ސޫރަތުލް ޙުޖުރާތު ގެ ތަފްސީރު

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

އިލްމުވެރިން ވިދާޅުވާ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ލިބިވޮޑިގެންވާ (ސަމްޢު) ނުވަތަ (އިވުމުގެ) ޞިފަ ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:

  1. ސަމްޢު އިދްރާކް
  2. ސަމްޢު އިޖާބާ

ސަމްޢުލް އިދްރާކްގެ މާނައަކީ: ސިއްރާއި ފާޅުގައި ދެކެވޭ ވާހަކަތައް ﷲ ތަޢާލާ އައްސަވާ ވޮޑިގެންވުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. (قَدْ سَمِعَ اللَّـهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّـهِ وَاللَّـهُ يَسْمَعُ تَحَاوُرَ‌كُمَا ۚ إِنَّ اللَّـهَ سَمِيعٌ بَصِيرٌ‌  ) މާނައަކީ: ” ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”

މި އާޔަތް ބާވާލެއްވުމާއި ގުޅިގެން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ހުރިހާ އަޑުތަކެއްގެ މައްޗަށް އެފަރާތުގެ އިވުން ތަނަވަސްވެގެންވާ ﷲ އަށް ޙަމްދު ހުއްޓެވެ. އެކަމެއް ހިނގިއިރު ތިމަންކަމަނާ ހުންނެވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކޮޓަރިކޮޅުގައެވެ. އެއަންހެން ކަމަނާ ޖަދަލުކޮށް، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އާއި ވާހަކަ ދައްކަވަމުން ގެންދެވިއިރު ތިމަންކަމަނާ އަށް ބައެއް ވާހަކަތައް އަޑެއް ނީވެއެވެ. އެހެންނަމަވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެއަންހެންކަމަނާ އާއި ދެމެދުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް ﷲ ވަނީ އައްސަވާވޮޑިގެންފައެވެ.”

ސަމްޢުލް އިދްރާކް ތިން ބަޔަކަށް ބެހިގެން ވެއެވެ.

  1. ހުރިހާ ކަމެއް ހިމެނިގެންވާ ޝާމިލް ކަމަށް ދަލާލަތު ކުރުން. މިޘާލަކަށް (قَدْ سَمِعَ اللَّـهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّـهِ وَاللَّـهُ يَسْمَعُ تَحَاوُرَ‌كُمَا ۚ إِنَّ اللَّـهَ سَمِيعٌ بَصِيرٌ‌  ) މާނައަކީ: ” ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”
  2. ތަހްދީދު ނުވަތަ އިންޛާރު. މިޘާލަކަށް: (قَدْ سَمِعَ اللَّـهُ قَوْلَ الَّذِينَ قَالُوا إِنَّ اللَّـهَ فَقِيرٌ‌ وَنَحْنُ أَغْنِيَاءُ ۘ سَنَكْتُبُ مَا قَالُوا وَقَتْلَهُمُ الْأَنبِيَاءَ بِغَيْرِ‌ حَقٍّ وَنَقُولُ ذُوقُوا عَذَابَ الْحَرِ‌يقِ   ) މާނައަކީ: ” ހަމަކަށަވަރުން، اللَّه އީ فقير އެކޭ، ތިމަންމެންނީ މުއްސަނދިންނޭ ބުނިމީހުންގެ ބުނުން، اللَّه އައްސަވާވޮޑިގެންފިކަން ކަށަވަރެވެ. އެއުރެން ބުނި ބުނުމާއި، އެއުރެން حق އަކާނުލައި ނަބިއްޔުން قتل ކުޅަކަން ނިކަންހުރެ ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި، (قيامة ދުވަހުން އެއުރެންނަށް) ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން، އަނދައަނދާހުރި ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ!”
  3. ތާއީދު ކުރުމަށް ދަލާލަތު ކުރުން. މިޘާލަކަށް: (قَالَ لَا تَخَافَا ۖ إِنَّنِي مَعَكُمَا أَسْمَعُ وَأَرَ‌ىٰ  ) މާނައަކީ: ” އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ حال، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.”

