި އެއީ ކިހިނެތްވެފައިތޯ މުއާޒްގެ މަންމަ ސުވާލުކުރިއެވެ. އަހަރެންނަށް ބަލާލެވުނީ މުއާޒްގެ މޫނަށެވެ. ވަރަށް ޖެހިލުންވެ އިނދެ އަހަރެން ޖަވާބު ދިނީމެވެ.

” އެއީ ޑެސްޕަރޯލް ގުޅާތީ ހުންނަ ލަކުނުތަކެއް………އަހަ……އަހަރެން މީ ތެލްސީމިޔާ ލޭއަޅާކުއްޖެއް…..” އެވަގުތު އެތަނުގައި ބޮމެއް ގޮވިނަމަވެސް އަހަރެން އެހާ ބިރެއް ނުގަތީހެވެ. އެންމެންގެ މޫނުމަތީގައިވި ހިނިތުންވުން ފިލާ ތަފާތު ނަޒަރަކުން އަހަރެންނާ ދިމާލަށް ބަލާކަން ފާހަގަވިއެވެ. އެހިމޭންކަން ފޫއަޅުވާލައި ވާހަކަދެއްކޭތޯ މަސައްކަތްކުރީ މުއާޒެވެ.

” މަންމާ…..ބައްޕާ….ޝިފޫއަކީ ……” މުއާޒްގެ ބައްޕަ އަތުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް އިޝާރާތްކުރިއެވެ.

” މީތަ މުޅި ދުނިޔޭންވެސް މުއާޒަށް ލިބުނު މީހަކީ…..އޭން……” ހިތަށްކުރި އަސަރުން އަހަރެންނަށް އިސްޖަހާލެވުނުއިރު ދެލޯ ފުރިގެން ބަންޑުން ވެއްޖެއެވެ.

” މުސްތަޤްބަލެއް ނެތް މީހަކާއެކު ކިހިނެތް ދިރިއުޅުމެއް ފަށާނީ…….އެއީ ދެދުވަހުގެ މެހްމާނެއް……” އެބަސްތަކުން އަހަރެންގެ ހިތްކުދިކުދިވިއެވެ. ކެތްތެރިކަން އިސްކުރީ މަންމަ ދީފައިވާ ތަރުބިއްޔަތަކުންނެވެ. އަހަރެންވެސް ދިފާއުގައި ދައްކާނެ ބައިވަރު ވާހަކަ ހުއްޓެވެ. އަހަރެން އެގެއިން ނިކުމެގެން އައީ ރޮމުންނެވެ. އަބަދުގެ އަބަދަށް މުއާޒުގެ އާއިލާއާ ދުރުވުމަށް ހިތުއަޅައިގެންނެވެ.

އަހަރެންނަށް ދިމާވި ކަންތަކާ އެންމެ ދެރަވީ އަހަރެންގެ ހިތްވަރު ގަދަ މަންމައެވެ. ވަގުތުން މަންމަ މުއާޒަށް ގުޅިއެވެ. އަދި އަހަރެންނާއި މެދު މުއާޒުގެ އާއިލާއިން ކަންތައް ކުރި ގޮތާއި މެދު ހިތްހަމަނުޖެހޭކަން ފާޅުކުރިއެވެ. އަހަރެންގެ އުމުރުން 25 އަހަރުވީއިރު އަހަރެންގެ މަންމަ އަހަރެންގެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނަ ނުދެއެވެ. ނުރުހުމުގެ ގޮތުން އަހަރެން ހިތްބަރުވާނެ އެއްވެސް ބަހެއް ބުނެނުލައެވެ.

މުއާޒާއި އަހަރެންގެ ގުޅުން ކެނޑިގެން ދިޔައީއެވެ. މުއާޒުގެ އާއިލާ އާ ދެކޮޅަށް އޭނާ އަހަރެންނާ ކައިވެނިކުރަން ބޭނުންނުވީއެވެ. އެއީ އަހަރެންވެސް ބޭނުންވާ ގޮތެއް ނޫނެވެ. މައިންބަފައިންގެ ނުރުހުމުގައި ކުރާ ކައިވެނީގައި ބަރަކާތެއް ނުލައްވާނެޔޭ ބުނާތީ އަހަމެވެ. މުއާޒް ވަކިވުމަށްފަހު އަހަރެންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައެވެ. އެހުރިހާ ކަމަކުން އަރައިގަތުމަށް އެންމެ ކައިރީގައި ހިތްވަރުދޭން ހުރީ ހަމަ އަހަރެންގެ މަންމައެވެ.

މުއާޒް އެހެންމީހަކާއި އެކު ދިރިއުޅުމެއް ފެށީއެވެ. އަހަރެން ކައިރީ ރައްޓެހިވާން ކުދިން އަހައެވެ. އެހެނަސް މުއާޒަށް ދެވިފައިވި މަގާމް އެހެން މީހަކަށް ދޭނީ ކިހިނެތް ހެއްޔެވެ؟ އެގޮތުގައި ދުވަސްތައް ފާއިތުވަމުންދެއެވެ. މުއާޒްގެ އަންހެނުން ކާރު އެކްސިޑެންޓެއްގައި މިދުނިޔެ ދޫކުރި ޙަބަރު ލިބުނު ދުވަހު އަހަރެން އެތަނަށްދާން ބޭނުންވިއެވެ. އެމީހުންގެ ހިތާމާގައި ބައިވެރިވާން އަހަރެން ބޭނުންވިއެވެ. ހަމައެކަނި ވަކިވެގެން ދިޔައީ މުއާޒްގެ އަންހެނުންނެއް ނޫނެވެ. އެމީހުންގެ ނުއުފަންނަ ދަރިފުޅުވެސްމެއެވެ. މޫނުބަލައިގެން ނިކުންނަނިކޮށް މުއާޒްގެ ބައްޕަޔާ ދިމާވިއެވެ. އެހެންޏާ އަހަރެން ފެނިގެން ރުޅިއައިސްފައި ހުންނަ މޫނުމަތިން ފެނުނީ އިންތިޙާ ހިތާމަޔާއި މޮޅިވެރިކަމެވެ. އަނގައިން ބުނަން އުޅުނުހެން ހީވެފައިވެސް އިސްޖަހާލައިގެން ހުރީއެވެ.

