ކުރު ވާހަކަ: ދެވަނަ ފުރުސަތު

ލިޔުނީ : މަރިޔަމް ޙުސައިން / ހދ. ކުޅުދުއްފުށި

ހަތަރު އަހަރުގެ އީޝަލްގެ ހަރަކާތްތަކަށް ކަޅިޖަހާ ނުލާ ބަލަން އޫޝާއިނެވެ. މިވަގުތު ކިތަންމެ ހެވިފައި އީޝަލް ހުއްޓަސް އަބަދުވެސް ޝަކުވާއަކަށްވަނީ އީޝަލް ކައިރީ އީޝަލްގެ ބައްޕަ ނުހުންނާތީއެވެ. އޫޝާވެސް އިންތިޒާރު ކުރަމުން އެދަނީ ނަވާޒު އެނބުރި އަންނާނެ ދުވަހަކަށެވެ. އޫޝާގެ ދުޢާއަކީ ނަވާޒު އެނބުރި މުޖްތަމައަށް އަންނައިރު ނަވާޒަށް ގިނަ ބަދަލުތަކެއް އައިސްފައި ހުރުމެވެ.

ނަވާޒާއި އޫޝާގެ ކައިވެނިކުރެވުނީ އޫޝާގެ ބައްޕަ އާމިރުގެ ނުރުހުމުގައެވެ. ނަވާޒާއި ކައިވެނި ކުރި ހިސާބުން އޫޝާގެ މައިންބަފައިނާއި އޮންނަ ގުޅުން ކެނޑިގެން ދިޔައީއެވެ. ގެއަށް ވަނުން އޫޝާއަށް މަނާވީއެވެ. ނުވިތާކަށް ގޭމީހަކާއި ވާހަކަދެއްކުންވެސް އޭނާއަށް އޭނާގެ ބައްޕަ މަނާކުރީއެވެ. މިވީ ދެއަހަރު ދުވަސްތެރޭގައި އޫޝާއަށް އެއިން މީހަކު ފެންނަ ހިސާބަށް ދާކަށް ނުކެރުނެވެ. އެއިން މީހެއްގެ ހާލުވެސް ބަލާލާކަށް އޫޝާއަކަށް ނުކެރުނެވެ. ބައްޕަގެ އެއްޗެހިކިޔުންތަކާއި ނަފްރަތުން ސަލާމަތްވާން އޫޝާވެސް އެމީހުންނާއި ތާއަބަދަށް ވަކިވީއެވެ.

ބައްޕަމެން ނަވާޒާ އޫޝާ ގުޅެން ނުރުހުންވި އެންމެ ބޮޑު ސަބަބަކަށްވީ ނަވާޒަކީ މަސައްކަތެއް ކުރާ މީހަކަށް ނުވުމެވެ. މަގުމަތީގައި ގިނަވެގެން އުޅޭ މީހަކަށްވުމެވެ. ނަވާޒުގެ ބައްޕައަކީ ރަށުގައި ނަން ހިނގާ މުއްސަންޖެއްކެވެ. ނަވާޒު މަސައްކަތް ނުކުރިޔަސް އެމީހުންނަށް އުޅޭވޭވަރުވެއެވެ. އޫޝާ ނަވާޒާއި ކައިވެނިކުރީ އެހުރިހާ އެއްޗެއް އެނގިހުރެއެވެ. ނަވާޒު މަތި އޮމާންކޮއްފައި ބުނެލައި ކޮންމެ އެއްޗެއް އޫޝާއަށް ގަބޫލުކުރެވެއެވެ. އެއަށްވުރެން ބޮޑަށް އޫޝާ ހުރީ ނަވާޒުގެ ލޯބީގައި ދީވާނާވެފައެވެ.

