ސޫރަތުލް ޙުޖުރާތުގެ ތަފްސީރު

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

އޭ އެންމެހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ތިޔަބައި މީހުންނަށް ދުނިޔޭގެ ދަޅަތަކަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން މުހިއްމުކަން މަރުވުމަށްފަހު އެނގިގެންދާ ހުއްޓެވެ. ވީމާ އިސްލާމްދީނުގެ އިންތައް ފަހަނައަޅައި އެއްވެސް މުސްލިމަކު ގޮސްގެން ނުވާނެއެވެ. ގޮސްފިނަމަ އެއީ ކަނޑައެޅިގެން އަނިޔާވެރި އެކެވެ. ތިމާމެންގެ ކުށްފާފަ ތަށް ފުށްސެވުމަށް އެދި އޯގާވަންތަރަސްކަލާނގެ އަށް ތިޔަބައިމީހުން ދުޢާ ދަންނަވާށެވެ! މާތް ﷲ އީ ފާފަ ފުއްސަވާ އޯގާވަންތަ ރަސްކަލާނގެ އެވެ.

އާދެ! ބަޣާޥާތް” މިބަހަކީ ޢަރަބިބަހުގެ ތެރެއިން އައިސް ދިވެހިބަހުގައިވެސް ބޭނުންކުރެވޭ ކަލިމައެއްކަމުން އެންމެ ފުރަތަމަ ބަލައިލާނީ ދިވެހިބަހުގައި އެބަސް ބޭނުން ކުރާ މާނައިގެ މައްޗަށެވެ. އެގޮތުން:-

– ބަޣާވާތް: ނ. ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް ކުރާ މަސައްކަތް
– ބަޣާވާތް ކުރުން: މ. ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރުން (ދިވެހި ބަސްފޮތް ދިވެހި ރާއްޖޭގެ ޤަޥުމީ ޔުނިވަރ ސިޓީގެ ދިވެހި ބަހާ ތާރީޚާ ބެހޭ މަރުކަޒު  ފުރަތަމަ ޗާޕް2011 ގެ ވަނަ 230 ޞަފްޙާ)
– ބާޣީ: ނއ. ޤާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަސައްކަތްކުރާ މީހާ
– ބާޣީން: ނއ. ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރާމީހުން (ދިވެހި ބަސްފޮތް  224) ދިވެހި ރާއްޖޭގެ ޤަޥުމީ ޔުނިވަރ ސިޓީގެ ދިވެހި ބަހާ ތާރީޚާ ބެހޭ މަރުކަޒު  ފުރަތަމަ ޗާޕް2011)

މަތީގައި ދިޔަ ތަޢާރަފުގެ ޙާޞިލަކީ:-

ބަޣާވާތަކީ އޭގައި އަސާސީ 2 ޝަރުޠެއް ހިމެނޭ ކަމެއް ކަމެވެ. 1- ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރުން 2- އެ މަސައްކަތަކީ ޤާނޫނުން ތަންދީފައި ނުވާ މަސައްކަތަކަށްވުން. އަދި ކިއެއްތަ އެއީ ޤާނޫނާ ޚިލާފަށް ކުރާ މަސައްކަތެއްކަމުގައި ވުން.
އެހެންކަމުން މި ދެ ޝަރުޠު ހިމެނޭނަމަ އެއީ ބަޣާވާތެއް ކަމުގައި ދިވެހިބަހުގައި ކަނޑައެޅޭނެއެވެ. އަމައެފަދައިން ޤާނޫނުގެ ތެރެއިން ނުވަތަ ޤާނޫނު ތަންދޭ އިމުގެ ތެރޭގައި ސަރުކާރެއް ބަދަލު ކުރަން ބަޔަކު މަސައްކަތް ކުރާ ކުރުމަކަށް ބަޣާވާތެއް ނުކިޔޭނެ މެއެވެ. އަދި ޑިމޮކްރަސީ ނިޡާމު ގެންގުޅޭ ވެރިކަމެއްގައި ޤާނޫނުގެ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރާން މަސައްކަތް ކުރުން ކަނޑައެޅިފައި އޮންނަނީ ޑިމޮކްރަސީ ގެ އަސާސީ ޙައްޤެއް ކަމުގައެވެ. އޭގެ ދަށުން ވެރިކަމަށް އައުމަށް އަމާޒުކޮށްގެން ސިޔާސީ ޕާޓީތަކާއި، މަގުމަތީ އިޙްތިޖާޖް ތަކާއި، ހަޅުތާލުތައް ނެތްނަމަ ޑިމޮކްރަސީގައި ޞިފަ ކުރާނީ ޚުދުމުޚްތާރު ޑިކްޓޭޓަރޝިޕެއް ކަމުގައެވެ.
– ޢަރަބި ބަހުގައި ބާޣީ އަކީ ޙައްދުފަހަނަޅައިގޮސް ބާޠިލަށް ނިކުމެފައިވާ މީހާއެވެ.
– ޝަރުޢީ އިޞްޠިލާހަށް ބަލާއިރު ބާޣީންގެ ތަޢާރަފްގައި ތިރިން އަންނަ ޞިފަތައް އެކުލެވޭގޮތަށް ޢިލްމުވެރީން ގެ އިޞްޠިލާޙްގައި ބާޣީ ނުތަ ބަޣާވާތް ކުރާ މީހުން ކިޔާފައި ވެއެވެ.
– ޖަމާޢަތެއްގެ މީހުން
– ވެރިމީހާގެ ވެރިކަމާ އިދިކޮޅަށް ނިކުމެ ގަނެފައިވާ (ވެރިކަން ޤަބޫލުނުކޮށް އަމިއްލަވަންތަ އަމުރުވެރިކަމެއް ހިންގަމުން ދާ
– ވެރިމީހާގެއަތުން ވެރިކަން ނެގުމަށް އޮތް ޙުއްޖަތަކާއިގެން ނިކުމެފައިވާ
– އެއް ލީޑަރެއްގެ މައްޗަށް ޖަމާވެފައިވާ ލީޑަރެއް ނިކުމެގަނެފައިވާ ޖަމާޢަތުގައި ހުރުން
– ލަޝްކަރެއް ނެރެގެން ނޫނީ އެމީހުން ވެރިކަމުގެ ދަށަށް ނުގެނެވޭފަދަ ބާރުހުރި ބޮޑު ޖަމާޢަތެއް ކަމުގައިވުން
– އެމީހުންގެ އަމިއްލަ ވެރިކަމަކަށް ގޮވާލާ ބަޔަކު ކަމުގައި ވުން
– ޝަރުޢީ ޙާކިމާ އާ ދެކޮޅަށް ނިކުމެގަނެފައިވާ މީހުން
– ޝަރުޢީގޮތުން ޙާކިމެއްގެ ހުންނަންޖެހޭ އަހުލުވެރިކަމުގެ ޝަރުޠުން (ބުއްދި ސަލާމަތުންހުރުން- އިސްލާމްކަން- މިނޫންވެސް…)ޝަރުޠެއް އުނިވުމުގެ ސަބަބުން ޝަރުޢީ ހަމަތަކުގެ މަތީން ކަމުވޮށިގެންވާ މަޝްޥަރާގެ އަހުލުވެރީން ޙާކިމާ ބަދަލުކުރުމަށް ނުވަތަ ޢަޒުލު ކުރުމަށް ނިކުމެ އުޅޭ ޙާލަތެއްކަމުގައި ނުވުން