ސަމްޢުލް އިޖާބާގެ މާނައަކީ: ﷲ ގެ ޙަޟްރަތަށް ކަމަކަށް އެދި ދަންނަވާ ފަރާތްތަކުގެ ދުޢާ އިޖާބަ ކުރެއްވުމެވެ. އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. (إِنَّ رَ‌بِّي لَسَمِيعُ الدُّعَاءِ  ) މިތަނުގައި (سَمِيعُ  )މި ލަފްޡު ބޭނުން ކުރައްވާފައިވަނީ “އިޖާބަ ކުރެއްވުން” ގެ މާނާގައެވެ.

އެހެން މިޘާލެއް: ނަމާދު ކުރާމީހާ ކިޔައެވެ. (سمع الله لمن حمده  ) މާނައަކީ: “ﷲ އަށް ޙަމްދުކުރާ މީހާގެ ދުޢާ އިޖާބަ ކުރައްވާ އެމީހަކަށް ދަރުމަ އާއި ޘަވާބު ދެއްވަތެވެ.”

(عَلِيمٌ ) މުރާދަކީ: ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވުން. މާތް ﷲ ވަޙީ ކުރެއްވިއެވެ. (لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ‌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا  ) މާނައަކީ: ” ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ.”

ﷲ އީ ހުރިހާ ކަމެއް އައްސަވާވޮޑިގެންވާ އަދި މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ގަބޫލުކޮށް ތެދުކޮށްފިނަމަ އެކަލާންގެ ރުހިވޮޑިގެން ނުވާ ކަމެއް ކުރުމަށް އެއްވެސް މީހަކަށް ކެރޭނެހެއްޔެވެ؟ ﷲ އީ ހުރިހާ ތަކެއްޗެއް އައްސަވާވޮޑިގެންވާ އިލާހުކަމުން އެކަލާންގެ ރުހިވޮޑިގެންނުވާ އެއްޗެއް ތިމާގެ ދުލުން ބޭރުކުރަން ކެރޭނީ ކާކަށް ހެއްޔެވެ؟

މި ހިސާބުން މި ސޫރަތުގައި އެކުލެވިގެންވާ ފުރަތަމަ އަދަބު ނިމުނީއެވެ.

މި އާޔަތް ބާވާލެއްވުނު ސަބަބު:

“ބަނީތަމީމް ވަންހައިގެ ބަޔަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައެވެ. އެހިނދު އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އަލްގަޢްގާޢު ބިން މަޢްބަދު އެމީހުންގެ އަމީރަކަށް ހަމަޖައްސަވާށެވެ.” ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އެބައިމީހުންގެ އަމީރަކަށް އަލްއަގްރަޢު ބިން ޙާބިސް ހަމަޖައްސަވާށެވެ.” އެހިނދު އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ކަލޭގެފާނު ހަމައެކަނި ބޭނުންފުޅުވީ ކަމަކީ ތިމަންކަލޭގެފާނާއި ޚިލާފުވުމެވެ.” އަދި ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ކަލޭގެފާނާއި ޚިލާފުވާކަށް ނޭދެމުއެވެ.” މި ދެބަސްވުމުގެ ތެރޭގައި ދެބޭކަލުންގެ އަޑު އުފުލިގެން ދިޔައެވެ. އެހިނދު މާތް ﷲ މިއާޔަތް ބާވާލެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَ‌سُولِهِ  ) މި އާޔަތުން ފެށިގެން ގޮސް (وَلَوْ أَنَّهُمْ صَبَرُ‌وا حَتَّىٰ تَخْرُ‌جَ إِلَيْهِمْ لَكَانَ خَيْرً‌ا لَّهُمْ  ) އާއި ހަމައަށް ބާވާލެއްވުނެވެ.” ރަވާހުލް އިމާމުލް ބުޚާރީ-ރަޙިމަހުﷲ-.

