ސޫރަތުލް ޙުޖުރާތުގެ ތަފްސީރު

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

ބައެއް ކުށްފާފަ ކުރާ މީހުންގެ ގާތުގައި އެކަން ހުއްޓާލުމަށް ބުނުމުން ޖަވާބުގައި ބުނެ އުޅެއެވެ. “ތިމަންމެންގެ ތަގްވާ އޮތީ ހިތުތެރޭގައެވެ”. އެފަދަ މީހުންނަށް ދޭން އޮތް ޖަވާބަކީ “ތިބާގެ ހިތުގެ ތެރޭގައި ތަގްވާވެރިކަން ވާ ނަމަ، އެކަން ބޭރުފުށަށް ވެސް ފެނުނީހެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.  (أَلا وَإِنَّ فِي الْجَسَدِ مُضْغَةً ، إِذَا صَلَحَتْ ، صَلَحَ الْجَسَدُ كُلُّهُ ، وَإِذَا فَسَدَتْ ، فَسَدَ الْجَسَدُ كُلُّهُ ، أَلا وِهِيَ الْقَلْبُ  ) މާނައަކީ: “ހަށިގަނޑުގެ ތެރޭގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު އިސްލާޙުވެއްޖެނަމަ އޭނާގެ މުޅި ހަށިގަނޑު އިޞްލާޙުވެގެން ދެއެއެވެ. އެމަސްކޮޅު ގޯސްވެ ފާސިދު ވެއްޖެނަމަ އޭނާގެ މުޅި ހަށިގަނޑު ފާސިދުވެގެން ދެއެވެ. ދަންނާށެވެ. އެއީ ހިތެވެ.”

(إِنَّ الَّذِينَ يُنَادُونَكَ مِن وَرَ‌اءِ الْحُجُرَ‌اتِ أَكْثَرُ‌هُمْ لَا يَعْقِلُونَ) މިއާޔަތުގައި މި އިޝާރާތް ކުރަނީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް އައި ބައެއްގެ ވާހަކަ އެވެ. އެބައިމީހުންގެ ތެރޭގައި ތަންދޮރުނުފިލާ ބަޔަކު ތިއްބެވެ. އެހެންކަމުން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ކައިރީ ތިބެގެން “އޭ ނަބިއްޔާ” އޭ ގޮވާ ހަދަމުން ދިޔައެވެ. އެބައިމީހުންގެ ބޭނުމަކަށްވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގަނޑުވަރުން ނެރެގެން ބައްދަލު ކުރުމެވެ. މިބައިމީހުން ޞިފަ ކުރައްވަމުން މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَكْثَرُ‌هُمْ لَا يَعْقِلُونَ) މާނައަކީ: “އޭގެތެރެއިން ގިނަ މީހުންގެ ބުއްދިއެއް ނެތެވެ.”

(لَا يَعْقِلُونَ)މިތަނުގައި “ބުއްދި އެއް ނެތޭ” އޮތުމުގެ މުރާދަކީ “ޢަގްލުއް ރުޝްދު” ނުވަތަ ފުރިހަމަ ބުއްދި އެވެ.

“އަލްޢަގްލު” ގެ ދެވައްތަރެއްވެއެވެ. އެއީ:

  1. ޢަގްލުއް ރުޝްދު
  2. ޢަގްލުއް ތަކްލީފް

ޢަގްލުއް ރުޝްދު އަކީ “ސަފަހު” ގެ އިދިކޮޅު ޞިފައެވެ. “ސަފަހު” ގެ މާނައަކީ “ދޯދިޔާ ކަމެވެ.”

ޢަގްލުއް ތަކްލީފްގެ އިދިކޮޅު ޞިފައަކީ “ޖުނޫނު” ނުވަތަ “ދުނިޔެ އަށް މޮޔަވުމެވެ.”

މިޘާލަކަށް: ވުޟޫ ޞައްޙަވުމުގެ ޝަރްޠުތަކުގެ ތެރޭގައި ވުޟޫ ކުރާ މީހާ އަކީ “ޢާގިލަކު” ކަމުގައި ވާން ޖެހޭނެ ކަމަށް ބުނެފިނަމަ އޭގެ މާނައަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމެވެ. ވީމާ، މިތަނުގައި “ޢަގްލު” ގެ މުރާދަކީ “ޢަގްލުއް ތަކްލީފް” އެވެ.