• މީގެ ތެރޭގައި ޚިޔާލުތަފާތުވުމުގެ ސަބަބުން ވެރިމީހާޔަށް ބައިޢަތު ނުހިފައި އަދި މަޑުކޮށްލައިގެން ތިބި މީހުނާއި، ވެރިއެއްގެ ވަކި އަމުރަކަށް ނުކިޔަމަންތެރިވާ މީހުންނެއް ނުހިމެނޭނެތެވެ. އެހެނީ ފިތުނައިގެ ދުވަސްވަރު ބައެއް ޞަޙާބީން އެއްވެސް ވެރިޔަކަށް ބައިޢަތު ނުހިފައި އިންތިޒާރުގައި މަޑުންތިއްބަވާފައިވާ ވުމުގެ މައްޗަށެވެ. އަދި މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ހަނގުނރާމަ ހިނގި ދުވަސްވަރު އެއްފަރާތުގައި ދުރުވެގެން ތިބި ބޭފުޅުންނަކީ ޙައްޤުގައި ތިއްބެވި ބޭފުޅުން ކަމުގައިވެސް ޢިލްމުވެރީން ކަނޑައަޅުއްވާފައި ވާތީވެސް މެއެވެ.

• އަމުރަކަށްނުކިޔަމަންތެރިވުމަކީއެއީ ޝަރުޢީ ގޮތުން ހުއްދަ އަމުރެއްނަމަ ނުކިޔަމަންތެރީން ބެލެވޭނީ ކުށްވެރީން ކަމުގައެވެ. އެފަދަ ޙާލަތެއްގައި އެއީ ބަޣާވާތް ކުރި ބައެއް ކަމުގައި ޝަރީޢަތުގައި ކަނޑައެޅޭނެ ގޮތެއް ނެތެވެ. އެއީ އިސްލާމްދީން ހުއްދަނުކުރާ އަމުރެއްނަމަ އެ އަމުރަށް ނުކިޔަމަންތެރިވުމަކީ އިސްލާމްދީން އަންގާ ގޮތެވެ. ކިޔަމަންތެރިވުން ހުއްދައެއް ނޫނެވެ. އެފަދަ އަމުރަކުން ނުކިޔަމަންތެރިވާ ރައްޔިތު މީހާ ކުށްވެރިއެއް ނުވާހުއްޓެވެ. އޭގައި ކުށްވެރިވާނީ އަމުރު ކުރާ ވެރި މީހާއެވެ.އުއްމަތުގެ ނަބިއްޔާ محمد صلى الله عليه وسلم حديث ކުރައްވާފައިވަނީ ” إنما الطاعة في المعروف” ކިޔަމަންވުން އޮތްކަން ކަށަވަރީ ހެޔޮކަންކަމުގެ މައްޗަށެވެ” އަދި ވެރިމީހާޔަށް ނުކިޔަމަންތެރިވި އަމުރަކީ އެއީ ދުނިޔެވީ މުޢާމަލާތުގެ އަމުރަކަށްވެފައި އެ ބައެއްގެ ޤާނޫނާއި ނިޒާމް ތަންނުދޭނަމަ އެއަމުރަށް ކިޔަމަންތެރި ނުވުން ވެސް ބަޣާވާތުގެތެރޭގައި ނުހިމެނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގެ 64 ވަނަ މާއްދާގައިވަނީ ” ޤާނޫނަކުން ބާރުލިބިގެން ނޫނީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮއްގެނެއް ނުވާނެއެވެ. އަދި ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް  ތަބާނުވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.”