މި ސޫރަތުގައި އެކުލެވިގެންވާ ދެވަނަ އަދަބު:

(يَا أَيُّهَا الَّذِينَ آمَنُوا لَا تَرْ‌فَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُ‌وا لَهُ بِالْقَوْلِ كَجَهْرِ‌ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُ‌ونَ  )

މާތް ﷲ އާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުގެ ކުރިޔަށް އެއްވެސް ކަމެއް، ޚިޔާލެއް ނުނެރުމަށް އަމުރު ކުރެއްވުމަށްފަހުގައި މި އާޔަތުގައި މި އަންގަވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އަޑުނޫފުލުމަށެވެ.

(لَا تَرْ‌فَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ  ) ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބުކޮށް ވާހަކަ ދައްކާއިރުގައި އެކަލޭގެފާނުގެ އަޑުފުޅަށްވުރެ ގަދައަށް އަޑުނަގާ ވާހަކަ ދައްކާ ނޫޅޭށެވެ.

(وَلَا تَجْهَرُ‌وا لَهُ بِالْقَوْلِ كَجَهْرِ‌ بَعْضِكُمْ لِبَعْضٍ  ) ތިޔަބައިމީހުން އެކަކު އަނެކަކަށް ގޮވާއުޅޭ ގޮތަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ގޮވާނޫޅޭށެވެ. އެކަލޭގެފާނާއި މުޚާޠަބު ކުރުމުގައި އަދަބު އިޙްތިރާމް އަދާކުރާށެވެ. ސޫރަތުއް ނޫރުގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (لَّا تَجْعَلُوا دُعَاءَ الرَّ‌سُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضًا  ) މާނައަކީ: ” ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވައިއުޅޭފަދައިން ތިޔަބައިމީހުންގެ މެދުގައި رسول އާއަށް ގޮވައިނޫޅޭށެވެ!” ވީމާ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ގޮވާއިރު “އޭ މުޙައްމަދު” މިފަދައިން ނުބުނާށެވެ. އޭގެ ބަދަލުގައި “އޭ ﷲ ގެ ރަސޫލާ އެވެ.” މިފަދައިން ބުނާށެވެ. ނުވަތަ “އޭ ﷲ ގެ ނަބިއްޔާ އެވެ.” މިނޫންވެސް މިމާނަ ދޭހަވާ ފަދަ ޢިބާރާތެއް ބޭނުން ކުރާށެވެ.

(أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُ‌ونَ) ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޑުފުޅަށް ވުރެ ބާރަށް ވާހަކަ ނުދެއްކުމަށާއި، ތިޔަބައިމީހުން އެކަކު އަނެކަކާއި މުޚާޠަބު ކުރާ ފަދައިން އެކަލޭގެފާނާއި މުޚާޠަބު ނުކުރަމަށް މިއެންގެވި ސަބަބަކީ ތިޔަބައިމީހުންނަށް ނޭގުމެއްގެ ތެރެގައި ތިޔަބައިމީހުންގެ ޢަމަލުތައް ގެއްލިގެން ހިނގައިދާނެތީވެއެވެ. އެހެނީ މިފަދައިން ކަންތައް ކުރާ މީހަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިހާނެތިކޮށް ކަންތައް ކުރާ މީހަކު ކަމުގައިވެދާނެތީވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިހާނެތިކޮށް ކަންތައް ކުރުމަކީ އެމީހަކު ދީނުން ބޭރުވެ އެމީހެއްގެ ޢަމަލުތައް ގެއްލިގެން ހިނގައިދާ ފަދަ ކަމެކެވެ.