ކައިވެންޏަށްފަހު އޫޝާ ނަވާޒުގެ ގެއަށް ބަދަލުވިއެވެ. އިންތިހާއަށް އޫޝާ ދެކެ ލޯބިވާ މައިންބަފައިންނާއި އާއިލާ ދޫކޮށެވެ. ނަވާޒު ގޭ މީހުން އޫޝާއަށް ވަރަށް ހެވެ. ގަނޑުވަރެއްފަދަ އެގޭގައި އޫޝާ އުޅެމުން އައީ އަމިއްލަ މައިންބަފައިން ކައިރީވެސް ނޫޅޭހާ މިނިވަންކޮށެވެ. އުފަލައި ތަނަވަސްކަމުގައެވެ.

ދަންވަންދެން ބޭރުގައި އުޅުމާއި މެންދުރުވަންދެން ނިދަން އޮތުމަކީ ނަވާޒުގެ އާދައެވެ. ގޮތް ނޭގޭ ފޯނު ކޯލުތަކާއި އަތުގައި ގެންގުޅޭ ފައިސާތަކުން އޫޝާގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ ކެތްކޮއްލެވުނީ މަދުދުވަސްކޮޅަކުއެވެ. އޫޝާއަށް ދޭން ވަރަށް ވަގުތު ނުދެވޭތީ އޫޝާ ހިތްހަމަނުޖެހުންތައް ބަންޑުން ކޮއްލިއެވެ.

” އެހާ ދަންވަންދެން ބޭރުގައި ކީއްތަ ތިކުރަނީ……..އެއްރޭވެސް އަވަހަށް ގެއަކަށް ނާދެވޭ ރައްޓެހިން ހަމަ އެހާ މުހިއްމީތަ؟ ”

” ބުނަން ….އަހަރެން އުޅޭހާ ގޮތަކާ ބެހޭނެ ކަމެއްނެތް…….އޫޝާ އޫޝާގެ ސައިޒްގަ ހުރޭ އޯކޭ….” ނަވާޒުގެ ދުލުގައި އަނގައިން ބުނާނެ ހަކަތައެއްވެސް ނެތް ފަދައެވެ. އެނދުމައްޗަށް ވެއްޓިގަތް މީހާ އޫޝާ ގޮވާ ގޮވާވެސް ޙަބަރެއް ނުވިއެވެ.

އެފަދަ ރޭތަށް އޫޝާގެ ދިރިއުޅުމުގައި ގިނަވާން ފެށިއެވެ. ނުހަނު އުފާވެރި ދިރިއުޅުމެއްގެ ހުވަފެން ދެކެމުން އައި އޫޝާގެ ހަޔާތަށް އަނދިރިކަންވެރިވާންފެށިއެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދެމީހުން ދެމެދު އަރާރުންތައް ގިނަވާންފެށިއެވެ. އެއްރެއެއްގެ އިރާކޮޅު ވަގުތެވެ. އޫޝާ އިނީ އިޝާ ނަމާދަށެވެ. ބޭރުން އައިސް ނަވާޒު ކޮޓަރިއަށްވަނީ ހޫރެމުން ކަހަލަ ގޮތަކަށެވެ. އެނދާ ހަމައަށް ނާދެވެނީސް ބަން ލައިފައި ބިންމައްޗަށް ވެއްޓުނެވެ. އެއަޑު ފަށަށް އޫޝާ އަވަސްއަވަހަށް ސަލާން ދިނުމަށްފަހު ނަވާޒާއި ދިމާލަށް ދުއްވައިގަތެވެ. އެރޭވެސް ނަވާޒަށް ގޮވާގޮވާ ހަބަރެއް ނުވިއެވެ. ނަވާޒުގެ މަންމަޔާއި ބައްޕަވެސް ގޭގައި ނެތް ވަގުތަކަށްވާތީ އޫޝާ ކަންބޮޑުވި އެމްބިއުލާންސަށް ގުޅުނީ ހިތަށްވަން ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެކަމުގެ ނަތީޖާ އެހާ ހިތިވާނެ ކަމަކަށް އޫޝާ ކުޑަކޮންވެސް ހިޔެއް ނުކުރެއެވެ.