މުދާ ޙަވާލު ކުރެވޭ މީހާއަކީ “ޢަގިލަކު” ކަމުގައި ވާން ޖެހޭނެ ކަމަށް ބުނެފިނަމަ އޭގެ މުރާދަކީ “ޢަގްލުއް ރުޝްދެވެ” ނުވަތަ އެމުދާ ހެޔޮގޮތުގައި ގެންގުޅުމުގެ ތަޞައްރުފް ފުދިފައިވާ މީހަކަށް ވުމެވެ.

މި އާޔަތުގައި (لَا يَعْقِلُونَ) އޭ އޮތް ބަހުގެ މުރާދަކީ ފުރިހަމަ ބުއްދި އެވެ. ސަބަބަކީ ޢަގްލުއް ތަކްލީފް ކަމުގައިވީނަމަ އަދަބު ކުޑަކޮށް ކަންތައް ކުރުމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް މަލާމާތެއް ނެތީހެވެ. އަދި ހަމަ އެއާއި އެކު އޭގެ ތެރެއިން އެންމެންނަކީ މިފަދަ ބުއްދި ފުރިހަމަ ނުވާ ބައެއްކަންވެސް މިއާޔަތުން ދޭހަވެއެވެ. އެހެނީ މިއާޔަތުގައިވަނީ (أَكْثَرُ‌هُمْ)ގިނަ މީހުންނޭއެވެ. އެންމެންނެކޭ އެއް ނޫނެވެ. މިއިން ދޭހަވަނީ އެބައިމީހުންގެ ތެރޭގައި ހޭޖެހޭ މީހުންވެސް ތިބި ކަމެވެ. އަދި އަޑުގަދަ ކުރީވެސް އެބައިމީހުންގެ ތެރެއިން ބަޔަކު މީހުން ކަމެވެ.

(وَلَوْ أَنَّهُمْ صَبَرُ‌وا حَتَّىٰ تَخْرُ‌جَ إِلَيْهِمْ لَكَانَ خَيْرً‌ا لَّهُمْ ۚ وَاللَّـهُ غَفُورٌ‌ رَّ‌حِيمٌ) މާނައަކީ: “ކަލޭގެފާނު ކޮޓަރިކޮޅުން ނިކުމެވަޑައިގެން، އެބައިމީހުންނާއި ބައްދަލު ކުރައްޖައުމަށް ދާންދެން ކެތްތެރިކަމާއި އެކު ތިބިނަމަ، އެގޮތް އެބައިމީހުންނަށް ހެޔޮކަން ބޮޑުވެގެން ވެއެވެ. އެހެނީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ބަޔަކު މީހުން ކަމަކައިގެން އައިސްފިނަމަ، އެކަމެއް ފުއްދަވައި ދެއްވައެވެ. މިކަމަށް އިޝާރާތްކޮށް ޢަރަބި ޅެންވެރިޔަކު ބުންޏެވެ.

ما قال “لا” قط إلا في تشهده               لولا التشهد كانت لاؤه نعم

މާނައަކީ: “ތަޝައްހުދު ގައި މެނުވީ އެކަލޭގެފާނު “ލާ” ނުވަތަ “ނޫނެކޭ” މި ލަފްޡު ބޭނުމެއް ނުކުރައްވައެވެ. ތަޝައްހުދު ނުވީނަމަ، އެކަލޭގެފާނުގެ “ލާ” އަކީ “ނަޢަމް” ނުވަތަ “އާއެކޭ” ކަމުގައިވީހެވެ.

(وَاللَّـهُ غَفُورٌ‌ رَّ‌حِيمٌ) މި އާޔަތުން އިޝާރާތް ކުރައްވަނީ މާތް ﷲ އެބައިމީހުންގެ ފާފަ ފުއްސަވައި ރަޙްމަތް ލެއްވި ކަމެވެ. މިއީ ﷲ ގެ ދީލަތިވަންތަ ކަމާއި އޯގާވަންތަކަމުގެ ތެރެއިން ވާ ކަމެކެވެ. އެހެނީ ﷲ އަށް ޝިރްކު ކުރުން ފިޔަވާ އެހެން ހުރިހާ ފާފަ އެއް އެކަލާންގެ ފުއްސަވަތެވެ.