– ޝަރުޢީގޮތުން ވެރިޔަކުޢަޒުލު ކުރަންޖެހޭ ސަބަބެއް ނެތްހާހިނދަކު، ނުބައިއަމުރެއް ކުރިނަމަވެސް ނުވަތަ މުންކަރާތެއް ހިންގިނަމަވެސް އޭނާގެވެރިކަމުން ރައްޔިތުމީހާ ނިކުމެގަތުމުގެޙައްޤެއް ޝަރުޢީގޮތުން ލިބިއެއް ނުދެއެވެ. ނަމަވެސް ނުބައިކަން ކަންކަމާ މުންކަރާތަށް އިންކާރުކޮށް ބަޔާން ކޮށްދިނުމުގެ ޙައްޤު އެކަމަކާ  އެކަށީގެން ބީދަޔަކުން އެކަމުގެ އަހުލުވެރީންނަށާއި އަމުރުވެރީންނަށް ލިބިގެންވާނެ މެއެވެ.

– ނަމަވެސް ވެރިއެއްގެ ޖައްބާރުކަމާ އަނިޔާވެރިކަމުގެ ސަބަބުން ޤަޥުމުގައި މުންކަރު މަނާކޮށް ހެދުމަށް ހުރަސްއަޅާފައިވާ ނަމަ ކުޑަމިނުން އެކަމަށް ހިތުން ނުރުހިހުރުމާއި ހިތުގެ އިންކާރު ބޭއްވުން އެއީ އީމާންކަމުގެ އެންމެ ފަހު ދަރަޖަ ކަމުގައި ޝަރީޢަތުގައި ކަނޑައެޅިފައި ވެއެވެ.

ދަންނައެ، ދީން ވަނީ ﷲ އަށެވެ. އެއްވެސް މަޚްލޫޤަކަށް ﷲ ގެ ދީނަށް ގޮތްކިޔައި ބަދަލު ކުރުމުގެ އިޚްތިޔާރު ލިބިގެނެއް ނުވެއެވެ.

– ވެރިއަކަށް ދަޢުވާކުރާމީހާޔަށް ޤަވުމުގެ ބާރުވެރިކަމާއި ކޮންޓްރޯލް ނެތި ، އަދި ރައްޔިތުންގެ ޖަމާޢަތާއި ލަޝްކަރުވެސް އެމީހެއްގެ ވެރިކަން އެކީއެކައްޗަކަށް ބަލައިނުގަންނަ ނަމަ ؛ އެމީހަކު ވެރިކަމަށް ދަޢުވާކުރަމުން ދިޔަ ކަމުގައިވިއަސް އެއީ ވެރިކަމުގެ ޝަރުޠު ހަމަވާ މީހެއްކަމުގައި ޝަރުޢީގޮތުން ނުވާހުއްޓެވެ. ސަބަބަކީ ވެރިކަމަކީ ރައްޔިތުންގެ މެދުގައި ދީނާއި ދުނިޔޭގެ ކަންކަން ޢަދުލުވެރިމަގުން ހިންގަވައި، މީސްތަކުންގެ މެދުގައި ޖެހޭ މައްސަލަތަށް ޙައްލުކުރުމަށް ފައިޞަލާކުރުމަށް ލިބިދެވޭ ބާރެއްކަމަށްވެފައި، އެބާރު ގެއްލިފައިވާ ޙާލަތެއްގައި ރައްޔިތުންގެ ތެރެއަކަށް ވެރިއަކު ހުރުމުގެ ސަބަބުން ލިބިދޭ މަސަލަސްކަމާ ހަމަޖެހުން ލިބިގެން ނުދާނޭތީއެވެ. އެއާއެކު އެއަށްވުރެ ބާރުގަދަ ވެރިޔަކު ނިކުމެ އެމީހެއްގެ ވެރިކަމުގެ އާރާއިބާރު ރައްޔިތުންގެ މައްޗަށް ހިންގަމުން އޭނާގެ ވެރިކަމުގެ މައްޗަށް މަޝްވަރާގެ އަހުލުވެރީންނާއި ޤަވުމުގެ ބަސްކިޔޭ އެންމެހާ މީސްތަކުން ކިޔަމަންވެގެން ވެފައިވުމާވެސް އެކުއެވެ.

• މަތީގައިވާ ކަންކަމަށް ރިޢާޔަތްކޮށް ވެރިމީހާޔާ އިދިކޮޅުވެގަތުމުގެ ބާވަތްތައް ބަޣާވާތަކަށް ވާކަން ނުވަތަ ނުވާކަން ކަނޑައަޅަން އެނގޭހުއްޓެވެ.