ޑޮކްޓަރ ބެއްލެވުމަށްފަހު ފުލުހުންނަށް ރިޕޯޓްކުރީ ނަވާޒު މަސްތުވާތަކެތީ ގެ ބާވަތަކަށް  ޕޮސިޓިވްވުމުންނެވެ. އަދި ނަވާޒުގެ ހާލު ރަނގަޅުވުމުން ބަންދުކުރާނެ ވާހަކަ ބުނުމުން އޫޝާގެ ދެލޯ ކަރުނުން ތެންމާލިއެވެ. ނަވާޒުގެ މަންމަ ނަސްރީނާ ހިތްހަމަނުޖެހިފައި އޫޝާގެ މޫނަށް ބަލާލިއެވެ.

” ކީއްކުރަންތަ ނަވާޒު މިތަނަށް ގެނައި………އޫޝާއަށް އެނގެޔޭނުން ނަވާޒު އެއްޗެހި ބޭނުންކުރާކަން…….” އިސްޖަހާލައިގެން ރޯލަރޯލާއިން އޫޝާއަށް ނަސްރީނާގެ މޫނަށް ބަލާލެވުނީ ގަބޫލުނުކުރެވިގެންނެވެ. ނަވާޒު މަސްތުވާތަކެތި ބޭނުންކުރާކަން އޫޝާއަށް މިއެނގުނީ އަލަށެވެ. ކުރިންވީ ޝައްކުތަކެކެވެ. އެކަމަކު ނަވާޒުގެ މަންމައަށް އެކަން މާ ކުރިންވެސް އެނގޭކަން އޭނާގެ ވާޙަކަތަކުން ހާމަވެއެވެ.

” ރަށު މީހުން ކުރިމަތީ އަހަރެމެންގެ އަގޭނުން ވެއްޓޭނީ…………” ނަސްރީނާ ވާހަކަދެއްކީ ހަމައެކަނި އޫޝާއަށް އިވޭ ވަރަށެވެ.

ނަވާޒު އެމައްސަލާގައި ބަންދުކުރެވުނެވެ. ނަސްރީނާ އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާއިރު ނަވާޒުގެ ބައްޕަ ރައްޒާގު ފެންނަނީ ހިމޭނުން އިންނަތަނެވެ. އޫޝާއަށް ހީވަނީ ރައްޒާގުވެސް އޫޝާދެކެ ނުރުންވެފައި އިންނަހެންނެވެ. ނަސްރީނާ ތަކުރާރުކޮށް ރައްޒާގު ކައިރީ  ކިޔަމުން ގެންދަނީ ނަވާޒު ސަލާމަތްކޮއްދިނުމަށެވެ. އެހެނަސް ރައްޒާގު އަޅައިވެސް ނުލައެވެ.

ނަސްރީނާ ކޮންމެވެސް ގޮތަކުން ނަވާޒު ޖަލުން ގެއަށް ގެނައެވެ. އޫޝާ ކައިރީ ނަވާޒު ދެން އެގޮތަށް ނޫޅޭނެކަމަށް ބުނެ އެތައް ވައުދުތަކެއްވިއެވެ. ގޭތެރޭގައި ނަވާޒަށް ކެތްކޮއްލެވުނީ ދެހަފްތާވަންދެނެވެ. އަނެއްކާވެސް ކުރީގެ އުޅުމަށް ނަވާޒު އެނބުރުނެވެ. ހަމަ ހޭގައި ނުހުންނަ ވަގުތުތައް ގިނަވާން ފެށިއެވެ. އޫޝާގެ ނަސޭހަތެއް ދިނަސް އަންނަނީ ރުޅިއެވެ. ބައެއް ފަހަރު އަތް އިސްކުރެވޭ ފަހަރުވެސް އާދެއެވެ. އެހެނަސް އެހުރިހާ ކަމަކާ އޫޝާ ކެތްކުރީ ނަވާޒަށްޓަކާއެވެ. އޫޝާ ކިތަންމެ ނަވާޒު ރަނގަޅު ކުރަން ބޭނުންވިޔަސް ނަވާޒު އަމިއްލައަށް ބޭނުން ނުވަންޏާ ރަނގަޅުވާނީ ކިހިނެތް ހެއްޔެވެ؟