ޘާބިތު ބިން ގައިސް ބިން ޝައްމާސް އަކީ އަޑުގަދަ ބޭކަލެކެވެ. އޭނާ އަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ގިނަގިނައިން މުޚާޠަބު ކުރާ ބޭކަލެކެވެ. މިއާޔަތް ބާވާލެއްވުމާއި އެކު އެކަލޭގެފާނުގެ ގޭގައި އަމިއްލަ އަށް ބަންދުވެގެން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޖްލިސްތަކަށް ޙާޟިރުނުވާން ފަށައިފިއެވެ. އޭނާ ނުފެންނާތީވެ އެކަމާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޞްޙާބުންނާއި ސުވާލު ކުރެއްވިއެވެ. އެބޭކަލުން ދެންނެވިއެވެ. މި އާޔަތް ބާވާލެއްވީއްސުރެ އޭނާ ހުންނަނީ ގޭގައި ބަންދުވެގަނެގެންނެވެ. ދެން އޭނާގެ ގާތަށް ބޭކަލަކު ފޮނުއްވިއެވެ. އެބޭކަލަކު އޭނާގެ ގާތަށް ވަޑައިގެން ވެގެން އުޅެނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި މިއާޔަތް ކިޔެވިއެވެ. އަދި ބުންޔެވެ. “އަހަރެންގެ އެންމެހައި ޢަމަލުތައް ގެއްލިގެން ހިނގައްޖެއެވެ. އަހަންނަކީ ނަރަކަވަންތަވެރިޔެކެވެ.” މި ޚަބަރު ލިބިވަޑައިގަތުމާއި އެކު އޭނާ ޙާޟިރު ކުރުމަށް އެދިވަޑައިގަތެވެ. އޭނާ ޙާޟިރުވުމުން އެއީ ސުވަރުގެ ވަންތަވެރިޔެއް ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. “ދުނިޔޭގައި ރިވެތި އުޅުމެއް އުޅެ، ﷲ ގެ މަގުގައި ޝަހީދުވެ، ސުވަރުގެ ވަންނަން ތިބާ ނޭދެމުހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “އަދިކިއެއްތަ! ތިޔަކަމަށް އެދިއެދި ހުރީމެވެ.” އެކަލޭގެފާނު ޝަހީދުވެވަޑައިގަތީ “ޔަމާމާ” އޭ ކިޔުނު ހަނގުރާމާގައެވެ. އެކަލޭގެފާނުވަނީ ދުނިޔޭގައި ރިވެތި އުޅުމެއް އުޅުއްވާފައެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައިވާ ގޮތަށް އޭނާ ސުވަރުގެ ވަންނަ ހުއްޓެވެ. ޘާބިތު ބިން ގައިސް އަކީ ދުނިޔޭގައި ހުންނަވަނިކޮށް އެއީ ސުވަރުގެ ވަންތަ ވެރިޔެއް ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބޭކަލެކެވެ. އެމީހަކު ދުނިޔޭގައި ހުއްޓާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ ސުވަރުގެ ވަންތަ ވެރިޔެކޭ ޙަދީޘް ކުރައްވާފައިވާ ކޮންމެ މިހަކީ ސުވަރުގެ ވަންތަވެރިޔެކެވެ. އަދި ނަރަކަވަންތަ ވެރިޔެއް ކަމުގައި ޙަދީޘް ކުރައްވާފައިވާ ކޮންމެ މިހަކީ ނަރަކަވަންތަ ވެރިޔެކެވެ. އެމީހަކާއި މެދު ވަކިގޮތަށް ޙަދީޘް ނުކުރައްވާ ބޭކަލުންނާއި މެދުގައި ބުނެވޭނީ ޢާއްމު ގާޢިދާއެކެވެ. އެއީ ކޮންމެ މުއިމިނަކީ ސުވަރުގެވަންތަ ވެރިޔެކެވެ. އަދި ކޮންމެ ކާފިރަކީ ނަރަކަވަންތަވެރިޔެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން މިވެނި މީހަކީ ސުވަރުގެވަންތަ ވެރިޔެކޭ ނުވަތަ ނަރަކަވަންތަ ވެރިޔެކޭ ޙަދީޘް ކުރައްވާފައިނުވާ އެއްވެސް މީހަކާއި ދިމާލަށް އެއީ ސުވަރުގެ ވަންތަ ވެރިޔެކޭ ނުވަތަ ނަރަކަވަންތަ ވެރިޔެކޭ ބުނުމުގެ ޙައްގު އެއްވެސް އިންސާނަކަށް ލިބިގެން ނުވެއެވެ.