– އެހެންކަމުން ވެރިމީހާޔާ ރައްޔިތުންގެ ބަޔަކު އިދިކޮޅުވެގެންދާ ދިއުމަކީ ބަޣާވާތް ކުރުމެއްކަމުގައި ކަނޑައެޅިގެން ހިނގައްޖެ ނަމަ އޭގެ މައްޗަށް ޝަރުޢީގޮތުން ތަރުތީބުވެގެންދާ ޙުކުމްތައް ދެނެގަތުމަކީވެސް މުސްލިމުންގެ މައްޗަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. އެގޮތުން ތިރީގައިވާ ދާއިރާ ތަކަށް ޝަރުޢީގޮތުން ބަލައިލާން ޖެހޭނެއެވެ.

1. ބަޣާވާތްކުރަމުންދާ ޙާލު ބާޣާވާތްކުރާ މީހުންނާއިމެދު ވެރިމީހާ ޢަމަލު ކުރަންޖެހޭ ގޮތް
2. ބަޣާވާތް ކުރަމުންދާކަން ރައްޔިތުންނަށް އަންގާ މަޝްވަރާތައް ކުރުން
3. ބަޣާވާތް ކުރަމުންދާ މީހުން މައިތިރި ކުރުމަށް ވެރިމީހާ ރައްޔިތުންނަށް ގޮވާލާ އެހީއަށް އެދުން
4. ބާޣީންގެ ހެކިވެރިކަން
5. ބަޣާވާތުގެ ޙާލަތުގައި ބާޣީންގެތެރެއިން ޤާޟީން ކުރާ ނިޔާތަކުގެ ޙުކުމް
6. ބަޣާވާތުގެ ޙާލަތުގައި އެމީހުން އަރައިގަނެފައިވާ ޝަރުޢީ ކުށްތަކުގެ ޙުކުމް
7. ބަޣާވާތުގެ ޙާލަތުގައި އެމީހުން ތަންފީޛު ކޮށްފައިވާ ޝަރުޢީ ޖާއިޒް ޙުކުމްތައް
8. ބަޣާވާތުގެ ޙާލަތުގައި ދެފަރާތުގައި ބައިވެރިވާ ޢާއްމުމުސްލިމުންގެ ޙުކުމް.
9. ބަޣާވާތުގެ ޙާލަތުގައި ދެފަރާތުގައި ބައިވެރިވާ ޣައިރު މުސްލިމުންގެ ޙުކުމް.
10. ބަޣާވާތްކުރަން ނިކުތްމީހުން މީހުން ވެރިމީހާޔާ ހަނގުރާމަ ނުކުރާނަމަ އެމީހުންނާމެދު އޮތް ޙުކުމް
11. ބަޣާވާތް ކުރަމުންދާ މީހުން ކިޔަމަންތެރިކަމުގެ ދަށަށްގެނައުމަށް ހަނގުރާމަ ކުރުމާއި އޭގެ އުޞޫލުތައް
12. ބާޣީންގެ މުދާ ޣަނީމާ ކުރުމާއި މީހުން ރަހީނު ކުރުމުގެ ޙުކުމް
13. މި ހަނގުރާމަތެރޭގައި ހަލާކުވާ ތަކެއްޗާއި މުދަލުގެ ޙުކުމާއި ޖާމިނުވާންޖެހޭ ފަރާތްތައް
14. އަސީރުންގެ ޙުކުމް
15. ދެފަރާތުންވެސް ޤަތުލުވާ މީހުންގެ ޙުކުމް ޝަހީދު ވުމާއި ވާރުތަ މުދަލުގެ ދާއިރާގެ ތެރެއިން
16. މުރުތައްދުވާ މީހުންނާއި ކާފަރުންނާއި ، ބިރުދައްކައިގެން މީސްތަކުންގެ މުދާފޭރުމަށް ނިކުމެގެން އުޅޭ ޑާކޫން(ޙަރާބާގެ އަހުލުވެރީން)ނާއި އަދި ބާޣީން  މި ހަތަރުބައި މީހުންނާ އިދިކޮޅަށް ވެރިޔާ ކުރާ ހަނގުރާމައިގެ ބާވަތާއި ބައިތަކުގެ ތަފާތު
17. ބަޣާވާތުގެ ޙާލަތުގައި ބަދަލުކުރެވޭ މުޢާމަލާތްތަކުގެ ޙުކުމް
18. ބަޣާވާތްކުރި މީހުންގެ ހެކިބަހުގެ ޙުކުމް
19. ބަޣާވާތުގެ އަހުލުވެރިންގެ ޤާޟީއެއްގެ ގޮތުގައި އެނޫން މީހަކު ބޭނުން ކޮށްފައިވާ ނަމަ އެކަމުގެ ޙުކުމް
20. ބަޣާވާތް ކުރަމުންދާ މީހަކާއެކު ބަޣާވާތް ނުކުރާ މީހެއްގެ ކޮމްޕެނީ ވިޔަފާރީ(ޙިއްޞާ ވިޔަފާރި) ގެ ޙުކުމް
21. ބަޣާވާތްކުރާ މީހާގެ ޝަފާޢަތާއި ޖާމިނުވުމުގެ ޙުކުމް
22. އެހާލަތުގައި އެމީހުން ޖަމާކުރި ޒަކާތުގެ ޙުކުމް
23. ސަރުކާރު މުޢާމަލާތްތަކާއި ދަރަނީގެ ކަންކަން
24. ބަޣާވާތުގެ ޙާލަތުގައި ބާޣީންގެ ވެރި މީހާޔަށް ޙައްޤުގައި ތިބިމީހުންގެ ތެރެއިން ޒަކާތްފަދަ ސަރުކާރަށް ދައްކަންޖެހޭ ކަމެއް ނުވަތަ މީހެއްގެ ޙައްޤެއް ވިޔަސް އަދާކުރިކަމަށް ދަޢުވާ ކޮށްފި ނަމަ އެ މައްސަލައިގެ ޙުކުމް
25. އެމީހުންނާ އިދިކޮޅަށް ހަތިޔާރު ބޭނުން ކުރުމާއި ބޭނުން ކުރަންޖެހޭ ހަތިޔާރުގެ ތަފްޞީލް
26. ބާޣީންނާ އިދިކޮޅަށް ބާޣީންގެ މީހުން ބޭނުންކުރުމުގެ ޙުކުމް
27. އަލިފާނުން ޙަމަލާ ދިނުމާއި އެންދުމުގެ ޙުކުމް
28. ބަޣާވާތުގެ ޙާލަތުގައި ބާޣީންނަށް ވާގިވެރިވެވޭ ފަދަ މުދާ ވިއްކުމުގެ ޙުކުމް
29. ބަޣާވާތް ކުރާ މީހުންނަށް މުހުލަތު ދިނުމާއި މެދު
30. މުސްލިމުންގެ ދެ ބައިގަނޑު ދުނިޔޭގެ ވެރިކަމަށްޓަކައި ހަނގުރާމަ ކުރުމުގެ ޙުކުމް
މިނޫންވެސް މިފަދަ ޙުކުމްތަކުގެ ތަފްޞީލު ..
31. ބަޣާވާތަކަށްފަހު ވެސް ޤަޥުމެއްގެ ވެރިކަމަށް ބަޔަކު ގަދަވެގަނެއްޖެނަމަ ދެން ޝަރުޢީގޮތުން އިސްލާމުންގެ މައްޗަށް ލާޒިމްވެގެންވަނީ ކޮން ގޮތަކަށް ޢަމަލުކުރުމަށްކަން.
32.  އަހުލުއްސުންނަތި ވަލް ޖަމާޢަތުގެ ކައިރީގައި ޝަރުޢީ ގޮތުން ވެރިއެއްކަމަށް ބަލައިގަނެވޭ ތަފާތު ގޮތްތައް ދެނެގަތުން.  
 