ނަވާޒު އުޅޭ ކޮންމެ ގޮތެއް ވަށިހަމަވެފައި ހުއްޓާ އޫޝާއަށް ލިބުނީ ހީވެސް ނުކުރާ ޙަބަރެކެވެ. އޫޝާ މަންމަޔަކަށް ވާކަމުގެ ޙަބަރެވެ. ކަނިވަމުންދިޔަ ދިރިއުޅުން އާރާސްތުކުރަން ގަދައަޅާ މަސައްކަތްކުރަން އޫޝާއަށް ޖެހުނީއެވެ. އެހަބަރު ލިބުނު ދުވަހަކީ ނަވާޒު ރައްޓެހިންނާއެކު ރިސޯޓަށް ގޮސްވީ ދުވަހެކެވެ. އެޙަބަރު ނަސްރީނާއަށް ލިބުމުން ރައްޒާގެ ކަންފަތާއި ހަމައަށް އެކަން ހިނގައްޖެއެވެ. ކުރަން ހުރި މަސައްކަތް ދޫކޮށްލާފައި ރައްޒާގު އައީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ގޭގައި ނަވާޒު ނެތްކަން އެނގުމުން ނަވާޒަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. ނަވާޒުގެއަށް އައީ މެންދަމުން އަލިވެ އެކެއްވެސް ޖެހިފަހުންނެވެ. ރައްޒާގު ހޭލައި އިނީ ނަވާޒު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނުނިދާއިން ބައްޕަ ފެނުމުން ނަވާޒު ހައިރާންވިއެވެ. އެހެނަސް ބައްޕަ ފެނުން ކަމަށް ނަހަދާ އުޅުނީ ކޮޓަރިއަށެވެ.

” ނަވާޒް…..” ރައްޒާގު ގެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ.

” ކޮންތާކުން ތިއައީ ؟”

” ބޭރުން …..” ނަވާޒުގެ ޖަވާބު ކުރެވެ.

” ބޭރުން ކޮންތާކުން……….ކޮންއިރަކު ގެއިން ނިކުތް މީހެއްތީ………..؟ ” ރައްޒާގު ގެ އަޑުގައިވީ ހަރުކަށިކަމެވެ.

” ރިސޯޓުން މިއައީ……..” ނަވާޒު ހިތްހަމަނުޖެހިގެން މޫނު އަނބުރާލިއެވެ.

” އެހެންތަ ؟ ނަވާޒު ތިގެންގުޅޭ ގުރޫޕާއި އެކީ ބޮއެގެންދޯ ތިއައީ.”

” އެއީ ބައްޕަޔާ ބެހޭ ކަމެއްނޫން…..” ނަވާޒުގެ އަޑުވެސް ގަދައެވެ. އެއަޑަށް ނުނިދިފައި އޮތް އޫޝާއަށް އެތަނަށް ނިކުމެވުނެވެ.

” ނަވާޒު ތިއުޅުން އިސްލާހް ކުރާނީ ކޮންއިރަކުން………..ހެޔޮ ނުވާނެ ނަވާޒު ތިއުޅެނީ އެއްގޮތަކަށްވެސް ރަނގަޅަކަށްނޫން……….ނިކަން އޫޝާއާ ދޭތެރޭ ވިސްނަލަ ބަލަ ” ރައްޒާގު އެހެން ބުނުމުން ނަވާޒު ބަލާލީ އޫޝާގެ މޫނަށެވެ. އޭރުވެސް އޫޝާ ރޮނީއެވެ. ރައްޒާގަށްވެސް ކަރުނަތައް ހިފަހައްޓާނުލެވުނެވެ. މާ ބޮޑަށް ހިތުގައި ޖެހުނީއެވެ.