ޝައްކެއްނެތް ފާފަޔަކީ ނުރައްކާތެރި ބިރުވެރިކަން ހުރި ، އިލާހުގެ ކޯފާ ހައްގުވާނެކަމެކެވެ. ނަމަވެސް ﷲ އީ އޯގާވަންތަ ރަހުމަތްވަންތަ ރަސްކަލާނގެ، އެހެންވެ އަޅުތަކުން ކުރެ އެބައިމީހުންގެ ނަފްސަށް އަނިޔާވެރިވެވޭ މީހުނަށް ތައުބާގެ ދޮރު ހުޅުއްވަވާފައިވެއެވެ. ކިތަންމެ ފާފައެއް ކުރިއަސް، ކޮންމެ ގޮތަކަށް އުޅުނަސް، އެކަލާނގެ ހައިބަވަންތަކަމާއި ގަދަ ކީރިތި ވަންތަކަން ވިސްނި، އެކަލާނގެއަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތަށް އަތުވައްޖެ އަޅަކު އެކަލާނގެ ގަބޫލު ކުރައްވައެވެ. ވީމާ ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ! އެކަލާނގެ ހަޟުރަތަށް އަވަސްވާށެވެ! އެކަލާނގެއީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެއެވެ. އަޅުން އެކަލާނގެ ހަޟުރަތަށް ރުޖޫޢަވެ، ތައުބާވެ، ފާފަ ފުއްސެވުންއެދި އާދޭސް ދެންނެވުމަށް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. {قل يعبادي الذين أسرفوا على أنفسهم لا تقنطوا من رحمة الله إن الله يغفر الذنوب جميعا إنه هو الغفور الرحيم} [الزمر 53] މާނައީ: “ތިމަން އިލާހުގެ އަޅުތަކުންކުރެ ފާފަކުރުމުން އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކޮށްފައިވާ މީހުނަށް ކަލޭގެފާނު ދަންނަވާށެވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އެކަލާނގެ ހުރިހައިފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

މާތް ﷲ އެކަލާނގެ އަޅާގެ ކިބައިން ބޭނުންވެ ވޮޑިގަންނަވަނީ އެއްމެ ކަމެކެވެ. އެއީ އިޚްލާޞްތެރިކަމެވެ. ތެދުވެރިކަމެވެ. އެކަލާނގެ ކޯފާއާއި އަޛާބަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތުގައިވާ ނިއުމަތަށް އެދުންވެރިވެ، ފާފަކުރުން ހުއްޓާލައި، މުސްތަގުބަލްގައި އެފަދަ ފާފައަކަށް އަރައިނުގަތުމަށް އަޒުމްކޮށް އެކަލާނގެއަށް ދެންނެވުމެވެ. އަދި ޞާލިޙް އަމަލު ގިނަކުރުމެވެ. އޭރުން އެކަލާނގެ ތިބާގެ ހުރިހާ ފާފައެއް ފުއްސަވައި، ތިބާއީ އެކަލާނގެ ގާތް އަޅުންގެ ތެރެއިން ލައްވާނެކަން ކަށަވަރެވެ. އަދި ކިޔެއް އަޅާގެ ތައުބާ ފުރިހަމަވެ، ފާއިތުވީ ތަނުގެ ބަދަލުގައި ހެޔޮ ޢަމަލު ކޮށް، އެގޮތުގައި ސާބިތުވެ، ތަޤުވާވެރި ވެއްޖެ އަޅެއްގެ އިސްވެ ދިޔަބައި ޘަވާބާއި ދަރުމައަށް ބަދަލު ކޮށްދެއްވައެވެ. އެކަލާނގެ ވަޙީކުރައްވަނީ{{ إلا من تاب وءامن وعمل عملا صالحا فأولئك يبدل الله سيئاتهم حسنات}} الفرقان 70. މާނައީ: ” ތައުބާވެ، ހެޔޮވެގެންވާ އަމަލު ކޮށްފި މީހުންނީ އެބައިމީހުންގެ ނުބައި ކަންތައްތައް ހެޔޮ ކަންތައްތަކަށް މާތް ﷲ ބަދަލު ކުރައްވާނެއެވެ.”