އިސްވެދިޔަ ނުޤުތާތަކުގެ ތަފްޞީލް އިސްލާމީ ފިޤްހުވެރީން އެބޭކަލުންގެ ފޮތްތަކުގައި ތަފްޞީލްކުރައްވާފައި ވެއެވެ. މިފަދަ ތަފްޞީލްތަކާއި ހަމަތަކާއި އުޞޫލްތަކުން ހާމަވެގެންދާ ބޮޑުމަންޒަރަކީ އިސްސާނުންގެ ތެރެއަށް ޢަމަލުކުރުމަށް އިސްލާމްދީން ގެނެސްދެއްވާފައިވާ ޝަރީޢަތަކީ ތަނަވަސް، އެހާމެ ފުރިހަމަ، ހުރިހާ ޒަމާނަކަށާއި ތަނަކަށް، އެންމެ އެކަށީގެންވާ ބީދަޔަކުން އެންމެހާ މަޚްލޫޤްތަކުގެ ޙައްޤުތައް އެކަތިއަނެކައްޗާއި ފުށު ނާރާނެފަދައިން އެކުލަވާލައްވާފައިވާ ދުނިޔޭގައި ދެވަނައެއް ނެތް ނިޒާމެއްކަމެވެ. މިކަމާ ޝައްކުކުރާކަށް އިންސާނާ ސިކުނޑީގައި ތަނެއްނެތެވެ. ސަބަބަކީ އިސްލާމްދީން އެއީ ﷲ ބާވައިލެއްވި ޝަރީއަތް ކަމުގައި ވުމެވެ. އަހަރެމެންގެ ދިރިތިބުމާއި މަރުވުންވެސް ވަނީ ﷲ ގެ ޙަޟްރަތުގައެވެ. އިސްލާމުންގެ ގޮތުގައި ތިބެ ދުނިޔެ ދޫކުރާ ބައެއްކަމުގައި އަހަރެމެން ލައްވާށި! سبحانك أللهم وبحمدك أستغفرك وأتوب إليك

رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ

(إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّـهَ لَعَلَّكُمْ تُرْ‌حَمُونَ)

(إِنَّمَا الْمُؤْمِنُونَ إِخْوَةٌ) ހަމަކަށަވަރުން، އެންމެހައި މުއިމިނުންނަށްކީ އެއްބަނޑު އެއްބަފާ އަޚުންތަކެއްފަދަ ބަޔެކެވެ.

އުޚުއްވަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ދަރަޖަ އެއް ދެއްވާފައިވާ ކަމެކެވެ. އިސްލާމީ އެއްބަނޑުއެއްބަފާ މުޖްތަމަޢެއް ތަމްޘީލުކޮށްދޭ ކަމަކަށްވާތީވެއެވެ. އެހެންކަމުން މިކަމަށް އިސްލާމްދީނުގައި ވަރަށް މަތިވެރި އަހައްމިއްޔަތެއްވަނީ ދެއްވާފައެވެ.

ސޫރަތު އާލު ޢިމްރާންގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعاً وَلاَ تَفَرَّقُواْ وَاذْكُرُواْ نِعْمَتَ اللّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاء فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَاناً) މާނައަކީ: “އަދި، މާތް ﷲ ގެ ދީނުގެ ރައްކާތެރިކަން ތިޔަބައިމީހުން އެންމެން އެކުގައި ލިބިގަންނާށެވެ. ވަކިވަކި ވެގެން ނުދާށެވެ. އަދި ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައި ވީހިނދު، މާތް ﷲ ތިޔަބައިމީހުން މައްޗަށް ދެއްވި ނިޢްމަތް ތިޔަބައިމީހުން ހަނދާން ކުރާށެވެ. ދެން އެހިނދު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންކަމުގައިވިއެވެ. އޭރު ތިޔަބައިމީހުން ތިބީ ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައެވެ. ދެން މާތް ﷲ ތިޔަބައިމީހުން އެކަމުން ސަލާމަތް ކުރެއްވީއެވެ. ތިޔަބައިމީހުންނަށް ތެދުމަގު ލިބޭތޯ، މާތް ﷲ އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ”.

މި އާޔަތުގެ ތަފްސީރުގައި އިބްނު ޖަރީރުއް ޠަބަރީ- ރަޙިމަހު ﷲ- ވިދާޅުވިއެވެ. “މުސްލިމުން އެއްބަޔަކު އަނެއްގެ ބަޔެއްގެ މައްޗަށް ޙަސަދަވެރިކަމެއް ރުޅިވެރިކަމެއް ނެތް ބަޔެއްގެ ގޮތުގައި، އަދި އެބައިމީހުންނާއި ޚިލާފްވެގަތް މުޝްރިކުންނާއި ކުރިމަތިލުމުގައި ގަދަފަދަ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ނަޞްރުދީ، ވާގިވެރިވެ، އެހީތެރިވެދީ އުޅޭ، ބަޔެއްކަމުގައި ލެއްވީ ޙައްގުކަލިމަ ގަބޫލު ކުރުމުގެ ސަބަބުން މުސްލިމުން ކަމުގައި ލައްވައި، ހިތްތައް އެކުވެރި ކުރެއްވުމުގެ ސަބަބުންނެވެ”.

އިސްލާމީ އުޚުއްވަތްތެރިކަމަކީ އީމާންކަމާއި ތަގްވާ އާއި ގުޅިފައިވާ އެއްޗެކެވެ. ސޫރަތުލް ޙުޖުރާތު ގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا الْمُؤْمِنُونَ إِخْوَة) މާނައަކީ: “ހަމަކަށަވަރުން މުއިމިނުންނަކީ އަޚުންތަކެކެވެ”. މާނައަކީ ޙުރްމަތްތެރިވެގެން ވުމާއި ދީނުގެ ގޮތުން އަޚުންތަކެއް ކަމުގައި ވުމެވެ. ނަސަބުގެ ގޮތުން އަޚުންތަކެއް ކަމުގައި ވުމެއް ނޫނެވެ. އެހެންވެ ޢަރަބި ހަރުބަހެއްގައި ބުނެ އުޅެއެވެ. ” أُخُوَّةُ الدِّيْنِ أَثْبَتُ مِنْ أُخُوَّةِ النَّسَبِ ، فَإِنَّ أُخُوَّةَ النَّسَبِ تَنْقَطِعُ بِمُخَالَفَةِ الدِّيْنِ ، وَأُخُوَّةُ الدِّيْنِ لَا تَنْقَطِعُ بِمُخَالَفَةِ النَّسَبِ” މާނައަކީ: “ދީނުގެ އުޚުއްވަތްތެރިކަމަކީ ނަސަބުގެ އުޚުއްވަތްތެރި ކަމަށްވުރެ ވަރުގަދަ އެއްޗެކެވެ. ހަމަކަށަވަރުން ދީންތަފާތުވުމުގެ ސަބަބުން ނަސަބުގެ އުޚުއްވަތްތެރިކަން ކެނޑިގެންދެއެވެ. އެހެންނަމަވެސް ނަސަބު ތަފާތުވުމަކުން ދީނުގެ އުޚުއްވަތްތެރިކަން ކެނޑިގެންނުދެއެވެ”.