” އޫޝާ އެހެރީ އައިސް ހުރިހާ އެއްޗެއް ދޫކޮށް ނަވާޒާއެކު އުޅެން…….އެކަމަކު ކިހިނެތް ނަވާޒު ތިއުޅެނީ ….. ލިބެން އުޅޭ ދަރިފުޅާ ދޭތެރޭ ވިސްނާލަބަލަ……ކިހިނެތް އެކުއްޖާގެ މުސްތަޤްބަލަށް ވާނީ ………..” ރައްޒާގު އެހެން ބުނުމުން އަނެއްކާވެސް ނަވާޒަށް ބަލާލެވުނީ އޫޝާއާ ދިމާލަށެވެ. އޫޝާއަށް ކެތްނުވެގެން ކޮޓަރިތެރެއަށް ދުއްވައިގަތެވެ.

އޫޝާ ބަލިވެ އިން ޙަބަރާއި އެކު ނަވާޒު އުޅުން ބަދަލުކުރަން އޭނާ ބޭނުންވިއެވެ. އެހެނަސް އެހިތްވަރެއް ނަވާޒުގެ ނުހުރެއެވެ. ގަޑިޖެހޭއިރަށް އެއަށް ބޭނުންވާން ފެށިއެވެ. ކެތްނުކުރެވިގެން ނަވާޒުވަނީ ފާހާނާއަށެވެ. ވަދެ ގިނައިރުވާން ފެށުމުން އޫޝާ ބިރުގަތެވެ. ފާހާނާގެ ޑަބަލް ތަޅުދަނޑި ބޭނުންކޮށްގެން ދޮރު ހުޅުވީއިރު ނަވާޒު އޮތީ ފާހާނާ ތެރެއަށް ދެމިފައެވެ. ނޭފަތުންވަނީ ލޭއައިސްފައެވެ. އޫޝާއަށް ހަޅޭލަވައިގަނެވުނެވެ. ނަވާޒުގެ ހަށިގަނޑު ފިނިވެފައިވާތީ ފުރާނަ ހުރިކަމާއި މެދުވެސް ޝައްކުވިއެވެ. ނަސްރީނާއާއި ރައްޒާގު އެތަނަށް އައެވެ. ނަވާޒަށް ވެފައި އޮތްގޮތް ފެނި އެދެމީހުންނަށްވެސް ރޮއެގަނެވުނެވެ.

ހޮސްޕިޓަލަށް ގެންގޮސް ނަވާޒަށް ފަރުވާދޭން ފެށުނެވެ. ނަވާޒަށް ވާހަކަދެއްކޭ ވަރުވީ ހަފްތާއެއް ފަހުންނެވެ. ވާޙަކަދެއްކެން ފެށުމުން ނަވާޒު އެކަމާ ދެރަވިއެވެ. ރޮއެފައި އަނެއްކާވެސް އެހެން ނޫޅޭނެކަމަށް ބުންޏެވެ. އެކަމަކު އޫޝާއަށް އެޔަގީން ކަމެއްނެތެވެ.

” ނަވާ ……އަހަރެން ބޭނުމީދެން ނަވާޔާ ވަކިވާން ……..؟ ” އޫޝާ ދިނީ ނަވާޒު އުންމީދުކުރި ފަދަ ހަބަރެއްނޫނެވެ.

” އަހަރެން މިބުނިއްޔޭނުން އަހަރެން ރަނގަޅުވީމިދެން……ދެން ނުޖައްސާނަން…..” އެބަސްތަކުގައި މިހާރު އޫޝާއަށް އިތުބާރެއް ނެތެވެ. އޫޝާ ފޯނުނަގާ ދައްކާލީ ނަވާޒު ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާނެގި ފޮޓޯ އެކެވެ. ނޭފަތުން ލޭއައިސް މީހާ ނޫކުލަ އަރާފައިވާތަން އެފޮޓޯއިން ނަވާޒަށް ފެނުނެވެ.