އަޅާގެ މައްޗަށް ވަނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އެކުގައި ތައުބާވެ، އިސްލާހު ވުމެވެ. އެކަލާނގެ އަންގަވާފައިވެއެވެ. {يأيها الذين ءامنوا توبوا إلى الله توبة نصوحا عسى ربكم أن يكفر عنكم سيئاتكم ويدخلكم جنت تجري من تحتها الأنهار…} [التحريم 8]. “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ތެދުވެރި ތައުބާއަކުން ﷲގެ ހަޟުރަތަށް ތައުބާވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި އެތަނެއްގެ (ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން) ފެން އާރުތަށް ހިނގަހިނގައިވާ ސުވަރުގެ ތަކަކަށް ތިޔަބައިމީހުން ވައްދަވާނެއެވެ.”

ތެދުވެރި ނުވަތަ އިޚްލާޞްތެރި ތައުބާއަކީ: 1- ތައުބާވުމަށް ގަސްތުކުރާ ފާފަ ހުއްޓާލުމެވެ. 2- ތިބާއަށް ކުރެވެފައިވާ ފާފައިގެ މައްޗަށް ލަދުވެތިވެ ދެރަވުމެވެ. 3- އެފާފަ އަލުން ނުކުރުމަށް އަޒުމް ކުރުމެވެ. 4- އަދި އަޅުންގެ ހައްގެއް އޮތް ކަމެއް ނަމަ އެކަމެއް ރައްދު ކުރުން ނުވަތަ އެމީހެއްގެ ހިތް ހަލާލު ހޯދުމެވެ. މިސިފަތަށް އެކުލެވިގެންވާ ތައުބާއަކުން ތައުބާ ވެއްޖެ ނަމަ އެތައުބާއީ ޞައްހަ ތައުބާއެކެވެ. މާތް ﷲ އެފާފަ ފުއްސަވާނެތެވެ. އަދި އެފާފައިން ދުރުހެލިވުންވެސް ފަސޭހަ ވާނެއެވެ. މާތް ﷲ ބައްލަވަނީ ތައުބާގެ އަދަދަކަށް ނޫނެވެ. ތައުބާގެ “ކޮލިޓީ” އެށެވެ.

ނުބައި ކަންތައްތަކާއި ދުރުހެލިވެ، ހެޔޮ އަމަލުތައް ކުރުމަށް ލޯބި ޖެހުމަކީ ޝައްކެއް ނެތް ގޮތުގައި މާތް ﷲ ގެ ހަޟުރަތުންވާ މަދަދެކެވެ. އެއީ އަބަދު އަބަދު ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. ވީމާ ތިބާއަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ﷲގެ ދީން އުނގެނި އޮޅުންފިލުވައި، ﷲ އާއި ރަސޫލާ އެންގެވިގޮތަށް އުޅެން މަސައްކަތް ކުރާށެވެ. އޭރުން ތިބާއަކީ ތަގުވާވެރި ރަނގަޅު މީހެއްކަމުގައި ވެވޭނެކަން ކަށަވަރެވެ. އަދި ހަމައެކަނި ކާމިޔާބު ވާނެ މީހުންނަކީ އެއީއެވެ.[1]

(يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ  )

އާޔަތް ބާވާލެއްވުނު ސަބަބު:

ބަނުލް މުޞްޠަލަގު ވަންހައިގެ މީހުންގެ އަތުން ޒަކާތް ނެންގެވުމަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ބޭކަލަކު ފޮނުއްވިއެވެ. އެބޭފުޅަކު ވަޑައިގަންނަވާތީވެ، އިސްތިގްބާލަށް އެގަބީލާގެ މީހުން ރަށް ބޭރަށް ނިކުމެ އިސްތިގްބާލަށް ތިއްބެވެ. އެހިނދު، އެބައިމީހުން ނިކުމެ އެތިބީ އެކަލޭގެފާނު ގަތުލު ކުރުމަށް ކަމަށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަންދޫބަށް ޝައިޠާނާ ވަސްވާސްދިނެވެ. އަދި އެކަމަށް ބިރުން އެކަލޭގެފާނު އެނބުރި މަދީނާ އަށް ވަޑައިގެން އެގަބީލާގެ މީހުން އެކަލޭގެފާނު ގަތުލު ކުރަން އުޅުނީތީވެ ބިރުން އެނބުރި އައި ކަމަށް ޚަބަރު ދެއްވިއެވެ. އެހިނދު މިއާޔަތް ބާވާލެއްވުނެވެ.