އިސްލާމީ އުޚުއްވަތްތެރިކަމަކީ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. މީސްތަކުންގެ މެދުގައި އީމާންކަމަކާއި ނުލާ އުޚުއްވަތްތެރިކަމެއްވަނީނަމަ، އެއީ ޙަގީގީ ތެދުވެރި އުޚުއްވަތްތެރިކަމެއް ނޫނެވެ. އެޔަކު އެއްވެސް މޭވާ އެއް ފޮނިކަމެއް ނެތެވެ. ހަމަ އެއާއި އެކު، އުޚުއްވަތްތެރިކަމަކާއި ނުލައިވާ އީމާން ކަމަކީ ފުރިހަމަ އީމާންކަމަކަށް ނުވެއެވެ. އޭގެ ސަބަބުން ޢަދާވާތްތެރިކަމަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. ޒުޚްރުފް ސޫރަތުގެ 67 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (الأَخِلاَّءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلاَّ الْمُتَّقِينَ) މާނައަކީ: “އެދުވަހުން (ގިޔާމަތްދުވަހުން) ހުރިހާ އެކުވެރިން އެކަކު އަނެކަކަށް ޢަދާވާތްތެރިންކަމުގައިވެދެއެވެ. ތަގްވާވެރިވީ މީހުންފިޔަވައެވެ”.

އިސްލާމީ މުޖްތަމަޢުގައި އުޚުއްވަތްރިކަން ހިފެހެއްޓެވުމަށް ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ގިނަގުނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ. އެގޮތުން އެކަކު އަނެކަކަށް އެހީތެރިވެ އުޅުމަށާއި، އެކަކު އަނެކަކާއި މެދުގައި ރަގަޅަށް ހީކުރުމަށާއި، ހިނިތުން މޫނަކާއިގެން އަޚާ އާއި ބައްދަލު ކުރުމަށާއި، ތަވާޟުޢުވެރި ވުމަށާއި މިނޫންވެސް މުއިމިނުންގެ މެދުގައި އުޚުއްވަތްތެރިކަން ދެމެހެއްޓޭނެ ކަންތައްތައް ކުރުމަށް އުއްމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައިވެއެވެ.

މުއިމިނުންގެ މެދުގައި އުޚުއްވަތްތެރިކަން ދެމެހެއްޓެވުމަށް ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވި މަސައްކަތްޕުޅު ދެގޮތަކުން ފެނިގެންދެއެވެ.

ފުރަތަމަ ގޮތަކީ: އެކަލޭގެފާނުގެ ބަސްފުޅުތަކެވެ. އެގޮތުން މުސްލިމް އަޚުންނާއި މެދު ހެޔޮކޮށް ހީ ކުރުމަށާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އުޅުމަށާއި، ޒިޔާރަތް ކުރުމަށާއި، މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވުމަށާއި މީނޫންވެސް މުއިމިނުންގެ ހިތްތަކުގައި އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ދެމެހެއްޓޭނެހާ ކަންތައްތައް ކުރުމަށްވަނީ އަމުރު ކުރައްވާފައެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيْثِ) މާނައަކީ: “ތިޔަބައިމީހުން ހީތަކާއި ދުރުހެލިވެ ރައްކާތެރިވާށެވެ. ހަމަކަށަވަރުން ހީ އަކީ އެންމެ ނުބައި ވާހަކައެވެ”. 

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَنْفَعْهُ) މާނައަކީ: “ތިޔަބައިމީހުންގެ އަޚާ އަށް ފައިދާކުރަނިވި ފަދަ ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަން ކޮށްދޭށެވެ”.

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنْ عَادَ مَرِيْضاً نَادَى مُنَادٍ مِنَ السَّمَاءِ ، طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلًا) މާނައަކީ: “ބަލިމީހަކަށް ޒިޔާރަތްކޮށްފިނަމަ އުޑުން ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެއެވެ. ކަލޭ ތިޔަކުރީ ވަރަށް ހެޔޮ ރަގަޅު ކަމެކެވެ. ތިކަމަށްޓަކައި ކަލޭ އެޅި ކޮންމެ ފިޔަވަޅަކީ ވެސް ވަރަށް ރަގަޅު ހެޔޮ ކަމެކެވެ. ކަލޭ ސުވަރުގެއިން ގަނޑުވަރެއް ތައްޔާރުކޮށްފިއެވެ”.

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنِ اتَّبَعَ جَنَازَةَ مُسْلِمٍ إِيْمَاناً وَاحْتِسَاباً وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيُفْرَغَ مِنْ دَفْنِهَا ، فَإِنَّهُ يَرْجِعُ مِنَ الْأَجْرِ بِقِيْرَاطَيْنِ ، كُلُّ قِيْرَاطٍ مِثْلُ أُحُدٍ، وَمَنْ صَلَّى عَلَيْهَا ، ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ ، فَإِنَّهُ يَرْجِعُ بِقِيْرَاطٍ) މާނައަކީ: “އީމާންކަމާއި ދަރުމައަށް އެދިގެން މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، އޭނާގެ މައްޗަށް ކަށުނަމާދުކުރެވި، ވަޅުލައި ނިމެންދެން ބައިވެރިވެއްޖެމީހާ އަށް ދެ ގީރާޠު ދެއްވާނެއެވެ. ކޮންމެ ގީރާޠަކީ އުޙުދު ފަރުބަދަ ފަދައެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށްފައި ވަޅުލުމުގައި ބައިވެރި ނުވެއްޖެނަމަ އެއް ގީރާޠު ދެއްވާނެއެވެ”.