” ނަވާ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ…….ވެދާނެ މީ ނަވާ އިސްލާޙްވާން މާތްﷲ ދެއްވި ފުރުސަތަކަށް …..ހެޔޮ ނުވާނެ ތިއުޅުން ދޫކޮށްލާ ނަވާ ބޭނުންތަ އަހަރެމެންނަށް ލިބެން އުޅޭ ދަރިފުޅުގެ މުސްތަޤްބަލް އަނދިރިވާން…..” އޫޝާ ދެއްކި ވާޙަކަޔާއި މެދު ނަވާޒަށް ފުރަތަމަ ފަހަރު ވިސްނާލެވުނެވެ. މިފަހަރު ހަމަ ހިތުގެ އަޑިންނެވެ.

” ރީހަބަށް ގޮސް ފަރުވާ ހޯދަން އަހަރެން ތައްޔާރު ……….އަހަރެން އެނބުރި އަންނާނީ ތިއެންމެން އެދޭފަދަ މީހަކަށް ވެގެން…..” އެނދުކައިރިއަށް އައިސް ހުއްޓުނު ނަސްރީނާ އަށާއި ރައްޒާގަށް ނަވާޒުގެ ވާހަކަތައް އަޑުއިވުނެވެ.

” އަލްޙަމްދުﷲ ….ވަރަށް އުފާވެއްޖެ……” ރައްޒާގު ތުންފަތްމަތިން އެތަށް ދުވަހަކަށްފަހު ހިނިތުންވުންފެނުނެވެ.

ނަވާޒު ނެތްކަމުގެ ފަޅުކަން ކޮންމެ ދުވަހަކުވެސް އޫޝާއަށް ކުރެވެއެވެ. ދަރިފުޅު ބޮޑުވަމުން އައި އައިހެން ބައްޕަ ނެތުމުން ދިޔައީ ޝަކުވާ ކުރަމުންނެވެ. އޫޝާގެ ބައްޕަމެންވެސް ކުރީގެ ރުޅިވެރިކަން ދޫކޮއްލައިފިއެވެ. އޫޝާއަށް ދަރިއަކު ލިބުމުން އެމީހުންނަށްވެސް ފުސްމޫނު ހަދައިގެން ތިބޭކަން ނުކެރުނެވެ. އަނެއްކޮޅުން ނަވާޒު ރީހަބަށް ދިއުމުން ނަވާޒާއި މެދު ވެސް ދެކޭގޮތް ބަދަލުވިއެވެ. އިސްލާޙްވެގެންވެސް އޫޝާ އާ އެކު ދިރިއުޅެން ނަވާޒު ބޭނުންވަރު އެނގުމުން އެމީހުންގެ ހިތްވެސް ބަދަލުވީއެވެ.

ކޮނޑުގައި މީހަކު އަތް ޖައްސާލުމުން އޫޝާ ދިޔައީ ސިއްސައިގެނެވެ. ހިޔާލަކަށް ގެނބިފައި އިނުމުންނެވެ. އަވަސް އަވަހަށް ދެލޯ ފޮހެލަމުން އެމީހާގެ މޫނު ފެނުމުން އޫޝާއަށް އިންތަނުން ތެދުވެވުނެވެ. ނަވާޒުގެ ފައިންފެށިގެން ބޮލާއި ހަމައަށް އޫޝާގެ ނަޒަރު ހުސްކޮށްލެވުނެވެ. ހަށިގަނޑު ކުރިއަށްވުރެން ރީތިވެފައި މާޒުވާންކަމަށް ދައްކައެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި އެކު ސިފައަށް ބޮޑުބަދަލެއް އައިސްފައިވެއެވެ.

” އޫޝާ ……….މީ އޫޝާގެ ނަވާ އޭ……..” އޫޝާގެ ދެލޮލުން މީރާލީ އުފާވެރިކަމުގެ ކަރުނައެވެ. ނަވާޒުގެ އަތުތެރެއަށް އޫޝާއަށް ވެއްޓިގަނެވުނެވެ. އެވަގުތު ކޮޅަށް ނިމުމެއް އައީ ދާދި ކައިރިން އީޝަލް ގޮވާލުމުންނެވެ.