ފާސިގަކީ އެމީހެއްގެ ދީނާއި ޢަގީދާ އަދި މުރޫއަތު ގެއްލޭފަދަ ކަންތައް ކުރާ މީހުންނެވެ. އެއީ ޢަދްލުވެރި ކަމުގެ އިދިކޮޅު ޞިފައެވެ. ޢަދުލުވެރިންނަކީ ދިނާއި، ޢަގީދާ އަދި މުރޫއަތު ހިފަހައްޓައިގެން ތިބޭ މީހުންނެވެ. ކުދި ފާފަ ކުރުން މަތީ ދެމިހުރެ، އަދި ތިމާގެ މައްޗަށް ވާޖިބުވެފައިވާ ކަންތައް ދޫކޮށް، އެކަމުގެ މަތީގައި ދެމިތިބޭ ނަމަވެސް ކުފުރުގެ ދަރަޖައަށް ނުދާ މީހުންނަށް ކިޔެނީ ފާސިގުންނެވެ. މީގެ އިތުރުން މީހާގެ މުރޫއަތާއި ފުށޫ އަރާފަދަ ކަންތައް ކޮށް އުޅޭ މީހުންނަށް ވެސް ފާސިގުންނޭ ކިޔެއެވެ. މިފަދަ މީހަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އެޚަބަރެއް މުޅިއަކުން ގަބޫލެއްވެސް ނުކުރެވޭނެއެވެ. އަދި ރައްދެއްވެސް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި އެޚަބަރެއް ޖެހޭނީ އޮޅުން ފިލުވާ ސާފުކުރާށެވެ.

(فَتَبَيَّنُوا) ބައެއް ގިރާއަތްތަކުގައި އަންނަނީ (فَتَثَبَّتُوْا) މާނައަކީ: “އެޚަބަރެއްގެ ތެދުދޮގު އޮޅުންފިލުވާ ޘާބިތު ކުރާށެވެ.”

(إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا  ) މި އާޔަތުން ބޭރުފުށަށް ދޭހަވާ މާނައަކީ ޢަދްލުވެރި މީހަކު ޚަބަރަކައިގެން އައިސްފިނަމަ އޭގެ ތެދުދޮގު ނުބަލާ ވަގުތުން ގަބޫލު ކުރުމެވެ. ނަމަވެސް، މިކަމުގައި އިތުރު ތަފްޞީލުތައް ގުރްއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން ވަނީ ބަޔާން ކުރައްވާފައެވެ.

މިޘާލަކަށް: މީހަކު ޒިނޭ ކުރިކަމަށް ހެކިބަސް ދިނުން. ދީންވެރި، މުރޫއަތު ރަގަޅު ޢަދްލުވެރި މީހަކު އައިސް މިވެނި މީހަކު ޒިނޭ ކޮށްފިޔޭ ބުނިނަމަވެސް އެބަހެއް ގަބޫލެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި އެމީހަކު ހެކި ނުދައްކައިފިނަމަ ގަޛްފުގެ ޙައްދު ޖެހޭނެއެވެ.

މީހެއްގެ ބޮލުގައި ޒިނޭގެ ނުވަތަ ލިވާޠުގެ ނުވަތަ ސިޙާގުގެ ތުހުމަތު އެޅުވުމަކީ ގަޛްފު ކުރުމެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. ޙަރާމް ކަމެކެވެ. ސޫރަތުއް ނޫރުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ يَرْ‌مُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَ‌ةِ وَلَهُمْ عَذَابٌ عَظِيمٌ  ) މާނައަކީ: ” ހަމަކަށަވަރުން، عفة ތެރި، غفلة ތެރި (އެބަހީ: ފާފަކުރުމުގެ خيال ވެސްނެތް) مؤمن އަންހެނުންނަށް قذف ކުރާ މީހުންނަށް، ދުނިޔެއާއި، آخرة ގައި لعنة ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.”