އޭގެ ދެތިން ދުވަސްފަހެވެ. އަހަރެން އިނީ ފަހާށެވެ. ބޭރުން ސަލާން ގޮވާ އަޑަށް އަހަރެން ނިކުތްއިރު މުއާޒްގެ މަންމަޔާއި ބައްޕަ ފެނުމުން އަހަރެން ހައިރާންވިއެވެ. އެމީހުންގެ މޫނުމަތިން ފެނުނީ ހިތްތިރިކަމާއި ނިކަމެތިކަމެވެ. އެކަމަކު އަހަރެން ޖެހިލުންވިއެވެ. އަހަރެންނަށް ކުރެވުނީ ކޮންކުށެއްބާއޭ  ހިތަށް އެރިއެވެ. އަހަރެން މިހާރު މުއާޒް މަތިން ހަނދާންނައްތާލިތާ ކިތަންމެ ދުވަހެކެވެ. އޭނަ ފަހަތަކުން އަހަރެން ނުދުވަމެވެ.

” ދަރިފުޅާ ބައްޕައަށް މައާފުކުރޭ………….” އިސްޖަހާލައިގެން އަތާއަތް ޖޯޑުކޮށްގެން ހުރި މުއާޒްގެ ބައްޕަގެ އަޑުއިވުމުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.

” ބައްޕަ އެދުވަހު ޝިފްނާ އާ ދިމާލަށް އެއްޗެހި ކިޔުނީ….. ވިސްނާނުލެވުނީ……… އެބަސްތަކުން ދަރިފުޅުގެ ހިތަށް ކުރާނެ އަސަރު ބައްޕައަށް މިހާރު އިޙްސާސް ކުރެވޭ…….”

” ނިކަން ދެކި ބަލަ އަހަރެމެންނާމެދު ކަންތައް ވީގޮތް……….ދެދުވަހުގެ މެހްމާނެކޭ ބުނެ އަހަރެމެން މުއާޒާ ޝިފްނާ ގުޅެން ނުގަބޫލުވީ…… އެކަމަކު ލިޒީ އަހަރެމެންނާ ވަކިވެގެންދިޔައީ އެއީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް…..އެދުވަހު ގެއިން ނިކުތްއިރު ގަދަފަދަ ހަމަކުއްލި ގޮތަކަށްވަކިވެގެން އެދިޔައީ…..އަޖަލުޖެހުމުން ކޮންމެ މީހަކުވެސް ލަހެއް ފަހެއްވުމެއްނެތި ވަކިވެގެންދާނެ……” މުއާޒުބައްޕަގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ކައިރީގައި ހުރި މުއާޒްގެ މަންމަވެސް ރޮނީއެވެ.

” ބައްޕަމެން މިއައީ ޝިފްނާ ކިބައިން މައާފަށްއެދެން………..” އަހަރެންނަށް އެމީހުންނާ ކައިރިއަށް ހިނގައިގަނެވެނެވެ.

” އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއްނެތް……..” އަހަރެން ހިފާލީ މުއާޒްމަންމަގެ އަތުގައެވެ. އެމަންޒަރު ބަލަންހުރި އަހަރެންގެ މަންމަގެ ދެލޮލުނަވެސް ކަރުނައައިތަން ދެކުނީމެވެ. މުއާޒްގެ އާއިލާ އަހަރެން ބަލައިގަތީއެވެ. މުއާޒާ ކައިވެނިކުރަން އެމީހުންގެ ރުހުން ލިބުނީއެވެ. ލިޒީ ކުއްލިގޮތަކަށް ވަކިވެގެން ދިއުމުން އެމީހުންނަށް ވިސްނުނީއެވެ.

” ދަރިފުޅާ ހިނގާ އެމީހުން އަތުވެއްޖެ…..” މަންމަގެ އަޑަށް އަހަރެންނަށް ހަމަ ބިމަށް އާދެވުނެވެ. މަންމަ އަހަރެންގެ އަތުގައި ހިފައިގެން ގޮސް މުއާޒް ކައިރީގައި ބޭންދުމާއެކު ކައިވެނީގެ ވަލީމާފެށުނެވެ.

” އަނބި ޤަބޫލުކޮށްފިން………..” އަހަރެންނަށް ބަލާލެވުނީ މުއާޒްގެ މޫނަށެވެ. މުއާޒްވެސް އަހަރެންނަށް ބަލާލާފައި ހިނިތުންވެލިއެވެ. މީ އަހަރެން ކުރި ދިގު އިންތިޒާރެއްގެ ނިމުމެވެ. އިންޝާﷲ ދެން އޮތީ އަހަރެންގެ ހަޔާތަށް އުފާފާގަތި ދުވަސްތަކެވެ.

                   ނިމުނީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.