މި އާޔަތުގައި މިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަދަބު ތަޢްޡީމް ކުރުމަށް ބާރުއަޅުއްވާފައެވެ. އެއްވެސް އިންސާނަކު އެހެން އިންސާނުންނާއި މުޚާޠަބުކޮށް ހަދާ ބަހުރުވައިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބުކޮށް ހަދައިގެން ނުވާނެއެވެ. އަދި އެކަލޭގެފާނަށްވުރެ އަޑުގަދަކޮށް ވާހަކަ ދައްކާ ހަދައިގެން ވެސް ނުވާނެއެވެ.

މި އާޔަތް ބާވާލެއްވުމައި ގުޅިގެން ޞަޙާބީން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ވާހަކަ ދައްކާއިރުގައި އަޑުމަޑު ކުރައްވަން ފައްޓަވައިފިއެވެ. ބައެއް ފަހަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބު ކުރައްވާ ވާހަކަ ދައްކަވާ އިރުގައި އަޑުމަޑުވެގެން ގޮސް ކިޔާ އެއްޗެއް ރަގަޅަށް ސާފުނުވެގެން ދެވަނަ ފަހަރަށް ސުވާލު ކުރައްވަން ޖެހެއެވެ.

މި އާޔަތުން ދޭހަވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގަދަރު ކަނޑުވާލައިފި ކޮންމެ މީހެއްގެ އީމާންކަން ނެތިގެންދާނެ ކަމެވެ. އެކަލޭގެފާނުގެ ގަދަރުކަނޑުވާލުމާއި އެކަލޭގެފާނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ މިހާ އިސްލާމްދީނުން ބޭރުވެ މުރްތައްދުވާނޭ ކަމެކެވެ. އެކަލޭގެފާނަށް މަލާމާތްކޮށް އުޅުނު މުނާފިގުންނާއި ބެހޭ ގޮތުން މާތް ﷲ ކީރިތި ގުރްއާނުގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَ‌سُولِهِ كُنتُمْ تَسْتَهْزِئُونَ. لَا تَعْتَذِرُ‌وا قَدْ كَفَرْ‌تُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِ‌مِينَ   ) މާނައަކީ: “ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ. “

(إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِندَ رَ‌سُولِ اللَّـهِ أُولَـٰئِكَ الَّذِينَ امْتَحَنَ اللَّـهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَ‌ةٌ وَأَجْرٌ‌ عَظِيمٌ   )

ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ އާއި މުޚާޠަބުކޮށް ވާހަކަ ދައްކާއިރު އަޑުހަރު ނުކުރުމަށާއި، އަދަބު އިޙްތިރާމް އާއި އެކު ވާހަކަ ދެއްކުމަށް އަމުރު ކުރެއްވުމަށްފަހުގައި، އެފަދައިން ކަންތައް ކުރާ މީހުންނަށް ޘަނާގެ ބަސް ވަޙީ ކުރައްވައެވެ. އެފަދަ މީހުން ޞިފަ ކުރައްވަނީ މިފަދައިންނެވެ. (أُولَـٰئِكَ الَّذِينَ امْتَحَنَ اللَّـهُ قُلُوبَهُمْ لِلتَّقْوَىٰ ۚ   ) މިތަނުގައި އެބައިމީހުންގެ އިޝާރާތް ދެވަނަ ފަހަރަށް ތަކްރާރު ކުރެއްވުމާއި، ދުރުގައިވާ ފަރާތަކަށް އިޝާރާތް ކުރުމަށް ބޭނުން ކުރެވޭ ލަފްޡު (أُولَـٰئِكَ  ) ބޭނުން ކުރައްވާފައިވުމުގެ ޙިކްމަތަކީ: އެބައިމީހުންގެ ދަރަޖަމަތިވެރިވެގެންވާ ކަން އެންގެވުމެވެ.