ދެވަނަ ގޮތަކީ: އެކަލޭގެފާނުގެ ޢަމަލުފުޅުތަކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ ހުރިހާ މުސްލިމުންނަށްޓަކައި ހުރި ރިވެތިވެގެންވާ ނަމޫނާ އެކެވެ. އިތުރު އެކަލޭގެފާނު ކަމަކަށް އަމުރު ކުރައްވާނަމަ ފުރަތަމަ އެކަމެއް ޢަމަލުން ކުރައްވާ ބޭކަލެއްކަމުގައި ވެވަޑައިގަންނަވައެވެ. އަލްބައްރާއު ބިން ޢާޒިބް- ރަޟިޔަﷲ ޢަންހު- ރިވާކުރެއްވިއެވެ. (رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الْخَنْدَقِ، وَهُوَ يَنْقُلُ التُّرَابَ حَتَّى وَارَى التُّرَابَ شَعْرَ صَدْرِهِ) މާނައަކީ: “ޚަންދަގު ހަނގުރާމައިގެ ދުވަހު ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވެލި އުފުއްލަވާތަން ތިމަންކަލޭގެފާނު ދުށީމެވެ. އެކަލޭގެފާނުގެ މޭގެ އިސްތަށިތަކުގައިވެސް ވެލީގެ އަޘަރު ހުއްޓެވެ”.

އިސްލާމީ އުޚުއްވަތްތެރިކަމަކީ އިލާހީ ނިޢުމަތެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އިޚްލާޞްތެރިވީ އަޅުންނަށް އެކަލާންގެ ދެއްވާ ހަދިޔާ އެކެވެ. ﷲ ވަޙީ ކުރެއްވިއެވެ. (فَأَصْبَحْتُم بِنِعْمَتِهِ إِخْوَاناً) މާނައަކީ: “މާތް ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތެއްގެ ސަބަބުން ތިޔަބައިމީހުން އަޚުންތަކެއްކަމުގައި ލެއްވިއެވެ”. އެކަމަކީ ކިތަންމެ ވަރަކަށް މުދާ ހޭދަކުރިކަމުގައިވީނަމަވެސް ލިބޭނެ އެއްޗެއްނޫންކަމާއި، އެއީ މާތް ﷲ ދެއްވި އަގުބޮޑު ހަދިޔާ އެއްކަން ބަޔާން ކުރައްވާ އަލްއަންފާލް ސޫރަތުގެ 63 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (لَوْ أَنفَقْتَ مَا فِي الأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِنَّ اللهَ أَلَّفَ بَيْنَهُمْ) މާނައަކީ: “ކަލޭގެފާނު މުޅިބިމުގައިވާހާ އެއްޗެއް ހޭދަކުރެއްވިނަމަވެސް އެބައިމީހުންގެ ހިތްތައް އެކުވެރިނުކުރެއްވޭނެއެވެ. ނަމަވެސް ﷲ އެބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވީ އެވެ”.

އާލު ޢިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ (وَاذْكُرُوا نِعْمَةَ اللهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ) މާނައަކީ: ” އަދި ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައި ވީހިނދު، މާތް ﷲ ތިޔަބައިމީހުން މައްޗަށް ދެއްވި ނިޢްމަތް ތިޔަބައިމީހުން ހަނދާން ކުރާށެވެ. ދެން އެހިނދު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ)،

މުއިމިނުންގެ މެދުގައިވާ އުޚުއްވަތްތެރިކަން ޞިފަކުރައްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَثَلُ الْمُؤْمِنِيْنَ فِيْ تَوَادِّهِمْ وَتَرَاحُمِهِمْ، كَمَثَلِ الْجَسَدِ الْوَاحِدِ، إِذَا اشْتَكَى مِنْهُ عُضْوٌ، تَدَاعَى لَهُ سَائِرُ الْأَعْضَاءِ بِالسَّهَرِ وَالْحُمَّى) މާނައަކީ: “މުއިމިނުންގެ މެދުގައިވާ އެކުވެރިކަމާއި އެކަކު އަނެކަކަށް ރަޙުމްކުރުމުގެ މިޘާލަކީ އެއް ހަށިގަނޑެއްގެ މިޘާލެވެ. ހަށިގަނޑުގެ އެއްގުނަވަނަކަށް ވޭންއެޅުމުން މުޅިހަށިގަނޑު ހޭލާހުރުމުގައްޔާއި އެކަމުގައި ބައިވެރިވެއެވެ”. މަގްޞަދަކީ މުއިމިނުންގެ އެކުވެރިކަމެވެ. އޭގެ ސަބަބުން އެކަކަށް ލިބޭ ކޮންމެ ދެރައެއްގައި އެހެން ހުރިހާ މުއިމިނުންވެސް ބައިވެރިވެއެވެ.

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (اَلْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا) މާނައަކީ: “އެއް މުއިމިނަކު އަނެއް މުއިމިނެއްގެ މިޘާލަކީ އެކަތިއަނެކައްޗައް ގުޅިފައިވާ ޢިމާރާތެއްގެ މިޘާލެވެ”،

އެހެންކަމުން، އިސްލާމީ އުޚުއްވަތްތެރިކަމުގެ ސަބަބުން މުޖްތަމަޢުގެ އެންމެންނަކީ ރޫޙާނީ ގޮތުން ގުޅިލާމެހިފައިވާ އެއްބައިވަންތަ ބައެއް ކަމުގައި ހަދައިދެއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.