މި އާޔަތުގެ ތަފްސީރުގައި އިމާމް ސަޢްދީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ޢިއްފަތްތެރި އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމާއި ބެހޭ ގޮތުން މިވަނީ ވަޢީދުގެ ބަސްފުޅު ވަޙީ ކުރައްވާފައެވެ. (إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ) ޔަޢްނީ: ނުބައިކަންތައްތަކުން ދުރުހެލިވެގެންވާ މީހާ އެވެ. (الْغَافِلاتِ) ޔަޢްނީ: ފާޙިޝް ޢަމަލުތައް ހިންގުމަށް ހިތަށްވެސް ނާރާ މީހުންނެވެ.” (الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالآخِرَةِ) ބޮޑު ފާފައަކަށް މެނުވީ ﷲގެ ލަޢްނަތެއް ނުވެއެވެ. މި ލަޢްނަތަކީ ދުނިޔޭގެ އިތުރުން އާޚިރަތުގައިވެސް ދެމިގެންވާ ކަމެއްކަން އަންގަވާ ވަޙީ ކުރައްވައެވެ. (وَلَهُمْ عَذَابٌ عَظِيمٌ) ޔަޢުނީ: “އެބައިމީހުންނަށް (ގަޛްފު ކުރާ މީހުންނަށް) ގަދަފަދަވެގެންވާ ޢަޛާބު ހުއްޓެވެ”. މިއީ ލަޢްނަތުގެ އިތުރުން އަންނަ ކަމެކެވެ. ލަޢްނަތް ލެއްވުމަކީ ﷲ ގެ ރަޙްމަތުން އެމީހަކު ދުރުހެލި ކުރެއްވުމެވެ. އަދި ﷲ ގެ ގަދަފަދަ ވެގެންވާ ކޯފާ އާއި ޢަޛާބު އެފަދަ މީހުންގެ މައްޗަށް ޙައްގުވުމެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (اجْتَنِبُوا السَّبْعَ الْمُوبِقَاتِ [أي : المهلكات] . قَالُوا : يَا رَسُولَ اللَّهِ ، وَمَا هُنَّ ؟ قَالَ : الشِّرْكُ بِاللَّهِ ، وَالسِّحْرُ ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ، وَأَكْلُ الرِّبَا ، وَأَكْلُ مَالِ الْيَتِيمِ ، وَالتَّوَلِّي يَوْمَ الزَّحْفِ ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ) رواه البخاري (2767) ومسلم (89).  މާނައަކީ: “ހަލާކު ކުރުވަނިވި ބޮޑުވެގެންވާ ހަތްކަންތަކުން ތިޔަބައިމީހުން ދުރުހެލިވެ ރައްކާތެރިވާށެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އެއީ ކޮންކަންތައް ތަކެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި، ޙައްގަކާ ނުލާ ﷲ ޙަރާމް ކުރައްވާފައިވާ ނަފްސެއް ގަތުލު ކުރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލަން ދުވުމާއި، ފާޙިޝް ޢަމަލެއް ހިންގުމަށް ހިތަށްވެސް ނާރާ ޢިއްފަތްތެރި އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ.”

ފަތާވާ އައްލަޖްނަތުއްދާއިމާ ގެ (76/22) ގައި އައިސްފައިވެއެވެ. “މުސްލިމަކު އޭނާގެ އަޚާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާ ގަޛްފު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ. އެފަދަ ކަންތަކުން ތައުބާވާން ޖެހޭނެއެވެ. އަދި ގަޛްފު ކުރެވުނު މީހާގެ ފަރާތުން މާފަށްވެސް އެދެން ޖެހޭނެއެވެ. އަދި މާފުނުކޮށްފިނަމަ ޝަރްޢީ ޙައްދު ގާއިމު ކުރަން އެދުމުގެ ޙައްގު މަގްޛޫފަށް (ގަޛްފު ކުރެވުނު މީހާ އަށް) ލިބިގެންވެއެވެ.”

މުޙައްޞަނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ، ގަޛްފުގެ ޙައްދު ގާއިމު ކުރަން ޖެހޭނެ ކަމަށް ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ. ގަޛްފުގެ ހައްދަކީ އަށްޑިހަ އެތިފަހަރުން ހައްދު ޖެހުމެވެ. ސޫރަތުއް ނޫރުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ يَرْ‌مُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْ‌بَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ) މާނައަކީ: ” عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ.”


[1]   http://mvislamqa.com/beta/views.asp?questionID=240

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.