(امْتَحَنَ اللَّـهُ  ) ޢިލްމުވެރިން ވިދާޅުވެއެވެ. މީގެ މާނައަކީ ތަގްވާވެރިކަމުގެ އެންމެ މަތީދަރަޖަ އެވެ. އެހެނީ އެބައިމީހުންގެ ހިތްތައް ވަނީ ތަގްވާ އިން ފުރިފަ އެވެ. އޭގެ ސަބަބުން އެބައިމީހުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިފުޅުމަތީގައި އަޑުގަދަކޮށް ނުހަދަ އެވެ.

އެއަށްފަހުގައި މިއަންގަވަނީ އެބައިމީހުންނަށް ހުރި ދަރުމަ އާއި ޘަވާބުގެ ވާހަކަތަކެވެ. (لَهُم مَّغْفِرَ‌ةٌ وَأَجْرٌ‌ عَظِيمٌ) އެބައިމީހުންގެ ފާފަތައް ފޮހެވި، މާތް ﷲ ގެ ޙަޟްރަތުގައި މަތިވެރިވެގެންވާ ދަރުމަ އާއި ޘަވާބު އެބައިމީހުންނަށް ޓަކައި ހުއްޓެވެ.

މި އާޔަތުން ދޭހަވަނީ އިންސާނާ އިޞްލާޙުވުން ވަނީ އޭނާގެ ހިތް އިޞްލާޙުވުމުން ކަމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ މޭފުޅަށް އިޝާރާތް ކުރައްވާ ޙަދީޘް ކުރެއްވިއެވެ. (التقوى هاهنا، التقوى هاهنا، التقوى هاهنا  ) މާނައަކީ: “ތަގްވާވެރިކަން ވަނީ މިތަނުގައެވެ. ތަގްވާވެރިކަން ވަނީ މިތަނުގައެވެ. ތަގްވާވެރިކަން ވަނީ މިތަނުގައެވެ.” މިފަދައިން ތިން ފަހަރަށް ޙަދީޘް ކުރެއްވިއެވެ. ޝައްކެތް ނެތް ގޮތުގައި ޙަގީގީ ތަގްވާވެރި ކަމަކަކީ ހިތުގައި އޮންނަ ތަގްވާވެރި ކަމެވެ. ގުނަވަންތަކުގައިވާ ތަގްވާވެރިކަމަކީ ބޭރުފުށަށް ފެންނަ ޢަމަލުތަކެވެ. މިއީ މުނާފިގުންގެ ކިބައިންވެސް ފެނިގެންދާނެ ކަންތަކެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (وَإِذَا رَ‌أَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْ‌هُمْ ۚ قَاتَلَهُمُ اللَّـهُ ۖ أَنَّىٰ يُؤْفَكُونَ  ) މާނައަކީ: ” އަދި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގެންފިނަމަ، އެއުރެންގެ ހަށިތައް ކަލޭގެފާނު عجائب ކުރުވަތެވެ. އަދި އެއުރެން ވާހަކަ ދައްކާނަމަ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު އައްސަވަމުއެވެ. އެއުރެންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ حملة އެއް ކަމުގައެވެ. އެއުރެންނީ، ހަމަ عداوة ތެރިންނެވެ. ފަހެ، ކަލޭގެފާނު އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! اللَّه، އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟” މާތް ﷲ އަޅުގަޑުމެން އެންމެންގެ ހިތްތައް ތަގްވާ އިން ފުރުއްވާ ދެއްވާށި. އާމީން.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.