” މަންމީ…..މަންމީ….” އޫޝާގެ ހެދުމަށް ދަމައިގަންނަމުން އީޝަލް ތަކުރާރުކޮން ގޮވާލިއެވެ. ދެމީހުންވެސް ސިހިފައި ބަލާލިއެވެ. ނަވާޒު އީޝަލް އުފުލާލިއެވެ.

” މީތަ ބައްޕިގެ ޕުރިންސެސްއަކީ………” ނަވަޒުގެ ދެލޯ ކަރުނުން ތެންމާލިއެވެ. ދަރިފުޅު މިފެނުނީ ހަތަރު އަހަރު ފަހުންނެވެ. އެދަރިފުޅުގެ ތުއްތު އިރުގެ އެންމެ އުފާވެރި ދުވަސްތައް ކައިރީގައި ނެތްކަމުގެ އިޙްސާސް ނަވާޒަށް ކުރެވުނެވެ.

” ތީތަ އީޝްގެ ބައްޕި…..” އީޝަލްއަށް ގަބޫލުކުރަން އުނދަގޫވިއެވެ. އީޝަލްއަށް ފެންނަ ފޮޓޯތަކުގައި ނަވާޒުގެ އިސްތަށިގަނޑު ހުންނަނީ ދިގު ކޮށެވެ. އެކަމަކު ދެވަނަ ސިކުންތުގައި އެ ތުއްތު ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ނަވާޒުގެ ކަނާތު ބުމަކައިރީ އިންނަ ބޮޑު ލަކުނުގައި އީޝަލްގެ އަތްޖައްސާލިއެވެ.

” އާން މި އީޝްގެ ބައްޕި…..” ބައްޕަ ފާހަގަކުރަން އީޝަލް ގެންގުޅުނު އުކުޅުން ނަވާޒުގެ ހިތް ރޮއްވާލިއެވެ. ކިތަންމެ ކުޑަ ނަމަވެސް އީޝަލްގެ ހިތުގައި އޭނާއަށް ދީފައިވާ މަގާމް ނަވާޒަށް ވަޒަންކުރެވުނެވެ. އީޝަލް ގަޔާލައި ބޮނޑިކޮއްލަމުން އޫޝާ ގެނެސް އޭނާގެ ގައިގާ ޖައްސާލިއެވެ.

ދިރިއުޅުމުގައި ދެވަނަ ފުރުސަތެއް ލިބޭނީ މަދުފަހަރަކުއެވެ. ދެން ނަވާޒު ފަސްއެނބުރި ނުބާލާނެއެވެ. އިސްލާޙްވާން ލިބުނު ފުރުސަތުގެ ބޭނުން ހިފައި އޭނާ އެގޮތުގައި ސާބިތުވާނެއެވެ. ލޯބިވާ ދަރިފުޅާއި އަންހެނުން ގާތުގައި އަބަދުހުންނާނެއެވެ. އެމީހުން ދެރަވާ ކަހަލަ އެއްވެސް ކަމެއް ނުކުރަން އޭނާ ހުރީ އަޒުމްކަނޑައަޅައިގެނެވެ. މިފަހަރުގެ އަޒުމަކީ ނުގުޑާނެ އަޒުމެކެވެ. ފަރުވާއިން ވީއްލިގެން އައިރު އޭނާއަށް އެވަނީ ވަރަށް ގިނަ ކަންކަން ދަސްވެފައެވެ. އިންތިހާއަށް ލޯބިވާ އާއިލާ އާއި ދުރުގައި އޭނާ ހޭދަކުރީ އުނދަގޫދުވަސްތަކެކެވެ. އެލިބުނު ފުރުސަތުގެ ބޭނުން ކޮއްގެން އޭނާގެ މުސްތަޤްބަލް އުޖާލާކުރާނޭކަން ޔަގީނެވެ.

                     ނިމުނީ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.